Advertisement

މިނިވަންކަން ގުޅިފައިވަނީ އިގުތިސާދާއި އެވެ.

26 ޖުލައި 2022 - 14:06 0

އަހުމަދު އަލާ ދީދީ

އަހުމަދު އަލާ ދީދީ


މިނިވަންކަން ގުޅިފައިވަނީ އިގުތިސާދާއި އެވެ.

26 ޖުލައި 2022 - 14:06 0

ފުދުންތެރިކަމާއި ތިޔާގިކަމެވެ. ތަނަވަސްކަމާއި ފޯރުންތެރިކަމެވެ. އަޅުވެތިކަމާއި ދުރަށް ގެންގޮސްދޭ އަސާސްތަކަކީ މިއީއެވެ. މިފަދަ ސިފަތަކެއް ލިބިފައި ނުވާ ބަޔަކަށް އަބަދުވެސް ތިބެންޖެހިފަ ވާނީ ކޮންމެވެސް ޒާތެއްގެ އަޅުވެތިކަމެއްގެ ތެރޭގައެވެ. ފަރުދީ ގޮތުން ނުވަތަ ޖަމާޢީ ގޮތުން ބެލިކަމުގައި ވިޔަސް މިކަމުގައި ތަފާތެއް ނުވެއެވެ. މިހެންކަމުން ޤައުމެއްގެ މިނިވަންކަމާއި މެދަށް ވިސްނާއިރު އެބަޔެއްގެ މުސްތަޤިއްލުކަން ނެގެހެއްޓުމުގައި އެންމެ އިސް ދައުރެއް އަދާކުރަމުން ދާނީ އެބަޔެއްގެ އިޤުތިޞާދުކަން ގައިމެވެ.

އާއެކެވެ! މިއީ ދުނިޔޭގެ ތާރީޚު ދެއްކި ހަގީގަތެވެ. އިހު އެވޭލާ ރޫމީންނަށް ބަލާށެވެ. އެމީހުންގެ ދައުލަތުގެ އާރާއި ބާރު ފުޅާވެ ތަނަވަސްވެ ދިޔުމުގެ މައި އަސާސް ގުޅިފައި އޮތީ ކޮންކަމަކާތޯއެވެ؟ ވިޔަފާރި ފުޅާވެ ތަނަވަސްވުމާއި ނޫންތޯއެވެ! ރޫމީންގެ އޮޑިފަހަރު މި ކަނޑުގައި ދެކޮޅަށް ދުވެ ނެގީ މި ކަނޑުގެ ވިޔަފާރި ކޮންޓުރޯލު ކުރުމަށެވެ. އޭގެ ފަހަށް ޢަރަބީންނެވެ. އިހު އެވޭލާ ޢަރަބީންގެ ދައުލަތްތައް ކުރިއަރާ ދިޔައީވެސް މި ކަނޑުގައި އެބައިމީހުންގެ އޮޑިފަހަރުތައްވެސް ދެކޮޅަށް ދުއްވާ ނަގަމުންނެވެ. ދެން ޕޯޗުގީޒުންގެ ވާހަކަ އެންމެ ބޭކަލުންވެސް އައްސަވާނޫއެވެ. އެބައިމީހުންގެ އަޅުވެތިކަމަށް ހަމައެކަނި ވެއްޓުނީ ދިވެހީންތޯއެވެ؟ ނޫނެކެވެ! މުޅި މި ސަރަޙައްދެވެ. އެމީހުންގެ ބޭނުމާއި މަގުސަދަކީ ކޮބައިހެއްޔެވެ؟ އިންޑިޔާ ކަނޑުގެ ވިޔަފާރިއެވެ. އޭގެން އެބައިމީހުންގެ ދައުލަތުގެ އާރާއި ބާރު ގަދަވުމެވެ.

