Advertisement

ޖީ20ގެ ގިނަ ގައުމުތަކުން ރަޝިއާ ކުށްވެރިކުރި: އިންޑޮނީޝިއާ

18 ޖުލައި 2022 - 05:44 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މި އަހަރު ޖީ20 ބައްދަލުވުން އޮތީ އިންޑޮނީޝިއާގައި: ގިނަ ގައުމުތަކުން ފާޑުކިޔުމުން ރަޝިއާގެ ފޮރިން މިނިސްޓަރު ބައްދަލުވުން ދޫކޮށް ވަަޑައިގެންނެވި. -- ފޮޓޯ: ރޮއިޓާާޒް


ޖީ20ގެ ގިނަ ގައުމުތަކުން ރަޝިއާ ކުށްވެރިކުރި: އިންޑޮނީޝިއާ

18 ޖުލައި 2022 - 05:44 0

ބާލީ، އިންޑޮނީޝިއާ (ޖުލައި 17) - ދުނިޔޭގެ އެންމެ ބޮޑު 20 އިގްތިސާދު ހިމެނޭ ގްރޫޕް އޮފް ޓްވެންޓީ ނުވަތަ ޖީ20ގެ ގިނަ ގައުމުތަކުން، ރަޝިއާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމަ ކުށްވެރިކުރި ކަމަށް ޖީ20 ބައްދަލުވުން ނިންމުމުގެ ގޮތުން ނެރުނު ބަޔާނުގައި އިންޑޮނީޝިއާއިން ބުނެފި އެވެ.

ޖީ20 ގައުމުތަކުގެ ފިނޭންސް މިނިސްޓަރުންނާއި މަރުކަޒީ ބޭންކުތަކުގެ ގަވަރުނަރުން ބައިވެރިވެވަޑައިގެންނެވި ދެ ދުވަހުގެ ބައްދަލުވުން އޮތީ ބާލީގަ އެވެ. ބައްދަލުވުން ނިމުނު އިރު، ރަޝިއާއާ ހެދި ހުރި ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ގައުމުތައް ގުޅިގެން ބަޔާނެއް ނުނެރެ އެވެ.

ހުޅަނގުގެ ގިނަ ގައުމުތަކުން ރަޝިއާއަށް ވަރަށް ބޮޑަށް ފާޑުކިޔައި، ދުނިޔޭގެ އިގްތިސާދަށް ކުއްލި ލޮޅުންތައް އެރުމުގެ ޒިންމާ ރަޝިއާއިން އުފުލަން ޖެހޭނެ ކަމަަށް ބުންޏެވެ. އޭގެ އިތުރުން ހަނގުރާމައިގައި ބޮޑެތި ޖަރީމާ ހިންގަމުންދާާ ކަމަށް ތުހުމަތު ކުރި އެވެ.

"ދުނިޔޭގެ އިގްތިސާދު އަލުން ކުރިއަރަން ފެށި ނަމަވެސް، ހަނގުރާމައިގެ ސަބަަބުން މަޑުޖެހި، ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް ގިނަ ގައުމުތަކުން ދެކޭ. ޔޫކްރެއިން ހަނގުރާމަ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ނިމުމަކަށް ގެންނަން ގައުމުތަކުން ގޮވާލި،" އިންޑޮނީޝިއާގެ ބަޔާނުގައި ބުންޏެވެ.

ވަކި އަތަކަށް ނުޖެހޭ ހާރިޖީ ސިޔާސަތަކަށް އިސްކަންދޭ އިންޑޮނީޝިއާއިން ތައްޔާރު ވަނީ އަންނަ ނޮވެމްބަރު މަހު ޖީ20 ގައުމުތަކުގެ ވެރިންނާ އެކު ބޮޑު ސަަމިޓު ބާލީގަައި ބޭއްވުމަށެވެ.

ޔޫކްރެއިން ހަނގުރާމައިގެ އިތުރުން ކާބޯތަކެތީގެ ކާރިސާއާ ގުޅޭ ގޮތުން ގައުމުތަކުން ކަންބޮޑުވުން ފާޅު ކުރި ކަމަށް އިންޑޮނީޝިއާާއިން ބުންޏެވެ.

ޖީ20 ގައުމުތަކުގެ ފިނޭންސް މިނިސްޓަރުންނާއި ގަވަރުނަރުންގެ ބައްދަލުވުމަށް ފަަހު ގުޅިގެން ބަޔާނެއް ނުނެރެވުނު އިރު، މީގެ ހަފުތާއެއް ކުރިން އޮތް ޖީ20 ބައްދަލުވުމެއްގައި ގައުމުތަކުން ފާޑުކިޔަން ފެށުމުން ރަޝިއާގެ ފޮރިން މިނިސްޓަރު ސާގެއި ލެވްރޯވް ވަނީ ބައްދަލުވުން ދޫކޮށް ވަޑަައިގެންފަ އެވެ.