Advertisement

ހުލާސާކޮށް އިއްޔެ: ދުވާފަރު ކައުންސިލުގެ ބޮޑު ހިޔާނާތުގެ މައްސަލަ އޭސީސީން ބަލަން ފެށުން

25 ޖުލައި 2022 - 06:57 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ހުލާސާކޮށް އިއްޔެ: ދުވާފަރު ކައުންސިލުގެ ބޮޑު ހިޔާނާތުގެ މައްސަލަ އޭސީސީން ބަލަން ފެށުން

25 ޖުލައި 2022 - 06:57 0

ރ. ދުވާފަރު ކައުންސިލުން ލާމަރުކާޒީ ގާނޫނާއި މާލިއްޔަތު ގަވާއިދާ ހިލާފަށް ނަގުދު ފައިސާ ނަގައި ކައުންސިލް މެމްބަރުންނާއި މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ފައިސާ ޖަމާކޮށް ހަރަދުކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ދިރާސާކުރަން ފަށާފައިވާކަން ހާމަކުރީ އިއްޔެ އެވެ.

ދުވާފަރު ކައުންސިލުގެ މައްސަލަތައް ފެންމަތިވީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ތައްޔާރުކުރި މޮނިޓަރިން ރިޕޯޓެއްގަ އެވެ. މި ރިޕޯޓުގައި ކައުންސިލުން ނުގަވާއިދުން ކުރަމުން އަންނަ ކަންކަމާއި ކޮރަޕްޝަނަށް ފަހިވާ ގޮތަށް ކޮށްފައި ހުރި 34 ކަމެއް ފާހަގަކޮށް، އިސްލާހުކުރަން ލަފާދީފަ އެވެ.

އޭގެ ތެރޭގައި ފައިސާއާ ގުޅޭ މައްސަލަތަކުގެ އިތުރުން ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަށް މަތިކޮށްފައިވާ ޒިންމާ އަދާނުކުރުމާއި އޮންނަ އުސޫލުން ބޭރުން ކަންކަން ކުރުމުގެ އިތުރުން ގާނޫނާއި ގަވާއިދުތަކުގައި ބުނާ ގޮތަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ޖަވާބުދާރީ ނުވާކަން ފާހަގަކުރި އެވެ. އަދި ކޮރަޕްޝަނަށް ފަހިވާ ގޮތަށް ގިނަ ކަންތައްތަކެއް ކޮށްފައި ހުރި ކަން ވެސް ފާހަގަކުރި އެވެ.

އެލްޖީއޭގެ ރިޕޯޓުގައި ފާހަގަކުރި ކޮރަޕްޝަނަށް ފަހިވާ ކަންކަމާއި ގުޅޭ މައްސަލަތައް ބަލަމުންދޭތޯ ސުވާލުކުރުމުން އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު "އަދަދު" ނޫހަށް އިއްޔެ ވިދާޅުވީ މިދިޔަ ހަފުތާގެ ބުރާސްފަތީގައި އެ ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އަދި އަވަސް މައްސަލައެއްގެ ގޮތުގައި އެ ޝަކުވާ ދިރާސާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖުލައި 21 ވަނަ ދުވަހު ޝަކުވާ ލިބިފައިވަނީ. އަދި ތަހުގީގުކުރުމާ މެދު ގޮތެއް ނުނިންމަން. އަވަސް މައްސަލައެއްގެ ގޮތުގައި ދިރާސާކުރަމުން މިދަނީ،" އޭނާ އިއްޔެ ވިދާޅުވި އެވެ.

ޝަކުވާ ދިރާސާކުރަމުން ދިޔަ ނަމަވެސް، މައްސަލަ ހުށަހެޅީ ކޮން ފަރާތަތަކުން ކަން ބުނަން އޭސީސީން ވަނީ އިންކާރުކޮށްފަ އެވެ.

ދުވާފަރު ކައުންސިލްގެ މޮނިޓަރިން ރިޕޯޓުން އެނގޭ ގޮތުގައި އުސޫލުން ބޭރުން ކައުންސިލު މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ކައުންސިލުގެ އެހެނިހެން މުވައްޒަފުންގެ އެކައުންޓަށް ޖަމާކުރި ފައިސާ އާއި ނަގުދު ފައިސާގެ އަދަދު 2.1 މިލިއަން ރުފިޔާއަށް އަރަ އެވެ.

