Advertisement

އަލިފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފަށަން ޑްރެޖަރު ފުރަނީ

21 ޖުލައި 2022 - 13:15 4

އަމަން ހަލީމް

އަމަން ހަލީމް

ރ. އަލިފުށި: މި ރަށުގައި އެއާޕޯޓެއް އަޅަނީ ފަޅުން 50 ހެކްޓަރު ހިއްކައިގެން. -- ފޮޓޯ: އަދަދު ފައިލް


އަލިފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފަށަން ޑްރެޖަރު ފުރަނީ

21 ޖުލައި 2022 - 13:15 4

ރ. އަލުފުށި ފަޅުން ބިން ހިއްކައިގެން އެ ރަށުގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޑްރެޖަރު ފުރަން ތައްޔާރުވެއްޖެ އެވެ.

އަލިފުށީ އެއާޕޯޓު މަޝްރޫއަކީ އެމްޓީސީސީއަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން 451 މިލިއަން ރުފިޔާއަށް، ދެ އަހަރުން ނިންމާގޮތަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ހަވާލުކުރި މަޝްރޫއެކެވެ. މިއީ އެމްޓީސީސީން މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއެވެ.

މި މަޝްރޫއުގެ ދަށުން އަލިފުށީގެ 50.5 ހެކްޓަރުގެ ބިން ހިއްކާއިރު، އޭގެ ތެރެއިން 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްގީ އާއި ގެދޮރުވެރިކަމުގެ ބޭނުމަށް ހާއްސަކުރާ ބިމެކެވެ. ބާކީ އޮތް 40.5 ހެކްޓަރަކީ 1200 މީޓަރުގެ ރަންވޭއެއް އޮންނަ އެއާޕޯޓަށް ހާއްސަ ސަރަހައްދެކެވެ.

މަސައްކަތް ހަވާލުކުރިތާ މިއަދާ ހަމައަށް ނުވަ މަސްވީ ނަމަވެސް އަދި އަމަލީ މަސައްކަތް ނުފަށަ އެވެ.

އޭގެ އެއް ސަބަބަކީ ބިން ހިއްކުމުގެ އެހެން މަޝްރޫއުތަކުގައި އެމްޓީސީސީގެ "މަހާ ޖައްރާފު" ބޭނުންކުރަމުން ދިޔުމެވެ. މިހާރު އެމްޓީސީސީއަށް ގަތް އާ ޑްރެޖަރުތައް ލިބުމުން އެ ކުންފުނިން ވަނީ އެތަނުން ޑްރެޖަރެއް މި މަސައްކަތަށް ފޮނުވަން ނިންމާފަ އެވެ.

އެގޮތުން އާ ޑްރެޖަރުތައް ހަލާކުވީ ކަމަށް ބުނި ވާހަކަތައް ދޮގުކޮށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް "އަދަދު" ނޫހަށް ވިދާޅުވީ އޭގެ ތެރެއިން ޑްރެޖަރެއް މޫސުން ރަނގަޅުވިހާ އަވަހަކަށް އަލިފުއްޓަށް ފުރާނެ ކަމަށެވެ.

"އެއް ޑްރެޖަރު މިހާރު ވަނީ ކޮމިޝަން ކުރެވިފައި، އަދި މޫސުން ރަނގަޅުވީހާ އަވަހަކަށް އަލިފުށީ އެއާޕޯޓު ބިން ހިއްކަން އަލިފުއްޓަށް ދާނެ" އޭނާ ވިދާޅުވި އެވެ.

އަލިފުށީގައި އެއާޕޯޓެއް އެޅުމަކީ ކުރިން ރޭވިފައި އޮތް ކަމެއް ނޫނެވެ. އެ މަޝްރޫއު އިއުލާނުކުރީ ކުއްލިއަކަށެވެ. މިކަމާ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރަށް ފާޑުކިޔާފަ އެވެ. އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ އަތޮޅުގައި ގިނަ ރިސޯޓުތަކެއް އޮންނަ ދެކުނު ފަޅީގައި އެއާޕޯޓެއް ނާޅާ، އެކަހެރިކޮށް އޮންނަ އަލިފުށީގައި އެއާޕޯޓެއް އަޅާތީ އެވެ.

މިހާރު އެ އަތޮޅުގައި އެއާޕޯޓެއް އޮންނަ އިފުރަކީ ވެސް އުތުރު ފަޅީގައި އޮންނަ ރަށެކެވެ. މިކަމާ ކަންބޮޑުވުން ފާޅުކުރި މެމްބަރުންގެ ތެރޭގައި ސަރުކާރުގެ މައި ޕާޓީ އަދި މަޖިލިހުގައި ސުޕާ މެޖޯރިޓީ އޮންނަ އެމްޑީޕީ އާއި އިދިކޮޅު މެމްބަރުންނާއި އާންމުން ހިމެނެ އެވެ.

މިހާތަނަށް ސަރުކާރުން މި މައްސަލައިގައި ސާފު ޖަވާބެއް ދީފައި ނުވެ އެވެ. ނުސީދާކޮށް ބުނަނީ މިއީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 20 މިނިޓުން ދަތުރުކުރެވޭ ދުރުމިނުގައި އެއާޕޯޓެއް އޮންނަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެށި، އަދި މި ސަރުކާރުން ދަމަހައްޓަމުން އަންނަ ސިޔާސަތުގެ ތެރެއިން ކުރާ ކަމެއް ކަމަށެވެ.

އެހެން މީހުން ހިތްހަމަ ނުޖެހުނު ނަމަވެސް އަލިފުށީ ރައްޔިތުން ވަނީ ސަރުކާރުގެ މި ނިންމުމަށް މަރުހަބާ ކިޔާ، މިއީ އަލިފުށީގެ އިގުތިސޯދު ބަދަލުކޮށްލާނެ ކަމެއް ކަމަށް ބުނެފަ އެވެ.