Advertisement

އޭޑީކޭގައި ޕެއިންލެސް ލޭބާގެ ހިދުމަތް؛ ތަދެއް ނުވާނެ، ރައްކާތެރި!

1 އޮގަސްޓު 2022 - 10:51 1

ނިމާ ހަސަން

ނިމާ ހަސަން

އެޕިޑުރަލް އިންޖެކްޝަން ޖަހަނީ: އޭޑީކޭގައި އެޕިޑުރަލް އިންޖެކްޝަން ޖަހައިދޭތާ ތިން އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ


އޭޑީކޭގައި ޕެއިންލެސް ލޭބާގެ ހިދުމަތް؛ ތަދެއް ނުވާނެ، ރައްކާތެރި!

1 އޮގަސްޓު 2022 - 10:51 1

އިންސާނެއްގެ ގައިގައި އެންމެ ބޮޑަށް ވޭން އަޅާ އެއް ކަމަކީ ވިހެއުން ކަމަށް ބުނެ އުޅެ އެވެ. މާބަނޑުވާ ދުވަހުން ފެށިގެން ގޮސް ވިހަން ދެން ވެސް އެ ތަދާ މެދު ވިސްނާ، ކަންބޮޑުވެ، އެކަމާ ބިރުން އުޅޭ މީހުން ތިބެ އެވެ. ނަމަވެސް, ޒަމާނާ އެއްގޮތަށް ސިއްހީ ދާއިރާ ވެސް ތަރައްގީވަމުން އައިސް, ތަދާ ނުލާ ވިއްސޭނެ އިންތިޒާމު މި ރާއްޖޭގައި ވެސް ވަނީ ގާއިމުކޮށްފަ އެވެ.

ތަދާ ނުލާ ވިއްސޭނެ އިންތިޒާމް ގާއިމްކޮށްފައިވާ ނުވަތަ އެޕިޑުރަލް އިންޖެކްޝަން ޖެހޭ ރާއްޖޭގެ މަދު ހޮސްޕިޓަލްތަކުގެ ތެރޭގައި އޭޑީކޭ ހޮސްޕިޓަލް ހިމެނޭއިރު އެ ހޮސްޕިޓަލުގައި އެ ހިދުމަތް ދެމުންގެންދާތާ ތިން އަހަރަށްވުރެ ގިނަ ދުވަސް ވެދާނެ އެވެ. ނަމަވެސް އެޕިޑުރަލްއާ ބެހޭ އެންމެ ރަނގަޅު މައުލޫމާތު އެނގޭ މީހުން މަދުކަން ފާހަގަކޮށްލެވެ އެވެ.

އެޕިޑުރަލްއަކީ ކޮބާ؟ ރައްކާތެރިތަ؟

އެޕިޑުރަލްއަކީ ވިހެއުމުގެ ތަދު ކަނޑުވާލުމަށް މާބަނޑު މީހާގެ ބުރަކަށްޓަށް ޖަހާ އިންޖެކްޝަނެކެވެ;

އެޕިޑުރަލްއާ ބެހޭ މައުލޫމާތު ހިއްސާ ކުރަމުން އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު، ޑރ. ޒާހިޔާ އަބްދުލް ބާރީ ވިދާޅުވީ އެޕިޑުރަލް އިންޖެކްޝަން ޖެހުމުން، ވިހެއުމަށް އަންނަ ތަދު މާބަނޑު މީހާއަށް އިހުސާސް ނުކުރެވޭނެ ކަމަށެވެ.

އެޕިޑުރަލްއަކީ އޭގެ ސަބަބުން ސިއްހީ ހިދުމަތްތެރިންނަށް ވަކި ލުޔެއް ލިބޭ ކަމެއް ނޫނެވެ. އޭގެ ލުއި ލިބެނީ ބަލިމީހާއަށެވެ. ހާއްސަކޮށް ވިހެއުމުގެ ތަދަށް ބިރުގަންނަ ނުވަތަ އެތަދަށް ކެތް ނުކުރެވޭ މީހުންނަށް ވަރަށް ބޭނުންތެރި އެއްޗެއް ކަމަށް ޑރ. ޒާހިޔާ ވިދާޅުވެ އެވެ.

