Advertisement

ވޯޓު ކަރުދާހަށް އިސްރާފުވާ ބޮޑު ހަރަދު ކުޑަކުރަން ޖެހިފައި

21 ޖުލައި 2022 - 09:10 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރާއްޖޭގައި ބޭއްވި އިންތިހާބެއްގައި ބޭނުންކުރި ވޯޓު ކަރުދާސްތައް ގުނަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ވޯޓު ކަރުދާހަށް އިސްރާފުވާ ބޮޑު ހަރަދު ކުޑަކުރަން ޖެހިފައި

21 ޖުލައި 2022 - 09:10 1

ކައިރި ކައިރީގައި ބައި އިލެކްޝަންތަކެވެ. ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގައި މީހުން ހަރެއް ނުލަ އެވެ. ފަަހަރަކު ރަށަކުން މީހަކު އިސްތިއުފާ ދީގެން ގާނޫނުގައި ބުނާ މުއްދަތަށް އިންތިހާބުތައް ބާއްވަމުން ދެ އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ބަޖެޓް ތާށިވެގެން ދިޔައީ ހަމައެކަނި ބައި އިލެކްޝަންތައް ގިނަވެގެނެއް ނޫނެވެ. ކޮންމެ އިންތިހާބަކަށް ކުރަން ޖެހޭ ހަރަދުތައް ވެސް ގިނަވެގެންނެވެ.

މުއްދަތު އިތުރު ކުރާ ގޮތަށް ނޫނީ އަތޮޅު ކައުންސިލްތަކާ ގުޅިގެން އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުތައް ބާއްވަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް އެބަ ހުށަހަޅަ އެވެ. އެހެންވިޔަސް ކޮންމެ އިންތިހާބަކަށް ވެސް ބޮޑެތި ހަރަދުތައް އެބަ ހިނގަ އެވެ. އެ ކަންބޮޑުވުންތައް ވެސް އީސީގައި އެބަ އޮތެވެ. އެ ގޮތުން އެންމެ ބޮޑު ހަރަދެއް ހިނގަނީ ވެސް ވޯޓު ކަރުދާސް ޗާޕު ކުރުމަށެވެ.

"ދުނިޔޭގެ އެއްވެސް ގައުމެއްގައި ވޯޓު ކަރުދާސް ޗާޕު ކުރާ ފެންވަރެއް ނޫން، މި ފެންވަރުގައި އެ ގައުމުތަކުގައި ފައިސާ ނޫޓު ޗާޓު ކުރަނީ، ތިން ސެކިއުރިޓީ ފީޗާސް ހިމަނައިގެން، އާދައިގެ ދެލިތަކަށް ވުރެ ވަރަށް ހާއްސަ ދެއްޔެއް ބޭނުންކޮށްގެން، އަދި ތަފާތު ކުއާލިޓީއެއްގެ ކަރުދާހެއް،" ވޯޓު ކަރުދާސްތައް ޗާޕްކުރަން ރާއްޖޭގައި ކުރާ ހަރަދުގެ ބުރަދަން އީސީގެ ރައީސް ފުއާދު ތައުފީގު ކިޔައިދެއްވި އެވެ.

އިންތިހާބުތަކުގެ ހަރަދުގެ ބޮޑު ބައި ވޯޓު ކަރުދާހަށް

ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މި ނޫހަށް ހިއްސާ ކޮށްދެއްވި މައުލޫމާތުތަކުން އެނގޭ ގޮތުގައި އިންތިހާބުތަކުގެ ޖުމުލަ ހަރަދުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހަރަދު ހިނގަނީ ވޯޓު ކަރުދާސް ޗާޕު ކުރުމަށެވެ.

ފަހުން ބޭއްވުނު ބައި އިލެކްޝަންތަކަށް ބަލާނަމަ، އެއިިން ކޮންމެ އިންތިހާބަކަށް އެވެރެޖް ގޮތެއްގައި ވޯޓު ކަރުދާސް ޗާޕްކުރަން ގާތްގަނޑަަކަށް 150،000 ރުފިޔާއާއި 200،000 ރުފިޔާގެ ހަރަދެއް ހިނގަ އެވެ. އެއީ ކޮންމެ ވޯޓު ކަރުދާހެއް ޗާޕްކުރަން 39 ރުފިޔާގެ ހަރަދެއް ހިނގައިގެންނެވެ.

