Advertisement

ކުރު ވާހަކަ: ހަތުރުން

28 ޖުލައި 2022 - 13:46 0

ފަތުހުﷲ އަހުމަދު ރަޝީދު

ފަތުހުﷲ އަހުމަދު ރަޝީދު


ކުރު ވާހަކަ: ހަތުރުން

28 ޖުލައި 2022 - 13:46 0

ހިމޭންވެފައިވާ ގޭތެރެއަށް ނަޒަރު ހިންގާލެވުނެވެ. އަޑެއްބަޑެއް ނީވޭ އެގޭގެ ތެރެއިން އިވެމުން ދިޔައީ ނިޔާޒާގެ ލުއި ގިސްލުމުގެ އަޑެވެ. އޭނާގެ ހިތުގެ ތެރެއިން ނުކުންނަ އިހުސާސްތަކެވެ. އެއް ދިމާއަކަށް ކަޅިނ ހުއްޓައިލައިގެން އޭނާ އިނެވެ. ހީވަނީ އެހެން ދުނިޔެއެއްގައި އޭނާގެ ހިޔާލުތައް އުދުހޭ ހެންނެވެ. ބައެއްފަހަރު އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމުގެ ކުލަތައް ފޭދެ އެވެ. އިރުކޮޅަކުން އެ ކުލަ އެކުގައި ފެވިގެންދެ އެވެ. އިރުގަނޑެއް ވަންދެން އެއް ދިމާއަކަށް ބަލަން އިނދެފާނެ އެވެ. ބައެއް ފަހަރު ކަޅި ޖަހައި ނުލައި އޭނާ ބަލަނީ އެއް ދިމާއަކަށެވެ. އެއް ތަނަކަށެވެ. ނޭވާ ބޭރުކޮށްލަނީ ވެސް ލަސްލަހުންނެވެ. މަޑުމަޑުންނެވެ. ސިއްރު ސިއްރުންނެވެ.

"ނިޔާޒާ، ތަނަކަށް ނުދާތި! އިލްފުގެ ޚަބަރެއް ވަންދެން މި ތަނުގައި އިންނާތި! ގެއިން ބޭރަށް ނުނިކުންނާތި!" މޮޅިވެރި ރާގެއްގައި އިބްރާހިމް އަމުނައިލި އެވެ.

އިބްރާހިމް އެހެން ބުނި އަޑު ނިޔާޒާއަށް އިވުނެވެ. އޭނާ ބޯ އަރިކޮށްލާ އިބްރާހިމާ ދިމާއަށް ބަލައިލި އެވެ. މަންޒަރު ލަސް ފިލްމެއްގެ މަންޒަރެއް ފަދައިންނެވެ. ފަރުވާ ކުޑަ ގޮތަކަށެވެ. ދެ ފަހަރަކު އެސްފިޔަ ޖަހައިލި އެވެ. މޫނުމަތިން އެއްވެސް އިހުސާސެއް ނެތެވެ. އެއްވެސް އަސަރެއް ނެތެވެ. ފޫހިކަމެއް، އުފާވެރިކަމެއް ވެސް ނެތެވެ. މޮޅީގެ ކުލައެއް ހިތްދަތިކަމުގެ އިހުސާސެއް ވެސް ނެތެވެ. އޭނާގެ ދެ ލޯ ވަނީ ރަތްވެފަ އެވެ. ލޯކައިރިވަނީ އަޑިވަދެ ކަޅުވެފަ އެވެ. އުފާވެރިކަމުގެ އެއްވެސް ކުލައެއް، އެއްވެސް ނިޝާނެއް އެ މޫނަކު ނެތެވެ.

އިބްރާހިމް އިރުކޮޅެއް ވަންދެން ނިޔާޒާއަށް ބަލަން ހުއްޓެވެ. އިބްރާހިމްގެ މޫނުމަތިން ދެތިން ރޫ ހިއްލުނެވެ. ތުންފަތް ތިރިކޮށްލި އެވެ. ލަސްލަހުން މަޑުމަޑުންނެވެ. ބުނަން އުޅުނު ވާހަކަ އޭނާ ހިންދައިލީ އެތެރެހަށްޓަށެވެ. ކިތައްމެ ވާހަކައެއް ދެއްކިޔަސް، ކިތައްމެ ޝަކުވާއެއް ކުރިޔަސް ވާނެ ކަމެއް ނެތްކަމަށް އޭނާގެ ހިތް ބުނާތީ އެވެ.

