Advertisement

ގައުމަތަކާއެކު އަސްކަރީ ގުޅުން އުފައްދަނީ ރާއްޖޭގެ ސަލާމަތަށް: ޝަމާލް

26 ޖުލައި 2022 - 12:43 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ީޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް: މިނިވަން ކަމާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަށް ރައްދުތަކެއް ދެއްވި - ފޮޓޯ: އަދަދު


ގައުމަތަކާއެކު އަސްކަރީ ގުޅުން އުފައްދަނީ ރާއްޖޭގެ ސަލާމަތަށް: ޝަމާލް

26 ޖުލައި 2022 - 12:43 0

ގައުމުތަކަކާ އެކު އަސްކަރީ ގުޅުން އުފައްދައި އެކުގައި މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރި ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އަސްކަރީ އެހީ ހޯދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ގެންގުޅޭ ސިޔާސަތާއި، ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަންނަނީ "އިންޑިއާ އައުޓް" ނަމުގައި ބޮޑު ކެމްޕޭނެއް ހިނގަމުންނެވެ.

މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން "ރާއްޖެ ޓީވީ" އަށް ދެއްވި އިންޓަވިއުގައި ޝަމާލް ވިދާޅުވީ ރާއްޖޭގެ މިިނިވަންކަމާއި ދިފާއީ ބާރުގެ ކެޕޭސިޓީއާ ގުޅިލާމެހިފައި އޮތް އިރު، ކަނޑުގެ ޕެޓްރޯލް ކުރުން ބޮޑުކުރަން ކޮންމެހެން ބޭނުންތެރިވެފައިވާ ކަމަށެވެ.

ރާއްޖެއާއި އަވައްޓެރި އިންޑިއާ އަދި ސްރީލަންކާއާ ދެމެދު އޮތް އަސްކަރިއްޔާތަކުގެ ގުޅުމަކީ ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ބެލެހެއްޓުން ބޮޑުކުރުމުގެ ގޮތުން ނޭވީ ފްލީޓް ބޮޑުކުރުން ކަމަށެވެ.

"ބޭރު ގައުމުތަކާ އެކު އޮންނަ ގުޅުމުގެ ވެސް މައިގަނޑު ބޭނުމަކަށް މި އޮންނަނީ ވެސް ގައުމީ ދިފާއީ ބާރުގެ ގާބިލްކަން އިތުރުކުރުން، އޮޕަރޭޝަނަލް ކެޕޭސިޓީ ބޮޑުކުރުން، އެންމެ އުތުރުން ފެށިގެން ދެކުނަށް ވެސް ހިނގާ ކަންކަމަށް ދިފާއީ ބާރަށް ވަގުތުން ރިއެކްޓް ކުރެވޭ ވަރު ކުރަން،" ޝަމާލް ވިދާޅުވި އެވެ.

މީގެ އިތުރުން ޓެރަރިޒަމްގެ ބިރުވެރިކަމާއި މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް އިޝާރާތް ކުރައްވައި އެ ގާބިލްކަން އިތުރުކުރަން ޖެހިފައިވާ ކަން ވެސް ޝަމާލް ވިދާޅުވި އެވެ.

"މިހާރުގެ ސަލާމަތީ މަސްރަހަކީ ބަދަލުވަމުން އަންނަ މަސްރަހެއް. މަސްރަހުގެ ހުރި ގޮންޖެހުންތަކާއި ނުރައްކާތަކަށް ކުރިމަތިލުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ދަނީ،" ޝަމާލް ވިދާޅުވި އެވެ.

ގައުމުތައް ގުޅިގެން އަސްކަރިއްޔާތަކުގެ އިއްތިހާދެއް ގާއިމްކޮށްގެން މަސައްކަތް ކުރާން ޖެހިފައި އޮތް އަނެއް ސަބަބަކީ ގައުމެއް އެކަނި ރައްކާތެރިކަން ހޯދޭން ނެތް ޒަމާނަކަށް ވާތީ ކަމަށް ޝަމާލް ވިދާޅުވި އެވެ. އޭނާ އިޝާރާތް ކުރެއްވީ ޓްރާންސް ނޭޝަނަލް ތްރެޓްތަކަށެވެ.

ޓްރާންސް ނޭޝަނަލް ތްރެޓްތަކަކީ އެކި ގައުމުތައް ގުޅިގެން ގައުމަކަށް ހަމަލާ ދިނުމަށް ރޭވިގެން އަންނަ ކަންކަމެވެ.

"ރާއްޖެއާއި އިންޑިއާއާއި ލަންކާއާ އެކު ވެސް މި އޮންނަނީ އެ ކަމަށް ނޭޝަނަލް ސެކިއުރިޓީ ކޮންވެޓްއެއް އުފައްދާފައި، ބަންގްލަދޭޝް ވެސް އޮބްޒާރަވަރެއްގެ ގޮތުގައި މިހާރު ބައިވެރިވެއްޖެ، މޮރިޝަސް ވެސް މިހާރު ބައިވެރިވެއްޖެ،" ޝަމާލް ވިދާޅުވި އެވެ.

ރާއްޖޭގެ ދިފާއީ ބާރު އިތުރުވެގެން ދިއުމަކީ އަވައްޓެރި ގައުމުތަކާއި އިންޑިއާ ކަނޑުގެ ސަރަހައްދަށް ކުރިމަތިވާ ނުރައްކާތަކުގެ ސަބަބުން އަސަރުކުރާ ކޮންމެ ގައުމަކަށް ވެސް މުހިންމުވާ ކަމެއް ކަމަށް ވެސް ޝަމާލް ވިދާޅުވި އެވެ.