Advertisement

މަސްވެރިކަމުގެ ސިނާއަތް ރާއްޖެއިން ހުއްޓިދާނެ!

25 ޖުލައި 2022 - 09:20 2

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މަހަށްދާ ދޯނިތަކެެއް މަސްވެރިންގެ ޖެޓީގައި އަޅާފައި: ފިޝަރީޒް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ސައިސެންސް އޮންނަ 614 މަސްދޯނި އޮވޭ--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މަސްވެރިކަމުގެ ސިނާއަތް ރާއްޖެއިން ހުއްޓިދާނެ!

25 ޖުލައި 2022 - 09:20 2

ރާއްޖޭގެ މަސްވެރިކަން ފެށިގެން އައީ ފަން ރިޔަލުގަ އެވެ. ދުނިޔެ ތަރައްގީ ވަމުން އައިސް ފަންރިޔާ ފޮތި ރިޔަލަށް ބަދަލުވި އެވެ. ފަނާއި ފޮތި ރިޔަލުގައި ފަލި ޖަހައިގެން އެ ލިބޭ ބުރަ ކަމުގެ ތެރެއިން ކާމިޔާބު ހޯދީ ރިޔާތައް ދޫކޮށްލައިގެންނެވެ. މަސްވެރިކަން ރާއްޖޭގައި ކުރިއަރަމުން އައި ބާރުމިނުގައި ފޮތި ރިޔާ ދޫކޮށް މަސްވެރިން އިންޖީނު ދޯނިގެ މަސްވެރިކަން ކުރަން ފެށި އެވެ. އިންޖީނު ދޯނިތަކާއެކު މަސްވެރިކަން އެހެން ހަރުފަތަކަށް ބަދަލުވެ މަސްވެރިކަމަށް އިންގިލާބީ ބަދަލުތަކެއް އަ އެވެ.

މަހަށް ދިއުމަށްފަހު ކޮންމެ ދުވަހަކު ރަށަށް އަންނަ އައުން ބަދަލުވީ ދޯނިތަކުގައި ދިރިއުޅެވޭނެ ގޮތަށް ބަދަލުވުމުންނެވެ. އެއް ދުވަހަށް މަހަށްދާ ދޯނިތައް ދެ ހަފްތާއަށް މަހަށް ނިކުންނަން ފެށި އެވެ. އެހެން ގޮސް ދުވާލު އެން ހޯދަމުން އައި ގޮތް ވެސް ބަދަލުވީ ރޭގަނޑުވެސް އެންހޯދުމަށް މަސްވެރިން ނިކުތުމާ އެކު އެވެ. އޭގެ ނަތީޖާއަކަށްވީ ބޮޑެތި މާކަރީ ލައިޓްތައް އަޅުވައިގެން ކިތަންމެ ދަންވިޔަސް މަސްވެރިން އެންހޯދުމެވެ. އޭގެ އިތުރުން ސްކޫބާ ޑައިވް ކޮށްގެންވެސް އެންހޯދުމެވެ.

ނަމަވެސް މިހާރު ވަނީ ރާއްޖެއިން މަސްވެރިކަން ހުއްޓޭ ހިސާބަށް ގޮސްފައޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. މަހަށްދާނެ މީހުންނެއް ނުލިބެ އެވެ. ތެލުގެ އަގު އެހާ ބޮޑެވެ. މަސްވެރިކަމުގެ ތެރެއަށް ވެސް ބިދޭސީން ވަދެ މި ދާއިރާއަށް އަތްގަދަކޮށްފައި ވާއިރު ރާއްޖެއަށް އެހެން ގައުމުތަކުން ދަނީ މަސްވެސް އެތެރެކުރަމުންނެވެ.

