Advertisement

ރައްޔިތުންގެ ތާއީދާ ނުލައި ގައުމުގެ ރައީސްކަމަށް!

22 ޖުލައި 2022 - 17:20 0

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


ރައްޔިތުންގެ ތާއީދާ ނުލައި ގައުމުގެ ރައީސްކަމަށް!

22 ޖުލައި 2022 - 17:20 0

އާދައިގެ މެންބަރެއްގެ ގޮތުގައި 1960 ގެ އަހަރުތަކުގެ ތެރޭގައި ސްރީލަންކާގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީއާ ގުޅިވަޑައިގެންނެވި ރަނިލް ވިކްރަމަސިންގހަ ފުރަތަމަ އަދާކުރެއްވި ސިޔާސީ މަގާމަކީ ފޮރިންއެފެއަރޒްގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމެވެ. އެއީ 1977 ވަނަ އަހަރު އެވެ. އޭގެ އަހަރުތަކެއް ކުރިން ފެށިގެން ވެސް ރަނިލް ގެންދެވީ ސިޔާސީ މައިދާނުގައި އޭނާގެ ގާބިލުކަން ސާބިތުކޮށްދެއްވަމުންނެވެ. ޕާޓީގައި އަދި ފޮރިންއެފެއަރޒްގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުގައި އޭރު ޒުވާން ރަނިލް އަދާކުރައްވަމުން ގެންދެވި ކާމިޔާބު މަސައްކަތްޕުޅުތަކުން ޕްރައިމް މިނިސްޓަރު ރިޗަރޑް ޖަޔަވަރްދަންގެ އިތުބާރު ހޯއްދެވި އެވެ. ނަތީޖާއަކަށްވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޔޫތު މިނިސްޓަރުކަމަށް އައްޔަނުކުރެވުމެވެ.

އެއީ ރަނިލްގެ ސިޔާސީ ހަޔާތުގެ ރަސްމީ ފެށުމެވެ. އޭރުއްސުރެ މިއަދާ ހަމައަށް ވެސް ލަންކާގެ ސިޔާސީ މަސްރަހުގައި -- އާންމުންގެ ތާއީދު ދަށްވި ނަމަވެސް -- ރަނިލްގެ އަޑު މަޑެއް ނުވެ އެވެ. ފުރަތަމަ ފަހަރަށް 1994 ގައި ބޮޑުވަޒީރުކަމަށް އިންތިހާބުވެ، އޭގެ ފަހުން އެކި ފަހަރުމަތިން ޖުމުލަ ހަ ފަހަރު ބޮޑުވަޒީރުކަން ކުރައްވައިފި އެވެ. އެކި ފަހަރުމަތިން އޮޕޮޒިޝަން ލީޑަރެއްގެ ދައުރު އަދާކުރެއްވި އެވެ.

ވެރިކަމުގެ މަތީފަޑީގައި ރަނިލްގެ ބާރާއި ބަސް ގަދަވަމުން ދިޔަނަމަވެސް އާންމުގެ ތެރޭގައި ރަނިލްގެ މަގުބޫލުކަން ދިޔައީ ދަށްވަމުންނެވެ. ދެހާސް ވިހިވަނަ އަހަރުގެ އިންތިހާބަކީ ރަނިލްއަށާއި ނޭޝަނަލް ޕާޓީއަށްވެސް އެންމެ ބޮޑު ލަދަކާ ކުރިމަތިލާން ޖެހުނު އިންތިހާބެވެ. އެ އިންތިހާބުގައި ރަނިލްގެ ނޭޝަނަލް ޕާޓީއަށް އެންމެ ގޮނޑިއެއްވެސް ކާމިޔާބު ނުކުރެވުނެވެ. މިއީ ރަނިލްގެ ސިޔާސީ ހަޔާތުގައި ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީ އެވެ.

