Advertisement

ޔުނައިޓެޑް ވިކްޓަރީ އަތުން މޮޅެއް ހޯދައި ގްރީން ސްޓްރީޓްސް ހަތަރަކަށް

17 ޖުލައި 2022 - 23:19 0

ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ


ޔުނައިޓެޑް ވިކްޓަރީ އަތުން މޮޅެއް ހޯދައި ގްރީން ސްޓްރީޓްސް ހަތަރަކަށް

17 ޖުލައި 2022 - 23:19 0

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން 2-1 އިން މޮޅެއް ހޯދައި ކްލަބް ގްރީން ސްޓްރީޓްސް އިން ލީގުގެ ހަތަރަކަށް ޖެހިލައިފި އެވެ.

ލީގުގައި އިއްޔެ ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށް ވެލެންސިއާ އިން ހަތަރަކަށް އެރި އެވެ. މިރޭ ޔުނައިޓެޑް ވިކްޓަރީ އަތުން ދެ ގޯލުގެ ތަފާތުން މޮޅުވެގެން، ގްރީން ސްޓްރީޓްސް އަށް ތިން ވަނަ އަށް އެރުމުގެ ފުރުސަތު އޮތެވެ. އެކަމަކު، އެއް ގޯލުގެ ފަރަގުން މޮޅުވެ، ހަތަަރެއްގައި ފަރުޖައްސާލަން ޖެހުނީ ތިން ވަަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާ އެއްވަރަށް 18 މެޗުން 26 ޕޮއިންޓާ އެކު އެވެ. ގްރީން ސްޓްރީޓްސް އާއި ޓީސީގެ ލަނޑުގެ ތަފާތަކީ އެއް ގޯލެވެ.

ފަސް ވަަނައިގައި އޮތް ވެލެންސިއާ އަށް 18 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް ވަނި 18 މެޗުން 23 ޕޮއިންޓް ލިބިފަ އެވެ.

މިރޭގެ މެޗަށް ޔުނައިޓެޑް ވިކްޓަރީ އާއި ގްރީން ސްޓްރީޓްސް ނުކުތްއިރު، ދަނޑުގެ ވިނަގަނޑުގެ ހާލަތު ގޯސްކޮށް އޮތީ މިއަދު ހަވީރު ވެހުނުވާރޭ ތެރޭގައި އީގަލްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) މެޗު ދިޔަގޮތުންނެވެ.

މެޗު ފަށައިިގެން 10 ވަނަ މިނިޓްގައި ކްލަބް ގްރީން ސްޓްރީޓްސް އިން ލީޑުނެގީ ކޯނަރެއްގައި މުހައްމަދު ސާއިފް ބޮލުން ޖެހި ގޯލުންނެވެ. އަންސަރު އިބްރާހިމް (އަންކޮ) ނެގި ކޯނަރުން ސާއިފް ބޮލުން ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ތިރީ ކަނަށެވެ.

ޔުނައިޓެޑް ވިކްޓަރީގެ އަޒީމް (ކ) ކައިރިން ގްރީން ސްޓްރީޓްސްގެ ނާހިލް ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ


މެޗުގެ 21 ވަނަ މިނިޓްގައި ދަނޑުގެ ސަހަރާފަޅި ލައިޓް ސިސްޓަމް މައްސަލައެއް ޖެހި ބައެއް ލައިޓް ނިވުމުގެ ސަބަބުން ދަނޑު އަނދިރިވި އެވެ. އެ ވަގުތު ވެސް ރެފްރީ ކުޅެން ނިންމުމުން، އެކަން ރަނގަޅަށް ބަލަން، އެދި ޔުނައިޓެޑް ވިކްޓަރީގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) އެޕީލްކުރި އެވެ. އެކަމަކު، ފަހުން ލައިޓްގެ އަލި ރަނގަޅުވި އެވެ.

ގްރީން ސްޓްރީޓްސް އިން ވަނީ މެޗުގެ 25 ވަނަ މިނިޓްގައި ލީޑުފުޅާކޮށްފަ އެވެ. އަންކޮ މި ގޯލު ޖެހީ ކޮލަމްބިއާގެ ފޯވާޑް ހޯސޭ އަވީލާ ނަަގައިިދިން ހުރަހަކުންނެވެ. އޭރިއާތެރެއިން އަންކޮ އަށް ލިބުނު ބޯޅަ ވަނީ ހަމަޖެހިލާފައި ގޯލަށް ވައްދާލައިފަ އެވެ.

މި ގޯލު ޖެހުމުގެ ކުރިން އަންކޮ އަށް ހުސްކޮށް ލިބުނު ފުރުސަތަކުން ޖެހި ޝޮޓް ޔުނައިޓެޑް ވިކްޓަރީގެ ހަސަން ތޮލާލް (ޓޮޕްލަކް) ވަނީ ހުއްޓުވައިފަ އެވެ.

ފުރަތަމަ ހާފުގައި ޔުނައިޓެޑް ވިކްޓަރީގެ ބެލަރޫސް ފޯވާޑް އިވާން ވެރާސް ފޮނުވާލި ދެ ބޯޅައެއް އަމާޒުވީ ގްރީން ސްޓްރީޓްސްގެ ޕާކިސްތާން ކީޕަރު ހަނީފް ސާގިބް އަތަށެވެ. އެކަމަކު، ދެ ވަނަ ހާފްގެ ކުޅުން ފެށިގެން، މެޗުގެ 56 ވަނަ މިނިޓްގައި އިވާން ވަނީ ގޯލެއް ޖަހައިފަ އެވެ. އޭރިއާބޭރުން ލިބުނު ހިލޭ ޖެހުމަކުން އިވާން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މިއީ ޔުނައިޓެޑް ވިކްޓަރީގެ މުހައްމަދު ރީހާނަށް ކުރި ފައުލަަކަށް ދިން ހިލޭ ޖެހުމެކެވެ.

ނަތީޖާ ހަމަހަމަކުރަން ޔުނައިޓެޑް ވިކްޓަރީން ކުރިއަށް ޖެހިގެން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އިތުރު ގޯލެއް ޖެހޭގޮތެއްނުވި އެވެ. އިތުރު ވަގުުތުގެ ތެރޭގައި ގްރީން ސްޓްރީޓްސްގެ އޭރިއާތެރެއިން އިވާން ޖެހި ބޯޅައެއް ދިޔައީ ހުރަސްދަނޑި މަތިންނެވެ.

ކައުންޓަ އެޓޭކުގައި ދެ ވަނަ ހާފްގައި ގްރީން ސްޓްރީޓްސް ވެސް އެޓޭކަށް އަރައި ގޯލެއް ޖަހަން ކުރި މަސައްކަތުގައި ނަތީޖާއެއް ނުފެނުނެވެ.

މިއީ ޕްރެޒިޑެންޓްސް ކަޕްގައި ޔުނައިޓެޑް ވިކްޓަރީ އަތުން މޮޅުވި ފަހުން އެ ޓީމު އަތުން ގްރީން ސްޓްރީޓްސް އަށް ލިބުނު ފުރަތަމަ މޮޅެވެ. ލީގުގެ ފުރަތަމަ ދެ ބުރުގައި ކުޅުނު އެއް މެޗުން ޔުނައިޓެޑް ވިކްޓަރީ މޮޅުވިއިރު، އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.