Advertisement

ކަނޑަށް ކުނި އެޅުމުން އަލިމަތާ ރިސޯޓު ތިން ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

4 ޖުލައި 2022 - 12:15 0

އަމަން ހަލީމް

އަމަން ހަލީމް

އަލިމަތާ ރިސޯޓު: މި ރިސޯޓުން މޫދަށް ކުނި އަޅާ މައްސަލަ ބޮޑު ކަމަށް ވާވު އަތޮޅު ކައުންސިލުން ޝަކުވާކުރޭ. -- ފޮޓޯ: އަގޯޑާ


ކަނޑަށް ކުނި އެޅުމުން އަލިމަތާ ރިސޯޓު ތިން ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

4 ޖުލައި 2022 - 12:15 0

ފަސޭހައިން ކުނިވާ ޒާތުގެ ކުނި މޫދަށް އުކާލަން ރިސޯޓުތަކަށް ހުއްދަދީފައިވާ ގަވާއިދު ބަދަލުކުރި ފަހުން މޫދަށް ކުނި އެޅި މައްސަލައެއް ސާބިތުވުމާ ގުޅިގެން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން "ނަކައި އަލިމަތާ ރިސޯޓު" 312,750ރ. އިން އިއްޔެ ޖޫރިމަނާކޮށްފި އެވެ.

އަލިމަތާ ރިސޯޓު ޖޫރިމަނާކޮށްފައި މިވަނީ އަލިމަތާ ހިމެނޭގޮތަށް ވ. އަތޮޅުގެ ދެ ރިސޯޓަކުން މޫދަށް ކުނި އަޅާ މައްސަލަ ވާވު އަތޮޅު ކައުންސިލުން ފުލުހަށް ވެސް ހުށަހަޅާފައި ވަނިކޮށެވެ.

މިދިޔަ އޭޕްރީލް މަހު އެ އަތޮޅު ކައުންސިލުން މައްސަލަ ފުލުހަށް ހުށަހެޅީ ތަކުރާރުކޮށް ވާހަކަ ދައްކައިގެން ވެސް އެ މައްސަލަ ހައްލުނުކުރުމުން ކަމަށް އެ ކައުންސިލުގެ ރައީސް ސުޖާއި އަލީ އޭރު "އަދަދު" ނޫހަށް ވިދާޅުވި އެވެ. އެ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވެސް އޭނާ ސޯޝަލް މީޑިއާގައި ހިއްސާކުރި އެވެ.

އީޕީއޭއިން މި މައްސަލައިގައި މިއަދު ނެރުނު ކުރު ނޫސް ބަޔާނެއްގައި ސީދާ ކޮން މައްސަލައެއް ކަން ނުބުނި ނަމަވެސް އަލިމަތާ ރިސޯޓު ޖޫރިމަނާކުރީ ކުނިވާޒާތުގެ ކުނި ކަނޑައަޅައި ކުނި މެނޭޖުކުރުމުގެ މިންގަނޑުތަކަށް ހިލާފުވެެގެން ކަމަށް އެ އިދާރާއިން ބުންޏެވެ. މި ޖޫރިމަނާ ދައްކަން އެ ރިސޯޓަށް ދިނީ 30 ދުވަހެވެ.

އަލިމަތާއަކީ ސަފާރީ ޓުވާސް ޕްރައިވެޓް ލިމިޓެޑުގެ ރިސޯޓެކެވެ. ރިސޯޓު ހިންގަނީ އިޓަލީ ކުންފުންޏަކުން ހިއްސާވާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުންނެވެ.

ރިސޯޓުތަކުން އުފެދޭ ކުނި އުކާލަން ހަރުދަނާ ގަވާއިދުތަކެއް ހަދާފައި ހުރި ނަމަވެސް އެ ގަވާއިދުތައް ތަންފީޒު ނުވާ މައްސަލަ ބޮޑެވެ. ފަސޭހައިން ކުނިވާ ޒާތުގެ ކުުނި މޫދަށް އުކާލަން ހުރިހާ ރިސޯޓުތަކަށް ހުއްދަ ދީފައި އޮތްއޮތުން ބަދަލުކުރީ ވެސް ރިސޯޓުތަކުން މި ގަވާއިދަށް އަމަލުކުރުން ކުޑަވުމާ ގުޅިގެންނެވެ.

އެކަމަކު އަދިވެސް ރިސޯޓާ ކައިރި ހިސާބެއްގައި ކުނި އުކާލަން ހާއްސަ ތަނެއް ނެތް ހާލަތްތަކުގައި ރިސޯޓުތަކުގައި ކެއުމަށް ތައްޔާރުކުރާ ބާވަތްތަކާއި ފަސޭހައިން ހަލާކުވާ ޒާތުގެ ކުނި ކަނޑަށް އަޅަން ގަވާއިދު އަދިވެސް ތަންދެ އެވެ. އަދި އެގޮތަށް ކުނި އުކާލެވެނީ އެ އަތޮޅެއްގެ ބޭރަށް ނިކުމެ، ވަޔާއި އޮޔަށް ބަލައި ރަށްރަށަށް ނުލައްގާ ގޮތަށެވެ.