Advertisement

ބައިޑެން ކޮވިޑަށް ޕޮޒިޓިވް، ހާލުކޮޅު ރަނގަޅު

22 ޖުލައި 2022 - 05:37 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގެ ރައީސް ޖޯ ބައިޑެން: ކޮވިޑަށް ޕޮޒިޓިވްވުމުން އެމަނިކުފާނު ހުންނެވީ އައިސޮލޭޝަންގައި. -- ފޮޓޯ: އީޕީއޭ


ބައިޑެން ކޮވިޑަށް ޕޮޒިޓިވް، ހާލުކޮޅު ރަނގަޅު

22 ޖުލައި 2022 - 05:37 0

އެމެރިކާގެ ރައީސް ޖޯ ބައިޑެން ކޮވިޑަށް ޕޮޒިޓިވްވުމުން ވައިޓް ހައުސްގައި އައިސޮލޭޓްވެއްޖެ އެވެ.

އުމުރުން 79 އަހަރުގެ ބައިޑެން ވެކްސިން ފުރިހަމަކޮށް، ދެ ބޫސްޓާ ޑޯޒް ވެސް ޖެއްސެވި އެވެ. އެމަނިކުފާނުގެ ކިބައިން ފެންނަނީ "ވަރަށް އާދައިގެ އަލާމާތްތައް" ކަމަށާއި ޒިންމާތައް އަދާ ކުރަމުން ގެންދަވާނެ ކަމަށް ޕްރެސް ސެކެޓްރީ ކެރީން ޖޯން ޕިއޭ ވިދާޅުވި އެވެ.

އަލާމާތްތަކަށް ފަރުވާ ކުރުމުގެ ގޮތުން އެންޓިވަައިރަލް ބޭސް ޕެކްސްލޮވިޑް ބޭނުން ކުރަމުންދާ ކަމަށް ޕްރެސް ސެކެޓްރީ ނެރުއްވި ބަޔާނުގަައިވެ އެވެ.

ބައިޑެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ހާލު ރަަނގަޅު" ކަމަށާއި "ބިޒީކޮށް" އުޅެމުންދާ ކަމަށެވެ. އަނބިކަނބަލުން، ފަސްޓް ލޭޑީ ޖިލް ބައިޑެންގެ ކޮވިޑް ޓެސްޓުގެ ނަތީޖާ ނެގެޓިވް އެވެ.

ޕްރެސް ސެކެޓްރީ ވިދާޅުވީ ވައިޓް ހައުސްގެ ޕްރޮޓޮކޯލްއާ އެއް ގޮތަށް ބައިޑެންގެ ނެގެޓިވް ނަތީޖާއެއް ލިބެންދެން، އެމަނިކުފާނު މަސައްކަތް ކުރައްވާނީ އައިސޮލޭޝަންގައި ހުންނަވައިގެންނެވެ. ބަައްދަލުވުންތައް ކުރިއަށް ދާނީ ފޯނު އަދި ޒޫމް މެދުވެރިކޮށެވެ.

ވައިޓް ހައުސްގެ ކޮވިޑް ކޯޑިނޭޓަރު ޑރ. އަޝިޝް ޖާ ވިދާޅުވީ ބަައިޑެން ވަަރުބަލިވެ، ރޯގާ ޖެހި، ކެއްސުން ފަދަ ކަންކަމާ ކުރިމަތިވެވަޑައިގެންފައިވާާ ކަމަށެވެ.

ބައިޑެންއަކީ އެމެރިކާގެ އެންމެ އުމުރުން ދުވަސްވީ ރައީސެވެ. މި އަހަރު އުމުރުން 80 އަހަރު ފުރޭ އިރު އެމަނިކުފާާނު ގެންދަވަަނީ ގަވާއިދުން ކޮވިޑަށް ޓެސްޓު ކުރަމުންނެވެ. އެގޮތުން އެންމެ ފަހުން އަަންގާރަ ދުވަހު ކުރި ޓެސްޓުގެ ނަތީޖާ ވެސް ނެގެޓިވް އެވެ.

ބައިޑެންގެ ހާލުކޮޅު ގޯސްވެ، ޒިންމާތައް އަދާ ނުކުރެވޭނެ ކަމަށް ކަނޑައަޅައިފި ނަމަ، ރިޔާސީ ބާރުތައް ލިބިވަޑައިގަންނަވާނީ ނައިބު ރައީސް ކަމަލާ ހެރިސް އަށެވެ.