"މިހާރު ތިން ސެކިއުރިޓީ ފީޗާ އެބަ ލާ ވޯޓު ކަރުދާހަކަށް، އަޅުގަނޑުމެން ލަފާ ކުރާ ގޮތުގައި ގާތްގަނޑަކަށް 20 ރުފިޔާއަށް ކުޑަވެގެން ދާނެ އެއް ސެކިއުރިޓީ ފީޗާއެއް ލާނަމަ، ސެކިއުރިޓީ ފީޗާއެއް ނެތި ނަމަ ތަތްގަނޑެއް އެކަނި ޖަހާނަމަ ގާތްގަނޑަކަށް 10 ރުފިޔާއަށް ކުޑަވެގެން ދާނެ،" ފުއާދު ވިދާޅުވި އެވެ.

އީސީގެ ރައީސް ފުއާދު ތައުފީގް "އަދަދު" އަށް އިންޓަވިއު ދެއްވަނީ - ފޮޓޯ: އަބްދުﷲ އިޔާން | އަދަދު


ބައެއް ބައި އިލެކްޝަންތަކުގައި މި ޗާޕްކުރެވޭ ވޯޓު ކަރުދާސްތައް ވަރަށް ބޮޑަށް އިސްރާފުވެގެންދާ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ. ހާއްސަކޮށް ކައުންސިލް މެންބަރުންގެ ބައި އިލެކްޝަންތަކާއި އަންހެނުންގެ ކޮމިޓީގެ ބައި އިލެކްޝަންތަކެވެ.

އަންހެނުންގެ ކޮމިޓީގެ ބައި އިލެކްޝަންތައް ފުލުފުލުގައި ބާއްވަމުންދާއިރު، އާންމު ގޮތެއްގައި މި އިންތިހާބުތަކުގައި ވޯޓު ލާން ނުކުންނަނީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ 40 ޕަސެންޓް މީހުނެވެ. އެހެންވެ ވޯޓު ކަރުދާހުގެ 60 ޕަސެންޓް ދަނީ އިސްރާފު ވެގެނެވެ.

"މިސާލަކަށް 100،000 ރުފިޔާ ވޯޓު ކަރުދާސްތަކަށް ޗާޕުކޮށްފިނަމަ، ބޭނުން މި ކުރެވެނީ 40،000 ރުފިޔާ ހަރަދުކުރި ވޯޓު ކަރުދާސް، 60،000 ރުފިޔާ ހަރަދުކުރި ވޯޓު ކަރުދާސް ބޭނުން ކުރެވެނީ،" ފުއާދު ވިދާޅުވި އެވެ.

ސެކިއުރިޓީ ފީޗާސް މަދުކޮށްލުން މައްސަލައެއްތަ؟

ހައި ސެކިއުރިޓީގެ ގިނަ ފީޗާސްތައް ހިމެނޭ ގޮތަށް، ހަރަދު ބޮޑުކޮށް ވޯޓު ކަރުދާސް ޗާޕު ކުރަމުންދާއިރު މީގެ އޮތް އަނެއް ގޮންޖެހުމަކީ އާންމު ރައްޔިތުންގެ އިތުބާރު އިންތިހާބުތަކުގައި ދެމެހެއްޓުމެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒް ވެސް ގަބޫލު ކުރައްވާ ގޮތުގައި ކޮންމެ ބައި އިލެކްޝަނެއްގައި، އެހާ ހަރަދު ބޮޑުކޮށް ވޯޓު ކަރުދާސްތައް ޗާޕް ކުރުމުގެ ބޭނުމެއް ނެތެވެ. އެކަމަކު ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބާއި އޭގެ ބައި އިލެކްޝަންތަކުގައި ސެކިއުރިޓީ ދަށްކޮށްގެން ނުވާނެ ކަމުގަ އެވެ.

