Advertisement

ކުރު ވާހަކަ: ލޯބީގެ ދެފުށް

27 ޖުލައި 2022 - 11:24 0

ފަތުހުﷲ އަހުމަދު ރަޝީދު

ފަތުހުﷲ އަހުމަދު ރަޝީދު


ކުރު ވާހަކަ: ލޯބީގެ ދެފުށް

27 ޖުލައި 2022 - 11:24 0

މެސެޖު ލިޔެލީމެވެ. ދެތިން ފަހަރަކު މެސެޖު ކިޔައިލީމެވެ. މާ ދިގު މެސެޖެއް ނޫނެވެ. ކުރު މެސެޖެވެ. އެންމެ ލަފުޒަކުން ނިންމާލެވޭ މެސެޖެކެވެ. ބުނާން ބޭނުން ހުރިހާ ވާހަކައެއް އެ ލަފުޒުން ބުނެވޭފަދަ އިބާރާތެކެވެ. ފޮނުވާން ހިތަށްއެރި އެވެ. ދެވަނަ ސިކުންތުގައި ހިޔާލު ބަދަލުވި އެވެ. ހިޔާލުތައް ދެކަފިވީ އެވެ. އަނެއްކާ ވެސް މެސެޖު ކިޔައިލީމެވެ. އިތުރު ލަފުޒެއް އިތުރުކޮށްލަންވީ އޭ ހިތަށް އެރި އެވެ.

"މިހާލަށް ދޫކޮށްލާ!" އެންމެ ފަހުން މެސެޖު ފޮނުވާލީމެވެ.

ކޮންމެ ގޮތެއް ވިޔަސް އަހަރެން ބުނާން ޖެހޭނީ އެހެންނެވެ. އަހަރެންގެ ފަސްބައިގައި އޮތީ ހިރަފުހެވެ. ކިސަޑެވެ. މިލަ އެވެ. ސާފު ފަސްބަޔެއްގެ ވެރިޔަކަށް އަހަރެން އެކަށީގެން ނުވާނެ އެވެ. ލޯބިވިޔަސް ނުވިޔަސްމެ އެވެ.

އެންމެފަހުން މޭޒުމަތީގައި ފޯނު ބާއްވާލީމެވެ. މޭޒުމަތީގައި ހުރި، ކަޅުކުލައިގެ ރޭޑިއޯގެ ގޮބަށް އަނބުރައިލީމެވެ. އަޑު ކެނޑިކެނޑިފައި އިވޭ ކަހަލަ ގޮތެއް ފާހަގަވި އެވެ. ޗެނަލް ދިމާވާ ގޮތްވީ ދެ ފަހަރަކު ފަރުވާތެރިކަމާއެކު އަނބުރައިލުމުންނެވެ. އިވެމުން ދިޔަ އަޑަށް ސަމާލުކަން ދިނީމެވެ. ދީނީ ޢިލްމުވެރިއެއްގެ ސާފު އަޑުގައި ހުރީ ރިވެތި ބަސްމަގެކެވެ. ބުނެދޭ ވާހަކަ ސާދާވެފައި ސާފެވެ. ލަފުޒުތަކުގެ ހިމުންކަން އެހައި އޮމާނެވެ. ހީވަނީ ތޫނުކޮށްފައިވާ ދުނިތަކެއް ހެންނެވެ. ކޮންމެ ލަފުޒެއް ސީދާވަމުން ދިޔައީ ހިތަށެވެ. މެއަށެވެ. އަހަރެންގެ ނަފުސަށެވެ.

