Advertisement

ވިޒިޓް މޯލްޑިވްސް ޕްރޯ 2022 އިން ރާއްޖެ އިސްތިހާރު ކުރެވޭނެ: އެމްއެމްޕީއާރްސީ

21 ޖުލައި 2022 - 07:52 0

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވާހަކަ ދައްކަަވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ވިޒިޓް މޯލްޑިވްސް ޕްރޯ 2022 އިން ރާއްޖެ އިސްތިހާރު ކުރެވޭނެ: އެމްއެމްޕީއާރްސީ

21 ޖުލައި 2022 - 07:52 0

މި މަހު ފަހުކޮޅު ރާއްޖޭގައި ފަށާ އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ބޮޑީބޯޑިން ވޯލްޑް ޓުއާގެ އެއް ލެގު ކަމަށްވާ "ވިޒިޓް މޯލްޑިވްސް ޕްރޯ 2022" ގެ ސަބަބުން ރާއްޖެ އިސްތިހާރުކުރަން ބޮޑު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެ އެވެ.

އިއްޔެ އެމްއެމްޕީއާރްސީގެ އޮފީހުގައި ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގެ ޕާޓްނަރުން އިއުލާނުކުރަން ބޭއްވި އިވެންޠްގައި ވާހަކަ ދައްކަވަމުން ތޮއްޔިބު ވިދާޅުވީ ކުޅިވަރެއްގެ ބައިނަލްގުވާމީ އެންމެ މަތީ ފެޑެރޭޝަނެއްގެ މި ފަދަ މުބާރާތެއް ވަރަށް ދުވަސްކޮށްފައި ރާއްޖެ އަންނާތީ އުފާކުރާ ކަމަށެެވެ. އަދި ހާއްސަކޮށް ބޮޑީބޯޑިން ފަދަ މޫދު ކުޅިވަރެއްގެ އިންޓަނޭޝަނަލީ ރެކޮގްނައިޒް މުބާރާތެއް ރާއްޖޭގައި ބާއްވާއިރު، މީގެ ބައިވެރިވާން ޖެހޭ ސަބަބުތަކެއް އެބަހުރި ކަމަށް ތޮއްޔިބު ފާހަގަކުރެއްވި އެވެ.

"އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަންގެ ފަރާތުން ބާއްވާ މުބާރާތެއްގެ ލެގެއް މިތާގައި މި އޮންނަނީ. އެއީ ދުނިޔޭގައި ރާއްޖެ ބޮޑީބޯޑިން ޑެސްޓިނޭޝަނެއްގެ ގޮތުގައި ކުރިއަަށް ދިއުމަށް އިސްތިހާރުކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއްގެ ގޮތުގައި ދެކޭތީ އަޅުގަނޑުމެން މިކަން މި ކުރީ،" ތޮއްޔިބު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސްޕޮންސަޝިޕް ދިނުމުގެ ކަންކަމުގައި ވިސްނާ ބައެއް ކަންކަމަކީ ރާއްޖޭގެ ފަތުރުވެރިކަން ބޭރު ދުނިޔޭގައި ކިހާވަރަކަަށްތޯ އެ އިވެންޓްގެ ތެރެއިން އިސްތިހާރު ކުރެވޭނި. އެހެން ބަލާއިރު، ރާއްޖެ އިސްތިހާރު ކުރަން ނެގޭނެ ވަރަށް ބޮޑު އެޑްވާންޓޭޖެއް އޮތީމަ އަޅުގަނޑުމެން މީގެ ބައިވެރިވީ،"

މޯލްޑިވްސް ޕްރޯގެ ޓައިޓަލް ސްޕޮންސަރު ކަމާއި ޑެސްޓިނޭޝަން ޕާޓްނަރުގެ ރޯލު އަދާކުރަނީ ވިޒިޓް މޯލްޑިވްސް (އެމްއެމްޕީއާރްސީ) އެވެ.

މިހާރު ދުނިޔޭގައި ބޮޑީބޯޑިން ކުރިއަރަމުން އަންނަ ގޮތަށް ބަލާއިރު، ރާއްޖޭ އަކީ ބޮޑީބޯޑިންގެ ވަރަށް ބޮޑު ޑެސްޓިނޭޝަނެއްގެ ގޮތުގައި ކުރިއަރާފައިވާ ގައުމެއްގެ ގޮތުގައި ތޮއްޔިބު ވިދާޅުވި އެވެ. އަދި ބޮޑީބޯޑިން އާއި ސާފިންގެ ވެސް ދެ ބައިގެ ވެސް މަތީ ފެންވަރުގެ ރަނގަޅު ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖޭ އިސްތިހާރު ކުރެވިގެންދާއިރު، މި އިވެންޓް ބޮޑު ރޯލެއް ކުޅޭނެ ކަމަށް ތޮއްޔިބު ވިދާޅުވެފައިވެ އެވެ.

"ރާއްޖެ މިހާ މަޝްހޫރު ވެގެން ދިޔައީ ދުނިޔޭގައި އެބަހުރި ތަފާތު އެކި މަޝްހޫރު ސާފިން ސްޕޮޓްތައް. ރާއްޖޭގައި މި ލިބޭ ކަހަލަ ރާޅާ މި ކަންކަމުގެ ތެރޭގައި އެޑްވާންޓޭޖް ހުރިކަން އަޅުގަނޑު ރާޅާ އަޅާ މީހަކަށް ނުވިޔަސް އެނގޭ،" ތޮއްޔިބު ވިދާޅުވި އެވެ.

"ދެން ވަރަށް މަދު ބަޔަކު އަބަދުވެސް ރާޅު ބޭނުންވާނީ، ވަރަށް ކޮމްޕެޓިޓިވް އެއްޗެއްގެ ގޮތުގައި މި ބޭނުންވަނީ އެ ރާޅު ސްޕޮޓްތައް، ރާއްޖޭގައި އެބައޮތް މިކަމުގައި ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތް، ރާޅު ސްޕޮޓްތައް ދިވެހިންނަށާއި ބޭރު މީހުންނަށް ބޭނުންކުރެވޭ ގޮތް ހަދަން،"

ރާޅުގަނޑު ސަރަހައްދުގައި ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ކުރިއަށްދާނީ މި މަހު 29 އިން އަންނަ މަހު ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ދިވެހިން ބައިވެރިވުމުގެ މުއްދަތު ހަމަވާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. އަދި ބޭރު މީހުންނަށް ބައިވެރިވުމުގެ މުއްދަތު އޮތީ 27 ގެ ނިޔަލަށް ހުޅުވާލައިފަ އެވެ. މިހާތަނަށް ވެސް ދުނިޔޭގެ ލެވަލްގެ މަޝްހޫރު ގިނަ އެތުލީޓުންނެއް ވަނީ ބައިވެރިވާން ހުށަހަޅައިފަ އެވެ.