Advertisement

ޔުނައިޓެޑް ވިކްޓަރީ އަތުން އީގަލްސް އަށް އުނދަގޫ މޮޅެއް

8 ޖުލައި 2022 - 00:23 0


ޔުނައިޓެޑް ވިކްޓަރީ އަތުން އީގަލްސް އަށް އުނދަގޫ މޮޅެއް

8 ޖުލައި 2022 - 00:23 0

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން 1-0 އިން އުނދަގޫ މޮޅެއް ހޯދައި، ކްލަބް އީގަލްސް އިން ލީގުގެ ގަދަ ދޭއް ކަށަވަރުކޮށްފި އެވެ.

އީގަލްސް އިން މިރޭގެ މޮޅާ އެކު ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ފަސް ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. ލީގުގެ ކޮންމެ ޓީމަކަށް ވެސް ބާކީ ފަސް މެޗު އޮތްއިރު، މާޒިޔާ އެއް ވަނައިގައި އޮތީ 16 މެޗުން 45 ޕޮއިންޓާ އެކު އެވެ. އީގަލްސް އިން ދެ ވަނަ މަގާމުގައި އޮތީ 16 މެޗުން 40 ޕޮއިންޓާ އެކު އެވެ. ތިން ވަަނައިގައި އޮތީ މިއަދު ހަވީރު މޮޅުވި ޓީސީ ސްޕޯޓްސް ކްލަބް އެވެ. ޓީސީ އަށް 16 މެޗުން 23 ޕޮއިންޓް ލިބިފައިވާއިރު، ޓީސީ ދެން އޮތް ހުރިހާ މެޗަކުން މޮޅުވިޔަސް އީގަލްސްއާ ހަމަނުކުރެވޭނެ އެވެ.

ލީގުގެ ހަތަރެއްގައި އޮތް ވެލެންސިއާ އަށް 16 މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، ފަހެއްގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އާއި ހަ ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ވަނީ 20 ޕޮއިންޓް ލިބިފަ އެވެ. ލީގުގެ ފުލުގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަށް ވަނީ 16 މެޗުން އެއް ޕޮއިންޓް ލިބިފަ އެވެ. ލީގުގައި މިހާތަނަށް މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމު ކަމަށްވާ، ދަ ގްރާންޑޭ ރެލިގޭޝަން ބުރުގައި ކުޅެން ޖެހޭނެކަން މިހާރު ވަނީ ޔަގީންވެފަ އެވެ.

ރެލިގޭޝަން ބުރުގައި ކުޅޭނީ ލީގުގެ ފުލަށްދާ ދެ ޓީމާއި ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ދަތުރުކުރާ ދެ ޓީމެވެ. ރެލިގޭޝަން ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށް ފަހު އެންމެ ނަތީޖާ ރަނގަޅު ދެ ޓީމެއް ލީގަށް ކޮލިފައިވާނެ އެެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗަށް ނުކުތްއިރު އަނިޔާ އާއި ސަސްޕެންޝަންގެ މައްސަލައިގެ ސަބަބުން ޔުނައިޓެޑް ވިކްޓަރީ އާއި އީގަލްސް ޓީމުގެ ފުރަތަމަ އެގާރަ އަށް ވެސް ވަނީ ބަދަލުތަކެއް ގެންނަން ޖެހިފަ އެވެ.

އީގަލްސް އިން މިރޭގެ މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ މެޗުގެ 60 ވަނަ މިނިޓްގަ އެވެ. މިއީ އޭރިއާތެރެއިން އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) ވޮލީ އަކުން ޖެހި މޮޅު ގޯލެކެވެ. މިއީ އީގަލްސްގެ ސްޕެއިން މިޑްފީލްޑަރު އެންހެލް މުނޯޒް ނެގި ހުރަހަކުން މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ސަމިއްޓެ ޖެހި ގޯލެކެވެ.

ފުރަތަަމަ ފަހަރަށް ޔުނައިޓެޑް ވިކްޓަރީ ޖޯޒީގައި ކުޅުނު އައިހަމް ސައީދު ވަނީ މި މެޗުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ޖުމްލަކޮށް ބަލާއިރު، ޔުނައިޓެޑް ވިކްޓަރީން ވަނީ އީގަލްސް ކައިރީ މެޗު ފަށައިގެން ރަނގަޅަށް ކުޅެ ފުރުސަތު ތަނަވަސް ކުރަން ވެސް މަސައްކަތްކޮށްފަ އެވެ. ޔުނައިޓެޑް ވިކްޓަރީގެ ބެލަރޫސް ފޯވާޑް އިވާން ވެރާސް އަށް ވެސް ލިބުނު ފުރުސަތުތަކުގައި ބޭނުމެއް ނުހިފުނެވެ.

ދެ ވަނަ ހާފުގައި އެއްކޮށް ޑޮމިނޭޓްކޮށްގެން ކުޅުނު އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި އަހުމަދު ރިޒްވާން (ރިޒޭ) އެޓޭކަށް އަރައި، ގޯލެއް ޖަހަން ކުރި މަސައްކަތްތައް ނާކާމިޔާބުވީ ޔުނައިޓެޑް ވިކްޓަރީގެ ޑިފެންސްލައިން ރަނގަޅަށް އޮތުމުންނެވެ.

ލީގުގެ ދެ ވަނަ ބުރުގައި ޔުނައިޓެޑް ވިކްޓަރީން އީގަލްސް ބަލިކުރި ނަމަވެސް އެ ޓީމުން ވަނީ މިރޭ މޮޅުވެފަ އެވެ. މިއީ އީގަލްސް އިން ލީގުގެ ރޭހުގައި ދެމި އޮތުމަށް ބަލާއިރު، ހޯދި މުހިންމު މޮޅެކެވެ.