ހީވާ ކަހަލަ އެވެ. އެ ހުރިހާ ވާހަކައެއް އެ އަމާޒު ކުރަނީ އަހަންނަށެވެ. އަހަންނަށް ކުރެވުނު ކުށަށެވެ. އުޅެވުނު ގޮތަށެވެ. އަހަންނަކީ އުމުރުން ތޭވީސް އަހަރަށް ގުނަމުންދާ އަންހެން ކުއްޖަކީމެވެ. ދުނިޔޭގައި މި ހޭދަވި ތޭވީސް އަހަރުގެ ތެރެއިން ދުނިޔެ ދަސްކުރާން އަހަންނަށް މި ލިބުނީ އެންމެ ތިން މަހެވެ. އޭގެ ކުރީން އަހަންނަކީ މައިންބަފައިންގެ ހިމާޔަތުގައި ހެދިބޮޑުވި ގަހެކެވެ. ހަޔާތުގެ ރަންދުވަސްތަކަށް، މަލެއްހެން އަހަރެން ފޮޅުނުއިރަށް މާބުރެއްގެ ބީހުންތަކުން އަހަރެންގެ ދުނިޔެ ބަދަލުކޮށްލީ އެވެ. އެންމެ ކަމެއް ދެކަމެއް ނޫނެވެ. އެތައްކަމެކެވެ. އެތައް ހާސް އިހުސާސެވެ.

މަޑުމައިތިރިކަމާއި މޮޅިވެރިކަމުގެ ފަރުދާ ވެސް ކެހުނީ އެވެ. ދުނިޔޭގެ ކުލަތަކަށް އަހަރެން ގެއްލި ނިމުނީ އެވެ.

"ދަރިފުޅާ! މަންމަގެ ލޮލުގެ ކޮއި ފަދައިން ގެންގުޅުނު ކުއްޖެއް މިޝްކާ ތިޔައީ! މަންމަގެ ހިތުގައި ޖަހާ ވިންދުގެ އަޑު ބާރުވަނީ. ބުނަނީ މަންމަގެ މިޝްކާ މަންމައާ ގެއްލެނީއޭ."

އަހަރެންގެ ބޮލުގައި ފިރުމައިދެމުން އެ ދުވަހު މަންމަ ދެއްކި ވާހަކައިގެ މަތިން ހަނދާންވާން ފެށި އެވެ. އެއީ އަހަރެން މާލެ އައުމަށް ފުރުމުގެ ކުރިން މަންމަ ދިން ނަސޭހަތެވެ. މަންމަގެ އުނގުގައި ބޯ އަޅައިލައިގެން އަހަރެން އޮތީ ތުއްތު ކުއްޖެއް ފަދައިންނެވެ. އަހަރެން އޮތީ ގޭގެ ބޮޑު އުނދޯލީގަ އެވެ. މަންމަގެ އެއްފައިން އުނދޯލި ހެއްލަމުން ދިޔަ އެވެ. އުނދޯލި ހެއްލައިލުމުން އެ އިވޭ ހިމުން އެހެނަސް ކުރަކި އަޑާއި މަންމަގެ ހިމަ ހިމުން އަޑު އެކުވުމުން އަހަންނަށް ކުރަމުން ދިޔަ އިހުސާސްތައް އަދިވެސް ހަނދާންވާ ކަހަލަ އެވެ.

"ބޮއްތަ ހިތް ބުނަނީ އަހަރުމެންގެ މިޝްކާ ކިޔަވައި ނިންމައިފަ ރަށު ސްކޫލަށް އައިސް އަހަރުމެންގެ ދަރިންނަށް ކިޔަވައިދޭނޭ. ރޭ ހުވަފެނުން ވެސް ބޮއްތައަށް އެ މަންޒަރު ފެނުނު."

އުނގަށް ބަތްބޮޅިއެއް ލައިގެން އެއަށް ކަށިކެޔޮ ވަކެއް ލިޔަން އިން ބޮޑުދައިތައިގެ އެއް އަތް ހޫރުވާލީ ކެޔޮވަކުގެ ވަހަށް ޖަމާވަމުން ދިޔަ މެހިތަކަށެވެ. ބޮޑުދައިތަ އިށީނދެ އިނީ ތަޅުންމަތީގައި އަޅައިފައި އޮތް އުއި ގޯންޏެއްގެ މަތީގައި ހުނިގޮނޑިއެއް ބަހައްޓައިގެން އޭގެ މަތީގަ އެވެ. ގޯނިމަތީގައި އޮތީ ދޮންވެ ރަތް އަރައިފައި އޮތް މާކަށިކެޔޮ ގަނޑެއްގެ އެއްބައިބަޔެވެ. ގަނޑުން ވަކިކޮށްލައިފައި ހުރި ބައެއް ވައްތައް ހުރީ ކެޔޮގަނޑު ކައިރީގައި ހުރި ތަގަރިއަށް އަޅައިފަ އެވެ. އެއިން ފަހަރަކު ވަކެއް ނަގައި ސާފުކުރުމަށްފަހު ބަތްޕޮޅި ތެރެއަށް ލިޔަމުން ބޮޑުދައިތަ އަނގަ ތަޅުވަމުން ދިޔަ އެވެ. މުޅި ތަން އެއްވަސްވެފައި ވަނީ ދޮން ކަށިކޭލުގެ ހިތްގައިމު ލުއި ވަހުންނެވެ.