އެއީ އިއްޔެގެ ވާހަކައެވެ. ދުނިޔޭގެ ޚަބަރުތަކުގެ މައްޗަށް ކުޑަ ނަމަވެސް ނަޒަރެއް ހިންގަވާލައްވާފައިވާ ބޭކަލަކަށް އޮޅިފައި ނުވާނެ ފަދައިން މިއީ އަދުގެވެސް ޙާލަތެވެ. ދުނިޔޭގެ އެންމެ އާރާއި ބާރު ހުރި ދައުލަތްތަކަކީ އިޤުތިޞާދީ ގޮތުން އެންމެ އުހުގައިވާ ދައުލަތްތަކެވެ. އާއެކެވެ! ފުދުންތެރިކަމާއި އެއްވަރަށް ޢިލްމާއި ހުނަރުތައްވެސް ދިރުވާންޖެހެއެވެ. ތަފާތު ދާއިރާތަކުގެ ޢިލްމުތައް ކުރިއަރުވަންޖެހެއެވެ. އެޔަށް މީހުން ބިނާކުރާން ޖެހެއެވެ. މިއީ އިގުތިސާދާއި ވަކި ނުކުރެވޭނެ ކަންކަންވެސްމެއެވެ. އެހެނީ ހަރުދަނާ އިގުތިސާދެއް ބިނާވެ ހިނގަހިނގާ އޮންނަހުށީ ޢިލްމީ ބިންގަލެއްގެ މަތީގައިކަމަށްވާތީއެވެ.

އިގުތިސާދެއް ރަނގަޅު ގޮތުގައި ހިނގަމުންދިޔަ ވަރަކަށް ފުދުންތެރިކަން އިތުރުވެދެއެވެ. ތަނަވަސްކަން ލިބިދެއެވެ. މުޖުތަމައެއްގެ ސަލާޙިއްޔަތު ބިނާވަނީވެސް މިކަމުގެ މައްޗަށެވެ. ޝައްކެއްވެސް ނެތެވެ! މިނިވަންކަމުގެ ދެމިއޮތުން ގުޅިފައިވަނީ އެބަޔެއްގެ މުޖުތަމައުގެ ތެރޭގައި އޮންނަ އަމާންކަމާއި ސުލްޙަވެރިކަމާއިއެވެ. ނަފުރަތާއި ރުޅިވެރިކަން ތާއަބަދުމެ ދިރި އާލާވަމުންދާ މުޖުތަމައަކީ އަޅުވެތިކަމާއި ދިމާއަށް ދަތުރު ކުރަމުންދާ ބައެކެވެ. އެއީ އެބަޔެއްގެ ތެރޭގައި ހަމަޖެހުމާއި އަމާންކަން ނެތަތީއެވެ. އެކަން ގުޅިފައިވަނީ ފުދުންތެރިނުވުމާއި ދަތިކަމާއިއެވެ. އެއީ އިގުތިސާދު ކުރިޔަށް ނުދުވުމުގެ އަސަރެވެ. ޢިލްމީ ބިންގައުތަކުން މުޖުތަމައު ނެއްޓިދާކަމުގެ އަސަރެވެ.

އަނެއްކާވެސް އަޅުވެތިކަމުގެ މާޒީއަށް ބަލަމާތޯއެވެ! ދެފަރާތެއް ކޯޅުމުގެ ފައިދާ ތިންވަނަ ފަރާތަކުން އަބަދުވެސް ހޯދައެވެ. ޕޯޗުގީޒުންނަށް މުޅި މި ސަރަޙައްދުގެ މައްޗަށް ބާރު ހިންގުނީ ކިހިނެތްތޯއެވެ. މަލާބާރު ކަރައިގެ ދެ ދައުލަތުގެ މެދުގައި ފިތުނަ އުފައްދާ ހަނގުރާމަ ކުރުވައިގެންނެވެ. ކޮއްޗޭ އާއި ކާލިކޯޓާއި ދެމެދު އުފެދުނު ރުޅިވެރިކަމެވެ. އާޚިރު ނަތީޖާއަކަށްވީ މަޝްހޫރު ދިޔޫގެ ހަނގުރާމައެވެ. އެއީ މުޅި މި ސަރަޙައްދު ޕޯޗުގީޒުންގެ އިސްތިއުމާރުގެ ދަށަށް ދިޔުމުގެ ފެށުމެވެ. މިފަދަ ކިތަންމެ މިސާލެއް ދުނިޔޭގެ ހަނގުރާމަތަކަށް ބައްލަވާލެއްވުމުން ފެނިލައްވާނެއެވެ. އެހެނަސް އެވާހަކަތައް އިހަށް ކުރުކުޅައުމަށްފަހު ދުވަހާއި ގުޅުވާލަމެވެ.