"އަހަރެން ދޮންބެދައްތަ ގާތުގައި މަޑުކޮށްލާނަން. އޭނާ ރަނގަޅުހެން ހިޔެއް ނުވޭ. ދޮންބެދޭ އިލްފު ފެނޭތޯ! ފުލުސްއޮފީހަށް ގޮސް އޮފިސަރުންނާ ބައްދަލުކުރޭ. ސިޔާސީވެރިންނާ ބައްދަލުކުރޭ. މެންބަރާ ބައްދަލުކުރޭ. ތަންތަނުގެ ވެރިންނާ ހަމައަށް މައްސަލަ ގެންދޭ. ނޫސްތަކަށް ވެސް ޚަބަރުދީ." ގާތުގައި ހުރި ވިލްމާ ބުނެލި އެވެ.

އިބްރާހިމް ތުންފަތަށް ބާރުކޮށްލި އެވެ. ގަދަކަމުން ހިންދިރުވާލި އެވެ. އޭނާ ކަޅި ޖަހައިނުލައި ބަލަން ހުރީ ނިޔާޒާއަށެވެ. ނިޔާޒާގެ މޫނަށެވެ. ނިޔާޒާގެ ހިތުގައި އަޅަމުންދިޔަ ވޭން އިބްރާހިމަށް ވަޒަންކުރެވެނީ ކަން ނޭނގެ އެވެ. އޭނާއަށް އެ އިހުސާސް ކުރެވެނީ ކަންނޭނގެ އެވެ. އޭނާގެ ހިތުގައި ކެކެމުންދަނީ ވެސް އެ އިހުސާސެވެ. އެއް ޝަކުވާއެކެވެ. އެމީހުންނަށް މިހެން ދިމާވީ ކީއްވެތޯ ކުރެވޭ ޝަކުވާ އެވެ. އެ ދެމެފަރިންގެ ކޮން ކުށެއް އޮވެގެން ވީ ކަމެއްތޯ ކުރެވޭ ޝަކުވާ އެވެ. ނަމަވެސް އެއިން ލަފުޒެއްހާ ހިސާބު ވެސް އެ ދެމަފިރިންގެ އަނގައިން ބޭރެއް ނުކުރެ އެވެ.

ވިލްމާ ވެސް ބަލައިލީ މޮޅިވެރިކަމުން ބަރުޖެހިފައިވާ އިބްރާހިމްގެ މޫނަށެވެ. އިބްރާހިމް ވެސް ބަލައިލީ ވިލްމާގެ މޫނަށެވެ. ވިލްމާ ބުނާ ކަހަލަ އެވެ. ދާށެވެ. ހުރިހާ ގަލެއް ފޮރޮޅާށެވެ. މީހުންނާ ބައްދަލުކުރާށެވެ. އާދޭސްކުރާށެވެ. ސަލާން ޖަހާށެވެ. ފެންނާނެ އެވެ. ކެތްކުރާށެވެ. ކެތްތެރިވާށެވެ. ކެތްތެރިކަމުގެ މޭވާ ފޮނިވާނެ އެވެ. ބޭބެއަކީ ކެތްތެރިއެކެވެ. ކެތްކުރި މީހެކެވެ. ތިޔަ ދެމަފިރިންނަކީ ކެތްތެރިކަމުން ދިރިއުޅުން ބިނާކުރި ދެ މަފިރިންނެވެ. ވީއިރު މިއަދު ވެސް ކެތްކުރެވޭނެ އެވެ.

އިބްރާހިމް ކިޔައިލީ ވިލްމާގެ މޫނުމަތީގެ އިހުސާސްތަކެވެ. އޭނާގެ މޫނުމަތިން ފެވުނު ވާހަކަތަކެވެ. ވިލްމާގެ ހިތުގައި ޖެހި ވިންދުތަކެވެ.