"ބޮއްތާ! މިހާރު ކުޅު ދިޔާ ވެއްޖެ." ދޫދަށުގައި ކުޅު ގިނަވެގެން ނޯވެވިގެން ބުނެލީމެވެ.

"އަން މިޝްކާ ބޭނުން ވަރަކަށް ނަގާ،" ބޮޑުދައިތަ ބަތްޕޮޅި ދިއްކޮށްލި އެވެ. "މި ބޮއްތަގެ ހިތުގައި މިޝްކާއަށް އޮތް ލޯބި. އިރާދަކުރެއްވިއްޔާ ރަށުން ފުރާ ކޮންމެ ބޯޓަކުން ކޭލު ބޮންޑަ ފޮނުވާނަން."

ބަތްޕޮޅީގައި ހުރި ކޭލުން މުށެއް ނަގަމުން ބޮޑުދައިތައަށް ބަލައިލަމުން ހިނިތުންވެލީމެވެ. ބަދަލުގައި ބޮޑުދައިތަ ވެސް ހިނިތުންވެލި އެވެ. އިސާހިތަކު އަހަރެންގެ ވަށައިގެން މެހިތައް ޖަމާވާން ފެށި އެވެ. ލޮލާއި ބޮލާއި މޫނުގައި މެހި އަޅާން ފެށި އެވެ. މަންމަ ވެސް އެއް އަތުން އަހަރެން ސަލާމަތްކުރެވޭތޯ އުޅުނެވެ.

"ފޮޅިއްޖެ ކޮންމެ މަލަކަށް ވެސް މިހެންވާނެ. މަންމަމެން ވެސް ތި ވަރު ވެގެން މިވަރު މިވީ." މަންމަ ބުނެލީ މާނަ ފުން ވާހަކަތަކެކެވެ.

"އާނ! އަބުރާއި އިއްޒަތަކީ އެ މީހަކު ރައްކާކޮށްގެން ނޫނީ ރައްކާ ކުރެވޭނެ އެއްޗެއް ނޫން. އެ މީހަކު އަބުރަށް ސަމާލުވާނީ އެ މީހަކު." ބޮޑުދައިތަ ވެސް ބައިވެރިވެލީ މަންމައާ އެވެ.

"މުދިންބޭ ގޯތި އާދިސާ އެ ދިޔަ މަގުން މަގޭ މި ދަރިއެއް ނުދާނެ. އެއަށްވުރެ ރަނގަޅަށް މަ މި ދަރި ބެލިން. ލޯބިދިނިން. މަ ލޮލުގެ ކޮއި ފަދައިން ގެންގުޅުނިން." ޔަގީންކަމާއެކު މަންމަ ބުނެލި އެވެ.