ދިވެހީންނާއި އިނގިރޭސިންގެ ވާހަކަ ދެއްތޯއެވެ! އިނގިރޭސި ޙިމާޔަތުގެ ދަށަށް ރާއްޖެ ދިޔުމުގެ އަސްލުތައް ގުޅިފައި އޮތީވެސް އިސްވެ ނަންގަނެވުނު ފަދަ އެންމެހައި ސަބަބުތަކާއިއެވެ. އިގުތިސޯދުގެ ހީނަރުކަމެވެ. އުފެދިފައި އޮތް ދާޚިލީ ކޯޅުމެވެ. މުޖުތަމައުގެ އަމާންކަމާއި ސުލްޙަ ގެއްލިފައި އޮތުމެވެ. ތައުލީމު ހީނަރުވެފައި އޮތުމެވެ. ފަރުދުންގެ އަތްމަތި ދަތިވެފައި ފަގީރުކަން އާއްމުވެފައި އޮތުމެވެ. ތައުލީމު ހީނަރުވެފައި އޮތުމެވެ. ޙިމާޔަތުގެ އަޅުވެތިކަމުގެ ވާހަކަ ފެށެނީ ބޯރާ ވިޔަފާރިވެރިންގެ ވާހަކައިންނެވެ. އެމީހުންގެ ވާހަކަ ފެއްޓުމުގެ ގޮތުން އެއިރު އުފެދިފައި އޮތް ދާޚިލީ އަރައިރުން ގަނޑެއްގެ ވާހަކަ ދައްކަން ޖެހިދެއެވެ.

ރަސްކަން ހިނގަހިނގާ އޮތީ ދިވެހީންގެ ބަޠަލް ދޮން ބަންޑާރައިންގެ ހުރަވީ ދަރިކޮޅުގެ މައްޗަށެވެ. ސިޔާސީ ގޮތުން އޮތް އެންމެ ބޮޑު ދެ "ޕާޓީ" އަކަށް އޮތީ އަތިރީގޭ އާއިލާ އާއި ކަކާގޭ އާއިލާއެވެ. 1800ގެ މެދެއްހާ ހިސާބެވެ. ރަސްކަމުގައި އިންނެވީ މަޝްހޫރު މުސްކުޅި ބަންޑާރައިންނެވެ. އެއިރު އަތިރީގެ އާއި ކަކާގެ އާއި ދެމެދުގައި ވަނީ ވަރަށް ބޮޑު ކޯޅުންގަނޑެއް އުފެދިފައެވެ. ބޮޑުވަޒީރުކަން އޮތީ ކަކާގޭ ފަޅިޔަށެވެ. ބޮޑުވަޒީރަކަށް ހުންނެވީ އެގޭ އަލީ ރަންނަބަނޑޭރި ކިލެގެފާނެވެ. ބޮޑު ބަނޑޭރިއަކަށް ހުންނެވީ އަތިރީގޭ ޢަލީ ދޮށިމޭނާ ކިލެގެފާނެވެ. އެ ދުވަސްވަރު ބުންބާ ވިޔަފާރިވެރިންނަކީ މޫސުމީ ވިޔަފާރިއަކަށް މާލެ އައިސްފައި ވިޔަފާރިކޮށްގެން އަނބުރާ ގޮސް އުޅޭ ބަޔެކެވެ. އެމީހުންނާއި އަތިރީގެ އާއި ދެމެދު ގާތް ގުޅުންތަކެއް އުފެދިފައިވާކަމަށް ބުނެއެވެ. މިއީ ކަކާގޭގެ ފަރާތުން ބުންބާ މީހުން ދާއިމީކޮށް މާލޭގައި ވަޒަންވެރިވެ ތިބެ ވިޔަފާރި ކުރުމުގެ ހުއްދަ ދެއްވަން ވިސްނާވަޑައިގެންނެވި ސަބަބުކަމުގައިވެސް ބުނެއެވެ.