"ކޮއްކޯ! ދޮންބެދައްތަ ރަނގަޅަށް ބަލާތި! ލިބިދާނެ ކުއްލި ޚަބަރަކުން އޭނާގެ ހިތް ފަޅިފަޅިވެދާނެ. ހިތްކުދިކުދި ވެދާނެ. އޭނާ ގާތުގައި އިންނާތި. ދުރަށް ނުދާތި،" ވިލްމާގެ ކޮނޑުގައި އިބްރާހިމް ހިފައިލި އެވެ. "އެ ޚަބަރު ލިބުނީއްސުރެ ދޮންބެދައްތަ އެ އިންނަނީ ހުއްޓިފަ. ގަނޑުވެފަ. އޭނާ އެ އިންނަނީ އެހެން ދުނިޔެއެއްގަ."

ވިލްމާ އެތައް ނަސޭހަތެއް ދިނުމުން އިބްރާހިމް ބޭރަށް ނުކުތެވެ. އޭނާ ނުކުތުމުން ވިލްމާ ބަލައިލީ ނިޔާޒާގެ މޫނަށެވެ. އޭނާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. މޮޅިވެރިކަމެވެ. އުއްމީދު ގެއްލި ގޮތް ހުސްވެފައިވާކަމެވެ.

"ދޮންބެ ދައްތާ!" ވިލްމާ ލޯބިން ފުރިގެންވާ ރާގެއްގައި މަޑުމަޑުން ބުނެލި އެވެ.

"ކާކު ބުނީ ވިލްފު ދެން ނާންނާނޭ؟ އިރާދަކުރެއްވިއްޔާ އޭނާ އަދި ނާންނާނެ؟ ފެންނާނެ. އަހަރުމެންނާއެކު މަޖާކުރާނެ. އުފާކުރާނެ. މި މަންމަ ބޭނުންވާ ކަހަލަ މޮޅު ޑޮކުޓަރަކަށް ވެގެން މިގައުމަށް ޚިދުމަތްކުރާނެ." ނިޔާޒާ ލަސްލަހުން ބުނެލި އެވެ.

ވިލްމާ ދެ ލޯ ބޮޑުކޮށްލި އެވެ. އޭނާ އިށީނދެލީ ނިޔާޒާ އިން ސޯފާގަ އެވެ. އޭރު ވެސް ނިޔާޒާ ބަލަން އިނީ ގޭތެރެއަށް ވަންނަން ހުރި މައި ދޮރާ ދިމާއަށެވެ. ކަޅި ޖަހައިނުލައި އޭނާ ބަލަމުން ދިޔއީ އެ ދޮރާ ދިމާއަށެވެ. ހީވާ ކަހަލަ އެވެ. އެ ތަނުން އޭނާއަށް މީހަކު ފެންނަނީ އެވެ. ބަޔަކު އޭނާއާ ވާހަކަދައްކަނީ އެވެ. ބައެއް ފަހަރު އެކަހަލަ ހަރަކާތްތެއް ވެސް ކޮށްލަ އެވެ. މީހަކަށް ބަލައިން އިނދެ ހިނިތުންވެލާހެން ހިނިތުންވެލަ އެވެ.

"ދޮގު ނަހަދާ ތެދަށް ބުނޭ! ކީކޭތަ ފުލުހުން ބުނީ؟ އެ މީހުން ކީއްވެތަ ދޮގު ހަދަނީ؟" ނިޔާޒާ އެ އިން ގޮތަށް އިނދެ ދެ ލޯ ބޮޑުކޮށްލަމުން ބުނެލި އެވެ.

ވިލްމާ ހިމޭނުން އިނީ އެވެ. ނިޔާޒާއަށް ފުރުސަތު ދީގެންނެވެ. އޭނާގެ ހިތުގެ ރިހުންތަކާއި އުދާސްތައް ބޭރުކުރާން ފުރުސަތު ދީގެންނެވެ.

