Advertisement

ހުރިހާ ރުކުނެއް ހަމަވާ ތިންވަނަ ކެންޑިޑޭޓް، ވާން މިއުޅެނީ ކިހިނެއް؟

5 ޖުލައި 2022 - 09:29 5

ނާޒިމް ހަސަން

ނާޒިމް ހަސަން

އަބްދުﷲ ޝާހިދު: ތިންވަނަ ކެންޑިޑޭޓަކީ ޝާހިދު ކަމަށް ނަޝީދު ވަނީ ވިދާޅުވެފައި


ހުރިހާ ރުކުނެއް ހަމަވާ ތިންވަނަ ކެންޑިޑޭޓް، ވާން މިއުޅެނީ ކިހިނެއް؟

5 ޖުލައި 2022 - 09:29 5

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ގޮތުގައި ހުންނެވި ފޮރިން މިނިސްޓަރު އަބްދުالله ޝާހިދަކީ, ރާއްޖޭގެ ވެރިކަން ކުރުމަށް ހުރިހާ ރުކުނެއް ހަމަވާ ބޭފުޅެއް ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވިއިރު, މިއީ ސިޔާސީ މަޝްރަހަށް އަންނަ ބޮޑު އޮއިވަރެކެވެ. މި އޮއިވަރުގެ ބާނިތައް އެކި ދިމަދިމާއަށް ޖަހާފައިވަނީ އެކި ސުވާލުތަކާއި ލަފާކުރުންތަކާ އެކު އެވެ.

އަންނަ ސެޕްޓެމްބަރު މަހު, އދ. އާންމު މަޖިލީހުގެ ރައީސް ކަމުގެ ދައުރު ފުރިހަމަ ކުރައްވައި ރާއްޖެ ވަޑައިގަންނަވަން ޝާހިދު ތައްޔާރުވަމުން އަންނައިރު, ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް ވެސް އޭނާ ގެންދަވަނީ އަތުކުރި އޮޅަމުންނެވެ. ރަސްމީކޮށް ޝާހިދު އިއުލާން ނުކުރެއްވި ނަމަވެސް, ނަޝީދު ފާހަގަ ކުރެއްވި ގޮތަކީ ތިންވަނަ ކެންޑިޑޭޓަކީ އެއީ ކަމެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ރިޔާސީ ޓިކެޓް ހޯދުމަށް ވާދަ ކުރައްވާނެކަން ނަޝީދު މާކުރިން ހާމަ ކުރައްވާފައިވާއިރު, ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެ ޝައުގުވެރިކަން ފާޅުކުރައްވައި, ދެވަނަ ދައުރަކަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދަށް ސުވާލުތައް އަމާޒުކުރުމަށް ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމްގައި އެމަނިކުފާނާ ސުވާލު ވެސް ކުރެވުނީ އެކަމުގަ އެވެ. ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމަށް ތާއިދު ކުރައްވާނެތޯ އެވެ; އެއަށް ޖަވާބުގައި ނަޝީދު ވިދާޅުވީ, ދެވަނަ ދައުރަކަށް ރައީސް ކުރިމަތިލެއްވުމަކީ, އެމްޑީޕީއަށް ރަނގަޅު ގޮތް ނޫން ކަމުގަ އެވެ. އެއާ ވިއްދައި ދެއްކެވީ ތިންވަނަ ކެންޑިޑޭޓްގެ ވާހަކަ އެވެ.

ވެރިކަމުގެ ރުކުންތައް ހަމަވާ ޝާހިދާއެކު, ނަޝީދު ބޭއްވެވި ސިއްރު ބައްދަލުވުމެއްގެ ވެސް ވާހަކަ ވެސް އާންމުކޮށް ހިއްސާ ކުރެއްވީ އެވެ. އެއީ, 2018 ވަނަ އަހަރުގެ އިންތިހާބުގައި ނަޝީދު ފަހަތަށް ޖެހިވަޑައިގަންނަން މަޖުބޫރުވި ހާލަތުގައި އެ ދެ ބޭފުޅުން ކުރެއްވި ބައްދަލުވުމެކެވެ. ޝާހިދު ޕްރޮޕޯސަލް ހިފައިގެން ދިޔައީ, ވެރިކަމަށް ވަޑައިގަތުމަށް ޓިކެޓް ހޯދުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަމަކު, އޭރު ނަޝީދަށް ފެނިވަޑައިގެންނެވި ގޮތުގައި އެ ވަގުތު ޝާހިދު ވެރިކަމަށް ކުރިމަތިނުލައްވައި, ސޯލިހަށް ދޫކޮށްލެއްވުން އެންމެ ރަނގަޅީ އެވެ.