އަތިރީގޭ އަލީ ދޮށިމޭނާ ކިލެގެފާނު ދެކޮޅު ހައްދަވަނިކޮށް، ބޮޑު ވަޒީރު ކަކާގޭ އަލީ ރަންނަ ބަނޑޭރި ކިލެގެފާނުގެ ލަފާފުޅާއި އެއްގޮތަށް މުސްކުޅި ބަންޑާރައިން އެހުއްދަ ވިދާޅު ބަސްފުޅު ނެރުއްވިއެވެ. އެހުއްދަ ދެއްވީ 1857 ވަނަ އަހަރުގައިކަމަށް ޢަބްދުﷲ މުފީދު ލިޔުއްވައެވެ. ބޯރާ ވިޔަފާރިވެރިން ދާއިމީކޮށް މާލޭގައި ވަޒަންވެރިވެ ތިބެ ވިޔަފާރި ކުރުމުގެ ހުއްދަ ދެއްވި ދެއްވުމަކީ ދިވެހި އިގުތިސޯދު ގާބުރިޔެއްހެން އަޑިޔަށް ޖަހައިގަތުމުގެ ފެށުމެވެ. ދިވެހި އަމިއްލަ ކުދި ވިޔަފާރިތައް އުވެން ފެށީއެވެ. ބޭރު ދަތުރުކުރާ ދިވެހި އަމިއްލަ އޮޑި ފަހަރު މަދުވާން ފެށީއެވެ. މުޅި ދައުލަތުގެ އިންޕޯޓު އެކްސްޕޯޓު އެމީހުންގެ އަތްދަށަށް ދީލާލީއެވެ. އަހަރުން އަހަރަށް ސަރުކާރު އެމީހުންނަށް ދަރަންވެސް ފެށީއެވެ.

މީލާދުން 1887 ވަނަ އަހަރާއި ހަމަޔަށް އައި އިރު ދިވެހި އިގުތިސާދު އޮތީ އެއްކޮށް ހަފުސްވެފައެވެ. ހަމަ އެޔާއި އެކު ސިޔާސީ އެންމެ ބޮޑު ދެ އާއިލާގެ މެދުގައި އުފެދިފައިވާ ކޯޅުންގަނޑު އޮތީ ހުޅުފަޅައިގެން ގޮއްސައެވެ. ވެރިކަން ހިންގަވާން ތިބި ބޮޑުންގެ މެދުގައި ކޯޅުން ބޮޑުވެ އެންމެ ފަހުން ތަޚުތުގައި އިންނެވި ރަދުންވެސް ތަޚުތު ދޫކޮށްލައްވައިފިއެވެ. އެއީ އައްސުލްޠާން އިބްރާހިމް ނޫރައްދީނެވެ. ދެން އިސްވެ ވަޑައިގެންނެވީ އެރަދުންނަށް ބޮޑުބޭބޭފުޅު ވިދާޅުވާ ކޮއްކޯފުޅެވެ. ސުލްޠާން މުޢީނުއްދީނެވެ. ނުވަތަ ތާރީޚުގައި މަޝްހޫރު ކުޑަ ބަންޑާރައިންނެވެ.