އެފަހަރު ރަނިލްގެ ސިޔާސީ ނަސީބަކަށްވީ ނޭޝަނަލް ލިސްޓެވެ. ލަންކާގެ ޕާލަމެންޓް އިންތިހާބުގެ ގާނޫނު އޮންނަ ގޮތުން، ޕާޓީއަކުން ވޯޓު ހޯދާ ނިސްބަތަށް ބަލައި ޕާލަމެންޓަށް މެންބަރަކު އައްޔަނުކުރުމުގެ ފުރުސަތު އެޕާޓީއަކަށް ލިބޭނެ އެވެ. ރަނިލްގެ ޔުނައިޓެޑް ޕާޓީއަށް ލިބުނީ މިގޮތުން ލިބުނު އެންމެ ފުރުސަތެކެވެ. އެ ފުރުސަތުގެ ބޭނުން ހިއްޕަވައި، ޕާލަމެންޓަށް އައްޔަނުކުރާ މެންބަރެއްގެ ގޮތުގައި ރަނިލްގެ ޕާޓީން ފޮނުވީ ރަނިލްގެ ނަންފުޅެވެ. އެހެންކަމުން ރަނިލްއަކީ ލަންކާގެ ޕާލަމެންޓުގައި 2020 ވަނަ އަހަރު ތިބި 225 މެންބަރުންގެ ތެރޭގައި ހިމެނޭ ނޮމިނޭޓުކުރެވުނު 29 މެންބަރުންގެ ތެރެއިން މެންބަރެކެވެ.

ކޮރަޕްޝަނާއި ފަސާދައިގެ ސަބަބުން ތަޣައްޔަރުވެފައިވާ ލަންކާގެ ސިޔާސީ މަތިފަޑި ސާފުކުރުމަށްކަމަށްބުނެ މި ފަހުން ގެނައި އިންގިލާބުގައި ރާޖަޕަކްސާ އާއިލާ ލަންކާގެ ސިޔާސީ މަސްރަހުން ގެއްލިއްޖެ އެވެ. ރައީސް ކަމުގެ މަގާމުގައި ހުންނެވި ގޮތާބަޔާ ވެސް އަމިއްލަ ފުރާނަ ސަލާމަތްކުރުމަށް ލަންކާ ދޫކޮށް ފިއްލަވައިގެން ސިންގަޕޫރަށް ވަޑައިގަތީ އެވެ. އެއާއެކު ރައީސްކަމުގެ މަގާމު ހުސްވީ އެވެ.

ލަންކާގެ ގާނޫނު އަސާސީގެ 40 ވަނަ މާއްދާގައި ބުނަނީ ހިނގަމުންދާ ރިޔާސީ ދައުރެއްގައި ރައީސްކަމުގެ މަގާމު ހުސްވެއްޖެނަމަ އެ ދައުރުގެ ބާކީ އޮތްބަޔަށް އެ މަގާމަށް މީހަކު އައްޔަނުކުރާނީ ޕާލަމެންޓުގެ މެންބަރުންގެ ތެރެއިން ކަމަށެވެ. ލަންކާގެ ޕާލަމެންޓުގައި ހިމެނޭ އެންމެ ތަޖުރިބާކާރު މެންބަރަކީ ރަނިލް އެވެ. މިހާރު ރައްޔިތުންގެ ތާއީދު ނެތްނަމަވެސް އޭނާއަކީ ސިޔާސީ މުފައްކިރެކެވެ. އޭނާގެ ސިޔާސީ ތަޖުރިބާގެ ތެރެއިން ގައުމަށް ހެޔޮ ގޮތެއް ފެނިދާނޭ ކަމުގެ އުއްމީދުގައި ޕާލަމެންޓްގެ 134 މެންބަރުންގެ ތާއީދާއެކު އޭނާ ރައީސްކަމަށް އައްޔަނުކޮށްފި އެވެ.