"މިހާރު މަސްވެރިކަމެއް ނޫން މި ކުރަނީ. އަހަރުމެން ކާބަފައިން މަސްވެރިކަން ކުރިގޮތަށް ދެން މަސްވެރިކަމެއް ނުކުރެވޭނެ. އަނެންހެން ބުނަންޏާ މިހާރު މަސްވެރިކަން މި އޮތީ ހުއްޓިފައި،" "ސްޕޯޓްސް ފިޝިން"ގައި ހަތް އަހަރު ވެފައިވާ، ސޯޝަލް މީޑިއާ އެކި ޕްލެޓް ފޯމްތަކާއި އެކު މަސްވެރިކަންވެސް ޕްރޮމޯޓް ކުރަމުންދާ ހއ. އިހަވަންދޫ، އަބްދުﷲ އިރުޝާން ބުންޏެވެ.

ވަދާ ދުއްވަން ނިކުމެއުޅޭ ރިޔަލު ދޯންޏެއް-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


"ރާއްޖެއިން މަސްވެރިކަން ހުއްޓެން ގިނަ ދުވަހެއް ނެތް"

އަހަރެމެންގެ ކާބަފައިން މަސްވެރިކަން ކުރަމުން އައި ގޮތަށް ދެން މަސްވެރިކަން ނުކުރެވޭނެ ކަމަށާއި އޭގެ ސަބަބަކީ މަސްވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ބަދަލުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.

"މަސް ކިރައިދޭ އަގު އެހާ ދަށްވެފައި ތަކެތީގެ އަގު އިންތިހާއަށް ބޮޑު. މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުންނެއް ނުއުފެދޭ. ޒުވާނެއް ވިއްޔާ ދާން މި ބޭނުންވަނީ އެހެން ދާއިރާއަކަަށް. އެއީ މަސްވެރިކަން ރާއްޖެއިން ނެތެމުންދާ ކަމުގެ ކޮޅުމަތި،" އިރުޝާން ފާޅުކުރީ ރާއްޖޭގެ މަސްވެރިކަމުގެ ކުރިމަގު އޭނައަށް ފެންނަ ގޮތުގެ ތަސައްވަރެވެ.

ދުނިޔޭގެ ބާޒާރުގައި ތެޔޮ އަގުބޮޑުވުމުން ގެނައި ބަދަލާއެކު މިހާރު ރާއްޖޭގައި ތެޔޮ ފީފާއެއްގެ އަގު އުޅެނީ 3500ރ. އަށެވެ.

"މަހުގެ އަގުވެސް މިހާރު މިއޮތީ ވެއްޓިފައި. މަސް ކިރަން ދަތުރު ކުރަން އެހާ ހަރަދު. ށ އަތޮޅު "ކީކިމިނި" ހއ. އާ އެންމެ ކައިރިން މަސް ކިރެން އޮންނާނީ. އެތަނަކަށް މަހެއް ނުކިރާ. ދެން ދާން މި ޖެހެނީ ކޫއްޑޫއަށް. ހެނދުނު ފުރައިގެން މި ދެވެނީ އިރުއޮއްސޭ އިރަށް. އެއީ 6 ފީފާ ތެޔޮ،" 12 ގަޑިއިރުގެ ދަތުރަކަށް ދާ ހަރަދު އިރުޝާން ކިޔައިދިނެވެ.

މަސްވެރިކަމަށް ނިކުމެއުޅޭ ދޯންޏެއް-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އޭނާ އިތުރަށް ބުނީ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ބޭނުން ވެފައިވާ ކަމަށާއި މި ދާއިރާ ކުރި އަރުވަން ބޭނުންނަމަ އާ ކެޔޮޅުންނަށް ޒުވާނުން އުފައްދަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެއީ އަންނަން އޮތް ޖީލަށް މަސްވެރިކަން ފޯރުކޮށްދެވޭނެ ހަމަ އެކަނި ގޮތް ކަމަށާއި ދަސްކުރަން ބަޔަކު ނެތުމަކީ މަސްވެރިކަން ގެއްލިގެންދާނެ ކަމެއް ކަމަށްވެސް އިރުޝާން ބުންޏެވެ.