ނޫރައްދީނު ބަންޑާރައިން ތަޚުތުން ބާލައްވާ މުޢީނުއްދީނު ތަޚުތައް އިސްކުޅައުމުގެ ހަރަކާތް ގަނޑު ހިންގެވީ އަތިރީގޭ އިބްރާހިމްދީދީ ( ފަހުން އިބްރާހިމް ދޮށިމޭނާ ކިލެގެފާނު) އެވެ. އެކަމަކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިބްރާހިމްދީދީ އަށް މުޢީނުއްދީނު ކަމުނުގޮއްސިއެވެ. ގޯސްވެގެން ބޭލުއްވި ރަދުން ރަނގަޅުކަމުގައި ފެނިވަޑައިގެންފިއެވެ. ދެން ހިނގާން ފެށީ ނާމާންކަމެކެވެ. ރޭގަނޑުގެ ވަގުތުގައި އެކި ތަންތަނުގައި ހުޅުޖަހަނީއެވެ. ހުޅުޖަހާ ބަޔަކު ސަރުކާރަކަށް ނުމެ ހޯދެއެވެ. މިގޮތުން ބުންބާ މީހުންގެ ފިހާރަތަކުގައިވެސް ހުޅުޖަހައިފިއެވެ.

މާލޭގައި ޖަހަމުން ދިޔަ ބޮޑު ހުޅު ތަފާސްވި އިރު އެކަމުގެ އަޑީގައި ހުންނެވި ބޭފުޅުންނަށްވީ އަތިރީގޭ އިބްރާހިމްދީދީ ( ފަހުން ދޮށިމޭނާ ކިލެގެފާނު) އާއި އޭނާގެ ވާގިވެރީންނެވެ. އެކުށް އެދީދީގެ މައްޗަށް ސާބިތުވެ އައްޑު އަތޮޅަށް އަރުވާލެއްވިއެވެ. މިއީ އިނގިރޭސީން ރާއްޖޭގެ ދާޚިލިއްޔަތައް ވަންނަން ޖެހުނު ހިސާބެއެވެ. ބޯރާ ވިޔަފާރިވެރީންނަކީ ކޮން ބައެއްތޯއެވެ؟ އެއީ އިނގިރޭސި ރައްޔިތުންނެވެ. އަންދާލީ އެމީހުންގެ ފިހާރަތަކެވެ. ބޮޑު ޢަދަދުން ގެއްލުންވީ އިނގިރޭސި ރައްޔިތުންތަކަކަށެވެ. ހުޅު ޖެހިކަމުގެ ކުއް ސާބިތުވެގެން އަރުވާލައްވާފައި ހުރީ އަތިރީގޭ އިބްރާހިމްދީދީއެވެ. އެހެނަސް ކަންވީ ގޮތަކީ ކޮބައިތޯއެވެ؟

އިނގިރޭސި ރައްޔިތުންތަކަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމުން އެކަން ބެއްލެވުމަށް އިނގިރޭސިން ވަނީއެވެ. އެކަމުގެ ތަޙުގީގުތައްވެސް ހިންގުނެވެ. އަދި ހުޅުޖެހުމުގެ ކުށުގައި އަރުވާލެއްވިފައި ހުރި އިބްރާހިމްދީދީގެ ހާލުވެސް ބެއްލެވިއެވެ. އެދީދީއަށް ކަމޭހިއްތަވާ ރަނގަޅު ކާނާ އާއި ފޭރާން ފޮނުއްވުމަށްވެސް ދެންނެވުނެވެ. އެޔަށްފަހު ދެން ހުށައެޅުނީ ހިމާޔަތުގެ ވާހަކައެވެ. ކީއްވެގެންތޯއެވެ؟ އަމަން ބެލެހެއްޓުމަށް ނުކުޅަދާނަވެފައި ވާތީއެވެ. އިގުތިސޯދުގައި ވެސް އެފަދަ ކުޅަދާނަކަމެއް ނެތަތީއެވެ އިނގިރޭސި ހިމާޔަތަކަށް އެދި ފަތްކޮޅެއް ލިޔަން ރަދުންނަށް މަޖުބޫރުވެވަޑައިގެންނެވިއެވެ. އެއިރު ފަނޑިޔާރުކަމާއި ހަވާލުވެ ހުންނެވި ނާއިބު ތުއްތޫ އެކަމާއި އިންތިހާޔަށް ދެކޮޅު ހެއްދެވިވެސްމެއެވެ. ދެން ސިލޯނުގައި އޮތް އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ބަދަލު ކުރެވުނު ފަތްކޮޅުތަކެއްގެ ޛަރީޢާއިން އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ރާއްޖެ އެނބުރިގެން ދިޔައެވެ. އާއްމު ރައުޔުން ނަމަ 1887 ވަނަ އަހަރުގައެވެ.