ވަރަށް ވަރަށް މަދު ފަހަރެއްގައި އޭގެ [އެޕިޑުރަލްގެ] ސައިޑްއިފެކްޓެއް އަންނަނީ. މިސާލަކަށް ބޮލުގަ ރިއްސުން ކަހަލަ ކަމެއް އައިސްދާނެ، އެކަމަކު އެއީ ވަރަށް މަދު ފަހަރަކު. ރިސްކެއް ވަރަށް ނުހުންނާނެ އެޕިޑުރަލްގަ

އޭނާ ވިދާޅުވީ އެޕިޑުރަލްގެ ސަބަބުން ވަރަށް މަދު ފަހަރަކު މެނުވީ ސައިޑްއިފެކްޓެއް ނާންނަ ކަމަށާއި، އެގޮތުން ބޮލުގައި ރިއްސުމާއި، އިންޖެކްޝަން ޖަހާ ތަން ކެހުމާއި، އެތަން ކުޑަކޮށް ދުޅަވުން ފަދަ ކަންކަން ވެދާނެ ކަމަށެވެ. ނަމަވެސް, އެ އިންޖެކްޝަން ޖެހުމުގެ ސަބަބުން ބުރަކައްޓަށް ތަދުވުން ފަދަ ކަމެއް މެދުވެރިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެޕިޑުރަލްގެ ސަބަބުން އެންމެ އާންމުކޮށް ފެންނަ ސައިޑްއިފެކްޓްތައް ފާހަގަކުރައްވައި, ޑރ. ޒާހިޔާ ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ ބްލަޑް ޕްރެޝާ ކުޑަކޮށް ދަށްވުމާއި ބޮލުގައި ރިއްސުން ކަމަށެވެ. ނަމަވެސް މިކަންތައްތަކަށް ވަކިން ފަރުވާ ކުރަން ޖެހޭ ހިސާބަށް ނުދާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ބޮލުގައި ރިއްސާނަމަ ރަނގަޅީ ގިނައިން ދިޔާ އެއްޗެހި ބޭނުން ކުރުން ކަމަށެވެ.

ވިހެއުމުގެ ތަދަށް ބިރުން އުޅޭ، އެކަމަކު ނޯމަލް ޑެލިވަރީ ބޭނުންވާ މީހުންނަށް ހަމަ ރަނގަޅު އެއްޗެއް ޕެއިންލެސް ލޭބާއަކީ

ޑރ. ޒާހިޔާ ވިދާޅުވީ އެޕިޑުރަލް އިންޖެކްޝަން އެންމެ ފުރަތަމަ ތައާރަފުކުރިއިރު، ވަރަށް ގިނަ މީހުން އެކަމަށް އެދިގެން އައި ކަމަށާއި، ނަމަވެސް މިހާރު އެކަމަށް އަންނަ މީހުން މަދުކަން އޭނާ ފާހަގަކުރެ އެވެ.

އޭޑީކޭއިން ޕެއިންލެސް ލޭބާގެ ހިދުމަތް ދެމުންގެންދާއިރު، ޑޮކްޓަރުން ގެންދަވަނީ އެ ހޮސްޕިޓަލަށް ދާ މާބަނޑު މީހުންނަށް އެޕިޑުރަލްއާ ބެހޭ މައުލޫމާތު ދެމުންނެވެ. އެޕިޑުރަލް ތަޖުރިބާކުރަން ބައެއް މީހުން ބޭނުން ނުވާއިރު، ތަޖުރިބާކުރަން ބޭނުންވާ މީހުންނަށް އޭޑީކޭއިން ވަނީ އެ ފުރުސަތު ހުޅުވާލާފަ އެވެ.

އެޕިޑުރަލް ތަޖުރިބާ ކުރުމަށް ގިނަ މީހުން ފަސް ޖެހެނީ އޭގެ ސަބަބުން ނުރައްކާތަކެއް ވެދާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުންނެވެ. އެގޮތުން އިންޖެކްޝަން ޖަހާ ތަނަށް ފަހުން ތަދުވުމާއި، އޭގެ ސަބަބުން ތުއްތު ދަރިފުޅަށް އަސަރު ކުރާނެ ކަމަށް ވެސް ބައެއް މީހުން ބުނެ އުޅެ އެވެ. ނަމަވެސް އެ ވާހަކަތައް ދޮގު ކުރައްވާ ޑރ. ޒާހިޔާ ވިދާޅުވީ އެޕިޑުރަލްގެ ސައިޑް އިފެކްޓްތައް މަދުއިރު، އެޕިޑުރަލްގެ ސަބަބުން މަންމަ އާއި ތުއްތު ދަރިފުޅަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެޕިޑުރަލް އިންޖެކްޝަން ޖެހުމަށްފަހު ތެދުވެ ހިނގާ ނޫޅެވޭނެ ކަމަށާއި، އިންޖެކްޝަން ޖެހުމަށްފަހު މަންމަ އާއި ދަރިފުޅު ވެސް އޮންނާނީ މޮނިޓަރިންގައި ކަމަށެވެ.

