Advertisement

ރަށު ނޯޓު: މަސްވެރި ފަރެސްމާތޮޑާ

23 ޖުލައި 2022 - 15:01 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ


ރަށު ނޯޓު: މަސްވެރި ފަރެސްމާތޮޑާ

23 ޖުލައި 2022 - 15:01 0

ގދ. ފަރެސްމާތޮޑާ އަކީ ކުރިން ދެރަށެވެ. ޖިއޮގްރަފީގެ ގޮތުން އެއީ ހަމަ މުޅިން ވަކި ދެރަށެވެ. އެދެރަށް ދެމެދު ހިއްކައި ގުޅުވައިލުމަށް ދަހު އެއް ރަށުގެ ގޮތުގައި ސަރުކާރުން ކަނޑައެޅީ 2007 ވަނަ އަހަރު އެވެ. އެކަމަކު އެ ދެރަށް ގުޅުވައިލުމުގެ މަސައްކަތް އޭގެ އެތައް ދުވަހެއް ކުރިން އޮތީ ނިމިފަ އެވެ.

ދެރަށް އެެއް ރަށަށް ހައްދަވައި "ފަރެސްމާތޮޑާ"ގެ ނަން ދެއްވީ 21 މާޗް، 2007 ގައި އޭރުގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު އެރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގަ އެވެ. އެ ފަހަރު ދެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަފުޅުގައި ވިދާޅުވީ އެއީ ފަރެހާއި މާތޮޑާގެ ރައްޔިތުންނަކީ ވަރަށް އެކުވެރި ބައެއް ކަމަށެވެ.

"އަދި މިދެރަށުގެ ރައްޔިތުންނަކީ ވަރަށް އެކުވެރި، ގުޅުންބޮޑު ދެރައްޔިތެއް. އަދި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިދެރަށުގެ ރައްޔިތުން އެދިވަޑައިގަންނަވަނީ، މިދެރަށަކީ ރަސްމީގޮތުން އެއްރަށެއްގެ ގޮތުގައި ސަރުކާރުން ހަދައިދޭން،" ރައީސް މައުމޫނު އެ ދުވަހު ވިދާޅުވި އެވެ.

އެހެން ނަމަވެސް އޭގެ ފަހުން ދެރަށުގެ ރައްޔިތުންގެ ގުޅުން ކުރިއަށް ދިޔައީ މައުމޫނު އެ ވިދާޅުވި ފަދަ ގޮތަކަށޭ ބުނެވޭކަަށް ނެތެވެ. ދޭ ތެރެ ދޭތެރެއިން ދެރަށުގެ ވާދަވެރިކަން ބޮޑުވެ، ހަމަނުޖެހުންތައް ވެސް ދިޔައީ ހިނގަމުންނެވެ.

އެކަމަކު މިހާރު އެއީ މައުމޫނު ވިދާޅުވި ފަދަ އެކުވެރި ރައްޔިތެކެވެ. ވާދަވެރިކަން ދޫކޮށްލައި އެއް ރައްޔިތެއްހެން ދިރިއުޅެން ފެށިކަން ފަރެސްމާތޮޑާ ރައްޔިތުން ވަނީ މިދިޔަ ބޮޑު އީދުގައި ސާބިތުކޮށްދީފަ އެވެ.

ފަރެސްމާތޮޑާގެ ބޮޑުމިނަކީ 46 ހެކްޓަރެވެ. ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ ކިޔު-8 އެވެ.

ރަށުގެ މިހާރުގެ އާބާދީއަކީ 1862 އެވެ. އެއީ 920 އަންހެނުންނާއި 949 ފިރިހެނުންނެވެ. އޭގެ ތެރެއިން ރަށުގައި ދިރިއުޅެނީ 1500 މީހުންނެވެ. މީގެ 37 އަހަރު ކުރިން 1985ގައި ބޯހިމެނިއިރު، އާބާދީއަކީ 813 އެވެ.

ފަރެސްމާތޮޑާ މަގުމަތި-- ފޮޓޯ: ޝަޒޫ ފޮޓޯގަްރަފީ/ ފޭސްބުކް


އަތޮޅުގެ އެހެން ގިނަ ރަށްތަކެކޭ އެއްފަދައިން ފަރެސްމާތޮޑާގެ އިގުތިސޯދުގެ މައިގަނޑު ހަރަކާތަކީ މަސްވެރިކަމެވެ. ރަށު ކައުންސިލުން ބުނާ ގޮތުގައި އެ ރަށުގައި 10 މަސްދޯނި އޮތްއިރު، ހަމަ އެ އަދަދަށް ލޯންޗު ވެސް އޮވެ އެވެ.

