Advertisement

ޝައްފާން މަރާލި މީހުންގެ އިސްތިއުނާފު ބަލައިގަންނަން ސުޕްރީމް ކޯޓުން އަންގައިފި

24 ޖުލައި 2022 - 12:55 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ސުޕްރީމް ކޯޓު އިމާރާތް: 14 އަަހަރުގެ ޝައްފާން މަރާލި މައްސަލައިގެ އިސްތިއުނާފް ބަލައިގަންނަން ސުޕްރީމް ކޯޓުން އަންގައިފި


ޝައްފާން މަރާލި މީހުންގެ އިސްތިއުނާފު ބަލައިގަންނަން ސުޕްރީމް ކޯޓުން އަންގައިފި

24 ޖުލައި 2022 - 12:55 0

އުމުރުން 14 އަހަރުގެ އިސްމާއިލް ޝައްފާން ޝަރީފަށް ހަމަލާދީ މަރާލި ކަމުގެ ކުށް ސާބިތުވެފައިވާ ހަތަރު މީހުންގެ މައްސަލަ ބަލައިނުގަންނަން ހައި ކޯޓުން ނިންމި ނިންމުން ބަދަލުކޮށް އެ މައްސަލަ ބަލައިގަންނަން ސުޕްރީމް ކޯޓުން އަންގައިފި އެވެ.

ހައި ކޯޓުން އެ މައްސަލަ ބޭރުކޮށްލީ ގާނޫނުގައި އިސްތިއުނާފު ކުރަން އޮންނަ މުއްދަތުގެ ފަހުން މައްސަލަ ހުށަހެޅުމުން ކަމަށް ބުނެ އެވެ. އެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން އެންގިއިރު ބުނެފައިވަނީ، ދަށު ކޯޓުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ލަހުން ދޫކޮށްފައި އޮތުމުން އިސްތިއުނާފަށް ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ.

ގްރޭޑް ހަތެއްގައި ކިޔަވަމުންދިޔަ ޝަައްފާން މަރާލި މައްސަލާގައި ކުރިމިނަލް ކޯޓުން އުމުރަށް ޖަލަށްލުމަށް ހުކުމް ކުރީ ސ. ހިތަދޫ، ޗަމަން، ހުސައިން ނިހާދު އަހްމަދާއި ސ. މަރަދޫ، މޫންލައިޓްގްލޯރީ، ހަސަން ނަބާހް އާއި ސ. ހިތަދޫ، މަލަ، މުހައްމަދު އައިމަން ހަބީބާއި މއ. ޓޮމާޓާ ފްލާވާ، ހުސައިން ޖައިލަމުގެ މައްޗަށެވެ.

މީގެ ތިން އަހަރު ކުރިން އޮކްޓޯބަރު 11، 2018، ގައި ޝައްފާނު މަރާލީ، އޮޓޯ ގަރާޖު ކައިރިން ދަންވަރު ދޭއް ޖަހަން އުޅެނިކޮށެވެ. އޭނާގެ ހަށިގަނޑުގެ އަށް ތަނަކަށް ވަޅިން ހަމަލާދީފައި ހުއްޓެވެ. މި މައްސަލާގައި ހަތަރު މީހުންގެ މައްޗަށް ހުކުމް އިއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

ނަމަވެސް, ހައިކޯޓަށް އިސްތިއުނާފަށް ހުށަހަޅާފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުގަ އެވެ. އެއީ, އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތަށް ވުރެ ފަހުގެ ތާރީހެކެވެ.

ކްރިމިނަލް ކޯޓުން ހުކުމް ކުރި މީހުން ތެރޭގައި ހިމެނޭ ނިހާދާއި ޖައިލަމްގެ މައްޗަށް ދައުލަތުން އުފުލީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ނަބާހް އާއި އައިމަންގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމަށް އެހީވުމުގެ ކުށުގެ ދައުވާ އެވެ.

ހާދިސާ ހިނގި ދުވަހުން ފެށިގެން ޖަލު ބަންދުގައި ތިބި ދައުވާ ލިބުނު ހަތަރު މީހުންގެ މައްޗަށް ކްރިމަނަލް ކޯޓުން އުމުރު ދުވަހަށް ޖަލަށްލާން އަންގައި, އެމީހުން މެރުމަށް ހުކުމް ނުކުރީ ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިޔަކު އޭނާގެ ހެކިބަސް އަނބުރާ ގެންދިއުމަށް އެދި ކޯޓަށް ސިޓީ ހުށަހަޅުއްވާފައިވާތީ ކަމަށް އެ މައްސަލަ ދަށު ކޯޓުގައި ބެއްލެވި ގާޒީ ހަސަން ސައީދު ވިދާޅުވެފައިވެ އެވެ.