Advertisement

ނޫނޭޒްގެ ލަނޑާ އެކު ސިޓީ ބަލިކޮށް ލިވަޕޫލުން ކޮމިއުނިޓީ ޝީލްޑް އުފުލާލައިފި

31 ޖުލައި 2022 - 00:16 0


ނޫނޭޒްގެ ލަނޑާ އެކު ސިޓީ ބަލިކޮށް ލިވަޕޫލުން ކޮމިއުނިޓީ ޝީލްޑް އުފުލާލައިފި

31 ޖުލައި 2022 - 00:16 0

ލެސްޓާ (ޖުލައި 30) - ލިވަޕޫލްގެ އާ ފޯވަޑް ޑާވިން ނޫނޭޒްގެ މެޗުގެ ފަހުކޮޅު ޖެހި ލަނޑާ އެކު، މެންޗެސްޓާ ސިޓީ އަތުން 3-1 އިން މޮޅުވެ، ލިވަޕޫލުން އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް އުފުލާލައިފި އެވެ.

މިއީ އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗު ލިވަޕޫލުން 2006 ވަނަ އަހަރުގެ ފަހުން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

އާންމުކޮށް ކޮމިއުނިޓީ ޝީލްޑް މެޗަކީ ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ މެޗަކަށްވިޔަސް، މިރޭގެ ކޮމިއުނިޓީ ޝީލްޑް މެޗު ކުޅުނީ ލެސްޓާގެ ކިންގް ޕަވާ ސްޓޭޑިއަމްގަ އެވެ. އެއީ މިހާރު އިންގްލެންޑްގައި ކުރިއަށްދާ އަންހެނުންގެ ޔޫރޯގެ ފައިނަލް މާދަމާ ރޭ ވެމްބްލީގައި ކުޅޭތީ އެވެ.

ނޫނޭޒް، މެޗަށް ފަހު ޗެރިޓީ ޝީލްޑް ހިފައިގެން: ލިވަޕޫލުން ނޫނޭޒްގެ ސޮއި ހޯދީ ބެންފީކާ އަށް 100 މިިލިއަން ޑޮލަރުގެ ފީއެއް ދޭ ގޮތަށް.


ލިވަޕޫލުން މެޗުގެ 24 ވަނަ މިނިޓުގައި ލީޑު ނެގީ އެ ޓީމުގެ ޑިފެންޑަރު ޓްރެންޓް އެލެކްޒަންޑާ އާނޯލްޑް ކާމިޔާބުކުރި ލަނޑުންނެވެ. ޕެނަލްޓީ އޭރިޔާ ބޭރުން، އާނޯލްޑް ފޮނުވާލި ޝޮޓް ސިޓީގެ ޑިފެންޑަރު ނޭތަން އާކޭގެ ބޮލުގައި ޖެހިލައިފައި، ދިޔައީ ގޯލުގެ ދުރު ކަނަށެވެ.

މެޗުގެ 70 ވަނަ މިނިޓުގައި ސިޓީން މެޗުގެ ނަތީޖާ އެއްވަރުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އާޖެންޓީނާގެ ފޯވަޑް ހޫލިއަން އަލްވަރޭޒް ޖެހި ލަނޑުންނެވެ. ބަދަލަކަށް ކުޅެން އެރި ސިޓީގެ ފިލް ފޯޑެން ބޮލުން ޖެހި ބޯޅަ ލިވަޕޫލްގެ ކީޕަރު އެޑްރިއަން ސަން މިިހުއެލް އަތުގައި ޖެހިފައި ލިބުމުން އަލްވަރޭޒް ވަނީ ހަމަޖެހިލާފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. މި ގޯލު ބަލައިގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދައިފަ އެވެ.

ލިވަޕޫލުން ދެ ވަނަ ފަހަރަށް ލީޑު ނެގީ 83 ވަނަ މިނިޓުގައި މުހައްމަދު ސަލާހް ކާމިޔާބުކުރި ޕެނަލްޓީ އަކުންނެވެ. ލިވަޕޫލަށް ޕެނަލްޓީ ލިބުނީ ސިޓީގެ ޑިފެންޑަރު ރުބެން ޑިއާސްގެ އަތުގައި ބޯޅަ ޖެހުމުންނެވެ. ނޫނޭޒް ބޮލުން ޖެހި ބޯޅަ ޑިއާސް އަތުގައި ޖެހުމުން، ރެފްރީ ޕެނަލްޓީ ދިނީ ވީއޭއާރް އިން އެންގުމުން، ދަނޑުގެ މޮނީޓަރުން ވެސް އެ ބެލުމަށް ފަހު އެވެ.

ގޯލު ޖެހުމަށް ފަހު ނޫނޭޒް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


ލިވަޕޫލްގެ ތިން ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ނޫނޭޒް އެވެ. އިތުރު ވަގުުތުގެ ހަތަރު ވަނަ މިނިޓްގައި ސަލާހު އޭރިއާތެރެއަށް ނެގި ބޯޅަ ލިވަޕޫލްގެ އެންޑީ ރޮބަޓްސަން ބޮލުން ޖައްސާލި ބޯޅަ ނޫނޭޒް ވަނީ ވެއްޓިގެންފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ބޮރޫޝިއާ ޑޯޓްމަންޑް އިން ސިޓީ އަށް ބަދަލުވި ނޯވޭގެ ފޯވަޑް އާލިން ހާލާންޑް މިރޭގެ މެޗުގައި ސިޓީގެ ފުރަތަމަ 11 ގައި ކުޅުނެވެ. ލަނޑެއް ނުޖެހުނު ނަމަވެސް، ހާލާންޑް ވަނީ ލިވަޕޫލްގެ ޑިފެންސަށް އުނދަގޫތައް ކުރިމަތިކޮށްފަ އެެވެ. ފުރަތަމަ ހާފުގައި ހާލަންޑް ޖެހި އެއް ބޯޅަ ލިވަޕޫލް ކީޕަރު އެޑްރިއަން ވަނީ މަތަކޮށްފަ އެވެ. އެޑްރިއާން މި މެޗުގައި ކުޅުނީ ލިވަޕޫލްގެ އެއް ވަނަ ކީޕަރު އެލިސަން ބެކާ އަނިޔާގައި ހުރުމުންނެވެ. ދެ ވަނަ ހާފުގައި ހާލަންޑް ޖެހި ގޯލެއް ބަލައިނުގަންނަން ނިންމީ އެ ބޯޅަ ބޭރުވި ފަހުން ކުޅުމަށް އެނބުރި އައިސްފައިވާތީ އެވެ.

ޝީލްޑް ލިބުމާ އެކު ލިވަޕޫލްގެ ކޯޗުކަމާ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަވާލުވި ޔާގެން ކްލޮޕްގެ ކޯޗުކަމުގައި އެ ޓީމުން މި ވަނީ އިނގިރޭސި ހުރިހާ ކާމިޔާބެއް ހޯދައިފަ އެވެ.