Advertisement

އޭޑީކޭގެ "ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް" ގައި ދުނިޔޭގެ މަޝްހޫރު ތަޖުރިބާކާރުން ބައިވެރިވާނެ

24 ޖުލައި 2022 - 16:44 0

2019 ވަނަ އަހަރު ބޭއްވި ކޮންފަރެންސްގެ ތެރެއިން. މިފަހަރު ކޮންފަރެންސް ބާއްވާނީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު --- ފޮޓޯ: އޭޑީކޭ


އޭޑީކޭގެ "ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް" ގައި ދުނިޔޭގެ މަޝްހޫރު ތަޖުރިބާކާރުން ބައިވެރިވާނެ

24 ޖުލައި 2022 - 16:44 0

އޭޑީކޭ އިން އިންތިޒާމު ކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް" ގައި މިއަހަރު ވެސް ދުނިޔޭގެ މަޝްހޫރު ތަޖުރިބާކާރުން ބައިވެރިވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ މިހާތަނަށް މިއަހަރުގެ ކޮންފަރެންސްގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ގައުމުތަކުން 53 މީހުން ރެޖިސްޓްރީކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ފުންނާބުއުސް ތަޖުރިބާކާރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން، އެމެރިކާ، ސްޕެއިން އަދި އިންޑިއާގެ އެންމެ މަޝްހޫރު ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ ބޭފުޅުން މި ކޮންފަރެންސްގައި ކީނޯޓު ސްޕީކަރުންގެ ގޮތުގައި ބައިވެރިވާނެ އެވެ. މިއަހަރުގެ ކޮންފަރެންސްގައި ވެސް ސާޖަރީތައް ލައިވްކުރާނެ އެވެ. އަދި، ޓްރެއިނިން ހަދަމުންދާ ކުދިން ވެސް ކޮންފަރެންސްގައި ބައިވެރިވާނެ ކަމަށް ޑރ. ނިޔާފް ވިދާޅުވި އެވެ.

"މިފަހަރު ބޮޑަށް މަސައްކަތްކުރަނީ އެންޑޯވަސްކިއުލާ ޕްރޮސީޖާތައް ކަވަރުކުރުމަށް. އެއީ ލޭ ހޮޅިތަކުގެ ތެރެއިން ވަދެގެން ގޮސް ސިކުނޑީގެ އެކި ކަންކަމަށް ފަރުވާ ކުރުން. އަދި، މިނިމަލީ އިންވޭސިވް ސްޕައިން ސާޖަރީތަކަށް މި ކޮންފަރެންސްގައި އަހަންމިއްޔަތުކަން މިދެނީ," ޑރ. ނިޔާފް ވިދާޅުވި އެވެ.

މިފަދަ ކޮންފަރެންސެއް އޭޑީކޭން އެންމެ ފުރަތަމަ ބޭއްވީ 2017 ވަނަ އަހަރު އެވެ. އެފަހަރުގެ ކޮންފަރެންސް ހާއްސަކުރީ ހަމައެކަނި މައިބަދައިގެ ބަލިތަކަށެވެ. އަދި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ލައިވް ސާޖަރީއެއް ފުރިހަމަކުރީ ވެސް އެ ކޮންފަރެންސްގެ ތެރެއިންނެވެ.

"ކޮންފަރެންސާ ގުޅިގެން ވޯކްޝޮޕް އެބަ ބާއްވަން. ސިމިއުލޭޓަރު ބޭނުންކޮށްގެން އެންޑޯ ޕްރޮސީޖަރުތައް ތަޖުރިބާ ކުރެވޭނެ. ސްޕެޝަލް ފިއުޝަން ސާޖަރީއެއް ވެސް ދާނެ. ސްޕައިން ސާޖަރީ ވެސް އެންޑެސްކޯޕް ބޭނުންކޮށްގެން ކުރެވޭނެ. ލޭ ހޮޅި ރިޕެއާ ކުރުމަށް ވެސް ވޯކްޝޮޕްތަކެއް ކުރިއަށްދާނެ. އޭގެ ފަހުން ސައިންޓިފިކް ސެޝަންތައް ވެސް ކުރިއަށްދާނެ،" ޑރ. ނިޔާފް މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

އޭގެ ފަހުން 2018 އަދި 2019 ގައި ކޮންފަރެންސްގެ ދާއިރާތައް ފުޅާކޮށް ހުރިހާ ބާވަތެއްގެ ނާރުގެ ބަލިތަކަށް ހާއްސަކުރި އެވެ.

"ރާއްޖެއަށް ތަފާތު ގޮތްގޮތުން މުހިންމުވޭ. ދިވެހިންނަކީ އެންމެ ނަތީޖާ ރަނގަޅު ޒަމާނީ ފަރުވާ ލުއިކޮށް ހޯދަން އެދޭ ބަޔެއް. އެކަހަލަ ފަރުވާތައް ގެނެސްދިނުމަށް މި ބާވަތުގެ ކޮންފަރެންސްތައް އެހީތެރިވާނެ. މީގައި ބައިވެރިވަނީ އެންމެ ފުންނާބު އުސް ބޭފުޅުން،" މި ކޮންފަރެންސްގެ މުހިންމުކަމާ ގުޅޭގޮތުން އޭނާ ވިދާޅުވި އެވެ.

އޭޑީކޭގެ ނިއުރޯސާޖަރީ ޓީމުން އިސްވެ ބާއްވާ މި ކޮންފަރެންސް، ކޮވިޑް-19 އާ ގުޅިގެން މިދިޔަ ދެ އަހަރު ބާއްވާފައި ނުވެ އެވެ. މިފަހަރުގެ ކޮންފަރެންސް އޮންނާނީ ސެޕްޓެމްބަރު 19 އިން 22 އަށް ކްރޮސްރޯޑްސް މޯލްޑިވްސްގަ އެވެ.