Advertisement

މުސްތަގުބަލާ މެދު ގޮތެއް ނުނިމި ރޮނާލްޑޯ ޔުނައިޓެޑްގެ ޓްރެއިނިން އަށް

26 ޖުލައި 2022 - 05:40 0


މުސްތަގުބަލާ މެދު ގޮތެއް ނުނިމި ރޮނާލްޑޯ ޔުނައިޓެޑްގެ ޓްރެއިނިން އަށް

26 ޖުލައި 2022 - 05:40 0

މެންޗެސްޓާ (ޖުލައި 26) - މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް، ކްރިސްޓިއާނޯ ރޮނާލްޑޯ ކްލަބް ބަދަލުކުރަން ބޭނުންވާކަން އެ ޓީމަށް އެންގި ނަމަވެސް އެއްވެސް ބޮޑު ކްލަބަކުން އޭނާގެ އެދުމާ އެއްގޮތަށް އެ ޓްރާންސްފާ ކުރިއަށް ގެންދަން ބޭނުންނުވެ ކަންކަން ދިގުލައިދާތީވެ، އަލުން އޭނާ ޔުނައިޓެޑްގެ ޕްރެކްޓިހަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.

އިނގިރޭސި ނޫސްތަކާއި ޕޯޗުގީސް ހަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކުރާގޮތުގައި ރޮނާލްޑޯ، 37، މިއަދުގެ ވަގުތެއްގައި ޔުނައިޓެޑްގެ ޕްރީ ސީޒަން ފަރިތަކުރުންތަކުގައި ބައިވެރިވާނެ އެވެ. ރޮނާލްޑޯ ކްލަބް ބަދަލުކުރަން ބޭނުންވާތީ، ޔުނައިޓެޑްގެ ޕްރީ ސީޒަން ޕްރެކްޓިހުގައި ބައިވެރިނުވެ ހުރި ނަމަވެސް ޔުނައިޓެޑްގެ އާ ކޯޗު އެރިކް ޓެން ހާގް ބުނަމުން އައީ، ރޮނާލްޑޯ ހުރީ އާއިލާ އަށް ވަގުތު ދޭން ކްލަބްގެ ކަންކަމުން "ބްރޭކެއް" ނަގައިގެން ކަމަށެެވެ.

ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯ، މެންޗެސްޓާ އަށް އައިސް ޔުނައިޓެޑްގެ ޓްރެެއިނިންއާ ގުޅުމުގެ އެންމެ ބޮޑު ބޭނުމަކީ އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން އުފެދިފައިވާ ސުވާލުތަކަށް ޖަވާބެއް ހޯދުމެވެ. ޔުނައިޓެޑް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ނެތުމުން، ރޮނާލްޑޯ ބޭނުންވަނީ ޗެމްޕިއަންސް ލީގުގައި ވާދަކުރެވޭ ޓީމަކަށް ބަދަލުވާށެވެ. ރޮނާލްޑޯގެ އޭޖެންޓް، ޖޯޖް މެންޑޭޒް އަންނަނީ ކެނޑިނޭޅި އެ މަސައްކަތް ކުރަމުންނެވެ.

އިޓަލީގެ ޔުވެންޓަސް ދޫކޮށް, މިދިޔަ ސީޒަން ފެށުނު ފަހުން, 13 އަހަރަށް ފަހު, ރޮނާލްޑޯ ޔުނައިޓެޑާ ގުޅުނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ޔޫރަޕްގެ ވަރުގަދަ ކްލަބްތަކުން ރޮނާލްޑޯ ގަތުމުގެ ރޭހުގައި ބައިވެރިނުވާނެ ކަމަށް ބުނަމުން އަންނައިރު، ސައުދީ އަަރަބިއްޔާގެ ކްލަބަކުން ރޮނާލްޑޯ އަށް ލިބުނު 275 މިލިއަން ޑޮލަރުގެ ޑީލް ވެސް ވަނީ ދޫކޮށްލައިފަ އެވެ.

ބަޔާން މިއުނިކްގެ ސްޕޯޓިން ޑިރެކްޓަރު ހަސަން ސަލިހަމްދްޒިޗާއި ކޯޗު ހޫލިއަން ނާގަލްސްމަން އަދި ސީއީއޯ އޮލިވާ ހާން ވަނީ އެ ކްލަބުން ރޮނާލްޑޯ ނުގެންނާނެ ކަމަށް ބުނެފަ އެވެ. ޗެލްސީގެ ވެރިޔާ ޓޮޑް ބޯލީ އާއި ރޮނާލްޑޯގެ އޭޖެންޓް މެންޑޭޒް ބައްދަލުކުރި ނަމަވެސް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ވަނީ ރޮނާލްޑޯ ގެނައުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް ބުނެފަ އެވެ. ޕީއެސްޖީ އާއި ޔުވެންޓަސް އިން ވެސް ރޮނާލްޑޯ ހޯދުމުގެ ރޭހުގައި ބައިވެރިނުވާކަން ވަނީ އިއުލާނުކޮށްފަ އެވެ.

އެތުލެޓިކޯ މެޑްރިޑްގެ ރައީސް އެންރީކޭ ސެރޭޒޯ އާއި އެ ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނީ މަޝްވަރާކޮށް ރޮނާލްޑޯ އަށް ބިޑްކުރަން ވިސްނަމުން އައި ދަނޑިވަޅެއްގައި އެ ކަމާ ދެކޮޅަށް އެތުލެޓިކޯގެ ސަޕޯޓަރުން އޮންލައިން ޕެޓިޝަނެއް ތައްޔާރުކުރަން ފެށުމާ އެކީ އެ ކްލަބުން ވަނީ ރޮނާލްޑޯގެ ޓްރާންސްފާ ވާހަކަތައް މަޑުޖައްސާލައިފަ އެވެ.