Advertisement

ސިންގަލް-ޔޫސް ޕްލާސްޓިކު ފޭސްއައުޓް ޕްލޭންގެ އެއްބަސްވުމުގައި ސޮއިކޮށްފި

6 ޖުލައި 2022 - 14:15 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން-- ފޮޓޯ: އެންވައިރަމެންޓް މިނިސްޓްރީ


ސިންގަލް-ޔޫސް ޕްލާސްޓިކު ފޭސްއައުޓް ޕްލޭންގެ އެއްބަސްވުމުގައި ސޮއިކޮށްފި

6 ޖުލައި 2022 - 14:15 0

"ސިންގަލް ޔޫސް ޕްލާސްޓިކު ފޭސްއައުޓް ޕްލޭން 2020-2023" ގެ އެއްބަސްވުމުގައި އެންވައިރަމެންޓް މިނިސްޓްރީން ކޮމޮން ސީސް ޖަމިއްޔާއާއެކު ސޮއިކޮށްފި އެވެ.

ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައި ބޭއްވުނު 'ޔުނައިޓެޑް ނޭޝަންސް އޯޝަން ކޮންފަރެންސް 2022' ގެ ތެރެއިން ސޮއިކުރެވުނު މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އެންވައިރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އެވެ. އަދި ކޮމަންސީސް ގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ސީއީއޯ ޖޯ ރޮއިލް އެވެ.

ސިންގަލް ޔޫސް ޕްލާސްޓިކު ފޭސްއައުޓް ޕްލޭނަކީ، ޕްލާސްޓިކުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރު ހުއްޓުވުމުގެ އިތުރުން ރާއްޖޭގެ އިގްތިސޯދު ހިމާޔަތް ކުރުމުގެ ގޮތުން، ސަރުކާރުން ތަންފީޒު ކުރަމުންދާ ޕްލޭނެކެވެ.

އެންވައިރަމެންޓް މިނިސްޓްރީން ބުނީ ރާއްޖެއިން ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމަށް ސަރުކާރުން މިހާރު ފަށާފައިވާ ސިޔާސަތާ ގުޅުވައިގެން މި ޕްލޭން ތަންފީޒު ކުރުމުގެ މަސައްކަތް ކޮމަން ސީސް ޖަމިއްޔާއާ ގުޅިގެން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ކޮމަން ސީސް އަކީ ޕްލާސްޓިކް މަދުކުރުމުގެ މަސައްކަތް ބައިނަލްއަގްވާމީ ފެންވަރުގައި ކުރަމުން އަންނަ ޖަމާއަތެކެވެ. ޕްލާސްޓިކް ޕޮލިއުޝަންގެ ހައްލު ދެނެގަނެ، ސަރުކާރުތަކާއި ކައުންސިލްތަކާއި ވިޔަފާރިތަކާއި އަމިއްލަ އުފެއްދުންތެރިންނާ ގުޅިގުން ކޮމަން ސީސް އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ސިންގަލް ޔޫސް ޕްލާސްޓިކު ފޭސްއައުޓް ޕްލޭންގެ ދަށުން ސިންގަލް-ޔޫސް ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުކޮށް، ބޭނުން ކުރުން ހުއްޓާލުމަށް ޓަކައި ހަ ސިޔާސަތެއް ވަނީ އެކުލަވާލާފަ އެވެ. އަދި، މި ސިޔާސަތުތައް އެކި މަރުހަލާތަކަށް ބަހާލައިގެން އަންނަނީ ތަންފީޒު ކުރަމުންނެވެ.