ލަންކާގެ ރިޔާސީ އިންތިހާބުގައި މީގެ ކުރިން ދެ ފަހަރު، -- 1999 ވަނަ އަހަރާއި 2005 ވަނަ އަހަރު -- ވާދަކޮށް ދެ އިންތިހާބުގައި ވެސް ރަނިލްއަށް ކުރިމަތިވީ ނާކާމިޔާބީއާ އެވެ. އޭނާ އަބަދުވެސް ކާމިޔާބު ކުރައްވަމުން ގެންދެވީ އޭނާގެ ދާއިރާއިން ޕާލަމެންޓްގެ ގޮނޑި އެވެ. ސިޔާސީ މައިދާނުގައި އަބަދުވެސް ތަމްސީލުކުރެއްވި ބާރުވެރިކަން ހޯއްދެވީ ރައްޔިތުންގެ ތެރެއިން މަދު އަދަދެއްގެ ބައެއްގެ ތާއީދާއެކު އެވެ.

ރާޖަޕަކްސަ އާއިލާގެ ހައްދުންނެއްޓިފައިވާ ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ އަމަލުތަކާއެކުވެސް އެ އާއިލާގެ ވެރިކަމަށް އެހީތެރިވެދިންކަމަށް ތުހުމަތުކޮށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތިބީ ރަނިލްއާމެދު ނުރުހިފަ އެވެ. ރަނިލްއާމެދު ރައްޔިތުންގެ އަގުލަބިއްޔަތު ދެކޭ ގޮތް ދެހާސްވިހިވަނަ އަހަރުގެ އިންތިހާބުގައި އެއޮތީ ބުނެދީފަ އެވެ. އެއީ އޭނާގެ ޔުނައިޓްޑް ނޭޝަނަލް ޕާޓީ ލަންކާގެ ސިޔާސީ މަސްރަހުން ފުހެލި އިންތިހާބެވެ. އެހެންނަމަވެސް، ލަންކާގެ ވެރިކަމުގެ ނިޒާމު ހަމަޖެހިފައި އޮތްގޮތުން ލިބުނު ފުރުސަތުގެ ބޭނުންހިފައި، އިންތިހާބަކާ ނުލައި ޕާލަމެންޓަށް އައްޔަނުވެ، ޕާލަމެންޓްގެ މެންބަރެއްގެ ހައިސިއްޔަތުން ގައުމުގެ ރައީސްކަމަށްވެސް އައްޔަނުވެވަޑައިގެންނެވީ އެވެ. ރައްޔިތުންގެ ބަހެއް ނެތި އެވެ.

މިއީ ސިޔާސީ މަސްރަހުގައި ރަނިލްއަށް ކާމިޔާބެކެވެ. އެހެންނަމަވެސް ގައުމު ފުން އަނދަވަޅަކަށް ވެއްޓިފައިވާ މި ދަނޑިވަޅުގައި ރައްޔިތުންގެ ބަހެއް ނެތި އައްޔަނުކުރެވުނު ވެރިއަކަށް ގައުމާއި ރައްޔިތުން ހަމައަކަށް އެޅުވިދާނެކަމާމެދު ސުވާލު އުފެދެ އެވެ. އިގްތިސާދީ ކާރިސާއިން އަރައިގަންނަން ލަންކާއިން ކުރަންޖެހޭ މަސައްކަތުގެ ފުރަތަމަ ބޮޅަކީ ސިޔާސީ ހަމަޖެހުމެވެ. ލަންކާގެ މަސްރަހު ފިނިވެ، އެ ގައުމަށް ހަމަޖެހުން އަންނާނީ ރައްޔިތުންގެ ގިނަ ބައެއްގެ ރުހުމާއި އިތުބާރު އޮތް މީހަކު ރައީސްކަމަށް އިންތިހާބު ކުރެވިގެންނެވެ. ރައީސްކަމާ ހަވާލުވެ ދެއްވި ކުރު ސްޕީޗުގައި ރަނިލް ގޮވާލެއްވީ އިދިކޮޅު ފަރާތްތަކުންވެސް އޭނާއަށް އިތުބާރުކޮށް އެކުގައި މަސައްކަތްކޮށްދިނުމަށެވެ. އެހެންނަމަވެސް އިދިކޮޅު ފަރާތްތަކުގެ ބަހުގައި ރަނިލްއަކީ މިހާރުގެ ލަންކާ އެއްބައިވަންތަކުރުވަން އެންމެ އެކަށީގެންވާ ލީޑަރެއް ނޫނެވެ.