"އަހަރެންގެ ދަރިފުޅަށް އެހެން ހެދީ ކީއްވެތަ؟ ވިލްފަކީ އަހަރެން ލޮލުގެ ކޮއި ފަދައިން ގެންގުޅުނު ކުއްޖެއް. ފަނައަހަރު ވަންދެން ހިތުގައި ކޫރުމެއް އެޅޭފަދަ ކަމެއް ވެސް ނުކުރަން. ލޯމަތިން ގެއްލިދާނެތީ އެކަނި ތަނަކަށް ވެސް ނުފޮނުވަން. ކޮންމެ ތަނަކަށް ދިޔަޔަސް ފަހަތުގައި ހުންނަން." ނިޔާޒާ ދެ އަތް ނަގައި ދެ އަތަށް ބަލަމުން ކިޔަން ފެށި އެވެ.

ވިލްމާގެ ލޮލަށް ކަރުނަތައް ގިނަވާން ފެށި އެވެ. އޭނާ ކެތްކޮށްލައިގެން އިނީ އެވެ. އޭނާގެ ހިތުގައި ވެސް ޖެހުނެވެ. ލަސްލަހުން ހިންދިރުވާލި އެވެ.

"އެއީ ކިހާ ރަނގަޅު ކުއްޖެއް. ކިހާ ބަސްއަހައިގެން އުޅުނު ކުއްޖެއް. މައިންބަފައިންގެ ބަސް އެހި ކުއްޖެއް. އަހަންނާ ދިމާއަށް އުފު ވެސް ބުނެ ނުލައި އެ ވަރުވީ އިރު ވެސް. މަޑުމައިތިރި، ކިޔަމަންތެރި ކުއްޖެއް. މިއަދު މިހެންވާންވީ ކީއްވެ؟ ކީއްވެ؟ އަހަރެންގެ ކޮން ކުށެއް އޮވެގެން؟ އަހަރެންގެ ތަރުބިއްޔަތުގެ ކޮން މައްސަލައެއް އޮވެގެން؟" ނިޔާޒާ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ކޯތާފަތް ހުރަސްކޮށް ދަތްދޮޅީ ފަހަނައަޅައި ގޮސް ބުރުގާއަށް ހިނދުނެވެ.

"ދޮންބެ ދައްތާ!" ވިލްމާއަށް ކެތެއް ނުކުރެވުނެވެ.

ނިޔާޒާގެ ދެ ކޮނޑުގައި ހިފައި ތަޅުވާލި އެވެ. އަސަރުން ފުރިގެންވާ ގޮތަކަށް އޭނާ ބަލައިލި އެވެ.

"ދޮންބެ ދައްތާ! ތިހެން ނުކިޔަބަލަ. ތި ގޮތަށް ނުވިސްނަބަލަ." ވިލްމާއަށް ރޮވުނެވެ.

"އަހަންނަށް ދެން އިތުރު ކުއްޖެއް، އިތުރު ދަރިއެއް ނުލިބޭނެ. ކާވެންޏަށް ފަނަރަ އަހަރުވީއިރު ލިބުނު ހަމައެކަނި ދަރިއަކީ އިލްފު. އެ ވެސް އެތައް ފަރުވާއަކުން. އެތައް މަސައްކަތަކުން. އެތައް ދުޢާއަކުން." ނިޔާޒާ ބަލައިލީ ވިލްމާގެ މޫނަށެވެ.

"ދޮންބެދައްތާ! ކޮންމެ ކަމަކީ ވެސް އިމްތިހާނު! ކޮންމެ ކަމަކަށް ވެސް ކެތްކުރާންވާނެ. ތީ ކެތްތެރިކަމުގެ މިސާލެއް. ދެން ވެސް ކެތްކުރާންވާނެ." ނިޔާޒާ ދެ އަތުގައި ފިރުމަމުން ވިލްމާ ބުނެލި އެވެ.

