Advertisement

ސާފު ބޯފެނަށް ކުރާ ހަރަދުގެ ބޮޑު ބައެއް ފެނަކަށް ނޫން، ދަތުރުތަކަށް

21 ޖުލައި 2022 - 11:15 0

އަމަން ހަލީމް

އަމަން ހަލީމް

ރާއްޖޭގެ ރަށެއް: ހޫނު މޫސުމުގައި ސާފު ބޯފެނަށް ޖެހެނީ ގިނަ ރަށްރަށުގައި ރަނގަޅު ފެނުގެ ނިޒާމެއް ނެތުމުން. -- ފޮޓޯ: އަދަދު ފައިލް


ސާފު ބޯފެނަށް ކުރާ ހަރަދުގެ ބޮޑު ބައެއް ފެނަކަށް ނޫން، ދަތުރުތަކަށް

21 ޖުލައި 2022 - 11:15 0

ރަށްރަށުން ބޯފެން ހުސްވުމާ ގުޅިގެން، ސަރުކާރުން ކުއްލި ހާލަތުގައި ބޯފެން ފޯރުކޮށްދޭން ކުރާ ހަރަދުގެ ތެރެއިން 90 ޕަސެންޓު ވަރު ހަރަދުވަނީ ފެން ފޯރުކޮށްދޭން ކުރާ ދަތުރުތަކަށް ކަމަށް އޮޑިޓަކުން ދައްކައިފި އެވެ.

އެ އޮޑިޓަކީ ހޫނު މޫސުމުގައި ރާއްޖޭގެ ރަށްރަށުން ބޯފެން ހުސްވާ މައްސަލަ ހައްލުކުރަން ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކުގެ ނަތީޖާ ހާސިލުވާ މިންވަރު ބަލަން އޮޑިޓާ ޖެނެރަލް އޮފީހުން ކުރި ހާއްސަ އޮޑިޓެކެވެ.

އެގޮތުން, ރަށްރަށުން ބޯފެން ހުސްވުމާ ގުޅިގެން 2014 ވަނަ އަހަރު ފެން ފޯރުކޮށްދޭން 3.9 މިލިއަން ރުފިޔާ ހަރަދުވި އިރު، 2019 ވަނަ އަހަރު ރަށްތަކުގެ އަދަދު 82 އަށް އިތުރުވެ 11 މިލިއަން ރުފިޔާ ހަރަދުވި އެވެ. މިއީ ރަށްރަށުގެ އަދަދުން 34 ޕަސެންޓު އިތުރުވުމެއް ކަމާއި ހަރަދުގެ ގޮތުން 2.3 ގުނަ އިތުރުވުމެއް ކަމަށް ރިޕޯޓުގައި ފާހަގަކުރި އެވެ.

އެކަމަކު އެ ހަރަދުގެ ތެރެއިން ބޮޑު ބަޔެއް ހަރަދުވަނީ ފެން ފޯރުކޮށްދޭން ކުރި ދަތުރުތަކަށެވެ. އޮޑިޓުން ދައްކާ ގޮތުގައި 2016 ވަނަ އަހަރުން ފެން ފޯރުކޮށްދޭން ކުރި ހަރަދުގެ 91 ޕަސެންޓު ހޭދަވީ ދަތުރުތަކަށެވެ. އެއީ 9.56 މިލިއަން ރުފިޔާ އެވެ. 2020 ގައި ވެސް ޖުމްލަ ހަރަދުގެ 89 ޕަސެންޓު ހަރަދުވީ ދަތުރުތަކަށެވެ. އެއީ 3.26 މިލިއަން ރުފިޔާ އެވެ.

އޮޑިޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ފެން އުފުލުމުގެ މަސައްކަތް ސަރުކާރު ކުންފުނި ފެނަކައާ ހަވާލުކުރި ފަހުން ވެސް މިކަމަށް ހިނގާ ހަރަދު ކުޑައެއް ނުވެ އެވެ. އެ ކުންފުންޏަށް 2017 އިން 2019 ވަނަ އަހަރަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ހިނގާ ހަރަދުގެ އިތުރުން ނަފާގެ ގޮތުގަ 10.81 މިލިއަން ރުފިޔާ ލިބިފައި ވެ އެވެ.

ފައިދާވާ ގޮތަށް މި މަސައްކަތް ކުރަމުން ދިޔުމުގެ އިތުރުން ހަރަދުތައް ބޮޑުވާ މައިގަނޑު ސަބަބުގެ ގޮތުގައި އޮޑިޓުގައި ފާހަގަކޮށްފައި ވަނީ ފެން ފޯރުކޮށްދޭން އުފުލާ އުޅަނދުގެ ސްޕެސިފިކޭޝަން ކަނޑައަޅާފައިވާ ގޮތުން މި ސްޕެސިފިކޭޝަންގެ އުޅަނދުތައް ރާއްޖޭގައި މަދުވުމެވެ. މި ސިޔާސަތު ބަދަލުކޮށްފި ނަމަ ފެން އުފުލަން ކުރާ ހަރަދު ބޮޑުތަނުން ކުޑަވުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓުގައި ބުނެ އެވެ.

އެ މައްސަލަ ހައްލުކުރަން އޮޑިޓުގައި ދިން ލަފަޔަކީ، ފެން ފޯރުކޮށްދިނުމުގެ އުސޫލު ރިވިއުކުރުމެވެ. އެގޮތުން ފެން އުފުލާ އުޅަނދު ސެޓިފައި ކުރުމުގެ ބަދަލުގައި ފެނުގެ ކޮލިޓީއަށް އަސަރު ނުކުރާނެހެން ފެން އެއްތަނުން އަނެއް ތަނަށް އުފުލޭ ފަދަ ގޮތަކަށް ފެން ފޯރުކޮށްދިނުމުގެ އުސޫލު އެކަށައެޅުމަށް އިސްކަން ދޭން ލަފާގައި ވެ އެވެ.

އޮޑިޓުގައި އިތުރަށް ފާހަގަކުރި ކަންކަމުގެ ތެރޭގައި މި މައްސަލައަށް ދާއިމީ ހަައްލެއް ގެނައުމުގެ ގޮތުން ރަށްރަށުގެ ފެން ރައްކާކުރުމުގެ ނިޒާމު މިހާރަށް ވުރެ ހަރުދަނާކުރުން ހިމެނެ އެވެ. މިހާރު ވެސް ގިނަ ރަށްރަށުގައި މިކަހަލަ ނިޒާމުތައް ގާއިމުކުރެވިފައި ހުރި ނަމަވެސް އެއީ ޑިމާންޑަށް ނުބަލާ ހެދިފައިވާ ނިޒާމެއް ކަމުން އެ ރަށްރަށް ވެސް ސާފު ބޯފެނަށް ޖެހިގެން ފެން ފޯރުކޮށްދީފައި ވެ އެވެ.