Advertisement

ފީފާގެ ލޯން ގަވާއިދާ ހެދި ޗެލްސީން ކުޅުންތެރިންތަކެއް ވިއްކާލަނީ

27 ޖުލައި 2022 - 07:10 0

ޗެލްސީން ވިއްކާލާނެ ކުޅުންތެރިންގެ ތެރޭގައި 2020 ވަނަ އަހަރު ބާސެލޯނާ އިން ގެނައި ނެދަލެންޑްސްގެ އެމްބުޔަމްބާ ހިމެނޭ.


ފީފާގެ ލޯން ގަވާއިދާ ހެދި ޗެލްސީން ކުޅުންތެރިންތަކެއް ވިއްކާލަނީ

27 ޖުލައި 2022 - 07:10 0

ލަންޑަން (ޖުލައި 27) - ފީފާ އިން މި ފަހަރުގެ ޓްރާންސްފާ މާކެޓްގެ ތެރޭގައި އަމަލުކުރަން ނިންމާފައިވާ ލޯން އުސޫލުން ކުޅުންތެރިން ދޫކުރެވޭ އާ ގަވާއިދާ އެއްގޮތަށް ކުރިއަށްދާން ޖެހޭތީ ޗެލްސީން ބައެއް ކުޅުންތެރިން ވިއްކާލަން ނިންމައިފި އެވެ.

ފީފާ އިން އެކުލަވާލި ގަވާއިދުގައިވާ ގޮތުން ކްލަބްގެ މެޗުތަކުގައި އެކަށީގެންވާ ވަރަށް ނުކުޅެ ތިބި 21 އަހަރުން މަތީގެ ކުޅުންތެރިންގެ ތެރެއިން އެއް ފަހަރާ ލޯނަށް ދޫކުރެވޭނީ އަށް ކުޅުންތެރިންނެވެ. އެ ކޯޓާ ތެރެއަށް ފައްތައިގެން ކުރިއަށްދާން ޖެހޭތީ ޗެލްސީން ވިއްކާލަން ނިންމި ކުޅުންތެރިންގެ ތެރޭގައި ޒަވިއޭ އެމްބުޔަމްބާ، 20، އާއި މެޓް މިއާޒްގާ، 27، އަދި ބާބާ ރަހުމާން، 28، ހިމެނެ އެވެ.

މިދިޔަ ސީޒަނުގައި ޗެލްސީން ވަނީ އެ ކްލަބުން އެކަނި ވެސް 33 ކުޅުންތެރިން ލޯން އުސޫލުން ދޫކޮށްފަ އެވެ. އެއީ އެކެޑަމީން ފެށިގެން ސީނިއާ ލެވަލާ އެކު މުޅި ޖުމްލަ އަދަދެވެ. ޗެލްސީން ވަނީ ފުރުސަތު ނުދެވި ތިބި ގިނަ ކުޅުންތެރިންގެ ކޮންޓްރެކްޓް ބާތިލްކޮށްފަ އެވެ. އަދި ބައެއް ކުޅުންތެރިން ވިއްކާލާ ލިސްޓުގައި ވެސް ހިމަނާފައިވެ އެވެ.

މީގެ ދެ އަހަރު ކުރިން ބާސެލޯނާގައި ހުއްޓައި ޗެލްސީއަށް ގެނައި އެމްބުޔަމްބާ އަކީ ވަރަށް އުންމީދު އޮވެގެން ސޮއިކުރި ކުޅުންތެރިއެކެވެ. އެކަމަކު، ފުރަތަމަ ސީޒަނުގައި އަނިޔާގެ ގިނަ ސަބަބުތަކެއް ދިމާވެ، ރިޒާވް ލީގުގައި އޭނާ އަށް ކުޅެވުނީ އެންމެ ފަސް މެޗެވެ. ޔޫތު މުބާރާތްތަކުގައި މިދިޔަ އަހަރު އެމްބުޔަމްބާ ވަނީ 26 މެޗު ކުޅެ، އިނގިރޭސި ލީގު ކަޕްގައި ޗެލްސީން ބްރެންޓްފޯޑާ ކުޅުނު މެޗުގެ ސްކޮޑުގައި ހިމެނިފަ އެވެ.

ނިއުޔޯކް ރެޑް ބުލްސް ދޫކޮށް 2016 ވަނަ އަހަރު ޗެލްސީ އަށް ގެނައި، މިއާޒްގާ އެ ޓީމުގެ ކޮންޓްރެކްޓްގައި ހުރި ހަ އަހަރާއި ބައިގެ ތެރޭގައި ކުޅުނީ ސީނިއާ އެންމެ ދެ މެޗެވެ. އޭނާ ގިނައިން ކުޅެފައި ހުރީ ލޯން އެއްބަސްވުމެއްގެ ދަށުން އެކި ޓީމުތަކަށެވެ. އެ ގޮތުން ލޯނަކަށް ގޮސް، މިއާޒްގާ ވަނީ ވިޓެސޭ އާންހެމް، ނޯންޓެސް، ރެޑިން، އެންޑަލެކްޓް އަދި އަލާވެސް އަށް ކުޅެފަ އެވެ.

ގާނާ ގައުމީ ޓީމުގައި ހިމެނޭ ބާބާ ރަހުމާން ޗެލްސީއާ ގުޅުނީ 2015 ވަނަ އަހަރު ޖަރުމަނުގެ އޯގްސްބާގުންނެވެ. ފުރަތަމަ ސީޒަނުގައި ބާބާ ރަހުމާން ވަނީ 23 ފަހަރު ސީނިއާ ޓީމަށް ކުޅެފަ އެވެ. އެކަމަކު، އޭގެ ފަހުން އެކި ޓީމުތަކަށް ލޯން އުސޫލުން ބާބާ ރަހްމާން ވަނީ ކުޅެފަ އެވެ. ލޯން ޑީލެއްގެ ދަށުން ބާބާ ރަހުމާން ކުޅެފައިވާ ކްލަބްތަކުގެ ތެރޭގައި ޝާލްކާ، ރެއިމްސް، މަޔޯކާ، ޕީއޭއޯކޭ އަދި ރެޑިން ހިމެނެ އެވެ.

މި ފަަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީން ވަނީ މެންޗެސްޓާ ސިޓީގެ ރަހީމް ސްޓާލިން އާއި ނަޕޯލީގެ ކަލީދޫ ކުލިބާލީ ގަނެފަ އެވެ. ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޗެލްސީން މިހާރު އަންނަނީ ޓިމޯ ވާނާ ވިއްކާލާފައި ޓޮޓެންހަމް ހޮޓްސްޕާސްގެ ތަރި ހެރީ ކޭން ގަންނަން މަސައްކަތް ކުރަމުންނެވެ.