ޝާހިދަށް ނަޝީދު އެންގެވީ މަޑުކުރާށޭ އެވެ!

ޝާހިދު: އޭނާ 2018 ވަނަ އަހަރު ވެސް ރިޔާސީ ރޭހަށް ޝައުގުވެރިވި


އޭގެ ސަބަބު ނަޝީދު ކިޔައިނުދެއްވި ކަމުގައިވީ ނަމަވެސް, އެކަން ވަޒަންކޮށްލެވެ އެވެ. އެ ވަގުތު ނަޝީދު ބޭނުންވީ 'ގޮނޑިކޮއްކޮ' ރައީސް އެކެވެ. ވެރިކަމުގެ ދައުރު ދެބައިވުމުން އަވަސް އިންތިހާބެއް ބާއްވާނެ އިތުބާރު ހިފޭ އެކުވެރިއެކެވެ. ވެރިކަމުގެ ނިޒާމް ބަދަލުކުރާނެ ކަމުގެ ޔަގީންކަމެވެ. އުކުޅަސް ކޮންގްރެސްގައި އެކަން ނަޝީދު ޔަގީން ވެސް ކުރެއްވި އެވެ. އެކަމަކު ބިޔަ ކޯލިޝެއްގެ ހިމާޔަތާއެކު, ނަޝީދު ވިސްނެވި ވިސްނުވުމަށްވުރެ ސޯލިހު މިހާރު ވަނީ ބޮޑު ތަނުން ކުރިއަށް ވަޑައިގެންފަ އެވެ.

ޅ. ހިންނަވަރަށް އުފަން ސޯލިހު "ބޭވަފާތެރިވެއްޖެ!" ކަމަށް އެ ބަސް ވިދާޅުވާން ނަޝީދު ބޭނުން ނުވި ނަމަވެސް, ނަޝީދު ފާހަގަކުރެއްވީ އެއްބަސްވި ގޮތަށް ކަންކަން ނުކުރެއްވި ކަމެވެ. އެގޮތަށް ކަންތައްތައް ކުރެއްވި ނަމަ, އެމަނިކުފާނު ވަރަށް އުފާވީސް ކަމެވެ. އެހެންވެ, ދެން އިތުރަށް ސޯލިހު ވެރިކަމުގައި ބަހައްޓަން ނަޝީދުގެ ހިތަކު ނެތެވެ.

"ޝާހިދަކީ އަޅުގަނޑަށް ވަރަށް ބޮޑަށް ސާފު, ރާއްޖޭގެ ވެރިކަން ކުރެއްވުމުގެ ހުރިހާ ރުކުނެއް ހަމަވާ ބޭފުޅެއް, ކުރިއަށް އޮތް ތަނުގައި އެމްޑީޕީން ނުކުންނާނެ ތިންވަނަ ބޭފުޅެއް," ރާއްޖޭގެ ރަސްކަމުގެ ފަހުރުވެރި އާއިލާއަކަށް ނިސްބަތްވާ, މާލޭގެ ގަދަރުވެރި އާއިލާއެއްގެ ޝާހިދާ މެދު ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި, ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭ ތިންވަނަ ކެންޑިޑޭޓާ ގުޅޭ ސުވާލުތަކުގެ ޖަވާބު ލިބޭނެ އެވެ. އެހެންވީއިރު ނަޝީދު މި ކުރެއްވީ ޝާހިދުގެ ބޮޑު އިއުލާނެކެވެ;

އިތުރު "ޗޮއިސް"އެއްގެ ގޮތުގައި ޝާހިދު ކުރިއަށް ނެރުއްވިއިރު, 2018 ގައި ބޭއްވި ފަދަ ބައްދަލުވުމެއް ނަޝީދާ އެކު ޝާހިދު ކުރައްވާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އެ ބައްދަލުވުމުގައި "ޑީލް"ތަކެއް ހަދާފައިވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ސޯލިހާ ދެކޮޅަށް ނަޝީދު, ޝާހިދުގެ ޖޯޑު ނުކުތުމަކީ ވެސް ނުވެ ނުދާނެ ކަމެކެވެ.

