Advertisement

ގޮތަބަޔާއަށް ހިމާޔަތް ދިނުމުގައި ސަރުކާރުން އަމަލުކުރި ގޮތް ސާފުކުރަން މަޖިލީހަށް

13 ޖުލައި 2022 - 12:39 2

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައީސް ސޯލިހު އަދި ލަންކާގެ ރައީސް ގޮތާބަޔާއާ ދެބޭފުޅުން-- ފައިލް ފޮޓޯ/ ރައީސް އޮފީސް


ގޮތަބަޔާއަށް ހިމާޔަތް ދިނުމުގައި ސަރުކާރުން އަމަލުކުރި ގޮތް ސާފުކުރަން މަޖިލީހަށް

13 ޖުލައި 2022 - 12:39 2

ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އެ ގައުމުން ފިއްލަވައިގެން އަސްކަރީ މަތިންދާބޯޓެއްގައި ރޭ ދަންވަރުގެ ވަގުތެއްގައި ރާއްޖެއަށް ވަޑައިގަތުމުގައި ދިވެހި ސަރުކާރުގެ ބައިވެރިވުން އޮތް ގޮތް ސާފުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ނިންމައިފި އެވެ.

މިއަދު އިސްތިއުފާ ދެއްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ، އިގްތިސާދު އިނދަޖެހިފައިވާ ސްރީ ލަންކާގެ ރައީސް ރައީސް، ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވީ ރޭ ދަންވަރު 2:50 ގަ އެވެ. ގޮތަބަޔާއަށް ދިވެހި ސަރުކާރުން ހިމާޔަތް ދިނުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

"ސްރީލަންކާގެ ރައީސްއަށް ރާއްޖެއިން ހިމާޔަތްދިން މައްސަލާގައި ސަރުކާރުން އަމަލު ކުރިގޮތް ސާފު ކުރުމަށް މަޖިލީހަށް ހުށަހަޅަން އެމްއެންޕީގެ ޕާލިމެންޓް ގުރޫޕުން ވަނީ ނިންމާފައި،" އެމްއެންޕީން ބުނެފައިވެ އެވެ.

ގޮތަބަޔަ ރާއްޖެ ވަޑައިގެންނެވުމާ ގުޅޭގޮތުން ދިވެހި ސަރުކާރުން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

ސްރީ ލަންކާގެ ރައީސް ރާއްޖެ ގޮތަބަޔާ، 73، ވަޑައިގަތީ ހަނގުރާމަމަތީ ކުޑަ މަތިންދާބޯޓެއްގައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. މިއަދު އިސްތިއުފާ ދެއްވުމުގެ ކުރިން ރާއްޖެ ވަޑައިގެންނެވިއިރު ސްރީ ލަންކާގެ ރައީސް މަގާމުގައި ހުންނަވަނިކޮށް ހައްޔަރު ކުރުން ގާނޫނު އަސާސީ ހުއްދައެއް ނުދެ އެވެ.

އިތުބާރު ހުރި މަސްދަރުތަކުން "އަދަދު" ނޫހަށް މައުލޫމާތު ލިބޭ ގޮތުގައި ގޮތަބަޔާ ރާއްޖެ ވަޑައިގަތުމުގެ ކަންކަން ހަމަޖެއްސެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި އެވެ. ގޮތަބަޔާ ވަޑައިގަތުމުގެ ގަޑިއެއްހާއިރު ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުޅުލެއިން ވަނީ ފެނިފަ އެވެ.

އެންޓޮނޯވް-32 މަރުކާރުގެ އަސްކަރީ ބޯޓެއްގައި ގޮތަބަޔާ އާއި އޭނާގެ އަނބިކަނބަލުން އަދި ބޮޑީގާޑުންނާ އެކު ޖުމްލަ ހަތަރު މީހުން ރާއްޖެ ވަޑައިގެންނެވީ އިންޑިއާއަށް ޖެއްސުމުގެ ހުއްދަ ނުލިބުމުންނެވެ. އަދި ރާއްޖެ ވަޑައިގެންނެވީ ޑުބާއީ އަށް ފުރަން މަސައްކަތް ކުރުމަށްފަހު އެވެ.