Advertisement

ޔާމީން އަތުން އެއް މިލިއަން ޑޮލަރު ހޯދަން އެމްއެމްޕީއާރުސީން މަދަނީ ދައުވާ ކުރަނީ

18 ޖުލައި 2022 - 15:51 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ޔާމީނާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅަައިފި


ޔާމީން އަތުން އެއް މިލިއަން ޑޮލަރު ހޯދަން އެމްއެމްޕީއާރުސީން މަދަނީ ދައުވާ ކުރަނީ

18 ޖުލައި 2022 - 15:51 0

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ވަދެފައިވާ އެއް މިލިއަން ޑޮލަރަކީ އެމްއެމްޕީއާރުސީގެ ފައިސާ ކަމަށް ބެލެވޭތީ އެ ފައިސާ ހޯދަން ކޯޕަރޭޝަނުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި މި ހަފްތާގެ ތެރޭގައި އެ މައްސަލަ ކޯޓަށް ވެއްދޭތޯ އެމްއެމްޕީއާރްސީން ދަނީ މަސައްކަތް ކުރަމުންނެވެ. އެ މައްސަލަ ކޯޓަށް ހުށަހަޅަން އެ އިދާރާއިން ނިންމީ ގެއްލުނު ފައިސާގެ މައްސަލާގައި މަދަނީ ދައުވާ ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ޔާމީން ޖަލު ހުކުމުން މިނިވަން ކުރި ހުކުމުގައި ބުނެފައި އޮއްވަ އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ ފައިސާގެ މައްސަލާގައި މީގެ ކުރިން ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ވަނީ އުފުލައިފަ އެވެ. އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވެ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް މިނިވަންވެވަޑައިގަތީ ސުޕްރީމް ކޯޓުން މިދިޔަ އަހަރު އެ ހުކުމް ބާތިލް ކުރުމުންނެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އިއްވީ ފަސް އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ. ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލްކުރީ، ޔާމީންގެ އެކައުންޓަށް ވަދެފައިވަނީ ދައުލަތުގެ ފައިސާ ކަން ކަށަވަރުކޮށްނުދެވޭތީ ކަމަށް ބުނެ އެވެ.

ޔާމީންގެ އެކައުންޓަށް ވަން އެ ފައިސާއަކީ ދައުލަތުގެ ފައިސާކަން ކަށަވަރު ނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމި މައިގަނޑު ސަބަބަކީ ވޮޑަމުލާގެ ފައިސާގެ ޗެކް ނަންބަރު އެސްއޯއެފްގެ ބޭންކް ސްޓޭޓްމެންޓާއި ޑިޕޮޒިޓް ސްލިޕްގައި ދެ ގޮތަކަށް އޮތުމެވެ.

މަދަނީ ދައުވާ ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ބައި

މި މައްސަލާގައި ހިމެނޭ އެއް މިލިއަން ޑޮލަރަކީ ވޮޑުމުލާގެ ކުލި ކަމާ މެދު ސުވާލު އުފެދިފައިވާއިރު, އެ ފައިސާގެ ހަގީގަތް މިހާތަނަށް ހޯދިފައި ނެތް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވެ އެވެ. އެހެންވެ, އޭގެ ހަގީގަތް ހޯދުމަށް ދައުލަތަށް އަދިވެސް މަސައްކަތް ކުރެވޭނެ ކަމަށް އޭގައިވެ އެވެ.

ޔާމީންގެ އެކައުންޓަށް ވަދެފައިވާ އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ތަހުގީގީ އިދާރާތަކުން ޔާމީންގެ ސަމާލު ކަމަށް ކަންކަން ގެނެސްފައިވަނިކޮށް އެ ފައިސާއިން މަންފާ ހޯދާފައިވަނީ ގޯސްކޮށް ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވެ އޮވެ އެވެ.

އެގޮތުން, އެއީ ދައުލަތުގެ އެއްބައިވަންތަކަން ގެއްލޭ ގޮތަށް ގާނޫނީ ވެރިކަމާ ހިލާފަށް އަދި ރައިސުލްޖުމްހޫރިއްޔާގެ މަގާމުގެ ޒިންމާއާ ވެސް ހިލާފަށް އަމިއްލަ މަސްލަހަތު އިސްކޮށް ކޮށްފައިވާ ކަމެއް ކަމަށް ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

އެހެންވެ ހުކުމްގައި ބުނެފައިވާ ގޮތުގައި، އެ ފައިސާގެ ހަގީގަތް ހޯދުމަށް ބަލާ ބެލުންތަކުން އެ ފައިސާއަކީ ސަރުކާރަށް ލިބެންޖެހޭ ފައިސާއެއް ނަމަ، އެ ފައިސާ އާއި އެ ފައިސާއިން އިންވެސްޓްކުރުމުގެ ސަބަބުން ފައިދާއެއް ލިބިފައިވާ ނަމަ، އެ ފައިދާއެއް ހިމެނޭނެހެން ބަދަލު ހޯދުމުގެ ހައްގު ދައުލަތަށް ލިބެ އެވެ.

ނަމަވެސް ދައުވާ ކުރުމުގައި ގާނޫނުއަސާސީގެ 60 ވަނަ މާއްދާއިން ޔާމީނަށް ލިބޭ ހައްގަށް އުނިކަމެއް އައިސްގެން ނުވާނެކަން ސުޕްރީމް ކޯޓުން ފާހަގަކުރި އެވެ. އެ މާއްދާގައިވާ ގޮތުން ހުކުމްގައި ބުނެފައިވާ ގޮތުގައި، ޖިނާއީ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް ސާބިތުނުވާ ކަމަށް ކޯޓަކުން ހުކުމްކޮށްފި ނަމަ، ދެ ވަނަ ފަހަރަށް ހަމަ އެ ކުށުގެ ނުވަތަ އެ ކުށުގެ އަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދައުވާ އެ މީހެއްގެ މައްޗަކަށް ނުއުފުލޭނެ އެވެ.