Advertisement

މިސްކިތަށް އެރުމާއި ނަމާދު ކުރުން - 2

21 ޖުލައި 2022 - 11:50 1

ހަސަން ޒަރީރު (ލަގަން)

ހަސަން ޒަރީރު (ލަގަން)


މިސްކިތަށް އެރުމާއި ނަމާދު ކުރުން - 2

21 ޖުލައި 2022 - 11:50 1

ފުރަތަމަ ބަޔާ ގުޅޭ

ރައިވެރިކަމާއި ދަނޑުވެރިކަމުގައި އުޅޭ މީހުންވެސް ނަމާދު ވަގުތު ޖެހުމުން މިސްކިތަށް އަރައި ނަމާދެއް ނުކުރާނެއެވެ. ކިއްސަރު ވަޑާންކުރާ ވަޑިންނަކީ ރަށުގައި މަސައްކަތް ކުރާ ބައެއް ކަމުގައިވިޔަސް އެމީހުން ހެނދުނުގެ މަސައްކަތް ފެށުމަށްފަހު ނަމާދު ކުރުމަކަށް މިސްކިތަކަށް ނުދާނެއެވެ. އަދި، އެތަނުގައިވެސް ނަމާދެއް ނުކުރާނެއެވެ.

ރައްޖެއަށް އައި ބޮޑު ތަދުގެ ދުވަސްވަރު ނިމި އަންނައުނު ލިބުން ތިޔާގި ވުމަކުން އަޅުގަނޑުމެންގެ ތެރެއިން ގިނަ ފިރިހެނުންނަކަށް ގަމީހާއި ގަންޖުފަރާހަކީ މާގަޔާވާ އެއްޗަކަށް ނުވިއެވެ. ގިނަ މީހުންނަށް މުންޑު އަނުމަށްފަހު ގަމީހެއް ލައިގެން އުޅުމަކީ އިތުރު އުނދަގުލެއް ފަދަ ކަމެކެވެ.

މިސްކިތަށް ދާއިރު ވަރަށް މަދު މީހަކު ފިޔަވާ ގިނަމީހުން ތިބޭނީ މުނޑުލައިގެން ގަމީސް ނުލައެވެ. އެކަމަކު ނަމާދު ކުރަން ވުމުން މުންޑު އަނދެ އުޅެނީ ފޫޅަށްވުރެ މަތީގައެވެ. ނަމާދަށް ދިއުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދީއުޅުނު އެއްކަމަކީ ބޮލުގައި އެއްޗެއް އަޅައި ބޯނިވާ ކުރުމެވެ. މި ކަމަށް ޓަކައި ކޮންމެ މީހަކުވެސް ތާކިހަލެއް ގެންގުޅޭނެއެވެ. ތާކިހަލެއް ނެތްމީހަކު ނަމަ ރުމާލެއް ނުވަތަ ފޮށައެއް ގެންގުޅޭނެއެވެ. މިސްކިތު ތެރޭގައި ފޮއްޓަކަށް އަޅައިފައި ނުވަތަ ތަންތަނުގައި އަޅުވައިފައި ތާކިހާ ހުންނާނެއެވެ. ކޮންމެވެސް ސަބަބަކާއި ހުރެ ބޯ ނިވާ ކުރާނެ އެއްޗެއް ނެތިއްޖެ ހާލަތެއްގައި، ގަމީހެއް ގަންޖުފަރާހެއް ފަދަ އެއްޗެއް ލައިގެން ނަމާދަށް އައިސް ހުރި މީހަކު އެ އެއްޗެއް ބާލައި ބޯ ނިވާކުރާނެއެވެ. ހަނދާން ނެތިގެން ބޮލުގައި އެއްޗެއް ނާޅާ ނަމާދު ކުރާތަން އެހެން މީހަކަށް ފެނިއްޖެނަމަ އެ މީހަކު އައިސް ނަމާދު ކުރަން ހުންނަ މީހާގެ ބޮލުގައި އަތް ޖައްސާލައެވެ. ދެން އެހިސާބުން ޖެހޭނީ ނަމާދު ދޫކޮށްލައިފައި ބޮލުގައި އަޅާނެ އެއްޗެއް ހޯދަން ދާށެވެ. ބޯ ނިވާކުރާނެ އެއްޗެއް ނެތި ނަމާދު ކުރުމަކީ ނަމާދު ބާޠިލުވާ ފަދަ ކަމެއްގެ ގޮތުގައި ދެކެއެވެ.

އާންމު ނަމާދުތަކާއި ޚިލާފަށް ހުކުރު ނަމާދާއި ދެޢީދު ދެނަމާދަށް ދާނީ ހުކުރު ހެދުމުގައެވެ. ވަރަށް މަދު މީހަކު ފިޔަވާ އެންމެން ތިބޭނީ ގަމީސް ލައިގެންނެވެ. ހުކުރު ނަމާދު ކުރުމުގައި ނަމާދު ނިމުމަށްފަހު ސުންނަތްކޮށް ޖަމާޢަތުގައި ޞަލަވާތް ފާތިޙާ ކިޔަވައިގެން ނޫނީ އެއްވެސް މީހަކު މިސްކިތަކުން ނުނިކުންނާނެއެވެ. މި ފަދަ ޖަމާޢަތްތަކުގައި އެންމެ ފުރަތަމަ މިސްކިތުން ނުކުންނަ މީހުންނަކީ މާ ވިޔާދާ މީހެއްކަމުގައި ނުދެކެއެވެ.

