Advertisement

މިއަހަރުގެ މިހާތަނަށް 830،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ

8 ޖުލައި 2022 - 20:45 2

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ރާއްޖެ އައި ފަތުރުވެރިންތަކެއް ހުޅުމާލޭގައި: ޓޫރިސްޓުން އަންނަމުންދާ މިންވަރު ރަނގަޅު. - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މިއަހަރުގެ މިހާތަނަށް 830،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ

8 ޖުލައި 2022 - 20:45 2

މިއަހަރުގެ މިހާތަނަށް 830،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިގޮތުން، މިދިޔަ ބުދަ ދުވަހާ ހަމައަށް ޖުމްލަ 838،225 ޓޫރިސްޓުން މިއަހަރު ރާއްޖޭގައި ވަނީ ޗުއްޓީ ހޭދަކޮށްފަ އެވެ.

އެ މުއްދަތުގެ ނަންބަރުތަކަށް ބަލާއިރު، މިއީ ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން، 2019 ވަނަ އަހަރު ހުރި މިންވަރާ ގާތްގަނޑަކަށް އެއްވަރުގެ އަދަދެކެވެ. މިގޮތުން، 2019 ވަނަ އަހަރު މި މުއްދަތުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރީ 886،177 ފަތުރުވެރިންނެވެ. އެއާއެކު 2019، ރެކޯޑް އަހަރެއްގެ ގޮތުގައި ނިންމައިލީ، 1.7 މިލިއަން ޓޫރިސްޓުން ރާއްޖެ އައިސްގެނެވެ.

މިއަހަރު ވެސް މަހުން މަހަށް ޓޫރިސްޓުން އަންނަ މިންވަރު އިތުރުވަމުންދާއިރު، ލަފާކުރި ގޮތަށް މިއަހަރަށް ގާތްގަނޑަކަށް 1.4 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ބެލެވެ އެވެ.

މިއަހަރު ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އެވެރެޖު އަދަދު މިދިޔަ މަހު ކުޑަކޮށް ވެއްޓުމަށްފަހު، މިމަހުގެ ފުރަތަމަ ހަ ދުވަހު އެ އަދަދު ވަނީ އުފުލިފަ އެވެ. މިގޮތުން، މިމަހުގެ ހަ ވަނަ ދުވަހާ ހަމައަށް ދުވާލެއްގެ އެވަރެޖަކީ 4،482 އެވެ. އަދި ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދު ފާއިތުވި ދެ މަހު އެވަރެޖަށް ވުރެ ދަށަށް ދިޔަ ނަމަވެސް، އެ އަދަދު މިމަހުގެ މިހާތަނަށް ވަނީ 8.1 އަށް އުފުލިފަ އެވެ.

މިއަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އަވައްޓެރި އިންޑިއާ އިންނެވެ. އިންޑިއާއިން މިއަހަރުގެ މިހާތަނަށް 123،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، އެއީ މާކެޓުގެ 14.8 ޕަސަންޓެވެ.

ދެވަނައަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަމުންދަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން މިހާތަނަށް 98،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ. އެ ލިސްޓުގެ ތިންވަނައިގައި ރަޝިއާ އޮތް އިރު، އޭގެ ފަހަތުގައި އޮތީ ޖަރުމަނެވެ.

މީގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާ އިންނެވެ. ނަމަވެސް، ކޮވިޑާ ގުޅިގެން ޗައިނާއިން ބޭރަށް ދިޔުމަށް އެ ގައުމުގެ ސަރުކާރުން އެޅި ހުރަސްތައް އަދިވެސް އުވާލާފައިނުވެ އެވެ.