"ކުރީގަ ވެއްޖާ 20 ވަރަކަށް މީހުން ދޯންޏެއްގަ ފުރާނެ. މިހާރު އިހަވަންދޫ މަދު އޮޑިއެއް ފިޔަވައި ގިނައުޅަނދުތައް މަހަށް އެފުރަނީ 10 މީހުން ނޫނީ 12 މީހުންނާ އެކު. މިގޮތަށް މިކަން ދާނަމަ މިއަދު އިހަވަންދޫގައި މަހަށްފުރާ އުޅަނދުތައް ކުރިއަށް އޮތްތަނުގަ މަދުވާނެ،"

މީގެ ކުރިން އިހަވަންދޫގައި 25 ވަރަކަށް ދޯނި ދުއްވި ކަމަށާއި ނަމަވެސް މިހާރު އޮތީ 18 ދޯނި ކަމަށް އޭނާ ބުންޏެވެ. ދޯނި ބަންނަނީ ލޯނު ނަގައިގެން ކަމަށް ވުމުން، ދޯނިން ފައިދާ ނުވާތީ ދޯނިތައް ވިއްކާލައި ލޯނު ދައްކަނީ ކަމަށްވެސް އޭނާ ބުންޏެވެ.

މިހާރުވެސް އެ ރަށުގައި މަސްދޯނި ބަންނަމުންދާ ކަމަށާއި މިވަގުތުވެސް އޮޑިހަރުގެ ތަކުގައި 13 ވަރަކަށް ދޯނި އޮތް ކަމަށް އިރުޝާން ބުންޏެވެ.

"މި ރަށުގެ ގިނަ މީހުން މިހާރު އޮޑި ވިއްކަމުން އެ ދަނީ. އެއީ ދެ ރަށުގެ ރަށްވެހިން ބަންނަ އޮޑިފަހަރުވެސް ހުންނާނެ. މަހަށް ނުދެވެންޏާ އެހެން ވާނީ. ގިނަ މީހުން ދޯންޏެއް މި ބަންނަނީ ބޮޑު ލޯނެއް ނަގައިގެން. މަހުން މަހަށް ލޯނު ނުދެއްކި މީހާ ދަރަނިވެރިވެ، އެންމެ ފަހުން ވިއްކާލަނީ،" އޭނާ ބުންޏެވެ.

އިހަވަންދޫ ބަނދަރު މަސްދޯނިތަކުން ފުރިފައި-- ފޮޓޯ: މަސްވެރި އިހަވަންދޫ


އެގޮތުން މި އަހަރު ހަތަރު ދޯނި އިހަންވަންދޫއިން ވިއްކާލާފައިވާ ކަމަށާއި އިތުރު ދޯންޏެއް ވިއްކާލާ ފައިސާ ދައްކާފައިވާ ނަމަވެސް އެ ދޯނި އަދި އެ ރަށުގައި އޮތް ކަމަށް އިރުޝާމް ބުންޏެވެ.

ގއ.ގެމަނަފުށީ މަސްވެެރިއެއް ކަމަށްވާ މުހައްމަދު މުއްދައްސިރު ވެސް މައިގަނޑު ގޮތެއްގައި ފާހަގަ ކުރީ ކާބަފައިން މަސްވެރިކަން ކުރި ގޮތަށް ދެން ނުކުރެވޭނެ ކަމަށެވެ. އަދި އޭރު ދިވެހިންގެ މުރާލި ކަމުގެ ވާހަކަ އެވެ. މިހާރު ބިދޭސީން ލައްވާ ހުރިހާ މަސައްކަތެއް ކުރުވާ ކަމެވެ.

މިފަދަ އެތައް ސަބަބަކާހުރެ ރާއްޖޭގެ މަސްވެރިކަން ހުއްޓިދާނެ ކަމަށް އޭނާވެސް ގަބޫލު ކުރެ އެވެ.

ރާއްޖެއިން ބޭރުކުރާ ވަރަށް ރާއްޖެއަށް އެތެރެވެސް ކުރޭ!

ރާއްޖެއިން މިދިޔަ ފަސް އަހަރު ބާނާފައި ވަނީ 451.3 ޓަނުގެ ކަޅުބިލަމަހެވެ. އެ މުއްދަތުގައި ބާނާފައި ވަނީ 237.4 ޓަނުގެ ރީނދޫ އުރަހަ ކަންނެލި އެވެ.