"އާދިސާ ވެސް މަގު އެޅީ ތަރުބިއްޔަތުގެ މައްސަލައަކުން ނޫން. އެ ދޮން ހައްވައަކީ ކިހާ މަޑުމައިތިރި ކިހާ ހުލްގު ހެޔޮ މީހެއް. އެކަމަކު އެ ކަތީބުގޭ އާދަންފުޅާ ޖެހި އެ ކުއްޖާ ފަކީރު މުޅި ރަށަށް ގިނަވީ. ތުނޑިމަތިން، ހޭޅިފަށުން ބާޑީފަށުން އުޅިއުޅިފަ ގޯސްމަގުން ދެވުނީ. ކަތީބަށް އެކަން މޭރުންވީއިރަށް އެ ދެ މީހުން ވަކިކޮށްލީ. އެންމެފަހުން އެ ސޮރު ކަރަޔަށް ފޮނުވީ. އެ ހުރިހާ ކަމެއް ހިނގީ ދޫކޮށްލި ތީރެއްހެން. އެއީ އިއްތިފާގެއް ނޫން. އެ ހަމަ ކަތީބުގެ މަކަރުވެރިކަން. ކޮބައިތަ އެ ކުދިން ގުޅިގެން އުޅުމަކުން ވާނެ ދެރައެއް؟"

"އެ ހަމަ ޒާތީ ހަސަދަ،" މަންމަ ފުން ނޭވާއެއް ބޭރުކޮށްލި އެވެ. "އާދިސާ ވެސް ހުރަސްކުރާން ނުވާ މަގެއް ހުރަސްނުކުރި ނަމަ ރަށަށް ގިނަވެ ރަށްމެދަށް ނުކުންނާކަށް ނުޖެހުނީސް."

"އާނ! އެ އަހަރެން ވެސް މި ދައްކާ ވާހަކައަކީ. ލޯބިވުމަކީ ގޯހެއް ނޫނޭ. ގޯހަކީ ހުރަސްކުރާން ނުވާ މަގުތައް ހުރަސްކުރެވޭތީ،" ބޮޑުދައިތަ ފުން ނޭވާއެއް ދޫކޮށްލި އެވެ. "އެ ދެމީހުން ހީކުރީ އެ މަގުން ދިޔައީމަ ކަތީބު ވެސް ގަބޫލުވާނެ ކަމަށް."

"އެހެންވީމަ މި ބުނަނީ، ކަމެއް ކާމިޔާބުކުރާން ވެސް، ބަޔެއްގެ ރުހުން ހޯދާން ވެސް ގޯސްމަގުން ހިނގައިގެން ނުވާނޭ." މަންމަ އަހަރެންގެ މޫނަށް ބަލައިލި އެވެ.

ނިއުޅެމުން ދިޔަ މާޒީގެ ސަފުހާތަކުގެ ތެރެއިން އަހަންނަށް މަޑުމަޑުން ނުކުމެވުނެވެ. އޭރު ކަންފަތުގައި ގުގުމަމުން ދިޔައީ ރޭޑިއޯއިން އިވެމުން ދިޔަ ދަރުހުގެ އަޑެވެ.

"ދުނިޔޭގެ ލައްޒަތާއި އަރާމަށް ޓަކައި ދުނިޔޭގެ ކުލަތަކަށް ހެއްލިއްޖެ މީހާ ދަންނާށެވެ. އެ މީހާ ވާކަން ކަށަވަރީ ދެ ދުނިޔޭގެ އަބާއްޖަވެރިއެއް ކަމުގައެވެ."

އެންމެ ފަހުން އެ އަޑުތައް އިވުމުން ބޮލަށް ވެސް އުނދަގޫވާން ފެށި އެވެ. އެންމެފަހުން ރޭޑިއޯ ނިންވާލީމެވެ.

ދޮރުގައި މީހަކު ޓަކި ޖަހައިލީ އެ ވަގުތު އެވެ. އަހަރެންގެ ހިތް މަޑުމަޑުން ތެޅިގަތެވެ. އަނެއްކާ ވެސް ޓަކި ޖަހައިލި އެވެ. ކުރިއަށްވުރެ ބާރަށެވެ. ހީވީ ހިތުގައި ޖަހައިލި ހެންނެވެ. އަތްފައި ފިނިވެ މީހާ ގަނޑުވާން އުޅޭކަމުގެ އިހުސާސްކުރެވުނެވެ. މަޑުމަޑުން ގޮނޑިން ތެދުވެ ހިނގައިގަތީމެވެ.