ނަމާދު ކުރަން މިސްކިތަށް އަރާ މީހުން އެ މީހަކު ބޭނުން ތާކު ހުރެގެން ނަމާދު ކުރުމަކީ އެއް ގޮތަކަށްވެސް ކޮށްއުޅޭ ކަމެއް ނޫނެވެ. ޖަމާޢަތް ނިމުމަށްފަހު މިސްކިތަށް އަރާ މީހުން ނަމާދު ކުރަން ފަށާނީ މިސްކިތުގައި ނަމާދު ކުރަން މީހަކު ހުރިނަމަ އެމީހެއްގެ ފަހަތުގައެވެ. ދެން އަންނަ މީހަކުވެސް އެމީހެއްގެ ފަހަތުގައެވެ. މި ގޮތަށް ޖަމާޢަތާއި ގުޅުވާނީ އެކަނި ނަމާދު ކުރަން އެނގޭ މީހުންނެވެ. ނަމާދު ކުރަން ނޭނގޭ މީހުން ފަށައިފައިވާ ޖަމާޢަތެއްގައި ބައިވެރިވާނަމަ ޖެހޭނީ، މިސްކިތުގައި އިން މީހެއް ގާތު އެމީހުން ރަކުޢަތެއް ކޮށްފިތޯ އަހާށެވެ. ރަކުއަތެއް ކޮށްފިނަމަ ނަމާދު ކުރަން އެނގޭ މީހަކު އަންނަންދެން ޖެހޭނީ މިސްކިތުގެ ފަހަތުގައި މަޑުކޮށްގެން ތިބޭށެވެ. މި ޒަމާނުގައި ނަމާދު ކުރަން ނޭގޭ މީހަކު ނޫޅުނެއްކަމަކު، އެ ޒަމާނުގައި އަމިއްލައަށް ނަމާދު ކުރަން ނޭނގޭ މީހުންނަކީ މަދު ބައެއް ނޫނެވެ. މިސްކިތުގައި މަޑުކޮށްގެން ތިބުމުގައި ކުޑަކުއްޖެއް، ބޮޑު މީހެއް ތަފާތެއް ނެތެވެ. ކިތަންމެ ގިނައިރަކު ތިބެންޖެހުނަސް، ނަމާދު ކުރަން އެނގޭ މީހަކާއެކު ނޫނީ ނަމާދެއް ނުކުރާނެއެވެ. މިސްކިތުގައި ބަޔަކު ނަމާދު ކުރަން ތިއްބާ އެހެން މީހަކު އަމިއްލައަށް ވަކިން ނަމާދު ކޮށްގެން ނުވާނެއެވެ. އަދި ރޭގަނޑުގެ ނަމާދުތަކުގައި ޖަމާޢަތުގެ ފަހުން، އިމާމަކަށްވާ ކޮންމެ މީހަކުވެސް ކިޔަވާނީ މައުމޫމުންނަށް އަޑުއިވޭވަރަށް ބާރަށެވެ. އިމާމުވެ ނަމާދު ކުރާ އެއްވެސް މީހަކު، ރޭގަނޑުގެ ނަމާދު ތަކުގައި ބާރަށް ކިޔަވަން ޖެހޭ އެއްވެސް ސޫރަތެއް މަޑުންނެއް ނުކިޔަވާނެއެވެ.

އާދަކާދައާއި ސަޤާފަތަކީ އަބަދުވެސް ބަދަލުވަމުން އަންނަ އެއްޗަކަށްވާއިރު މިއަދު މިވަނީ މި ކަންކަމަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އާންމުންގެ ތެރޭގައި ޢިލްމު އާންމުވެ ހޭލުންތެރިވެފައެވެ. މިއަދު ނަމާދު ކުރަން ނޭނގޭ މީހަކު ނެތެވެ. ނަމާދު ވަގުތު ޖެހުމުން ބަންގީގެ އަޑު ނީވޭ ހިސާބެއް ނެތެވެ. ކޮންމެ ތާކު ހުއްޓަސް ނަމާދު ވަގުތު ޖެހުމުން އަތުގައި އޮންނަ ސުމާޓު ފޯނުން ބަންގި ގޮވައެވެ. ނަމަވެސް ހިތާމައަކީ ޒަމާނައި އެއްވަރަށް އަޅުގަނޑުމެން ސުމާޓު ނުވާކަމެވެ. އިއްޔެވެސް އަދި މިއަދުވެސް “ މުލެއްގައި އަޅައިގެންފައިވެސް ހުޅަނގަށް ނުވެއްޓޭ މީހުން ގިނަކަމެވެ.”