މިހާ ގިނަ އަދަދަކަށް ރާއްޖެއިން މަސް ބާނާ ރާއްޖެއިން ބޭރު ކުރާއިރު ރާއްޖެއަށްވެސް އެހެން ގައުމުތަކުން މަސް އެތެރެކުރާވާހަކަ ބުނުމުން ހައިރާން ވެދާނެ އެވެ. ނަމަވެސް މިއީ ހަގީގަތެވެ.

މައުލޫމާތު ހޯޯދުމާއި ލިބުމުގެ ހައްގުގެ ދަށުން "އަދަދު" ނޫހުން ފިޝަރީޒް މިނިސްޓްރީ އާއި ކަސްޓަމްސްއިން ހޯދި މައުލޫމާތުތަކަށް ބަލާއިރު މިދިޔަ ފަސް އަހަރުތެރޭ ރާއްޖެއިން އެންމެ ގިނައިން ބޭރުކޮށްފައި ވަނީ ކަޅުބިލަމަހުގެ ބާވަތްތަކެވެ. ދެން އެންމެ ގިނައީ ރީނދޫ އުރަހަ ކަންނެލީގެ ބާވަތްތަކެވެ.

މަހުން ތައްޔާރުކުރާ ބާވަތްތަކުގެ ތެރެއިން ރާއްޖެއިން އެންމެ ގިނައިން އެހެން ގައުމުތަކަށް ފޮނުވަނީ ގަނޑުކުރި ކަޅުބިލަމަހާއި ގަނޑުކުރި ރީނދޫ އުރަހަ ކަންނެލި އެވެ. ދެން އެންމެ ގިނައީ މި ދެ ބާވަތުން އުފައްދާ ހިކިމަހެވެ.

މަސްވެރިން މަސް ބޭނުމަށް ފަހު މަސް ކިރުމުގައި ހަރަކާތްތެރިވަނީ-- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އެހެން ގައުމުތަކުން ރާއްޖެއަށް އެންމެ ގިނައިން ގެންނަ މަހުގެ ތެރޭގައި ހިމެނެނީ ކަޅުބިލަމަހާއި ކަންނެލީގެ ބާވަތްތަކެވެ. މިދިޔަ ފަސް އަހަރުން ދެ އަހަރެއްގައި ވަޅޯމަސްވެސް ރާއްޖެ އެތެރެކޮށްފައި އެބަ ހުއްޓެވެ.

މިދިޔަ ފަސް އަހަރު 287 ޓަނުގެ މަސް ރާއްޖެއިން އެހެން ގައުމުތަކަށް އެކްސްޕޯޓު ކުރި އެވެ. އެއީ 11.4 ބިލިއަން ރުފިޔާގެ މަހެވެ. އެ މުއްދަތުގައި ރާއްޖެއަށް އެހެން ގައުމުތަކުން 35.4 ޓަނުގެ މަސް އިމްޕޯޓުކޮށްފައި ވެ އެވެ. އެއީ 2.5 މިލިއަން ރުފިޔާގެ މަހެވެ.

މިއީ މަސްވެރިންނަށްވެސް މިހާތަނަށް އެނގިފައިވާ މައުލޫމާތެއް ނޫން ކަމަށް ވާހަކަ ދައްކާލި ގިނަ މަސްވެރިން ބުންނެވެ. ރާއްޖެއަށް އެހެން ގައުމަކުން މަސް އެތެރެ ކޮށްފާނެ ކަމަށް ބައެއް މީހުން ގަބޫލު ނުކުރާއިރު އަނެއްބައި މަސްވެރިން ބުނީ މަސް ބާނާ ގައުމަކަށް މަސް އެތެރެ ކުރުމުގެ ބޭނުމެއް ނޭނގޭ ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ބައެއް މީހުންނާ ވާހަކަ ދައްކާލުމުން އެނގުނީ ރާއްޖެއަށް އެހެން ގައުމުތަކުން މަަސް އެތެރެކުރަނީ ރިސޯޓުތަކަށް ކަމަށެވެ.