ސިޔާސީ މަޝްރަހު ވަޒަންކުރައްވާ ބޭފުޅަކު ފާހަގަކުރެއްވި ގޮތުގައި, ޝާހިދާއެކު ނަޝީދަށް ފެންނަން އޮންނާނީ ދެ މަންޒަރެކެެވެ;

ފުރަތަމަ މަންޒަރަކީ ޕްރައިމަރީގައި ތިން ބޭފުޅުން ވާދަކުރެއްވުމުން އެތެރޭގެ ފޯރިގަދަވެ, ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ވޯޓުތައް ބައިބައިވެގެން ދިޔުމެވެ. މިހާރު ސޯލިހާއެކު ތިއްބެވި ބޭފުޅުންގެ ތެރޭން ޝާހިދުގެ ފަޅިއަށް އަރާނެ ބޭފުޅުން ތިބޭނެ އެވެ. އިނގިލި ދިއްކޮށްލާފައި އެއީ "ޝާހިދުގެ ބޭފުޅުންނޭ" ބުނަން ކެރޭވަރުގެ ބޭފުޅުން އެބަ އުޅުއްވަ އެވެ. އެގޮތުގައި ސަރުކާރު ބައިވެއްޖެނަމަ, އޭގެ ފައިދާ ނަޝީދަށް ކުރުމުގެ ފުރުސަތު ބޮޑުވާނެ އެވެ. -- ސަރުކާރު އެ އޮތް ގޮތަށް އޮވެގެން ޕްރައިމަރީ ހޯދަން ނަޝީދަށް އުނދަގޫވާނެކަން ޗެއާޕާސަން ހޮވަން ބޭއްވި އިންތިހާބުން ވަރަށް ސާފެވެ.

ނަޝީދު އެމްޑީޕީން ބޭރުކުރަން އުޅޭކަމުގެ ވާހަކަތައް ނުވިކި, ކުރި ހޯދީ ސަރުކާރުގެ ބާރާއި ނުފޫޒެވެ.

ނަޝީދާއި ސޯލިހް: ސިޔާސީ ގޮތުން ތިއްބެވީ ދެ ފަޅިއެއްގަ


ކުރީގައި މަޖިލީހުގެ ރައީސްކަން ކުރެއްވި ޝާހިދަކީ އޭގައި ދެބަސްވެވޭން ނެތް ގޮތުގައި މި ސަރުކާރުގެ އެންމެ ވަރުގަދަ ތަނބެވެ. އިންޑިއާއާއެކު އޮތް ބޮޑު ގުޅުމާއި އެ ގުޅުން ދަމަހައްޓައި ސަރުކާރަށް ލޯނު އެހީތައް ހޯދުމުގެ އެންމެ ބޮޑު މޭސްތިރިއަކީ, އޭނާ އެވެ. އެހެންކަމުން ޝާހިދު, ސޯލިހަށް ތާއިދު ނުކުރައްވައި އަމިއްލައަށް ޕްރައިމަރީއަށް ނުކުމެއްޖެނަމަ, އޭގެ ލޮޅުން ވަރަށް ބޮޑުވާނެ އެވެ. މިއީ, ސިޔާސީ ގޮތުން ނަޝީދު ކުރައްސަވަމުން ގެންދަވާ މަންޒަރަކަށްވުން ވަރަށް ގާތެވެ.

ސޯލިހު ރަނގަޅު ނޫން ކަމަށް ވިދާޅުވެ, ހަމަ އެ ޖުމްލައިގައި ޝާހިދު ބަރާބަރު ކަމަށް އެހެންނަމަ, ނަޝީދު ވިދާޅެއް ނުވީހެވެ.

އަނެއް މަންޒަރަކީ, ޝާހިދަށް ވެރިކަން ދޫކޮށްލައިގެން ބަރުލަމާނީ ނިޒާމް ހަގީގަތަކަށް ހެދުމެވެ. މި މަންޒަރު މިއީ ކުލަ ތަސްވީރެއް ކަމުގައި ވެދާނެ ކަމަށް ބެލެވޭ ކަމަކީ, 2018 ވަނަ އަހަރު ވެސް ނަޝީދު މިފަދަ "ޑީލް"އަކަށް އެއްބަސްވެވަޑައިގެންފައިވާތީ އެވެ. ރައީސްކަން ކުރެއްވުމުގެ ޝައުގަށްވުރެ ނަޝީދުގެ އޮތީ ބޮޑުވަޒީރު ކަމުގެ ހުވަފެނެވެ.

