Advertisement

ގިނަ ބަދަލުތަކާއެކު ވެސް މާޒިޔާ އަށް ފަސޭހަ މޮޅެއް

26 ޖުލައި 2022 - 20:22 0

މާޒިޔާގެ އިބްރާހިމް ވަހީދު (އިއްބެ) މިއަދުގެ މެޗުގެ ތެރެއިން ޔުނައިޓެޑް ވިކްޓަރީގެ ގޯލަށް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ގިނަ ބަދަލުތަކާއެކު ވެސް މާޒިޔާ އަށް ފަސޭހަ މޮޅެއް

26 ޖުލައި 2022 - 20:22 0

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު، ޔުނައިޓަޑް ވިކްޓަރީ އަތުން 4-0 އިން ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ފަސޭހަމޮޅެއް ހޯދައިފި އެވެ.

ލީގުގައި ބާކީ ދެ މެޗު އޮއްވައި، ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ދިވެހި ލީގުގެ ޗެމްޕިއަންކަން ކަށަވަރުވުމާއެކު، މާޒިޔާ އިން މިއަދުގެ މެޗު ފެށީ ގިނަ ބަދަލުތަކާ އެކު އެވެ. ލީގު ކާމިޔާބުކުރުމަށް ފަހު، އެ ޓީމުގެ ހެޑް ކޯޗަކަށް ހުރި ސާބިއާގެ މިއޮގްރާޑް ޖެސިކް ވަނީ އެ ކްލަބުން ވަކިވެ، ސައުދީ އަރަބިއްޔާގެ ޓީމަކާ ހަވާލުވެފަ އެވެ. އެހެންކަމުން، މިއަދުގެ މެޗުގައި މާޒިޔާ އަށް އިރުޝާދު ދިނީ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒައިރު (ކޮއްކޮ) އެވެ.

މި މެޗުގައި މާޒިޔާގެ ފުރަތަމަ 11 ގައި އާންމުކޮށް ކުޅޭ ގައުމީ ޓީމުގެ ކުޅުންތެރިން ކަމަށްވާ ސަމޫހް އަލީ (ސަމުއްޓޭ) އާއި ހައިޝަމް ހަސަން (ބިޑި) އާއި ގޯލްކީޕަރު ކިރަން ކުމާރު ލިމްބޫ އާއި މުހައްމަދު އިރުފާން (އިރޭ) އާއި ފޯވަޑް ކޯނީލިއަސް ސްޓުވާޓް (ކޯނޭ) އަދި މި ސީޒަންގައި މޮޅު ކުޅުމެއް ދައްކާފައިވާ ސްޕެއިންގެ މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒް ނުކުޅެ އެވެ.

ފުރަތަމަ 11 ގައި، ގިނަ ދުވަސްތަކަކަށް ފަހު ތަޖުރިބާކާރު ޑިފެންޑަރު އަހްމަދު އަބްދުﷲ (ލިލީ) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށް ވަނީ ފުރުސަތު ދީފަ އެވެ. މި މެޗުގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ފުރަތަމަ 11 ގައި ކުޅުނު ނަމަވެސް، ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

މާޒިޔާ މެޗުގައި ލީޑު ނެގީ 13 ވަނަ މިނިޓުގައި ނާއިޒް ހަސަން (ދާދު) ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑު ޖެހުމުގެ ކުރިން ވެސް، މާޒިޔާ އިން ވަނީ ރަނގަޅު ދެ ތިން ފުރުސަތެއް ބޭކާރުކޮށްލައިފަ އެވެ. ދާދު މުޅިން ހުސްކޮށް ހުރެ، ގޯލުގެ ރޮނގު ކައިރިން ގޯލަށް ބޯޅަ ވައްދާލިއިރު، މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނުމުގައި ބުރަ މަސައްކަތެއް ކުރީ އިއްބެ އެވެ. އަރިމަތިން ޔޫވީގެ ޑިފެންޑަރެއް ކައިރިން ދެމިގަނެ، ގޯލުގެ ކުރިމައްޗަށް އިއްބެ ބޯޅަ ހުރަސްކޮށްލިއިރު ދާދު ހުރީ މުޅިން ހުސްކޮށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން، މާޒިޔާ އިން ވަނީ އިތުރު ދެ ލަނޑު ޖަހައިފަ އެވެ. މެޗުގެ 16 ވަނަ މިނިޓުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުންދިޔަ ހަމްޕު އެވެ. އަދި ފުރަތަމަ ހާފު ނިމެނިކޮށް، އިއްބެ ވަނީ މާޒިޔާ އަށް ތިން ވަނަ ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ.

މާޒިޔާގެ ހަތަރު ވަނަ ލަނޑު މެޗުގެ 62 ވަނަ މިނިޓުގައި ޖެހީ މޫސާ ޔާމީން (ޔާމްބެ) އެވެ. ޔޫވީގެ އޭރިޔާ ތެރެއިން، ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު، ޔާމްބެ ގޯލަށް ބޯޅަ އަމާޒުކޮށްލިއިރު، ޔޫވީގެ ގޯލު ބަލަހައްޓަމުންދިޔަ ތޮލާލް ހަސަން (ޓޮޕްލަކް) އަށް ހަރަކާތެއް ވެސް ކޮށްލެވޭ ގޮތެއް ނުވި އެވެ.

މެޗުގެ ދެ ވަނަ ހާފުގައި، ޔޫވީ އަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އެ ޓީމުގެ ބެލާރޫސްގެ ފޯވަޑް އީވާން ވެރާސް، އަށް ލިބުނު ހުރަސް ފުރުސަތެއްގައި އޭރިޔާ ތެރެއަށް ވަދެ، ދެ ވަނަ ހާފުގައި މާޒިޔާގެ ގޯލު ބަލަހައްޓަން އެރި ހުސެއިން ޝަރީފް ކައިރިން ނައްޓާލި ނަމަވެސް، އޭނާ އަށް ގޯލަށް ބޯޅަ ފޮނުވާލުމުގެ ކުރިިން މާޒިޔާގެ ޑިފެންޑަރުން ވަނީ އެ ބޯޅަ ދިފާއުކޮށްފަ އެވެ.

މި މެޗުން މޮޅުވެ، ލީގު ޗެމްޕިއަން މާޒިޔާ އިން ވަނީ 57 ޕޮއިންޓް ހަމަކޮށްފަ އެވެ. ޔުނައިޓެޑް ވިކްޓަރީ އޮތީ 26 ޕޮއިންޓާ އެކު ތާވަލްގެ ފަސް ވަނައިގަ އެވެ.

ދިވެހި ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު އީގަލްސް އާއި ކްލަބް ވެލެންސިއާ އެވެ.