Advertisement

ދުނިޔޭގެ އިގުތިސޯދީ ކުރިމަގު ބަނަ، އެންމެ ބޮޑު ކަންބޮޑުވުމަކީ އިންފްލޭޝަން

28 ޖުލައި 2022 - 13:02 0

އަމަން ހަލީމް

އަމަން ހަލީމް

މާލޭގައި ހުންނަ މައި ވިޔަފާރި ބަނދަރު: ދުނިޔޭގެ އިގުތިސޯދަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ތަކެތީގެ އަގު އުފުލެމުން ދިޔުން. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ދުނިޔޭގެ އިގުތިސޯދީ ކުރިމަގު ބަނަ، އެންމެ ބޮޑު ކަންބޮޑުވުމަކީ އިންފްލޭޝަން

28 ޖުލައި 2022 - 13:02 0

ކުރިއަރާފައިވާ އިގުތިސޯދުތަކުގައި އިންފްލޭޝަން މަތިވުމާއި ޗައިނާގައި ކޮވިޑު ކޮންޓްރޯލް ކުރަން އަދިވެސް ލޮކްޑައުން ކުރަމުން ދިޔުމާ ގުޅިގެން ދުނިޔޭގެ އިގުތިސޯދީ ދުވެލި އިތުރަށް މަޑުޖެހޭނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފި އެވެ.

އެ ސަބަބުތަކާ ހުރެ އައިއެމްއެފް އިން ވަނީ މި ދުނިޔޭގެ އިގުތިސޯދީ ދުވެލި މި އަހަރާއި އަންނަ އަހަރު ވެސް އިތުރަށް މަޑުޖެހޭނެ ކަމަށް ލަފާކޮށް، އަންދާޒާތައް މުރާޖާކޮށްފަ އެވެ. މިހާރު އަންދާޒާކުރަނީ މި އަހަރު ދުނިޔޭގެ އިގުތިސޯދީ ކުރިއެރުން ހުންނާނީ 3.2 ޕަސެންޓުގައި އަދި އަހަރު 2.9 ޕަސެންޓުގައި ކަމަށެވެ.

އެއީ އޭޕްރިލް މަހު ލަފާކުރި ވަރަށް ވުރެ މި އަހަރަށް 0.4 ޕަސެންޓު އަދި އަންނަ އަހަރަށް 0.7 ޕަސެންޓުގެ ދަށްވުމެކެވެ.

އިގުތިސޯދީ ދުވެލި މަޑުޖެހުމުގެ ފަހަތުގައިވާ މައިގަނޑު ސަބަބަކީ ދުނިޔޭގެ އެންމެ ބޮޑު ތިން އިގުތިސޯދުތައް ކަމަށްވާ އެމެރިކާ، ޗައިނާ އަދި ޔޫރޯ ސަރަހައްދުގެ އިގުތިސޯދުތަކުގެ ހަރަކާތްތައް މަޑުޖެހެމުން ދިޔުމެވެ. އެގޮތުން އެމެރިކާގެ އިގުތިސޯދޫ ކުރިއަރާނެ ކަމަށް ލަފާކުރަނީ 2.3 ޕަސެންޓަށެވެ. ނަމަވެސް، ޗައިނާ 3.3 ޕަސެންޓު އަދި ޔޫރޯ ސަރަހައްދު 2.6 ޕަސެންޓު، އިގްތިސާދު ރަނގަޅުވާނެ ކަމަށް ބެލެވެ އެވެ.

އައިއެމްއެފްއިން ފާހަގަކުރާ ގޮތުގައި މި ވަގުތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އިންފްލޭޝަނެވެ. އެ އިދާރާއިން ލަފާކުރަނީ ކުރިއަރާފައިވާ އިގުތިސޯދުތަކުގައި އިންފްލޭޝަން 6.6 ޕަސެންޓަށް މަތިވާނެ އެވެ. އަދި ކުރިއަރަމުން އަންނަމުން އިގުތިސޯދުތަކުގައި 9.5 ޕަސެންޓު މަތިވާނެ އެވެ. މިއީ ވެސް އޭޕްރިލް މަހުގެ ލަފާކުރުންތަކަށް ވުރެ، 0.9 ޕަސެންޓު އަދި 0.8 ޕަސެންޓު މަތި އަދަދުތަކެވެ.

އިންފްލޭޝަން މައްޗަށް ދިޔުމުގެ ފަހަތުގައި ވަނީ ތެލާއި ހަކަތަ އާއި ކާބޯތަކެތީގެ އަގުތައް އުފުލެމުން ދިޔުމުގެ އިތުރުން ކޮވިޑު ދުވަސްވަރުން ފެށިގެން ތާށިއަރައިގެން އުޅޭ ލޮޖިސްޓިކްސް އާއި މަސައްކަތްތެރިން ލިބުމުގެ ދަތިކަމެވެ. އަހަރު ފެށުނުއިރު ކަންކަން މިހެން އޮއްވައި، ފެބްރުއަރީ ފަހުކޮޅު ރަޝިއާ އިސްވެ ޔޫކްރޭނަށް ހަމަލާ ދިނުމުން ފެށި ހަނގުރާމައިގެ ސަބަބުން ހާލަތު އިތުރަށް ގޯސްވީ އެވެ.

