Advertisement

ލިވަޕޫލް ބަލިކޮށް ޔުނައިޓެޑުން ތައިލެންޑް ސެންޓީނަރީ ކަޕް ކާމިޔާބުކޮށްފި

13 ޖުލައި 2022 - 00:08 0

ކޯޗު ޓެން ހާގް (ކ) އާއި މިރޭގެ މެޗުގައި ކެޕްޓަންކަން ކުރި ބްރޫނޯ ފެނާންޑޭސް ސެންޓިނާރީ ކަޕްގެ ތަށި އުފުލާލަނީ


ލިވަޕޫލް ބަލިކޮށް ޔުނައިޓެޑުން ތައިލެންޑް ސެންޓީނަރީ ކަޕް ކާމިޔާބުކޮށްފި

13 ޖުލައި 2022 - 00:08 0

ބެންކޮކް، ތައިލެންޑް (ޖުލައި 12) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ނެދަލެންޑްސްގެ އެރިކް ޓެން ހާގް ހަވާލުވި ފަހުން ކުޅުނު ފުރަތަމަ މެޗުގައި މިރޭ ވާދަވެރި ލިވަޕޫލް އަތުން 4-0 އިން މޮޅުވެ، ޔުނައިޓެޑުން ތައިލެންޑް ސެންޓީނަރީ ކަޕް ކާމިޔާބުކޮށްފި އެވެ.

މިއީ މި ފަހަރުގެ ޕްރީ ސީޒަނުގައި ދެ ޓީމުގެ ވެސް ފުރަތަމަ މެޗެެވެ. ގާތްގަނޑަކަށް 50،248 ސަޕޯޓަރުންގެ ކުރިމަތީގައި ތައިލެންޑްގެ ރަޖަމަންގާލާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޔުނައިޓެޑުން ވަނީ ފުރަތަމަ ހާފު 33 މިނިޓް ތެރޭ ތިން ގޯލު ޖަހައިފަ އެވެ. އަނެއް ގޯލު ޖެހީ ދެ ވަނަ ހާފުގަ އެވެ.

ލިވަޕޫލުން މެޗު ފަށައިގެން ލުއިސް ޑިއާޒް ޖެހި ބޯޅައެއް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ މަަތަކުރި އެެވެ. ލިވަޕޫލްގެ ޒުވާން ޑިފެންޑަރު، އިސާކް މަބާޔާ ހެދި ގޯހެއްގެ ފައިދާނަގައި، 12 ވަނަ މިނިޓްގައި ޖޭޑަން ސަންޗޯ ޔުނައިޓެޑަށް ލީޑުނަގައިދިނެވެ. ލިވަޕޫލްގެ ޑިއާޒް އާއި ފަބިއޯ ކަވާލިއޯ ޖެހި ބޯޅަތައް ދަނޑިއަށް އަމާޒުވިއިރު، ޔުނައިޓެޑުން ދެ ވަނަ ގޯލު ޖެހީ 30 ވަނަ މިނިޓްގައި ފްރެޑް އެވެ. ލިވަޕޫލްގެ ޖޯ ގޯމޭޒް ޖައްސާލި ބޯޅައެއް އޭރިއާބޭރުން ލިބުމުން ފްރެޑް ޖެހި ބޯޅަ ގޯލަށް ވަނީ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ބޯމަތިން އޮއްސިގެން ގޮހެވެ.

އޭގެ ތިން މިނިޓް ފަހުން ލިވަޕޫލް ފަހަތުން ދޫވި ބޯޅައެއް ހިފައިގެންވަދެ، އެންތަނީ މާޝިއަލް ޔުނައިޓެޑްގެ ތިން ވަނަ ގޯލު ޖެހި އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑްގެ ޑިއޯގޯ ޑަލޯ ޖެހި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެެވެ. ކައުންޓަ އެޓޭކުގައި މެޗުގެ 76 ވަަނަ މިނިޓްގައި އަމަދު ޑިއާލޯ ދިން ބޯޅައަކުން ޔުނައިޓެޑްގެ ހަތަރު ވަނަ ގޯލު ޖެހީ ފަކުންޑޯ ޕެލެސްޓްރީ އެވެ.