"ކީއްވެތަ؟ ކީއްވެތަ އަހަރެންގެ ދަރިފުޅު އެ މީހުން ގެންދާންވީ؟ ކީއްވެތަ އެ ކުއްޖާ ގެންދާންވީ؟ މި ދުނިޔޭގައި އެހެން ކުދީން ވެސް އެބަ ތިއްބެއްނޫންތަ؟ މަގު ގެއްލި އަޅައިލާނެ މީހަކު ނެތް ކުދިން ވެސް އެބަ ތިއްބެއް ނޫންތަ؟ މަގުމަތީ ގިނަވެފަ ތިބި އެތައް ކުދިންނެއް އެބަ ތިއްބެއް ނޫންތަ؟ ކީއްވެތަ އަހަރެން ދަރިފުޅު ގެންދާންވީ؟" ނިޔާޒާ ހިތުގެ ޝަކުވާތައް އޮއްސާލި އެވެ.

އިބްރާހިމާއެކު ފުލުހުންގެ ދެ އޮފިސަރުން ގެއަށް އައިސް ވަނީ އެ ވަގުތު އެވެ. ނިޔާޒާގެ ޝަކުވާތައް އެ މީހުންނަށް ސާފުކޮށް އިވުނެވެ. ދެ އޮފިސަރުން އެއްފަހަރާ ބަލައިލީ އިބްރާހިމްގެ މޫނަށެވެ. އިބްރާހިމް ކަރު އެލުވައިލި އެވެ. ނިޔާޒާގެ ހާލަތު ފެނިފައި ދޭން އޮތް ޚަބަރުގެ ހިތިކަމުންނެވެ.

"މި ކަންބޮޑުވާން ޖެހޭ މައްސަލައެއް. ގައުމީ ފެންވަރުގައި ހޭލުންތެރިވާން ޖެހޭ ބޮޑު ކަމެއް." ނިޔާޒާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނަމުން އޮފިސަރު، އަދީލް ބުނެލި އެވެ.

"ގިނަ ފަހަރު މިގޮތަށް، އެ މީހުން ކުދިންގެ ސިކުނޑިއަށް ވަދެގަންނީ ވަރަށް ރޭވުންތެރިކަމާއެކު. ދުރައިލާ ރާވައިގެން. އެއްމެ ދުވަހަކުން ދެ ދުވަހަކުން ނޫން. އެ މީހުން ފުރަތަމަ ބަލާނީ ކުދިންގެ އުޅުން. އަހުލާގު. މިސްކިތަށް އަރާތޯ. ނަމާދު ކުރޭތޯ! އެ ކުދިންގެ އަގީދާއަކީ ކޮބައިތޯ! ދީނީ ކަންކަމަށް ކިހާ ފަރުވާތެރިވޭތޯ!" އަދީލްގެ ފުންނޭވާއެއް ދޫކޮށްލި އެވެ.

"ދެން ބަލާނީ އާއިލާއަށް. އާއިލީ ފަސްމަންޒަރަށް. ކިހާ ވަރުގަދަ އާއިލާއެއްތޯ! ކިތައް މީހުންތޯ އާއިލާގައި ހިމެނެނީ. ބައްޕައަކީ ކާކުތޯ؟ މަންމައަކީ ކާކުތޯ؟ ބައްޕައާ މަންމަގެ ގުޅުމަކީ ކޮބައިތޯ؟ ބައްޕައަށް ދަރިފުޅަށް ކިހާ ވަގުތެއް ދެވޭތޯ؟ އެކުގައި މިސްކިތަށް އެރޭތޯ؟ ދަރިފުޅުގެ ކަންކަމުގައި ބައްޕަގެ ދައުރަކީ ކޮބައިތޯ؟ އެ ކަހަލަ އެތައް ކަމަކަށް ބެލުމަށްފަހު، އެ މީހުން ކުއްޖާއާ ކުރިމަތިލާނީ އެކުވެރިއެއް ގޮތުގައި. ދީނަށް ލޯބިކުރާ މިތުރެއްގެ ގޮތުގައި. މަޑުމަޑުން ރަހުމަތްތެރިކަމުގެ ގުޅުން ބަދަހި ކުރަމުން ގޮސް އެންމެ ފަހުން އެ މީހުންގެ ބޭނުންވާ ގޮތަށް ކުއްޖާގެ ސިކުނޑި ދޮވެލާނެ." އަދީލާއެކު އިން އޮފިސަރު، ރިޔާޒް އޮޅުންފިލުވައިދިނެވެ.