އޭރު ވެސް ދޮރުގައި ޓަކި ޖަހަމުން ދިޔަ މީހާ ޓަކި ޖަހަމުން ދިޔަ އެވެ. އަހަރެންގެ މުޅި ހަށިގަނޑުގައި ތުރުތުރުގެ އިހުސާސްކުރެވެމުން ދިޔަ އެވެ. މަޑުމަޑުން އަތް ހިއްލައިލީމެވެ. ދޮރުގައިވާ ލޯވަޅުން ބޭރު ބަލައިލީމެވެ. އެއާއެކު ދެ ލޯ ބޮޑުވި އެވެ. އަނގަ ހުޅުވުނެވެ. ބޭއިހުތިޔާރުގައި އަހަންނަށް އަނގަމަތީގައި އަތް އެޅުނެވެ. ދެ ލޮލަށް ގިނަވަމުން ދިޔަ ކަރުނަތައް ކޯތާފަތް ހުރަސްކޮށް ދަތްދޮޅިން ތިކި ޖަހަމުން ދިޔަ އެވެ.

"މިޝްކާ! ދޮރު ހުޅުވަބަލަ." ފަނޑުގޮތަކަށް އިވެމުން ދިޔައީ ނިޒާރުގެ އަޑެވެ.

ނިޒާރު އެއީ ކީއްކުރަން ހެއްޔެވެ؟ އޭނާއަށް ޓަކައި އަހަރެން ދޭން އޮތީ ކޮން އެއްޗެއް ހެއްޔެވެ؟ އަހަންނަކީ އޭނާއަށް އެކަށީގެންވާ މީހެއް ހެއްޔެވެ؟ ނޫނެކެވެ. އަހަރެން މިއީ އެއަށްވުރެ މުޑުދާރު މީހެކެވެ. ނިޒާރު ހިނގާ މަގަކުން ވެސް އަހަރެން ފަދަ މުޑުދާރު މީހަކު ހިނގަން ވެސް ނުވާނެ އެވެ. މިއަދު އަހަންނަކީ ނީލަމެއްގައި އޮތް ފިނިފެން މަލެކޭ އެއްފަދަ މީހެކެވެ. އެތައް ބަޔަލު ކަޅި އަޅައި ފިރުމާ އަތްހާކާފައި އޮތް ފިނިފެން މަލެކޭ ތަފާތެއް ނެތް މީހަކެވެ.

ނިޒާރު ދެފަހަރަކަށް ދޮރުގައި ޖަހައިލި އެވެ. އެންމެ ފަހުން އަހަރެން ދޮރު ހުޅުވާލީމެވެ. އޭނާ އެތެރެއަށް ދެމިގަތެވެ. އަހަރެން ދުރަށް ޖެހިލީމެވެ.

"މިޝްކާ!" ނިޒާރު އޯގާތެރިކަމާއެކު ބުނެލި އެވެ.

އަހަންނަށް އިސްޖަހައިލެވުނެވެ. ނިޒާރާ ހަތަރުކަޅި ހަމަކޮށްލާ ބަލައިލަން ވެސް ނުކުރުނެވެ.

"އަހަންނަށް އެނގޭ ހުރިހާ ކަމެއް. އެ ހުރިހާ ކަމެއް އެހެން ހުއްޓާ ވެސް އަހަރެން މި އައީ މިޝްކާގެ މީހަކަށް ވުމަށް. އަހަންނަށް އެނގޭ މިޝްކާއަށް ތިހެން ދިމާވީ މިޝްކާއަށް ގޯސްމަގު ދެއްކި ރަހުމަތްތެރިންގެ ސަބަބުންކަން. މިކަމުގައި މިޝްކާ ވެސް މިސްޓޭކް އޮންނާނެކަން ވެސް. މިހެންވީ ވެސް މިޝްކާ މާލެ އައިސް ރަށުގެ ހަނދާންތަކުން ނުނިކުމެވި އުޅެނިކޮށް އެމީހުން އަތުގައި ހިފުނީމަކަން." ނިޒާރު ކުރިއަށް ޖެހިލި އެވެ.

"އަހަންނަކީ ކުށްވެރިއެއް." އަހަންނަށް ރޯން ފެށުނެވެ.