އެކަންކަމުގެ ނުރަނގަޅު އަސަރު ދުނިޔޭގެ ހުރިހާ އިގުތިސޯދުތަކަށް ދަނީ ކުރަމުންނެވެ.

އިގުތިސޯދީ ދުވެލި އިތުރަށް މަޑުޖެހި އިންފްލޭޝަން މިހާރަށް ވުރެ ގޯސް ވެދާނެ ހާލަތްތަކެއް ވެސް އެބައޮތެވެ. އެއް ކަމަކީ ރަޝިއާއިން ޔޫރަޕަށް ފޮނުވާ ގޭސް އެއްކޮށް ހުއްޓާލުމެވެ. މިހެން ވެއްޖެ ނަމަ އިގުތިސޯދީ ދުވެލި 2.6 ޕަސެންޓަށް ދަށްވާނެ އެވެ.

އައިއެމްއެފް އިން ސެންޓްރަލް ބޭންކުތަކަށް ލަފާދެނީ ހަރަދުތައް ކޮންޓްރޯލްކޮށް، ފައިސާގެ ސަޕްލަޔި ހިފެހެއްޓުމަށެވެ. މިހާރު ކުރިއަރާފައިވާ އިގުތިސޯދުތަކާއި ކުރިއަރަމުން އަންނަ އިގުތިސޯދުތަކުން ވެސް ދަނީ މި ފިޔަވަޅުތައް އަޅަމުންނެވެ.

އޭގެ ސަބަބުން އިގުތިސޯދީ ދުވެލި މަޑުޖެހުނު ނަމަވެސް، މި ފިޔަވަޅުތައް ނާޅާ ލަސްކުރުމުގެ ނަތީޖާ މާ ހިތިވާނެ ކަމަށް އައިއެމްއެފް އިން ބުނެ އެވެ. އެ އިދާރާގެ ލަފަޔަކީ އިންފްލޭޝަން މައިތިރިވަންދެން މި ފިޔަވަޅުތައް ދެމެހެއްޓުމާ އެކު ޓެކްސް މަތިކޮށް ހަރަދުތައް ކުޑަކުރުމަށެވެ.

ހަރަދުތައް ކޮންޓްރޯލް ކުރަން ލަފާދޭ އަނެއް ސަބަބަކީ މާލީ ބާޒާރުތަކުން ފައިނޭންސިން ހޯދުމުގެ އަގު ބޮޑުވުމެވެ. ކުރިއަރާފައިވާ އިގުތިސޯދުތަކުން އިންޓްރެސްޓް މަތިކުރަމުންދާ ވަރަކަށް މި އަގުދާނީ މައްޗަށެވެ. މިކަމުގެ ނުރައްކާ އެންމެ ބޮޑީ ރާއްޖެ ފަދަ ދަރަނީގެ ބުރަ ބޮޑު ގައުމުތަކަށެވެ. އެހެންވެ އައިއެމްއެފް އިން ލަފާދެނީ މިހާރު ހުރި އިންޓްރެސްޓު ރޭޓުތަކުގެ ހަރަދު ފޫބައްދަން ދަރަންޏަށް ފައިސާ ނުނަގާށެވެ.

އޭގެ އިތުރުން ބޭނުންޖެހިފައިވާ މީހުންނަށް އަމާޒުކޮށްގެން އަގު ކޮންޓްރޯލްކުރުމުގެ ސިޔާސަތުތައް ބަދަލުކުރާށާއި، ބައެއް ބާވަތްތަކުގެ މުދާ ބޭރުކުރަން ގައުމުތަކުގެ ސަރުކާރުތަކުން އަޅާފައިވާ ފިޔަވަޅުތައް ދޫކޮށްލަން ޖެހޭ ކަމަށް ވެސް އައިއެމްއެފް އިން ބުނެ އެވެ.

ގޯސްވަމުންދާ ހާލަތާ ގުޅިގެން ދިވެހި ސަރުކާރުން ވެސް ވަނީ ހަރަދު ކޮންޓްރޯލްކުރަން އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ލިބޭ ގޮތަށް ސަބްސިޑީ ނިޒާމު މުރާޖާކުރުމުގެ މަސައްކަތް ފަށާފަ އެވެ. އަދި އަންނަ އަހަރުން ފެށިގެން އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އަދި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އުފުލުމުގެ މަސައްކަތް ފަށާފަ އެވެ.

މި ފިޔަވަޅުތަކަށް އައިއެމްއެފް އިން ވަނީ މަރުހަބާ ކިޔާފަ އެވެ. ނަމަވެސް މިކަންކަމުގެ ނަތީޖާ ފެންނާނީ އަވަހަށް ސިޔާސަތުތައް ތަންފީޒުވެގެން ކަމުގައި ވުމުން، ލަސްނުކޮށް ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ތަންފީޒުކުރުން އަވަސްކުރަން ވަނީ އިލްތިމާސްކޮށްފަ އެވެ.