އެޕިޑުރަލްއާ ހެދި ދަރިފުޅުގެ ހިތުގެ ވިންދު ދަށަށް ދިއުންފަދަ އެއްވެސް ކަމެއް ދިމާ ނުވާނެ ކަމަށް ޑރ. ޒާހިޔާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެޕިޑުރަލްގެ ސަބަބުން، އެއްކޮށް ޑައިލޭޓްވެ، ޑެލިވާ ކުރުމާ ދެމެދު ހޭދަވާ ވަގުތު އިތުރުވެދާނެ ކަމަށެވެ. ހަމައެއާ އެކު އޮޕަރޭޓިވް ޑެލިވަރީއަކަށް ދިއުމުގެ ފުރުސަތު ބޮޑުވި ނަމަވެސް އެކަމުގެ ސަބަބުން އިތުރު ނުރައްކާތަކެއް ކުރިމަތި ނުވާނެ ކަމަށް ޑރ. ޒާހިޔާ ވިދާޅުވި އެވެ.

ބައެއް މީހުން ބުނޭ ބުރަކައްޓަށް އިންޖެކްޝަން ޖެހީމަ ފަހުން ޖެހޭނީ އަބަދު ބުރަކަށީގަ ރިއްސާތީ އުޅެންށޭ. އެހެންވެ ސިޒޭރިއަންއަށް ވެސް ނުދާން އުޅޭ ބައެއް މީހުން. ހަމައެގޮތަށް އެޕިޑުރަލްއަށް ވެސް ނުދާން އުޅޭ

ސިޒޭރިއަން ހެދުމުގެ ކުރިން ޖަހާ އިންޖެކްޝަނާއި އެޕިޑުރަލްއަކީ ބުރަކަށީގެ ތިރިއަށް، ހަމަ އެއްގޮތަކަށް ޖަހާ ދެ އިންޖެކްޝަނެވެ. ޑރ. ޒާހިޔާ ވިދާޅުވީ އިންޖެކްޝަންގެ ސަބަބުން ސައިޑްއިފެކްޓެއް އަންނާނީ ވަރަށް މަދުން ކަމަށެވެ.

އަދި އެޕިޑުރަލްގެ އަސަރު ހުންނާނީ ހަމައެކަނި ވިއްސާ ގަޑީގައި ކަމަށް ވާއިރު، ވިހެއުމުން އޭގެ އަސަރު ކެނޑި، މަންމައަށް ތަދު އިހުސާސް ކުރެވެން ފަށާނެ އެވެ.

އެޕިޑުރަލްގެ ތަޖުރިބާ

ރާއްޖޭގައި އެޕިޑުރަލް ބޭނުންކޮށްގެން ތަދާ ނުލާ ވިއްސުމުގެ ހިދުމަތް ދެމުންގެންދާއިރު، އެކަން ތަޖުރިބާކޮށްފައި ތިބި އެތައް މަންމައިންނެއް އެބަތިއްބެވެ. އެކި މީހުންގެ ތަޖުރިބާ ތަފާތެވެ.

