Advertisement

ޓޫރިޒަމްގެ ބާނީންނަށް ރައީސް ދެއްވި ޔަގީންކަން; ކުރިއަށް ދާނީ ތިޔަ ބޭފުޅުންގެ ލަފަޔާއި މަޝްވަރާއާއެކު

18 ޖުލައި 2022 - 09:13 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ. ޓޫރިޒަމްގެ ބާނީންގެ ހިދުމަތްތަކަށް ޝުކުރު އަދާކުރެއްވި --- ފޮޓޯ: ރައީސް އޮފީސް


ޓޫރިޒަމްގެ ބާނީންނަށް ރައީސް ދެއްވި ޔަގީންކަން; ކުރިއަށް ދާނީ ތިޔަ ބޭފުޅުންގެ ލަފަޔާއި މަޝްވަރާއާއެކު

18 ޖުލައި 2022 - 09:13 0

ރާއްޖޭގައި ޓޫރިޒަމް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގައި މީގެ 50 އަހަރު ކުރިން ޓޫރިޒަމް ތައާރަފް ކުރެއްވި ބާނީންގެ ލަފަޔާއި މަޝްވަރާ ހޯއްދަވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ބޭފުޅުންނަށް ދެއްވައިފި އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން އިންތިޒާމްކޮށްގެން ބޭއްވި ފަތުރުވެރިކަމުގެ ރަންޔޫބީލް އެވޯޑު ހަފްލާ ޝަރަފްވެރިކޮށްދެއްވީ ރައީސް އެވެ.

އެ ހަފްލާގައި ރާއްޖެއަށް ޓޫރިޒަމް ގެނެސްދެއްވި ހަތަރު ބާނީން ކަމަށްވާ މިހާރުގެ ހެލްތު މިނިސްޓަރު، މަސްއޮޑި އަހުމަދު ނަސީމާއި، އިޓަލީގެ އެޑްވެންޗަރާ ޖޯޖް ކޯބިން އަދި ރާއްޖޭގެ ފުރަތަމަ ރިސޯޓު ކުރުނބާ ރިސޯޓް ހެއްދެވި، ޔުނިވާސަލްގެ ޗެއާމަން އަދި މަޓީގެ ރައީސް މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ގެ އިތުރުން ޗަމްޕާ ހުސައިން އަފީފް ބައިވެރިވެވަޑައިގެންނެވި އެވެ.

"ސަރުކާރު މިއޮތީ ތިޔަ ބޭފުޅުންގެ އަޑު އަހަން. މި ސިނާއަތުގެ ކުރިއެރުމަށް ކުރާ މަސައްކަތުގައި، ތިޔަ ބޭފުޅުންގެ ބައިވެރިއެއްގެ ގޮތުގައި ސަރުކާރު އަބަދުވެސް ދެމިއޮންނާނެ. އަޅުގަނޑުމެން ކުރިއަށް ދާނީ ތިޔަ ބޭފުޅުންގެ ލަފަޔާއި މަޝްވަރާގެ އަޑު އަހައިގެން،" އެ ބޭފުޅުންނާ ގުޅޭގޮތުން އެ ހަފްލާގައި ރައީސް ސޯލިހު ވިދާޅުވި އެވެ.

އޭގެ އިތުރުން، ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ދިވެހިރާއްޖެ މިއަދު ދަމަހައްޓަމުން އަންނަ މަގާމު އޮތީ އެ ބޭފުޅުންގެ ވަރުގަދަ އަޒުމާއެކު ކުރެއްވި ބުރަ މަސައްކަތުން ކަމަށް ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ. ހަމައެހެންމެ، އެ ބޭފުޅުންނަށް ވުރެ ބޮޑަށް އިންޑަސްޓްރީ އެނގިވަޑައިގަންނަވާނެ ބަޔަކު ތިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ތިޔަ ބޭފުޅުންނަކީ، މި މުހިންމު ސިނާއަތް، ރާއްޖޭގެ ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދިނުމުގައި، އެންމެ ރަނގަޅު ވިސްނުމާއި ހިޔާލު ނެރެދެއްވޭނެ، މިކަމުގެ ތަޖުރިބާކާރު މާހިރުން. ތިޔަ ބޭފުޅުންނަށް ވުރެ ބޮޑަށް މި އިންޑަސްޓްރީ އެނގިވަޑައިގަންނަވާ، އަދި ކުރިއަށް ދާންވީ މިސްރާބު ބުނެދެވޭނެ އެހެން ބަޔަކު، ތިބޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އެ ހަފްލާގައި ރައީސް ސޯލިހު ވިދާޅުވި އެވެ.

އެއީ، ޓޫރިޒަމަކީ އެ ބޭފުޅުން އަލަށް ރާއްޖެއަށް ގެނެސް ދެއްވި ޕްރޮޑަކްޓަކަށްވާތީ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން، ޓޫރިޒަމަށް ގެންނަން ޖެހޭ ބަދަލުތައް ވެސް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އެ ބޭފުޅުންނަށް ކަމަށް ހަތަރު ބާނީންނަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ފާހަގަކުރަނީ، ރާއްޖޭގެ މުޅި ތާރީހުގައި، ރާއްޖެ އެންމެ ބޮޑަށް ބަދަލުކޮށްލި 50 އަހަރު. މި ފާހަގަކުރެވެނީ، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އިންގިލާބީ ބަދަލުތަކެއް ގެނުވި 50 އަހަރު. ތަރައްގީއާ މެދު ވިސްނާ ވިސްނުންވެސް ބަދަލުކޮށްލި 50 އަހަރު،" ރައީސް ވިދާޅުވި އެވެ.

ޓޫރިޒަމް ރާއްޖޭގައި ފައްޓަވައި ތަރައްގީކުރުމަށް އެ ބޭފުޅުން ކުރެއްވި ބުރަ މަސައްކަތުގެ ހަގީގީ އަގު ވަޒަން ނުކުރެވޭނެ ކަމަށާއި މުޅި ގައުމު އެ ބޭފުޅުންގެ ހިދުމަތަށް ދަރަނިވެރިވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.