ހިމާޔަތުގެ އަޅުވެތިކަމަށް ދިޔަ ގޮތް އިސްވެ ނަންގަނެވިފައި އެވަނީ ވަރަށް ވެސް ޚުލާސާ މަގަކުންނެވެ. އެއީ ދިގު ވާހަކަތަކެކެވެ. ހަމަމީގެ އިތުރަށް އަދިވެސް އިނގިރޭސިންނާ ދިވެހީންގެ ވާހަކައިން އެހެން ނުކުތާއެއް ފާހަގަކޮށްލާން ޖެހިދެއެވެ. އެއީ އެންމެ ފުރަތަމަ އިނގިރޭސިންނާއި ބައްދަލުވެ ގުޅުމެއް އުފެއްދެވި ބޭފުޅަކީ އަތިރީގޭ ދޮން އަޙުމަދު ދީދީ ދޮށިމޭނާ ކިލެގެފާނުކަމުގައި ބައެއް ތާރީޚު ޢިލްމުވެރީން ލިޔުއްވާފަ ހުއްޓަތީ ފެންނާތީއެވެ. ދޮން އަޙުމަދު ދީދީ ދޮށިމޭނާ ކިލެގެފާނަކީ 1800 ގެ އަހަރުތަކުގެ ކުރީކޮޅުގައި އުޅުއްވި ސިޔާސީ ބޮޑެކެވެ. އުފެދުނު ދާޚިލީ ކޯޅުންގަނޑެއްގެ ތެރެއިން އެކިލެގެފާނާއި ރަދުންނާއި ޖެހިވަޑައިގަތީއެވެ. އަދި ރަދުން އަވަހާރަކޮށްލައްވަން އުޅުއްވާމެ އެކަން ފެއިލުވުމުން އޮޑިކަނޑުއްވައިގެން ފިއްލެވީއެވެ. ދޮން އަހުމަދުދީދީ ދޮށިމޭނާ ކިލެގެފާނު ހުންނެވި އޮޑިކޮޅު ބެހި ދެވޭ ނުދެވޭތަނެއް ނޭނގި ވަރަށް ހާލުޖެހިފައިވަނިކޮށް ބައްދަލުވީ އިނގިރޭސި މަނަވަރަކާއިއެވެ. މިއީ އަތިރީގެ އާއި އިނގިރޭސިންނާ ގުޅުމުގެ ފެށުންކަމުގައިވެސް ލިޔެފައި ހުރެއެވެ. ހަމައެހެންމެ މިއީ އިނގިރޭސީންނާއި ދިވެހީންނާއި ގުޅުމުގެ ފެށުންކަމުގައިވެސް ލިޔެފައި ހުންނަކަމުގައި ނަންގަނެވިއްޖެއެވެ.