"އަހަންނަށް ވެސް ނުވިސްނުނު ތަންކޮޅަކީތީ! އިލްފުގެ ރައްޓެހިނެއް ނުތިބޭނެ. އޭނާ އެކަނި ދާނީ ހަމައެކަނި މިސްކިތަށް. ދެން ބޭރަށް ނުދާނެ. އޮންނާނީ ކޮޓަރީގައި. ދީނީ ކަންކަމަށް ވަރަށް ލޯބިކުރާނެ. އަހަރެން ވެސް އޭނާ ބޭނުންވާތީ ދީނީ ފޮތްތަކާއި ދަރުސްތައް ހޯދައިދެން. ބުނާނެ މިސްކިތު ރައްޓެއްސެއްގެ ވާހަކަ. އިތުރު މީހެއްގެ ވާހަކައެއް ނުބުނާނެ،" ކަމެއް ހަނދާން ވުމުން އިބްރާހިމް ބުނެލި އެވެ. "ކަންތައް ހުންނަ ގޮތުން ދުވާލު ހަތަރު ދަމު އަހަރެން އުޅެނީ މަސައްކަތު. ދަރިފުޅާއެކު ތަނަކަށް ނުދެވޭނެ. އަމުދުން މިސްކިތަށް ނުދެވޭނެ."

"މިހާތަނަށް ހޯދުނު ކަންކަމަށް ބަލާއިރު، އިލްފު ވަނީ ރާއްޖެއިން ބޭރަށް ފުރައިފަ. އޭނާއާއެކު ދިޔައީ ކޮންބަޔެއްތޯ ބަލަމުން މި ދަނީ،" އަދީލް ލަސްލަހުން ބުނެލި އެވެ. "އޭނާ ފުރައިފަވަނީ ވެސް އަމިއްލަ ޕާސްޕޯޓު ބޭނުންކޮށްގެން. ރަނގަޅަށް ގޭތެރެ ބަލައި ޗެކުކޮށްލަބަލަ، ފަހަރެއްގަ އޭނާގެ މެސެޖެއް އޮވެދާނެ."

"މީ އަހަރުމެން ވަރަށް ވިސްނާ ހޭލަން ވެއްޖެކަމެއް. ގޯސްކުދިންނާ ދަރިން ދުރުކުރުމަށްކުރާ މަސައްކަތާ އެއްވަރަށް މި ކަހަލަ މީހުންގެ ޝިކާރައަކަށް ދަރިން ވިޔަ ނުދިނުމަށް މަސައްކަތްކުރާން އެބަޖެހޭ،" ރިޔާޒް ވެސް ބުނެލި އެވެ. "އިތުރު ޚަބަރެއް ލިބިއްޖެ ނަމަ ހިއްސާކޮށްލާނަން. ދެން މި ވަގުތު ގޮސްލަނީ. އެއްވެސް ޚަބަރެއް ލިބިއްޖެ ނަމަ ހިއްސާކޮށްލައްވާތި."

ދެ އޮފިސަރުންނާއެކު އިބްރާހިމް ވެސް ތެދުވި އެވެ. އިބްރާހިމާ ސަލާމްކުރުމަށްފަހު ހިތްވަރުދިނުމުގެ ގޮތުން އެތައް ވާހަކައެއް ދެއްކުމަށްފަހު ދެ އޮފިސަރުން ނުކުމެގެން ދިޔައީ އެވެ. ދެ އޮފިސަރުން ނުކުމެގެން ދަންދެން ބަލަން އިބްރާހިމް ކޮޅަށް ހުއްޓެވެ.

