Advertisement

މިދިޔަ އަހަރު ބީޕީޓީ އާމްދަނީ 15 ގުނަ ދަށަށް

19 ޖުލައި 2022 - 14:02 1

އަމަން ހަލީމް

އަމަން ހަލީމް

މަސް މާރުކޭޓުގައި ހުރި މީހަކު ފައިސާ ގުނަނީ: ބީޕީޓީ އާމްދަނީ މިދިޔަ އަހަރު ދަށްވީ ކޮވިޑު ލައިގަތް އަހަރުގައި ގިނަ ވިޔަފާރިތަކަށް ފައިދާ ނުވާތީ. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


މިދިޔަ އަހަރު ބީޕީޓީ އާމްދަނީ 15 ގުނަ ދަށަށް

19 ޖުލައި 2022 - 14:02 1

ވިޔަފާރި ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ)އިން ދައުލަތަށް ލިބޭ އާމްދަނީއަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ)އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓެކްސް ނިޒާމު ތައާރަފުވެގެން އައިއިރުން ފެށިގެން މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސްތައް ނަގާފައި ދެން ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ބީޕީޓީންނެވެ. ރެކޯޑުތަކުން ފެންނަ ގޮތުގައި މި ޓެކްސް ނަގަން ފެށި 2011 ނަގާފައި 2012-2020 އަށް، ބީޕީޓީ އާމްދަނީއަށް އަހަރަކު އެވަރެޖުކޮށް ދެ ބިލިއަން ރުފިޔާ ލިބުނެވެ.

ނަމަވެސް، ނިމުނު 2021 ވަނަ އަހަރު ލިބުނީ އެންމެ 121 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރު ލިބުނު 1.8 ބިލިއަން ރުފިޔާއަށް ވުރެ 15 ގުނަ ނުވަތަ 93 ޕަސެންޓު ދަށް އަދަދެކެވެ.

އަހަރުގެ ތެރޭގައި ދައްކަން ޖެހޭ އެހެން ޓެކްސްތަކާ ހިލާފަށް ބީޕީޓީ ދައްކަނީ ޖެހިގެން އޭގެ ކުރީ އަހަރުގެ ފައިދާއަށް ބިނާކޮށެވެ. މިހެންކަމުން މިދިޔަ އަހަރު ބީޕީޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ މިހާ ބޮޑަށް މަދުވީ ކޮވިޑު ބަލިމަޑުކަން ލައިގަތް އަހަރުގެ ތެރޭގައި ފައިދާވަމުން އައި ގިނަ ވިޔަފާރިތަކަށް ގެއްލުން ވުމުންނެވެ.

ބީޕީޓީ ލިބޭ ވިޔަފާރި ދާއިރާތަކަށް ބަލާއިރު، އިގުތިސޯދު ރަނގަޅަށް ހިނގި އަހަރުތަކުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމާއި، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކާއި، މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކުގެ އިތުރުން ދަތުރުފަތުރުގެ ހިދުމަތްދޭ ވިޔަފާރިތަކާއި ކޮންސްޓްރަކްޝަނާއި ރިއަލް އެސްޓޭޓް ވިޔަފާރިތަކުންނެވެ. ޖުމްލަ ބީޕީޓީ އާމްދަނީގެ 82 ޕަސެންޓު ލިބެނީ މި ދާއިރާތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުންނެވެ.

މީގެ ތެރެއިން ހޯލްސޭލް އަދި ރީޓެއިލް ދާއިރާގެ ވިޔަފާރިތައް ނަގާފައި ދެން ހުރި ދާއިރާތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަކީ ބަލިމަޑުކަމުގެ ދުވަސްވަރު އެންމެ އަސަރުކުރި ވިޔަފާރިތަކެވެ.

އެގޮތުން، ޓޫރިޒަމަށް އައި ހީނަރުކަމާއެކީ ޓޫރިޒަމާއި އެ ސިނާއަތުގެ ހަރަކާތްތެރިކަމާ ގުޅިފައިވާ ދަތުރުފަތުރާއި މުވާސަލާތީ ހިދުމަތްދޭ ވިޔަފާރިތަކުގެ ފައިދާ ކުޑަވެ، ބައެއް ވިޔަފާރިތަކަށް ބޮޑު ގެއްލުމަކާ ވެސް ކުރިމަތިލާން ޖެހުނެވެ. އަދި، ލޮޖިސްޓިކްސް ތާށިކަމާއި މަސައްކަތްތެރިން ހޯދުމުގައި ދިމާވި ގޮންޖެހުންތަކާ ގުޅިގެން ކޮންސްޓްރަކްޝަނާއި ރިއަލް އެސްޓޭޓް ވިޔަފާރިތަކުގެ ޕްރޮޖެކްޓުތައް ހުއްޓި، އެ ދާއިރާތަކުގެ ވިޔަފާރިތަކަށް ވެސް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނެވެ.

އޭގެ އިތުރުން، ބީޕީޓީ ދަށްވެފައިވާ އަނެއް ސަބަބަކީ އިންކަމް ޓެކްސް ގާނޫނަށް އަމަލުކުރަން ފެށުމާ އެކު ކްލެސިފިކޭޝަނަށް އައި ބަދަލާ ގުޅިގެންނެވެ. އިންކަމް ޓެކްސް ނަގަން ފެށުމާ އެކު ބީޕީޓީ ވެސް ހިމެނެނީ އެ ޓެކުހުގެ ތެރޭގައި ހިމެނޭ ބައެއްގެ ގޮތުގަ އެވެ. ހަމައެހެންމެ، ބޭންކް ޕްރޮފިޓް ޓެކްސްވެސް ހިމެނެނީ އިންކަމް ޓެކުހުގެ ތެރޭގައެވެ.

މިދިޔަ އަހަރު ބީޕީޓީ އާމްދަނީ މިހާ ދަށަށް ދިޔަ ނަމަވެސް، ކޮވިޑު އަހަރަށް ވުރެ ނިމުނު އަހަރުގެ އިގުތިސޯދީ ހަރަކާތްތެރިކަން އިތުރުވުމާ ގުޅިގެން މި އަހަރު ބީޕީޓީ އާމްދަނީ އަނެއްކާވެސް ހަމައަކަށް އެޅޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ. މި އަހަރަށް ފާސްކުރި ބަޖެޓުގައި އަންދާޒާކޮށްފައި ބީޕީޓީ އާމްދަނީއަށް 1.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. މީރާގެ ރެވެނިޔު ރިޕޯޓުން ފެންނަ ގޮތުގައި ޖޫން މަހުގެ ނިޔަލަށް ލިބުނީ އޭގެ ތެރެއިން 38.2 މިލިއަން ރުފިޔާ އެވެ.