Advertisement

އަހަރެއް ތެރޭގައި 800 އަށްވުރެ ގިނަ މީހުން ޑްރަގް ފަރުވާއަށް

11 ޖުލައި 2022 - 12:19 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ޑްރަގް ބޭނުން ކުރާ މީހުންގެ ތަފާސްހިސާބުތައް ދައްކައިދޭ ޗާޓުތަކެއް ފުލުހުން ދައްކާލަނީ-- ފައިލް ފޮޓޯ


އަހަރެއް ތެރޭގައި 800 އަށްވުރެ ގިނަ މީހުން ޑްރަގް ފަރުވާއަށް

11 ޖުލައި 2022 - 12:19 0

ފާއިތުވީ އެއް އަހަރު ތެރޭގައި 800 އަށް ވުރެ ގިނަ މީހުންނަށް ރިހެބިލިޓޭޝަން ފަރުވާ ހޯދަން އަމުރުކޮށްފައިވާ ކަމަށް ޑްރަގް ކޯޓުން ބުނެފި އެވެ.

ގާނޫނުގެ ދަށުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ހަ ވައްތަރެއްގެ ފަރުވާ ޕްރޮގްރާމްތައް ކުރިއަށް ގެންދެވެ އެވެ. އެއީ؛

  1. ކޮމިއުނިޓީ ރީއިންޓަގްރޭޝަން ޕްރޮގްރާމް (ތިން މަސް ދުވަސް)
  2. ކޮމިއުނިޓީ ރީއިންޓަރގްރޭޝަން އެކްސްޓެންސިވް (ހަ މަސް ދުވަސް)
  3. ރިކަވަރީ މެއިންޓަނަންސް ޕްރޮގްރާމް (ތިން މަސް ދުވަސް)
  4. މެތަޑޯން މެއިންޓަނަންސް ޓްރީޓްމަންޓް (20 މަސް ދުވަސް)
  5. އަންހެނުންނަށް ހާއްސަ ރެސިޑެންޝަލް ފަރުވާގެ ޕްރޮގްރާމް (121 ދުވަސް)
  6. ޑްރަގް ރީހެބިލިޓޭޝަން ސެންޓަރުގެ ފަރުވާގެ ޕްރޮގްރާމް

ފަރުވާއަށް ޝަރުތު ފުރިހަމަވާ ނަމަ އަދި އޭނާ ކުށަށް އެއްބަސްވެއްޖެ ނަމަ، ޑްރަގް ކޯޓުން ތިން އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް ފަހު އެ ހުކުމް ތަންފީޒު ނުކޮށް ހިފެހެއްޓުމަށް ފަހު އަދި ފަރުވާގެ ފުރިހަމަ ކުރަން އަމުރު ކުރެ އެވެ.

ރާއްޖޭގައި ޑްރަގް ފަރުވާގެ ނިޒާމުގައި ގިނަ ކަންބޮޑުވުންތަކެއް ހުރިއިރު، ޑްރަގް ކޯޓުން މި ނޫހާ ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިދިޔަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ޖޫން މަހާ ހަމައަށް މިހާތަނަށް 815 މީހުންނަށް ވަނީ ފަރުވާ ފުރިހަމަ ކުރަން އަމުރުކޮށްފަ އެވެ.

އޭގެ ތެރެއިން 596 މީހުންނަށް އަމުރުކޮށްފައިވަނީ ކޮމިއުނިޓީ ފަރުވާ ޕްރޮގްރާމް ފުރިހަމަ ކުރުމަށެވެ. އަދި ބާކީ 219 މީހުންގެ ފަރުވާ ކުރިއަށް ގެންދަން އަމުރުކޮށްފައިވަނީ ރިހެބިލިޓޭޝަން ސެންޓަރުތަކުގަ އެވެ.

ފަރުވާ ފުރިހަމަނުކޮށްފިނަމަ، އެ މީހަކު ފަރުވާއިން ވަކިކުރެ އެވެ. މި މުއްދަތުގައި، ފަރުވާއަށް އަމުރުކުރި މީހުންގެ ތެރެއިން އެ އަމުރާ ހިލާފުވެގެން 87 މައްސަލައެއް ކޯޓަށް ހުށަހެޅިފައިވާ ކަމަށް ކޯޓުން ބުނެފައިވެ އެވެ. އޭގެ ތެރެއިން 57 މީހުން ވަނީ ފަރުވާއިން ވަކި ކޮށްފަ އެވެ.

ޔުނިވާސިޓީ އޮފް ބިކޮކާ-މިލާނޯއިން 2019 ވަނަ އަހަރު ރާއްޖޭގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި 4،000 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ. ނަމަވެސް, ރާއްޖޭގައި އެކަމަށް ދެވޭނެ އެންމެ އެކަށީގެންވާ ފަރުވާއެއް ނުހުރެ އެވެ.

ޑްރަގް ފަރުވާ ނިޒާމުގައި ގިނަ މައްސަލަތަކެއް ހުރިކަން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ރީސްޓްރަކްޗާ ކުރުމަށް ގޮވާލައި 'ހޭންޑްސް ޓުގެދާ' އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މައްސަލަ ދިރާސާކޮށް އެކުލަވައިލި ރިޕޯޓުން ވެސް ހާމަވެ އެވެ.

އެގޮތުން، ފަރުވާ ފެށުން ލަސްވުމާއި، ރިހެބިލިޓޭޝަން ސެންޓަރުތަކުގެ ފެންވަރު ދަށްވުން ފަދަ އެތައް މައްސަލައެއް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.