Advertisement

އީވާންގެ ދެ ލަނޑާއެކު ސަސްގެ މައްޗަށް ޔޫވީން ކުރި ހޯދައިފި

22 ޖުލައި 2022 - 08:34 0


އީވާންގެ ދެ ލަނޑާއެކު ސަސްގެ މައްޗަށް ޔޫވީން ކުރި ހޯދައިފި

22 ޖުލައި 2022 - 08:34 0

މެޗުގެ ދެވަނަ ހާފުގައި ބެލާރޫސްގެ ފޯވަޑް އީވާން ވެރާސް މެޗުގެ ދެވަނަ ހާފުގައި ކާމިޔާބުކުރި ދެ ލަނޑާއެކު، އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ސުޕަ ޔުނައިޓަޑް ސްޕޯޓްސް (ސަސް) އަތުން 2-1 އިން މޮޅުވެ، ޔުނައިޓަޑް ވިކްޓަރީ (ޔޫވީ) ތާވަލްގެ ފަސް ވަނަ އަށް ޖެހިލައިފި އެވެ.

ސަސް އަތުން ހޯދި މޮޅާއެކު، ޔުނައިޓަޑް ވިކްޓަރީ ވަނީ 26 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. ތާވަލްގެ ހަތަރު ވަނައިގައި އޮތް ގްރީން ސްޓްރީޓްސް ވެސް 26 ޕޮއިންޓްގައި އޮތް ނަމަވެސް، އެ ޓީމު ހަތަރު ވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. އެކަމަކު ލީގުގައި މާދަމާ ރޭ ޓީސީ އާއި ވެލެންސިއާ ބައްދަލުކުރާ މެޗުން ވެލެންސިއާ މޮޅުވެއްޖެ ނަމަ، އެ ޓީމު ޔޫވީ އަށްވުރެ ކުރިއަށް އަނެއްކާ ވެސް ޖެހިލާނެ އެވެ.

މެޗުގެ ފުރަތަމަ 20 މިނިޓުގެ ތެރޭގައި، ދެ ޓީމަށް ވެސް މާ ރަނގަޅު ހަމަލާތަކެއް ނުއުފެއްދެ އެވެ. ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ.

މެޗުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ މެޗުގެ 22 ވަނަ މިނިޓުގައި އުފެއްދީ ޔޫވީންނެވެ. އަރިމަތިން، މުޅި މެޗުގައި ވެސް ސަސްގެ ޑިފެންޑަރުންނަށް އުނދަގޫތަކެއް ކުރިމަތިކުރިވި، ހަލުވި މިޑްފީލްޑަރު އަހްމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އޭރިޔާ ތެރެއިން، ގޯލުގެ ކުރިމައްޗަށް ތިރިތިރިން ނުރައްކާތެރި ބޯޅައެއް ހުރަސްކޮށްލި އެވެ. އެ ބޯޅަ އަށް ޔޫވީގެ އަރީން އަބްދުﷲ އިބްރާހިމް އެރި ނަމަވެސް، އޭނާ އަށް އެ ބޯޅަ ގޯލަށް އަަމާޒުކޮށްލެވޭ ގޮތެއްނުވި އެވެ.

ޔޫވީން މެޗުގެ 27 ވަނަ މިނިޓުގައި ލީޑު ނެގީ، ސާބިއާގެ ޑިފެންޑަރު މިލޮސް ކޮވަސެވިޗް ޖެހި ލަނޑުންނެވެ. ޔޫވީގެ ކުޅުންތެރިއެއް، ސަސްގެ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް، ބޭރަށް ދަނިކޮށް، ޔޫވީގެ ފޯވަޑް އީވާން ވަނީ ބޮލުން ގޯލުގެ ކުރިމައްޗަށް އެ ބޯޅަ ޖައްސާލައިފަ އެވެ. އޭރިޔާ ތެރެއަށް މިލޮސް އަށް އެ ބޯޅަ ލިބުމުން، އޭނާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

މެޗުގެ 33 ވަނަ މިނިޓުގައި ވެސް ބައްކު ވަނީ ނުރައްކާތެރި ބޯޅައެއް ސަސްގެ އޭރިޔާ ތެރެއަށް ހުރަސްކޮށްލައިފަ އެވެ. ބައްކު ހުރަސްކޮށްލި ބޯޅަ، ޕެނަލްޓީ އޭރިޔާ ތެރެއިން ސަސްގެ ޑިފެންޑަރެއްގެ ފައިގައި ޖެހި، ގޯލާ ދިމާލަށް ދިޔަ ނަމަވެސް، ސަސް ސަލާމަތްވީ އެ ޓީމުގެ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް)ގެ ހުށިހާރުކަމުންނެވެ.

ސަސް އިން ދެވަނަ ހާފުގައި މެޗު އެއްވަރުކުރުމަށް ކުރަމުންދިޔަ މަސައްކަތުން، އެންމެ ފުރަތަމަ ފޮނުވާލި ނުރައްކާތެރި ހަމަލާއަކީ ހިލޭޖެހުމަކުން މުހައްމަދު ސާމިރު ފޮނުވާލި ހަމަލާއެވެ. އޭރިޔާ ބޭރުން ސާމިރު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ސަސް އިން މެޗުގެ 66 ވަނަ މިނިޓުގައި ނަތީޖާ އެއްވަރުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. ސަސްގެ މުހައްމަދު ޝަހާއު (ބޭލް) އަށް، ޔޫވީގެ މޫސާ އަޒީމް ހަސަން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކުރީ ސަސްގެ ފޯވަޑް އިބްރާހިމް އަތީގް (އިއްބެ) އެވެ. އިއްބެ ފޮނުވާލި ޕެނަލްޓީ ގޯލަށް ވަނީ ޔޫވީގެ ގޯލްކީޕަރު ތޮލާލް ހަސަންގެ އަތުގައި ޖެހިފަ އެވެ.

އެކަމަކު މެޗުގެ 71 ވަނަ މިނިޓުގައި ޔޫވީން ވަނީ އަލުން ލީޑު ނަގައިފަ އެވެ. ބައްކު ދިން ބޯޅައަކަށް، ސަސްގެ ދެ ޑިފެންޑަރުންގެ މެދުން އަރައި، އީވާން ވަނީ ސަސްގެ ކީޕަރު ޗެކް ބޯޅަ ދިފާއުކުރަން ނިކުތް ވަގުތު، މަޑުމަޑުން ގޯލަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

މެޗު ނިމެން ކައިރިވެފައި ވަނިކޮށް، އީވާން ވަނީ އިތުރު ލަނޑެއް ޖަހައި، ޔޫވީ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.

ސަސް އޮތީ 14 ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައިގަ އެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި މާޒިޔާއާ ދެކޮޅަށް ނުކުންނާނީ ޑަ ގްރާންޑޭ އެވެ. މި މެޗުން މާޒިޔާ މޮޅުވެއްޖެ ނަމަ، އެ ޓީމަށް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ކަށަވަރުވާނެ އެވެ.