"ބައެއް ރިސޯޓުތަކުގަ ތިބޭ ޝެފުންނަށް މަހުގެ ކޮލެޓީ ދަށްވީމަ ކަމުނުދާތީ ބޭރުން ގެންނަނީ. ކޮންމެ ކޮންމެ ކޮލެޓީއެއް ހުންނަ މަސް އެމީހުން ބޭނުން ނުކުރާނެ ކަށްކާކަށް،" ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކު ކިޔައިދިނީ ރިސޯޓުތަކަށް އެހެން ގައުމުތަކުގެ މަސް ގެންނަ ސަބަބެވެ.

މިފަދަ ކަންކަމުގެ ސަބަބުންވެސް ރާއްޖޭގެ މަސްވެރިކަން ދަށްވެ، މަސްވެރިންނަށްވެސް ކުރިމަތިލާން ޖެހެނީ ގެއްލުމާ އެވެ.

މަސްވެރިންތަކެއް މަސް ބޭނުމުގައި-- ފޮޓޯ: ޒުވާން މަސްވެރިޔާ


ޒުވާނުން މަސްވެރިކަން ދޫކޮށް ފަތުރުވެރިކަމަށް!

ރާއްޖޭގެ އިގްތިސޯދުގެ މައި ތަނބު ކަމުގައި ދެކެމުންއައި މަސްވެރިކަން އިގްތިސާދުގެ ދެވަނަ ދަރަޖައަށް ވެއްޓި، މައި ސިނާއަތަކީ ޓޫރިޒަމް ކަމަށް ވެއްޖެ އެވެ. ފަތުރުވެރި ކަމަކީ ރާއްޖޭގެ މައި އިގްތިސޯދަށް މިހާރު ވެފައިވާ ކަމީ އެއްވެސް މީހަކު ދެކޮޅު ހަދާނެ ކަމެއް ނޫނެވެ.

ރާއްޖޭގެ އިގްތިސޯދަށް ފައިދާ ވާނެ ހުރިހާ މަގެއް ގޮސް ނިމެނީ ޓޫރިޒަމްގެ ދާއިރާއަށެވެ. ތަފާތު ޕްލޭން ތަކާއި ކުރިއެރުވޭނެ ގޮތްތައްވެސް ހޯދެނީ ފަތުރުވެރިކަމުގެ ދާއިރާއަށެވެ. ތަފާތު ފަރާތްތަކުގެ އެހީތައްވެސް ލިބެމުން ދަނީ ހަމަ ފަތުރުވެރި ކަމުގެ ސިނާއަތަށެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގައި އިސްތިހާރު ކުރެވެނީވެސް ހަމަ އެ ދާއިރާ އެވެ.

"ރިސޯޓް މުވައްޒަފުންގެ މިނިމަމް ވޭޖު ކަނޑައެޅުމާއި ސާވިސް ޗާޖު ލިބުން ރަނގަޅުވުމުން މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދިޔަ ގިނަ ޒުވާނުން މިހާރު ވަނީ ރިސޯޓް ވަޒީފާއަށް ގޮސްފައި. މިއީ ކަންބޮޑުވާން ޖެހޭ ކަމެއް. ޒުވާނުން އެކަންނެއް ނޫން މީގެ ކުރިން އެތައް އަހަރެއް މަސްވެރިކަމުގަ ހޭދަކޮށްފަ ތިބި މީހުންވެސް މިހާރު ވަނީ މަސްވެރިކަން ދޫކޮށް ރިސޯޓުތަކަށް ގޮސްފައި،" މަސްވެރިކަން ނެތެމުންދާ ކަމަށް ބުނަމުން އިރުޝާން ކަންބޮޑުވުން ފާޅުކުރި އެވެ.