އެ މީހުން ދިޔުމުން އިބްރާހިމް ބަލައިލީ ނިޔާޒާގެ މޫނަށެވެ. ނިޔާޒާ ބަޑިފަޅައިގެން ދިޔަ އެވެ. ހުރިހާ އިރު އޭނާ ހިފަހައްޓައިގެން އިން އިހުސާސްތައް ބަންޑުވި އެވެ. އެތައް ޝަކުވާއެއް އޮއްސާލަން ބޭނުންވި އެވެ. ނަމަވެސް އޭނާއަށް ކުރެވުނުހާ ވެސް ކަމަކީ ރުއިމެވެ. ގިސްލުމެވެ. އިބްރާހިމްގެ ގައިގައި އޮޅުލަމުން ގިސްލަގިސްލާ ރުއީ އެވެ. އިބްރާހިމަށް ވެސް ވީ އެވަރެވެ. އިބްރާހިމްގެ އަމިއްލަ ޟަމީރު ކުށްވެރި ކުރުން ނޫންކަމެއް އޭނާއަކަށް ނުކުރެވުނެވެ. އެހެން ދިމާވީ އޭނާގެ ސަބަބުން ކަމަށް އޭނާއަށް ވިސްނެނީ އެވެ. މަސައްކަތުގައި އަވަދި ނެތި އުޅޭން ޖެހުމުން ދަރިފުޅު އަތުން ބީވީ ކަމަށް އޭނާއަށް ވިސްނެމުން ދިޔަ އެވެ.

މަންޒަރު ބަލަން ހުރި ވިލްމާގެ ހާލަކީ ވެސް އެޔެވެ. މިއަދު އެ ދަމަފިރިން އެ ކުރާ ހިތާމައިގައި ބައިވެރިވުން ނޫން ގޮތެއް އެ ފަކީރަކަށް ވެސް ނެތެވެ. އެ ދެމަފިރިން ލޮލުގެ ކޮއި ފަދައިން ބޮޑުކުރަމުން ދިޔަ އެ މީހުންގެ ދިރިއުޅުމުގެ އުއްމީދު އެހެން ބަޔެއްގެ ޝިކާރައަކަށްވީ އެވެ. އިލްފުގެ ސިކުނޑި އެ މީހުން ދޮވެލީ އެވެ.

"ދުޢާކޮށް ހެއްދެވި ފަރާތުގައި ދަންނަވާ! ދުޢާއަކީ އެންމެ ބާރުގަދަ ހަތިޔާރު، އިންޝާﷲ އަދި އިލްފު ސަލާމަތުން އަހަރުމެންނާ ހަމައަށް އަތުވެދާނެ." ވިލްމާ ބުނެލި އެވެ.

ރުއިމާއި ގިސްލުމުގެ އަޑުން މުޅި ގޭތެރެ ގަޑުބަޑުވެގެން ދިޔަ އެވެ. ނިޔާޒާއެކާ އެއްވަރަށް އިބްރާހިމް ވެސް ރޮމުން ގިސްލަމުން ދިޔަ އެވެ. އެ ދެމީހުން ހަމައަކަށް އަޅުވަންހުރި ވިލްމާގެ އަޑު މާ ބާރުހެން ހީވަމުން ދިޔަ އެވެ.

ހިތިނަމަވެސް، މި ހަގީގީ ހާދިސާއިން އެތައް ފިލާވަޅެއް އެންމެންނަށް އަންގައިދީފި އެވެ. ޝިކާރައިގެ ވަކިތަކު ދަށު ނުވެ ދަރީން ތަރުބިއްޔަތު ކުރުމަކީ މިއަދު ބޮޑު ގޮންޖެހުމެއް ކަމެވެ. އެކަން ކުރާން ބަލަދުވެރީން އަބަދު ހޭލާން ޖެހޭ ކަމެވެ. "މިސްކިތު ފުރެންޑް" ހަތުރަކަށްވެ ޝިކާރަކޮށްފާނެ ކަމެވެ. ސިކުނޑި ދޮވެލަ ފާނެ ކަމެވެ. ކޮންމެ މިސްކިތު ފުރެންޑަކީ އަލިފެއް ނޫންކަމެވެ. މިސްކިތު ހަތުރުން ވެސް ތިބޭނެ ކަމެވެ.

(ނިމުނީ)