"ކުޑަ އިންތިހާބުތަކުގައި، އަދި އެހާ އަވަސް އަވަހަށް މިވާ ބައި އިލެކްޝަންތަކުގައި އެހާ ބޮޑު ހަރަދެއް ކުރުމުގެ ބޭނުމެއް ނެތް، އެކަމަކު ރިޔާސީ އިންތިހާބުގައި ސެކިއުރިޓީ ދަށް ކޮށްލުމަކީ އެހާ ރަނގަޅު ގޮތަކަށް ނުވާނެ،" ރައްޔިތުންގެ މަޖިލީހުގައި ހުޅުމާލެ ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އަލީ ނިޔާޒް ވިދާޅުވި އެވެ.


ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ގަބޫލު ކުރައްވާ ގޮތުގައި އިންތިހާބުތަކަށް ރައްޔިތުންގެ އިތުބާރު އޮތުމަށް ޓަކައި ސެކިއުރިޓީ ފީޗާސްތަކާ އެކު މިހާރު ވެސް ޗާޕްކުރާ ފެންވަރަށް އެ ކަން ކުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

"ވޯޓު ކަރުދާހުގެ ރައްކާތެރިކަން، އޭގެ ސިއްރު ހިފަހައްޓަން، ކޮންމެ ރައްޔިތަކު ވެސް ބޭނުން ވާނެ، މިހާރު އޮތް ކުއާލިޓީއަށް ވުރެ ދަށްކޮށްލުން އެއީ މައްސަލައަކަށް ވެދާނެ، ރައްޔިތުން އެފަދަ ކަމަކަށް އެއްބަސްވެދާނެ ކަމަކަށް ވެސް ގަބޫލެއް ނުކުރެވޭ،" މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވިދާޅުވި އެވެ.


އިލެކްޝަންސްގެ ރައީސް ފުއާދު ވެސް އެ ކަން ގަބޫލު ކުރައްވަ އެވެ. ރައްޔިތުންގެ އިތުބާރު ކުޑަވެދާނެ ކަމެއް ކޮށްގެން ނުވާނެ އެވެ. އޭގެ އިތުރަށް ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތަކުގެ ފާޑުކިއުން އާންމު ގޮތެއްގައި އީސީއަށް އޮވެ އެވެ. އެހެންވެ މަޝްވަރާ އަދިވެސް އިތުރަށް ކުރަން ޖެހޭނެ ކަމުގަ އެވެ.

"ބައި އިލެކްޝަންތަކުގައި ވެސް ވޯޓު ކަރުދާހުގެ ސެކިއުރިޓީ ފީޗާސް ކުޑަކުރުން ފަދަ ކަމެއް ނިންމޭނީ، ފިނޭންސް މިނިސްޓްރީއާއި، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާއި، މާލިއްޔަތު ކޮމިޓީއާއި، ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ވެސް އޭގައި ލިބިގެން،" ފުއާދު ވިދާޅުވި އެވެ.

ސެކިއުރިޓީ ފީޗާސް މުޅިން ކުޑަކޮށްލުމަކީ ހައްލެއް ކަމުގައި ސިޔާސީ ޕާޓީތަކުން ނުދެކޭ ކަމަށް ބެލެވެ އެވެ. ކޮންމެއަކަސް ރާއްޖޭގައި އިންތިހާބުތައް ބޭއްވުމުގެ ހަރަދު ދަނީ އިތުރުވަމުންނެވެ. އެއިން ވެސް ވޯޓު ކަރުދާސް ޗާޕްކުުރަން ހިނގާ ހަރަދު ވަރަށް ބޮޑެވެ. ހަރަދުތަކުގެ ކޮންމެ ދިމާއަކަށް ވިސްނައިގެން ނޫނީ އިންތިހާބުތަކުގެ ހަރަދު ކުޑަކުރުން ދަތި ކަމަށް އީސީން ވެސް ފާހަގަ ކުރެ އެވެ.