ގދ.ގައްދޫއަކީ މީގެ ކުރިން ޒުވާނުން އެންމެ ގިނައިން މަހަށް ގޮސް އުޅުނު އެއް ރަށެވެ. ނަމަވެސް މަސްވެރިކަމަށް އައި ހީނަރުކަމާއި އާމްދަނީ ލިބުން ދަށްވުމުން ޒުވާނުން މަސްވެރިކަން މަތިން ފޫހިވެފައިވާ ކަމަށް ބައެއް މަސްވެރިން އަންނަނީ ބުނަމުންނެވެ.

"ގައްދޫއަކީ މީގެ ދެ އަހަރުކުރިން ފުދޭވަރަކަށް ގިނައިން ޒުވާން ކުދިން މަހަށް ދިޔަ ރަށެއް. މަސްވެރިންގެ ގޮތުގައި ކުރިން އުޅުނު 200 އަށްވުރެ ގިނަ ކުދިން މިހާރު އެބައުޅޭ ފެނަކައިގެ ވަޒީފާތަކުގައި. މިހާރު އެ ރަށުން މަހަށް ދަނީ ބިދޭސީން ލައިގެން. ބިދޭސީން ނުލިބިއްޖާ މަހަށް ނުފުރާ ތިބެން އެ ޖެހެނީ،"

މިދިޔަ އިރުވައި މޫސުމުގައިވެސް އެ ރަށުން މަހަށް ދާނެ މީހުން ނުވެގެން ގިނަ ދޯނިތައް އޮތީ މަހަށް ނުފުރާ ފަޅުގައި އަޅާފައި ކަމަށް އޭނާ ބުންޏެވެ.

މާލެ މަސްވެރިންގެ ބަނދަރުގައި އަޅާފައިވާ މަސް ދޯނިތަކެއް-- ފޮޓޯ: މުހައްމަދު ޝާބިން /އަދަދު


"އެއްވެސް ސަރުކާރަކުން މަސްވެރިކަން ކުރިއެރުވުމަށް އެއްވެސް ކަމެއް ނުކޮށްދޭ. އެެއްވެސް ސަރުކާރަކުން އަޅައެއް ނުލާ. މި ދާއިރާއަށް ސަރުކާރުތަކުންވެސް އަޅާނުލާތީ ޒުވާނުންވެސް މި ދާއިރާއަށް ނުނިކުންނަނީ،" ކުރިން ވާހަކަ ދެއްކި އިރުޝާމް ބުންޏެވެ.

ފިޝަރީޒް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި 614 ދޯންޏަކަށް މަސްވެރިކަންކުރުމަށް ލައިސަންސް ދޫކޮށްފައިވެ އެވެ. އަދި މަސްވެރިންގެ ގޮތުގައި 17,000 އެއްހައި މީހުން މަސައްކަތްކުރާކަމަށް ފިޝަރީޒް މިނިސްޓްރީން އަންދާޒާކުރެ އެވެ.

މަސްވެރި ދޯނިތަކަށް ބިދޭސީން އަތްގަދަކޮށްފި

މަސްވެރިކަންކުރާ ދިވެހިންގެ އަދަދު މަދުވެ، ބިދޭސީން މަސްވެރިކަމަށް ނެރުމަށް ކޯޓާއަށް އެދުން އިތުރުވަމުންދާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނަމުން އަންނަތާ މިހާރު ދެ އަހަރެއްހައި ދުވަސް ވެއްޖެ އެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގައިވާ ގޮތުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގައި ބިދޭސީން ގެންގުޅެވޭނެ އަދަދު ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން މަސްދޯނިފަހަރުގައި ބިދޭސީ މަސައްކަތްތެރިން ލައްވާ މަސްވެރިކަން ނުކުރެވުނަސް ދޯނީގައި އެހީތެރިންގެ ގޮތުގައި ބިދޭސީން ގެންގުޅެވޭނެ އެވެ.

ނަމަވެސް މިހާރު ދޯނިތަކުގައި ބިދޭސީން ގެންގުޅެނީ ކަނޑައަޅާފައިވާ މިންގަނޑަށްވުރެ އިތުރަށް ކަމަށް މަސްވެރިންވެސް އެއްބަސްވެ އެވެ. ސަބަބެއް ކަމަށް ބުނަނީ ދިވެހިން ނުލިބުމެވެ.

