Advertisement

ސްވިޑެން ކަޓުވާލައި އިންގްލެންޑް އަންހެނުންގެ ޔޫރޯގެ ފައިނަލަށް

27 ޖުލައި 2022 - 02:56 0

ލަނޑު ޖެހުމަށް ފަހު އިންގްލެންޑް ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ސްވިޑެން ކަޓުވާލައި އިންގްލެންޑް އަންހެނުންގެ ޔޫރޯގެ ފައިނަލަށް

27 ޖުލައި 2022 - 02:56 0

ޝެފީލްޑް، އިންގްލެންޑް (ޖުލައި 26) - ސެމީ ފައިނަލުގައި ސްވިޑެން އަތުން 4-0 އިން މޮޅުވެ، އިންގްލެންޑުން އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަަތަމަ ޖާގަ ހޯދައިފި އެވެ.

އިންގްލެންޑުން އާ ކޯޗު ސަރީނާ ވިއެމަންގެ ކޯޗުކަމުގައި ބަލިނުވެ، 19 މެޗު ހަމަކުރި އިންގްލެންޑް ޓީމުން އަންހެން ފުޓްބޯޅައިގެ ބައިނަލްއަގުވާމީ ބޮޑު ފައިނަލެއްގައި މި ވާދަކުރަނީ 13 އަހަރު ތެރޭ ފުރަތަމަ ފަހަރަށެވެ. މި ފަހަރުގެ އަންހެނުންގެ ޔޫރޯ ފައިނަލް އޮތީ އަންނަ އާދިއްތަ ދުވަހު ވެމްބްލީ ސްޓޭޑިއަމްގަ އެވެ. އިންގްލެންޑް ނުކުންނާނީ ޖަރުމަނު ނޫނީ ފްރާންސާ ދެކޮޅަށެވެ.

އެންމެ ފަހުން އޮތް އޮލިމްޕިކްސްގެ ފައިނަލުގައި ކުޅުނު ސްވިޑެން ކައިރީގައި އިންގްލެންޑުން ނަތީޖާ ނެރުނީ މޮޅަށް ކުޅެގެންނެވެ. ފުރަތަމަ 25 ވަރަކަށް މިނިޓް ސްވިޑެން އިން ރަނގަޅަށް ކުޅެން މަސައްކަތް ކުރި ނަމަވެސް އިންގްލެންޑުން ވަނީ 34 ވަަނަ މިނިޓްގައި ބާތު މީޑްގެ ގޯލުން ލީޑުނަގައިފަ އެވެ. މި ފަހަރުގެ މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހާފައިވާ މީޑް އަށް ލިބުނު ފުރުސަތުން ހަމަޖެހިލާފައި އޭނާ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ލަނޑު ޖެހުމަށް ފަހު އިންގްލެންޑް ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ތިން ވަނަ މިނިޓްގައި ލޫސީ ބްރޯންޒް ބޮލުން ޖެހި ގޯލުން އިންގްލެންޑުން ލީޑުފުޅާކުރި އެވެ. އެކަމަކު، އޭގެ ފަހުން ސްވިޑެން އިން ގިނަ ކޯނަރުތަކެއް ހޯދައި، އެޓޭކްކޮށް އިންގްލެންޑަށް ޕްރެޝަރު ބޮޑުކޮށްލި އެވެ. އިންގްލެންޑްގެ ހާސްކަން ފިލައިދިޔައީ ބަދަލަކަށް ކުޅެން އެރި، އަލޭސިއާ ރޫސޯ ޖެހި ހިތްގައިމު ގޯލުންނެވެ. ކުޅެން އެރިތާ 11 މިނިޓް ތެރޭ، މެޗުގެ 68 ވަނަ މިނިޓްގައި ރޫސޯ މި ގޯލު ޖެހީ ބެކްހީލް އަކުންނެވެ. އޭގެ އަށް މިނިޓް ފަހުން ފްރޭން ކާބީ ހަމަޖެހިލާފައި ވައްދާލި ގޯލުން އިންގްލެންޑް ފައިނަލުގެ ފުރަތަމަ ޖާގަ ޔަގީންކުރި އެވެ.

އެންމެ ފަހުން 2017 ވަަނަ އަހަރުގެ އަންހެނުންގެ ޔޫރޯގައި އިންގްލެންޑް ސެމީ ފައިނަލުގައި ބަލިވީ އެ ފަހަރުގެ ޗެމްޕިއަން ނެދަލެންޑްސް އަތުން 3-0 އިންނެވެ. މި ފަަހަރު އިންގްލެންޑް ފައިނަލަށް ގޮސްފައިވާއިރު، ފުރަތަމަ ފަހަރަށް ޔޫރަޕްގެ ޗެމްޕިއަންކަން، އަމިއްލަ ފަސްގަނޑުގައި ކުޅެގެން ހޯދަން އެ ޓީމު އޮތީ ކެތްމަދުވެފަ އެވެ.