ޔުނައިޓެޑްގެ ފްރެޑް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ލިވަޕޫލުން ވަނީ މިރޭގެ މެޗުގެ ކޮންމެ 30 މިނިޓަކުން ޓީމު ބަދަލުކޮށްފަ އެވެ. އެގޮތުން ޖުމްލަ 32 ކުޅުންތެރިން މި މެޗުގައި ބޭނުންކުރިއިރު، ލިވަޕޫލުން ވަނީ 105 މިލިއަން ޑޮލަރަށް އެ ޓީމަށް ބަދަލުވި ފޯވާޑް ޑާވިން ނޫނޭޒް ފަހުން ކުޅެން ނެރެފަ އެވެ. ލިވަޕޫލްގެ ކޮންޓްރެކްޓް ދާދި ފަހުން އާ ކުރި މުހައްމަދު ސަލާހު ވެސް ފަހުން ބެންޗުން ކުޅެން އަރައި، ޖެހި ޝޮޓެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.

ޔުނައިޓެޑުން މި މެޗުގެ ފުރަތަމަ ހާފު ނިމުމުން ދެ ވަނަ ހާފަށް ނުކުތީ 10 ބަދަލު ގެނެސްގެންނެވެ. ދެ ވަނަ ހާފްގައި ޔުނައިޓެޑުން ވަނީ އަލަށް އެ ޓީމަށް ގެނައި، ނެދަލެންޑްސްގެ ފުލްބެކް، ޓައިރެލް މަލާސިއާ ކުޅެން އަރުވައިފަ އެވެ.

އަނިޔާގެ ސަބަބުން ޔުނައިޓެޑްގެ ކެޕްޓަން، ހެރީ މެގުއާ މި މެޗުގައި ނުކުޅޭތީ، އެގްޒިބިޝަން މެޗުގެ ޓްރޮފީއާ ހަވާލުވީ ވައިސް ކެޕްޓަން، ބްރޫނޯ ފެނާންޑޭސް އެވެ.

މެޗަށް ފަހު ޓެން ހާގް ބުނީ ޔުނައިޓެޑުން މި މެޗުގައި ޖުމްލަކޮށް ރަނގަޅަށް މަސައްކަތްކޮށްގެން ކުޅުނު ކަމަށެވެ. ލިވަޕޫލުން ތިން ޓީމެއް ބޭނުންކޮށްގެން ބަހާލައިގެން ކުޅުނުއިރު، އެ ޓީމު ފެނުނީ އެންމެ ވަރުގަދަކޮށް ނޫން ކަމަށާއި ޔުނައިޓެޑުން ވެސް ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅުކުރަން ޖެހޭ ގިނަ ކަންކަން ފާހަގަވި ކަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ޕްރީ ސީޒަނުގެ ފުރަތަމަ މެޗު ވުމުން މިއީ ލިވަޕޫލް ބޭނުންވާ ކުޅުން ދެއްކުނު މެޗެއް ނޫން ކަމަށާއި މަޑުމަޑުން ކުރިން ހުރި ލެވަލަށް ކަންކަން ގެންދަން ބަލާއިރު، މި މެޗުން ރަނގަޅު ކަންކަން ވެސް ފާހަގަވެގެންދިޔަ ކަމަށެވެ.

ޕްރީ ސީޒަނުގައި ދެން ލިވަޕޫލް ކުޅޭ މެޗުގައި ހުކުރު ދުވަހު ސިންގަޕޫރުގައި ކުޅޭނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެެވެ. ޔުނައިޓެޑުން ދެން ޕްރީ ސީޒަނުގައި މެޗު ކުޅޭނީ އޮސްޓްރޭލިއާގަ އެވެ. ތައިލެންޑް ޓުއާގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޔުނައިޓެޑް ޓީމުގައި ނެތް ނަމަވެސް އޮސްޓްރޭލިއާގައި އޭނާ ފެނުމުގެ ކުޑަ ފުރުސަތެއް އެބައޮތެވެ.