Advertisement

އަހަރު ދެބައިވިއިރު އަމާޒުކުރި 50 ޕަސެންޓު ޓޫރިސްޓުން އައިސްފި

23 ޖުލައި 2022 - 12:41 0

އަމަން ހަލީމް

އަމަން ހަލީމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުން ޓޫރިސްޓުންތަކެއް ނިކުންނަނީ: ދުނިޔޭގެ އިގުތިސޯދަށް ތެލާއި ތަކެތީގެ އަގު އުފުލުމުގެ ހިޔަނި އެޅިފައިވީ ނަމަވެސް ޓޫރިޒަމްގެ ޕާފޯމަންސް ރަނގަޅު. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


އަހަރު ދެބައިވިއިރު އަމާޒުކުރި 50 ޕަސެންޓު ޓޫރިސްޓުން އައިސްފި

23 ޖުލައި 2022 - 12:41 0

އަހަރު ދެބައިވިއިރު މި އަހަރު ރާއްޖެ އަންނާނެ ކަމަށް ލަފާކުރާ 1.6 މިލިއަން ޓޫރިސްޓުންގެ ތެރެއިން 50 ޕަސެންޓު ޓޫރިސްޓުން އައިސްފި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި ޓޫރިސްޓުން ޒިޔާރަތްކުރާނެ އަދަދަކަށް ޖެހީ 1،632،432 ޓޫރިސްޓުންނެވެ. އެއީ "މޮޑަރޭޓް ކޭސް" ނުވަތަ ހާއްސަ ހާލަތެއް މެދުވެރިނުވާހާ ހިނދަކު އަންނާނެ ކަމަށް ލަފާކުރި އަދަދެވެ. މީގެ ތެރެއިން 821،435 ޓޫރިސްޓުން ޖުލައި 2 ވަނަ ދުވަހާ ހަމައަށް ރާއްޖެ އައިސްފި އެވެ.

ޓޫރިޒަމުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނިމުނު ހަފުތާގެ ބުދަ ދުވަހުގެ ނިޔަލަށް މި އަދަދު ވަނީ 900,808 އަށް އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި ޓޫރިސްޓުންނަށް ވުރެ 57.5 ޕަސެންޓު އިތުރު އަދަދެކެވެ.

ޓޫރިޒަމް މާކެޓުތަކަށް ބަލާއިރު، ކުރިން އެއްވަނައިގައި އޮތް އިނގިރޭސިވިލާތް ފަހަތަށް ޖައްސާލުމަށް ފަހު އިންޑިއާ ވަނީ އެއްވަނައަށް އަރާފަ އެވެ. ތިންވަނައިގައި އޮތީ ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރުން ފެށިގެން ޓޫރިސްޓުން އެންމެ ގިނައިން އަންނަ ރަޝިއާ އެވެ.

އެކަމަކު މި އަހަރުގެ ފެބްރުއަރީ ފަހުކޮޅު ފެށި ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ފަހުން އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު މަދެވެ. އެކަމަކު ޖޫން މަހުގެ ތެރޭގައި ރަޝިއާ މާކެޓު ކޮންމެވެސް ވަރަކަށް "ރީބައުންޑު" ވެފައިވާތީ 15،327 ޓޫރިސްޓުން އަ އެވެ.

މިއީ އެ ހަނގުރާމަ ފެށި ފަހުން ރެކޯޑެކެވެ. ރަޝިއާ ޓޫރިސްޓުން އިތުރުވި ނަމަވެސް، ކުރިން ޓޮޕް މާކެޓުތަކުގައި އޮތް ޔޫކްރެއިނުން މިހާރު އަންނަނީ ވަރަށް މަދު ޓޫރިސްޓުންތަކެވެ. ކުރިން ދެ ހާހުން މަތީގައި ހުރި ނަމަވެސް މިހާރު އަދަދުތައް ހުރީ 200 ގަ އެވެ.

ޓޫރިސްޓުން އަންނަ ޓޮޕް މާކެޓުތައް

  1. އިންޑިއާ - 132،151
  2. އިނގިރޭސިވިލާތް - 104،667
  3. ރަޝިއާ - 94،151
  4. ޖާމަނީ - 73،118
  5. އިޓަލީ - 51،850
  6. އެމެރިކާ - 43،653
  7. ފްރާންސް - 31،024
  8. ސްވިޒަލެންޑް - 21،619
  9. ސައުދީ އަރަބިޔާ - 19،982
  10. ސްޕެއިން - 18،860

ޓޫރިސްޓުންގެ އަދަދުތައް އިތުރުވި ނަމަވެސް ދުވާލަކު އެވަރެޖުކޮށް އަންނަ ޓޫރިސްޓުންނާއި މަޑުކުރާ މުއްދަތު ދަނީ ދަށަށެވެ. ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރު ބޯޑަރު ހުޅުވާލި ފަހުން ފެށިގެން އެވަރެޖުކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މުއްދަތު ހުރީ 9 ދުވަހުގަ އެވެ. މިދިޔަ މަހުގެ ނިޔަލަށް އެ އަދަދު ވަނީ 8.1 ދުވަހަށް ތިރިވެފަ އެވެ.

ޓްރެންޑްތަކުން ދައްކަނީ ބަލިމަޑުކަމުގެ ކުރީގައި ޗުއްޓީ ހޭދަކުރާ މުއްދަތަށް މި އަދަދު ތިރިވަމުން ދާ ތަނެވެ. އެކަމަކު ވޭތުވި ދެ އަހަރާ ބަލާ ޓޫރިސްޓުން އަންނަ އަދަދުތައް އިތުރުވި ނަމަވެސް ކޮވިޑު ބަލިމަޑުކަމުގެ ކުރީ އަހަރާ އެއްވަރަށް އަދިވެސް ޓޫރިސްޓުން ނާދެ އެވެ.