މަސްތަކަށް އައިސް އެޅުމުގައި ހަރަކާތެރިވާ މީހެއް-- ފޮޓޯ: އަދަދު


ބައެއް ދޯނިތަކުގައި އެބަތިބި ދިވެހިންނަށްވުރެ ގިނައިން ބިދޭސީން. މަސް ބާނަންވެސް އެމީހުން އެބަ އުޅޭ މިހާރު. ގއ.ވިލިނގިލި ހިސާބުގަ އުޅޭ 15 ވަރަކަށް ބިދޭސީންނާ އެއްކޮށް މަހަށްދާ ދޯނިފަހަރު. ތިނަދޫގަވެސް އުޅޭ ދޯންޏެއް އެގޮތަށް މަސްވެރިކަން ކުރާ،" ގެމަނަފުށިން ވާހަކަ ދެއްކި މުއްދައްސިރު ބުންޏެވެ.

އޭނާ ބުނީ މިހާރު ދިވެހިން މަހަށް ދަނީ ނަމެއްގައި ކަމަށެވެ. ހުރިހާ މަސައްކަތެއް ކުރަނީ ބިދޭސީން ކަމަށާއި މިއީ މަސްވެރިކަމަށް ބިދޭސީން އަތްދަކޮށް ދިވެހިންގެ އެ ސިނާއަތް ގެއްލި ހިނގައިދާނޭ ސަބަބެއްކަމަށް މުއްދައްސިރު ދެކެ އެވެ.

"މިހާރު ދިވެހިން މި ދަނީ މަހަކަށް ނޫން. ބިދޭސީން ހުރިހާ މަސައްކަތެއް ކުރަނީ. މަސްވެރިން ކުރާހާވެސް ކަމަކީ ދޮށީގަ ހިފާލައިގެން މަސް ބޭނުން އެކަނި. 24 ގަޑިއިރު ކޮފީ ދޭން ބިދޭސީން ތިބޭނެ. މަހަށް އައިސް އެޅުމާ އައިސް ދޯންޏަށް އެރުވުމާއި ހުރިހާކަމެއްވެސް ބިދޭސީން. ބިދޭސީންނާ ނުލާ އެއްވެސް ކަމެއް ނުކުރެވޭނެ،" މުއްދައްސިރު ބުންޏެވެ.

މަސްވެރިކަން ރާއްޖެއިން ހުއްޓިދާނެ ކަމަށް މަސްވެރިން ބުނަމުންދާއިރު މިއީ އަޅާނުލާ ތިބެން ވާނެ ވަރުގެ ކަމެއް ހެއްޔެވެ؟ ވާނެ ގޮތެއްވާން ދޫކޮށްލައި ދެއަތް އުރާލައިގެން ތިބެން ވެއްޖެނަމަ ކުރިއަށްއޮތް 10 ވަރަކަށް އަހަރު ތެރޭ މަސްވެރިކަމުގެ ސިނާއަތް އަތުން ބީވެގެންދާނެ އެވެ.

މަސްވެރިކަމުގައި ހަރަކާތްތެރިވާ ގިނަ އުޅަނދު ތަކެއް ހުއްޓުމަކަށް އައިސް ކުރި އިންވެސްޓްމަންޓު ދެކޮޅުނުޖެހި، ވިޔަފާރި ބަނގުރޫޓުވުމުގެ ބިރު އިންތިހާއަށް އޮތްއިރު މަސްވެރިކަމަކީ މިހާރު ވެސް ދިވެހިންގެ ލޭނާރު ކަމަށް ގަބޫލުކުރަން ހެއްޔެވެ؟ ރާއްޖޭގެ އިގްތިސޯދުގެ ދުވެލި ކުރިއަރަނީ މަސްވެރިކަމުން ކަމަށް ގަބޫލު ކުރަން ހެއްޔެވެ؟ މަސްވެރިކަމުގެ ސިނާއަތް ހުއްޓި ބިދޭސީންގެ އަތްމައްޗަށް ދޫވަނީ ހެއްޔެވެ؟