އެހެނަސް.... ދިވެހީންނާއި އިނގިރޭސިންގެ ވާހަކައިގެ ފެށުމަކީ އެއީއެއް ނޫނެވެ. ޖެހިލައްވަންވީ އަދި އެޔަށްވުރެވެސް ތަންކޮޅެއް ކުރީގެ އަހަރުތަކަކަށެވެ. ހަމަ ދާޚިލީ ކޯޅުންގަނޑެއްގެ ތެރެއަށެވެ. 1600 ގެ އަހަރުތަކުގެ އެންމެ ފަހުކޮޅަށެވެ. ރާއްޖެގެ ރަސްކަމުގައި އިންނެވީ އައްސުލްޠާން އިބްރާހިމް މުޒުހިރުއްދީނެވެ. ބޮޑުވަޒީރަކީ ދިޔަމިނގިލީ މުޙައްމަދު ދޮށިމޭނާ ތަކުރުފާނެވެ. ރަދުން ޙައްޖު ދަތުރުފުޅެއްގައި ނިކުމެވަޑައިގެންނެވިއެވެ. ޙައްޖުވެވަޑައިގެން އަނބުރާ ރާއްޖެ ވަޑައިގަތުމުގެ ދަތުރުފުޅުގައި ގަދަ ވިއްސާރަޔާ ކުރިމަތިލާން ޖެހުނެވެ. އަރުމާދުގައި ހިމެނުނު ނަވުތަކާއި އޮޑިތަކަށް އެކަތި އަނެކަތި ވީތަނެއް ނުއެނގެއެވެ. ރަދުންގެ ނަވުކޮޅަށް ބެހިގެން ދެވުނީ ހިންދުކަރައަށެވެ. މާލެއަށް ފޯރީ އޭގައި ހިމެނުނު އެއް އޮޑިޔަށެވެ. މި އޮޑިން ޚަބަރުދިނީ ރަސްގެފާނު ޣަރަގުވެވަޑައިގެންފިކަމުގައެވެ. ކޮންމެއަކަސް އެހިސާބުން ބޮޑުންގެ މެދުގައި ކޯޅުމެއް ހިނގާ ރަސްކަމަށް ބޮޑުވަޒީރު އިސްވެވަޑައިގެންނެވިއެވެ.

ހިންދުކަރަޔަށް ބެހިގެން ވަޑައިގެންނެވުނު މުޒްހިރުއްދީން ރަސްގެފާނަށް ރާއްޖެވަޑައިގެންނެވުނު އިރު ރަސްކަން އޮތީ ބަދަލުވެފައްޔެވެ. އެރަސްގެފާނު ފުވައްމުލަކަށް އަރުވާލެއްވިއެވެ. އެހެނަސް އެތަނުން ފިއްލަވައިގެން މަލާބާރުކަރަޔަށް ވަޑައިގެންނެވިއެވެ. އެތަނުން އެހީ ހޯއްދަވައިގެން ގެއްލިވަޑައިގެންނެވި ރަސްކަން ހިއްޕެވޭތޯ އެއް ފަހަރަށްވުރެ ގިނަ ފަހަރު މަސައްކަތްޕުޅު ކުރެއްވިއެވެ. މީގެ ތެރެއިން ކޮންމެވެސް އެއް ފަހަރު މުޒްހިރުއްދީން ރަސްގެފާނާއި އެކީ އިނގިރޭސިންގެ ބަޔަކު ހަނގުރާމަޔަށް ރާއްޖެ އައިސްފައިވެއެވެ. މިހެންކަމުން އިނގިރޭސިންނާއި ދިވެހީންގެ ވާހަކަ ފެށެނީ އަތިރީގޭ ދޮން އަޙުމަދުދީދީ ދޮށިމޭނާ ކިލެގެފާނާއި ހިސާބުން ނޫންކަމުގައި ބަލަންޖެހެއެވެ.

މާޒީ މިއަދުގެ ތިބީންނަށް އަބަދުވެސް ދައްކައިދެނީ މާދަމާއަށް ހިނގަންވީ ހެޔޮ މަގެވެ. ބުނެ ދައްކައިދެނީ އިބުރަތެވެ. ދުނިޔެ ދެއްކި ފިލާވަޅުތަކުގެ މަތީން ހަނދާން ކުރައްވާށެވެ. މިނިވަންކަމުގެ ދެމިއޮތުން ބިނާވެގެންވަނީ ފޯރުންތެރިކަމުގެ މައްޗަށެވެ. މުޖުތަމައުގެ އަމާންކަމުގެ މައްޗަށެވެ. އިލްމާ ހުނަރުތަކުގެ މައްޗަށެވެ. ގައުމެއްގެ ދިރުމަކީ އެބަޔެއްގެ އިގުތިސޯދު ދިރިދެމި އޮތުމެވެ.