ރަށުގެ އާންމު ހާލަތަށް ބަލާއިރު ފެނާއި ނަރުދަމާގެ ނިޒާމު މިހާތަނަށް ގާއިމުކުރެވިފައި ނެތެވެ. 24 ގަޑިއިރު ކަރަންޓު ލިބި، ނަރުދަމާގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުން އަންނައިރު، ރަށުގައި ބަނދަރުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑެވެ. ކުނި ނައްތާލުމުގެ ނިޒާމު ގާއިމްކުރެވިފައިވާއިރު، ރަށުގައި ސިއްހީ މަރުކަޒެއް ވެސް ހުރެ އެވެ.

ފަރެސްމާތޮޑާ-- ފޮޓޯ: ވިޒިޓް ފަރެސްމާތޮޑާ


ރަށުގައި މިވަގުތު ހިންގަމުން އަންނަ ތަރައްގީގެ އެންމެ މުހިންމު މަޝްރޫއަކީ ރަށުގެ އެއާޕޯޓެވެ. މި އަހަރުގެ ތެރޭގައި ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވާނެ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. ސަރުކާރުން 144.8 މިލިއަން ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގައި އެއާޕޯޓުގެ ބިން ހިއްކައި، މަޝްރޫއުގެ ބޮޑުބައި މިހާރު ވަނީ ނިންމާފަ އެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތުގައި ފަރެސްމާތޮޑާ އާއި އެއަޕޯޓު ގުޅުވާލަން ހަމަޖެހިފައިވަނީ ކޯޒްވޭއަކުންނެވެ.

ފަރެސްމާތޮޑާގެ ހުވަދޫ ސުކޫލުގައި ޕްރީ ސްކޫލުން ފެށިގެން ގްރޭޑު 10 އަކާ ހަމައަށް ކިޔަވައިދެމުން އަންނައިރު، 214 ކުދިން އަންނަނީ ކިޔަވަމުންނެވެ. އެއީ 106 އަންހެން ކުދިންނާއި 108 ފިރިހެން ކުދިންނެވެ.

ހެރަހަމަގު ބަގީޗާ-- ފޮޓޯ: ޝަޒޫ ފޮޓޯގަްރަފީ/ ފޭސްބުކް


ރަށުގެ އެންމެ ހިތްގައިމު ތަނަކަށް މިހާރު ވާނީ ހަމަގައިމު ވެސް ކުރިން އެ ރަށުގެ މާތޮޑާ އަވަށުގެ ކުނި ގޮނޑު ސާފުކޮށް، މިހާރު ތަރައްގީކޮށްފައިވާ ހެރަހަމަގު ބަގީޗާ އެވެ. މި އަހަރު ކުރީކޮޅު ހުޅުވި މި ބަގީޗާގައި ކުޑަކުދިން ކުޅޭނެ ތަނަކާއި ބެޑްމިންޓަން ކޯޓެއްގެ އިތުރުން އައުޓްޑޯ ޖިމަކާއި ހިތްހަމަޖައްސައިލުމަށް އެކި މައިޒާންތައް ހަދާފައިވެ އެވެ. އަދި، ތަނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ނޭޗާޕާކެއްގެ ކުލަ ޖައްސައިގެން ތަރައްގީކޮށްފައިވާ ބޮޑު ފެންގަނޑުންނެވެ.

އާންމު މައުލޫމާތު


ރަށުގެ ނަން: ފަރެސްމާތޮޑާ އަތޮޅު: ހުވަދުއަތޮޅު ދެކުނުބުރި (ގދ. އަތޮޅު) އިނގިރޭސި އަކުރާއި ނަންބަރު: ކިޔު-8 އާބާދީ: 1862 ފިހާރަ: 18 ކެފޭ، ރެސްޓޯރެންޓް، ގާޑިޔާ: 4 ގެސްޓް ހައުސް: 1 ފާމަސީ: 1 ކުރިއަށްދާ މަޝްރޫއުތައް: 1. ފަރެސްމާތޮޑާ އެއާޕޯޓު 2. އެއާޕޯޓާއި ރަށާ ގުޅުވާލާ ކޯޒްވޭ 3. ފެނާއި ނަރުދަމާ މަޝްރޫއު