ނިޒާރު އައިސް އަހަރެންގެ ދެ ކޮނޑުގައި ހިފައިލި އެވެ. އަހަންނަށް ދުރަށް ޖެހިލެވުނެވެ. އަނެއްކާ ވެސް ނިޒާރު އަހަރެންގެ ގާތަށް ޖެހިލި އެވެ.

"ކުށެއްކުރެވުނީމަ އޮތް މަގަކީ ތައުބާވުން. ތައުބާގެ ދޮރަކީ ހުޅުވިފައި ހުންނަ ދޮރެއް. ކުށެއް ނުކުރެވޭ އިންސާނަކު މަދުވާނެ. އެހެންވީމަ އަހަރެން ގަބޫލުކުރަނީ ފުރުސަތު ދޭން ވާނެކަން. އިސްލާހުވުމަށް މަގު އޮންނަނީ ވެސް އެހެންވީމަކަން." ނިޒާރު އަހަންނަށް ވިސްނައިދެވޭތޯ ބެލި އެވެ.

"އަހަރެން މަންމަމެންނަށް..." އަހަންނަށް ބުނެވުނީ އެ ވަރަށެވެ.

"އަހަރެން މި އައީ ހުރިހާ ކަމެއް ތަރުތީބުކޮށް ރާވައިގެން." ނިޒާރު ބުނެލި އެވެ.

"އެ ކޮން؟" ހައިރާންކަމާއެކު އަހަންނަށް ދެ ލޯ ބޮޑުކޮށްލެވުނެވެ.

"އޮސްޓްރޭލިއާއަށް ދާން. އަހަންނާއެކު. އަހަރެން އެހާ ދުރުން މި އައީ ވެސް މިޝްކާއަށް ކޮށްފައި ހުރި އަސަރުގެ ބޮޑުކަމުން. އެކަން އެންމެ ރަނގަޅަށް އިހުސާސްވާތީ. ދެ ދުވަހަށް ކިޔެވުން ދޫކޮށްލައިފަ ވެސް މިޝްކާ ސަލާމަތުގެ އައްސޭރިއަށް ގެންދެވޭތޯ. މިޝްކާ ވެސް އެކޮޅަށް ގޮސް ކިޔަވާނީ." ނިޒާރު ބުނެލި އެވެ.

އަހަންނަށް އަތް ޖައްސާލެވުނީ އަހަރެންގެ ބަނޑުގަ އެވެ. ނިޒާރު ލުއި ގޮތަކަށް ހިނިތުންވެލި އެވެ.

"މި ދަރިފުޅު ބޮޑުކުރުމުގެ ހުރިހާ ޒިންމާއެއް ނަގާނީ އަހަރެން. ދީނުގައި އަންގަވާފައިވާ އިމުގެ ތެރެއިން މިޝްކާ ވާނެ އަދަބު ލިބިގަންނަން. އެއަށްފަހު އަހަރެންގެ މީހަކަށް މިޝްކާ ހަދާނަން. އަދި މި ދަރިފުޅު ބޮޑުވެގެން ދާނީ އަހަރެންގެ ބެލުމުގެ ދަށުން. މިޝްކާގެ މަންމަމެންނަށް މިކަން އެނގެންވާނެ. ކޮންމެހެން އެހެން ބަޔަކަށް މިކަން އަންގާނެ ކަމެއް ނެތް." ނިޒާރު އަހަރެންގެ ދެ އަތުގައި ހިފައިލި އެވެ.

"ރިޗޫ؟" އަހަންނަށް ބުނެލެވުނެވެ.

"އޭނާ ހަވާލެއް ނުވާނެ. އެހެން ނޫނަސް ހަމަ ހޭގައި ހުރެގެންތާ ކަމަކާ ހަވާލުވާނީ ވެސް. މިޝްކާއަށް ޔަގީންވިޔަސް އޭނާ ބުނާނީ ތިމަންނައަކަށް ނޭނގެޔޭ. ކިހިނެއްހޭ އެނގޭނީ އެހެން މީހުން..." ނިޒާރުގެ މޫނުމަތިން ދެ ތިން ރޫ ހިއްލައިލި އެވެ. "އަހަރެން ވާހަކަ ވެސް ދައްކައިފިން. އެއްބަހެއް ނުވި."