ސޯލިހަށް ދޫކޮށްލައްވައިގެން އެ ހުވަފެން ކުލަ ނުކުރެވޭނެ ކަމުގެ ޔަގީންކަން މިހާރު ނަޝީދަށް ވަނީ ލިބިފަ އެވެ.

ޕްރައިމަރީގައި ނަޝީދު ކާމިޔާބު ހޯއްދަވައި, ވެރިކަމަށް ވަޑައިގެން ނިޒާމް ބަދަލުކޮށް ބޮޑުވަޒީރަކަށްވެ, ރައީސް ކަމުގެ މަގާމު ޝާހިދަށް ހިބަ ކުރުމަކީ އޮވެދާނެ އެއްބަސްވުމަކަށް ވެސް ވެދާނެ އެވެ. ނޫންނަމަ, ޕްރައިމަރީގައި ނަޝީދު ފަހަތަށްޖެހިވަޑައިގެން, ޝާހިދަށް ތާއިދު ކުރައްވަދާނެ ކަމަށް ބަލައިފިނަމަ އޭގެ ސަބަބަކީ ވެސް ހަމަ މިއީ އެވެ.

ޝާހިދަށް ވެރިކަން ލިބިއްޖެނަމަ ފުރަތަމަ އަހަރު ތެރޭ ނިޒާމް ބަދަލުކޮށް ބޮޑުވަޒީރު ކަމަށް ނަޝީދަށް ވަޑައިގެންނެވޭނެ މަގު ކޮށުމެވެ. އެ ނިޒާމްގެ ރައީސްގެ މަގާމުގައި ޝާހިދު ހުންނަވާނެ އެވެ. އދ. އާންމު މަޖިލީހުގެ ރައީސްގެ މަގާމު ގޮތަށް ވަރަށް ރަމްޒީ މަގާމެއްގަ އެވެ.

އެކަމަކު, ޝާހިދު ސިޔާސީ ވިސްނުމާއި އަޒުމް ހުންނެވި ގޮތުން އަމިއްލަ އަތުން ބޮޑެތި ބާރުތައް ދޫކޮށްލަވައި ރަމްޒީ މަގާމެއްގައި ހުންނަވަން ބޭނުންވެދާނެ ކަމާމެދު ޝައްކެއް އެބަ އޮތެވެ. ނަމަވެސް, ޝައްކެއް ނެތި ޔަގީންވާ ކަމަކީ ޝާހިދު މި ވަގުތު ހުންނެވީ އޭނާއަށް ސިޔާސީ ގޮތުން ވަޑައިގެންނެވޭނެ އެންމެ އުހުގައި ކަމެވެ. މިއީ ޝާހިދަށް ލިބޭނެ އެންމެ "ގޯލްޑަން އޮޕޮޗުނިޓީ" އެވެ. މި ދައުރު ދޫކޮށްލަވައި އޭނާ ފަހަތަށް ޖެހިއްޖެނަމަ, ދެން ވެރިކަމަށް ވަޑައިގެންނެވުމަށް ޝާހިދަށް ވަގުތު ފާއިތުވެދާނެ އެވެ. -- ސިޔާސީ އާ ޖީލެއް އޮތީ ތައްޔާރަށެވެ.

ކޮންމެއަކަސް އަންނަ މަހު, އެމްޑީޕީގެ ކެންޑިޑޭޓާމެދު ގޮތް ނިންމަން ކޮންގްރެސް ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު, އޭގެ ކުރީގެ ބޮޑު ޗުއްޓީ ތެރެއަށް ނަޝީދު ގެންނަވާފައި މިވަނީ ސިޔާސީ ތަފާތު އޮއިވަރެކެވެ. މި އޮއިވަރުގައި ބާނިތައް ބެހިގެން ދާނެ ގޮތަކީ, އަންނަ ރިޔާސީ އިންތިހާބާ ގުޅުން ބޮޑު ކަމަކަށްވާއިރު, ސިޔާސީ މަޝްރަހު ދެން ނިއުޅެމުންދާނެ ގޮތަކީ ޝައުގުވެރި ކަމަކަށްވާނެ އެވެ.