މި ފައިސާ ލިބުނު މީހުންގެ ތެރޭގައި ކައުންސިލުގެ ނައިބު ރައީސުން ފެށިގެން އިސް މުވައްޒަފުންނާއި ކޮންޓްރެކްޓް ސްޓާފުން ވެސް ހިމެނެ އެވެ. އެކަމަކު މި ފައިސާގެ ހަރަދުވީ ގިނަ ކަންކަމުގެ ތަފުސީލެއް ވެސް ލިޔެކިޔުމުން އެނގޭކަށް ނެތެވެ.

އޭގެ އިތުރުން ކައުންސިލު ހިންގަން ކަނޑައަޅާފައިވާ އިދާރީ ހަމަތަކާ އެއްގޮތަށް ކައުންސިލު ނުހިންގާ މައްސަލަތައް ވެސް ގިނަ އެވެ. މި މައްސަލަތަކުގެ ތެރޭގައި ގިނައީ އާ ލާމަރުކަޒީ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ކައުންސިލުތަކުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަމެވެ.

ހަމައެހެންމެ މުސާރަ އާއި އިނާޔަތް ދިނުމާއި ޗުއްޓީ ދުވަސްތައް ނެގުމުގައި ވެސް ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވެ އެވެ. ގިނަ ހަފުތާތަކުގައި ކުރާނެ މަސައްކަތެއް ނެތް ކަމަށް ބުނެ ގަވާއިދުން ބާއްވަން ޖެހޭ ޖަލްސާ ވެސް ނުބާއްވަ އެވެ.

އެލްޖީއޭ އިން މި ރިޕޯޓު އާންމުކުރުމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް ދުވާފަރު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ރިޕޯޓު އާންމުކުރީ ޖަވާބުދާރީ ވާން ދިން ފުރުސަތުގައި ޖަވާބުދާރީ ނުވެވެނީސް ކަމަށެވެ. އިތުރު މައުލޫމާތު ހޯދަން "އަދަދު" ނޫހުން ގުޅުމުން ދުވާފަރު ކައުންސިލުގެ ރައީސް ހަސަން ހަކީމް ވިދާޅުވީ އޮޅުންފިލުވައިދޭން އިތުރު ބަޔާނެއް ނެރޭނެ ކަމަށެވެ.

ބައެއް މުހިންމު ހަބަރުތައް

  • މިނިވަން ދުވަަހުގެ ރަސްމީ ޖަލްސާ އާއި އެ ދުވަސް ފާހަގަ ކުރުމަށް ސަރުކާރުގެ އޮފީސްތަކުން ތައްޔާރުކުރަން ނިންމި ފުޅަނދުބުރު، ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅެއްގެ ގޮތުން މިއަހަރު ނުބާއްވާ ގޮތަށް ނިންމާފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
  • އަވަށްޓެރި އިންޑިއާގެ ހޮސްޕިޓަލްތަކަށް ދައުލަތުގެ ހެލްތު އިންޝުއަރެންސް ނިޒާމު، "އާސަންދަ" އިން އަހަރަކު 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަމަށް ތަފާސް ހިސާބުތަކުން ދައްކާފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
  • މަންކީޕޮކްސްގެ ރާއްޖެއިން ފެނުމުގެ ކުރިން އެއަށް ޓެސްޓު ކުރެވޭނެ ގޮތް ގާއިމްކޮށް ބައްޔަށް ފަރުވާ ކުރުމަށް ބޭހާއި ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އޭޑީކޭ އިން އިންތިޒާމު ކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް" އާ ގުޅޭގޮތުން އެ ހޮސްޕިޓަލްގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް "އަދަދު" ނޫހަށް ވިދާޅުވީ:

ރާއްޖެއަށް ތަފާތު ގޮތްގޮތުން މުހިންމުވޭ. ދިވެހިންނަކީ އެންމެ ނަތީޖާ ރަނގަޅު ޒަމާނީ ފަރުވާ ލުއިކޮށް ހޯދަން އެދޭ ބަޔެއް. އެކަހަލަ ފަރުވާތައް ގެނެސްދިނުމަށް މި ބާވަތުގެ ކޮންފަރެންސްތައް އެހީތެރިވާނެ. މީގައި ބައިވެރިވަނީ އެންމެ ފުންނާބު އުސް ބޭފުޅުން،

ދުވަހުގެ ފޮޓޯ

ޒަމާންވީ ވާދަވެރި ޓީމު ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު 4-1 އިން ކާމިޔާބުކޮށް ދެވަނަ ޑިވިޝަނުގެ އެއްވަނައަށް ނިއު ވަނީ ޖެހިލާފައި --- އިމޭޖަސް.އެމްވީ