އަހަންނަށް ރޮއިގަނެވުނެވެ. ބަޑިފަޅައިގެން ދިޔައީ އެވެ. ހިތުގައި ހުރި ހުރިހާ އުދާސްތަކެއް ބޭރުވާން ވެސް ފެށީ އެވެ. ކޮންމެ ގޮތެއް ވިޔަސް މިހާރު މި ނޫން ގޮތެއް ނެތެވެ. ލޯބީގެ އުދަރެހަށް އަރާނީ ވެސް އެކި ކުލަ އެވެ. ބައެއްފަހަރު ރަންރީނދޫކުލަ އެވެ. އަނެއްބައި ފަހަރު ކަޅު އަޅިކުލަ އެވެ. ބައެއް ފަހަރު މަޑު ފިޔާތޮށިކުލަ އެވެ. އެއްވެސް ކުލައަކީ އަބަދަށް ހުންނާނެ ކުލައެއް ނޫނެވެ. އެކަން ޖެހޭނީ ގަބޫލުކުރާށެވެ. އަހަންނަށް ހުރިހާ ކަމެއް މި ވިސްނުނީ ރަނގަޅަށް ފަރިނުވަނީސް މި ކުލަތަކުގެ އަވާގައި ޖެހުމުންނެވެ. ރިޗޫއާ މާ ބޮޑަށް ކައިރިވެވުމުންނެވެ. އޭނާގެ ހިޔަނީގައި ބޮސްދެވުމުންނެވެ. ދުވާލަކަސް ރޭނގަޑަސް ހިތަށާއި ބޮލަށް ރިޗޫ ލެވުނީމަ އެވެ.

ހުރިހާކަމެއް އެނގޭނީ ރިޗޫއަށެވެ. އެކަމަކު އޭނާ އަހަރެން ދޫކޮށްލީ އެވެ. ހާލުގައި ޖެހުނު ދުވަހު ވީ ލޯބީގެ އަގު ނެތުނީ އެވެ. ދުރުގައި މާ ދުރުގައި ހުރެފައި އަހަރެން ސަލާމަތް ކުރާން އެ އައީ ނިޒާރެވެ. ލޯބީގެ ދެ ފަރާތުގެ ސާފު މަންޒަރު އަހަންނަށް ފެނިއްޖެ އެވެ. އަހަރެން ފުރުސަތު ނުދިނުމުން ވެސް ނިޒާރު ހުރީ އަހަރެންގެ މީހެއްގެ ގޮތުގައެވެ. ޅަ އިރުގެ ރަހުމަތްތެރިއެއްގެ ގޮތުގަ އެވެ. އޭރު ވެސް ނިޒާރު ބުނާ ވާހަކައެއް އޮވެ އެވެ.

"އަހަރެންގެ އަލަތު އަނތްބަކަށް ވާނީ މިޝްކާ!"

އެ ހަނދާންތައް އާވި އެވެ. ކުލަ ނުވާ އެ މަންޒަރުތަކާއެކު އަހަރެންގެ ދެ ލޯ ބޮޑުވި އެވެ.

"ކީއްވެ އެހެން ބުނަނީ އޭރު؟ އެހެން މިވީ ކީއްވެ؟" އަހަންނަށް ނިޒާރާ ހަތަރުކަޅި ހަމަކޮށްލެވުނެވެ.

"ތިޔައީ އަހަރެން ހުވަފެނުގެ ރާނީ. މި ވާހަކަ މި ނިމުނީ ހަމަ އެ ހުވަފެނުގައި ފެންނަ ގޮތަށް." ނިޒާރު އަހަންނާ ދިމާއަށް ބަލައިލި އެވެ.

މަޑުމަޑުން އަހަންނަށް ނިޒާރުގެ ގައިގައި ބައްދާލެވުނެވެ.

(ނިމުނީ)