Advertisement

ޓެރަރިސްޓް ހަމަލާތަކަށް ދިފާއީ ބާރު ތައްޔާރުވެ އޮންނާނެކަމުގެ ޔަގީންކަން، ހަތިޔާރުތައް ގިނަކޮށްފި

26 ޖުލައި 2022 - 19:00 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މާލޭގެ މަގުމަތީ އެމްއެންޑީއެފް އޮފިސަރުން ހަރަކާތްތެރިވަނީ: ޓެރަރިސްޓް ހަމަލާތަކަށް ތައްޔާރުވެ އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފި - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު


ޓެރަރިސްޓް ހަމަލާތަކަށް ދިފާއީ ބާރު ތައްޔާރުވެ އޮންނާނެކަމުގެ ޔަގީންކަން، ހަތިޔާރުތައް ގިނަކޮށްފި

26 ޖުލައި 2022 - 19:00 0

ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމަށް ގައުމީ ދިފާއީ ބާރު ތައްޔާރުވެ އޮތުމަށް ބޭނުންވާ ވަރަށް ހަތިޔާރު އިތުރުކޮށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިނުމާ އެކު، އެމްއެންޑީއެފްގެ ތައްޔާރީތަކާއި ސެކިއުރިޓީއަށް ވަރަށް ބޮޑަށް ފާޑުކިއުންތައް އަމާޒުވެގެން ދިޔަ އެވެ. ރާއްޖެއަށް ޓެރަރިޒަމްގެ ނުރައްކާ އޮތް ކަމަށް ދެކެވެމުން ދިޔަ ވާހަކަތަކަށް އިތުރު ބުރަދަނެއް ލިބިގެން ދިޔަ ކަމަކަށް އެކަން ވެގެން ދިޔަ އެވެ.

މިިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން "ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ޝަމާލް ވިދާޅުވީ މޭ ހައެއް ހަމަލާއަށް ފަހު އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިމަށް ޓަކައި، އަސްކަރިއްޔާގެ ގާބިލްކަން އިތުރު ކުރަން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

"އެކްޕްލޯސިވް ޑިވައިސްތައް، އައިއީޑީ ޒާތުގެ ރައްކާތެރި ގޮވާ ޒާތުގެ އެއްޗެއްސަ ރެސްޕޯންޑް ކުރުމަށް ޓަކައި ސިފައިން ތަމްރީން ކުރުމަށް ގިނަ މަސަކަތްތަކެއް ކުރެވިއްޖެ،" ޝަމާލް ވިދާޅުވި އެވެ.

ހަމަލާއެއްގެ އިތުރަށް މީހުން ރަހީނު ކުރުމާއި އުޅަނދުތައް ހައިޖެކް ކުރުން ފަދަ ކަމެއް ހިނގާނެ ކަމަށް ވެސް ސިފައިން ތަމްރީން ކޮށްފައިވާ ކަމަށް ޝަމާލް ވިދާޅުވި އެވެ.

"ގައުމީ ދިފާއީ ބާރުގެ ސްޕެޝަލް ފޯސްއެއް ތައްޔާރުކޮށްފައިވާނެ، މި ސްޕެޝަލް ފޯސްގެ މައިގަނޑު މަސައްކަތަކީ މީހަކު ރަހީނު ކުރާ ހާލަތެއްގައި، މަތިންދާބޯޓެއް ނޫނީ އެ ނޫން ވެސް އުޅަނދެއް ހައިޖެކް ކުރާނެ ހާލަތަކަށް އެއަށް ރެސްޕޯންޑް ކުރުމުގެ ގާބިލްކަން އިތުރުކުރުން،" ޝަމާލް ވިދާޅުވި އެވެ.

އެމްއެންޑީއެފްގައި އާ ހަތިޔާރުތަކެއް ނުގެނެސް ކުރިން ވެސް ހުރި ދުވަސްވީ ހަތިޔާރުތަކާއެކު މަސައްކަތް ކުރަމުންދާތާ ޒަމާންތަކެއް ވެފައިވާކަން ފާހަގަކުރައްވައި ޝަމާލް ވިދާޅުވީ މިހާރު އާ ޒަމާނީ ހަތިޔާރުތަކެއް ވެސް ގެނެސްފައިވާ ކަމަށެވެ.

"މިއަދު، މިނިވަން ދުވަހު، އަޅުގަނޑު ހަމަ އުފަލާއެކު ފާހަގަކޮށްލަން، އެންމެ ބޭނުން ހިފޭ، އެންމެ ފަހުގެ މޮޑެލްތަކުގެ ހަތިޔާރުތައް، މޭރިން ސާވިސަސްއަށް އާ ހަތިޔާރުތަކެއް، އޭކޭ 47 ބަޑީގެ ވެސް އެންމެ ފަހުގެ ބާވަތްތައް، ހަމަ އިތުރުކޮށްފައި ވާނެ،" ޝަމާލް ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ހަމަލާތަކަށް ދިފާއީ ބާރު ކިތަންމެ ރަނގަޅަށް ތައްޔާރުވެފައި އޮތަސް އެއީ ގޮންޖެހުންތައް އަދިވެސް އޮތް މައްސަލައެއް ކަން ޝަމާލް ފާހަގަ ކުރެއްވި އެވެ.

"ޓެރަރިޒަމްގެ ކަންކަން ރޭވިފައި އޮންނަ ގޮތުން، ގިނަ ފަހަރު މި އޮންނަނީ، އޭގެ ބަލިފަޔެއް އޮންނަ ދިމާއަކަށް މި ހަމަލާ ދެނީ، ނޭނގޭ ކަހަލަ ގޮތަކަށް،" ޝަމާލް ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ހަމަލަތާކަށް ދިފާއީ ބާރު ތައްޔާރަށް އޮތުމަށް ޓަކައި ބޭނުންވާ ވަރަށް ގާބިލްކަން އިތުރުކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރަމުންދާ މަސައްކަތަށް ޝަމާލް ޝުކުރު ވެސް އަދާކުރެއްވި އެވެ.