އަހަރެން ވިހެއީ އެޕިޑުރަލް އިންޖެކްޝަން ޖަހައިގެން، ވިހެއުމަށް ތަދު އަރައިގެން ވަރަށް ގިނައިރު އޮންނަން ޖެހުނު، އެކަމަކު އިންޖެކްޝަން ޖެހުމުން ތަދު އެއްކޮށް ކެނޑި، ނިދާލެވުނު، ހޭލެވުނީ ވިހަން ބާރުލާންވީމަ ނަރުހުން ގޮވުމުން

މަންމައެއްގެ ތަޖުރިބާ ހިއްސާކުރަމުން އޭނާ ބުނީ، އެޕިޑުރަލް އިންޖެކްޝަންގެ ސަބަބުން އޭނާއަށް ބޮޑު ލުޔެއް ލިބުނު ކަމަށެވެ. އަދި އެ އިންޖެކްޝަންގެ ސަބަބުން ފަހުން ބުރަކަށީގައި ރިއްސާނެ ކަމަށް ބައެއް މީހުން ބުނި ނަމަވެސް, އެފަދަ އެއްވެސް ތަޖުރިބާއެއް ކުރަން ނުޖެހޭ ކަމަށް އޭނާ ކިޔައިދިނެވެ.

އެޕިޑުރަލް ޖެހިތާ އެއް ގަޑިއިރު ފަހުން އޭގެ އަސަރު ކެނޑެން ފަށައިފި. ވަރަށް ގިނައިރު ލޭބާގަ އޮތުމަށްފަހު އެ އެއްގަޑިއިރު އަރާމުކޮށްލަން ލިބުމުން ވަރަށް އުފާވޭ. ނަމަވެސް އޭގެ ފަހުން ވަރަށް ބޮޑަށް ބޮލުގައި ރިއްސި

އެޕިޑުރަލް ބޭނުންކުރި މަންމައެއް ކިޔައިދިން ގޮތުގައި އޭނާ އެޕިޑުރަލް ޖެހީ ވޯޓާ ބްރޭކްވިތާ ގާތްގަނޑަކަށް ނުވަ ގަޑިއިރު ފަހުން ކަމަށެވެ. ނަމަވެސް އޭގެ އަސަރު އެއް ގަޑިއިރުތެރޭ ދާން ފެށި ކަމަށާއި، ވިހެއިތާ 24 ގަޑިއިރުފަހުން އޭގެ ސައިޑް އިފެކްޓްތައް އަންނަން ފެށި ކަމަށެވެ. އެގޮތުން ވަރަށް ބޮޑަށް ބޮލާއި ކަރުގައި ރިއްސި ކަމަށާއި، އޭގެ ފަހުން ދެތިން ދުވަސް ވަންދެން އެ ތަދު އިހުސާސް ކުރެވުނު ކަމަށް އޭނާ ކިޔައިދިނެވެ.

އޭނާ ބުނީ ބޮލުގައި ރިއްސާތީ އެނދުން ވެސް ނުތެދުވެވޭ ކަމަށާއި އެކަމަށް ހައްލު ހޯދުމަށް ސަޔާއި ކޮފީ ފަދަ ކެފެއިން އެކުލެވޭ ބުއިންތައް ބުއިމަށް ޑޮކްޓަރު ލަފާދެއްވި ކަމަށެވެ. އޭގެ ސަބަބުން ބޮޑު ލުޔެއް ލިބުނުކަން ފާހަގަކޮށް އެ މަންމަ ބުނީ ކޮންމެ މީހަކަށް ވެސް އެޕިޑުރަލްގެ އަސަރު ކުރާނީ ތަފާތުކޮށްކަން ގަބޫލުކުރެވޭ ކަމަށެވެ.

އެޕިޑުރަލް ޖެހުމުން ވެސް ހުރިހާ އެއްޗެއް އިހުސާސްވޭ، އެކަމަކު ތަދެއް ނުވޭ. ކޮންމެ ކޮންޓްރެކްޝަންއެއް އިހުސާސްވޭ

އެންޑޯމެޓްރިއޯސިސްގެ ވެސް ތަހައްމަލު ކުރަމުންދާ އެ މަންމަ ކިޔައިދިން ގޮތުގައި، އޭނާއަށް އެއްވެސް ތަދެއް ނުވި ނަމަވެސް, އެހެން ހުރިހާ ކަމެއް އިހުސާސް ކުރެވޭތީ، ވިހަން ބާރުލާންވީ ވަގުތުވެސް އަމިއްލައަށް އެނގުނު ކަމަށެވެ. އަދި އެޕިޑުރަލް ބޭނުން ކުރުމުގެ ސަބަބުން ބުރަކައްޓާށް ތަދުއެރުން ފަދަ އެއްވެސް ކަމަކާ ކުރިމަތިލާން ނުޖެހޭ ކަމަށް އޭނާ ބުންޏެވެ.