Advertisement

ރޮނާލްޑޯގެ ނިންމުން ބަދަލުކުރެވޭތޯ ޔުނައިޓެޑުން މަސައްކަތް ކުރަނީ: ރިޕޯޓް

28 ޖުލައި 2022 - 12:36 0


ރޮނާލްޑޯގެ ނިންމުން ބަދަލުކުރެވޭތޯ ޔުނައިޓެޑުން މަސައްކަތް ކުރަނީ: ރިޕޯޓް

28 ޖުލައި 2022 - 12:36 0

މެންޗެސްޓާ (ޖުލައި 28) - މެންޗެސްޓާ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމު ދޫކޮށްލަން ނިންމާފައިވާ ނިންމުން ބަދަލުކުރެވޭތޯ ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑް އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ވާދަނުކުރާތީ އާއި އެ ކްލަބް މި ވަގުތު އޮތީ ހުރިހާ މުބާރާތަކަށް ވާދަކުރެވޭ ހާލަތެއްގައި ނޫން ކަމަށް ގަބޫލުކުރެވޭތީ ރޮނާލްޑޯ ވަނީ އެ ޓީމުގެ ސީނިއާ މެނޭޖްމަންޓަށް ކްލަބް ދޫކޮށްލަން ބޭނުންވާކަން އަންގައިފަ އެވެ.

މިދިޔަ އަހަރު ޔުނައިޓެޑަށް ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރި ރޮނާލްޑޯގެ މުސްތަގުބަލާ މެދު ގޮތެއް ނުނިމި، ކަންކަން ދިގުލައިދާތީވެ، އޭނާ އެންމެ ފަހުން މިދިޔަ އަންގާރަ ދުވަހު ވަނީ ޔުނައިޓެޑްގެ ޕްރީ ސީޒަން ޕްރެކްޓިސްތަކުގައި ބައިވެރިވާން ފަށައިފަ އެވެ.

ރޮނާލްޑޯ، 37، ޕްރީ ސީޒަން ޓުއާތަކުގައި ބައިވެރިނުވުމާ ބެހޭގޮތުން ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ ރޮނާލްޑޯ ޓީމުން ރިލީސްކޮށްފައި ހުރީ އޭނާ "އާއިލާ އަށް ވަގުތު ދޭން ބޭނުންވާތީ" އެވެ. ޓެން ހާގް ވަނީ އަންނަ ސީޒަނުގައި އޭނާ ޔުނައިޓެޑްގެ ޕްލޭން ހަދަމުން އަންނަނީ ރޮނާލްޑޯ ހިމަނައިގެން ކަމަށް ބުނެފަ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން އަންނަނީ ރޮނާލްޑޯ އާއި އޭނާގެ އޭޖެންޓް ޖޯޖް މެންޑޭޒްއާ އެކު ގިނަ ބައްދަލުވުންތަކެއް ބާއްވައި، އޭނާ ޔުނައިޓެޑްގައި މަޑުކުރެވޭނެ ގޮތްތަކެއް ހޯދަން މަސައްކަތް ކުރަމުންނެވެ. އެކަމަކު، ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯ ހުރީ ނިންމުން ބަދަލުކުރާ ވިސްނުމެއްގައެއް ނޫނެވެ.

ރޮނާލްޑޯ ހޯދުމުގެ ރޭހުގައި ވާދަނުކުރާ ކަމަށް ބަޔާން މިއުނިކް، ޕީއެސްޖީ، ޔުވެންޓަސް އަދި ޗެލްސީން ވަނީ ބުނެފަ އެވެ. އެންމެ ފަހުން ރޮނާލްޑޯގެ ޓްރާންސްފާގެ ވާހަކަތަކާ ގުޅިފައިވަނީ އެތުލެޓިކޯ މެޑްރިޑާ އެވެ. އެކަމަކު، އެތުލެޓިކޯގެ ރައީސް އެންރީކޭ ސެރޭޒޯ ވިދާޅުވީ ރޮނާލްޑޯ އަށް އެތުލެޓިކޯ އިން ފާރަލާ ކަމަށް ދެކެވޭ ވާހަކަ އަކީ ބަޔަކު "އުފައްދައިގެން" އުޅޭ ވާހަކައެއް ކަމަށެވެ.

ސެރޭޒޯ މި ގޮތަށް ވިދާޅުވީ އެތުލެޓިކޯގެ ސަޕޯޓަރުން ރޮނާލްޑޯގެ ޓްރާންސްފާއާ ދެކޮޅަށް އޮންލައިން ޕެޓިޝަނެއް ފެއްޓުމުގެ އިތުރުން އެތުލެޓިކޯގެ ޕްރީ ސީޒަން މެޗެއްގައި ބެނާތަކެއް ދަމައި ޝުއޫރުފާޅުކުރި ފަހުންނެވެ. ސްޕެއިން މީޑިއާތަކުން ބުނާގޮތުގައި ސެރޭޒޯ އާއި އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ރޮނާލްޑޯގެ ޓްރާންސްފާ ކަންކަން މަޝްވަރާ ކުރި އެވެ. އެކަމަކު، ސަޕޯޓަރުންގެ ހަރަކާތްތައް މިހާރު ހުރި ގޮތުން އެތުލެޓިކޯ އިން ވެސް ރޮނާލްޑޯގެ ޓްރާންސްފާ ކަންކަމުން އެއްކައިރިވާނެ އެވެ.