Advertisement

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން މަޝްވަރާ ކުރަނީ

3 ޖުލައި 2022 - 18:10 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު. ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން އަންނަނީ މަޝްވަރާކުރަމުން. ފައިލް ފޮޓޯ


ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން މަޝްވަރާ ކުރަނީ

3 ޖުލައި 2022 - 18:10 1

މުދަލާއި ހިދުމަތުން ނަގާ ޓެކްސް (ޖީއެސްޓީ) އާއި ޓޫރިޒަޒް ދާއިރާގައި ވިއްކާ މުދަލާއި ހިދުމަތުން ނަގާ ޓެކްސް (ޓީޖީއެސްޓީ) ބޮޑުކުރަން ސަރުކާރުން ކަމާ ބެހޭ ފަރާތްތަކުން މަޝްވަރާކުރަން ފަށައިފި އެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވިޔަސް، ފިނޭންސް މިނިސްޓްރީގެ މީޑިއާ އެގްޒެކެޓިވް މުހައްމަދު ޝަނޫނު ވިދާޅުވީ އެެކަން އަދި އެގޮތަށް ނިންމާފައި ނުވާ ކަމަށެވެ.

"ދައުލަތުގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކުގެ މަޝްވަރާ ކުރިއަށް އެދަނީ. އަދި ވަކި ގޮތެއް ފައިނަލް ކުރީއެއް ނޫން. ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާއާ އެކީ އަދި ފައިނަލް ގޮތެއް ނިންމާނީ،" ޝަނޫނު ވިދާޅުވި އެވެ.

ޓެކްސްތައް ބޮޑުކުރުމާ ބެހޭ ގޮތުން ސަރުކާރުން މަޝްވަރާކުރީ މަޓާޓޯއާއެކު އެވެ.

ޝަނޫނު ވިދާޅުވި ގޮތުގައި އެކަމުގައި އިތުރު އެތައް ފަރާތްތަކާ އަދި މަޝްވަރާކުރާނެ އެވެ.

އިގުތިސޯދީ ހީނަރުކަމުގެ ބިރު

ޓެކްސް ބޮޑުކުރުމުގެ މަޝްވަރާތައް ފަށާފައިމިވަނީ، ރަޝިއާ-ޔޫކްރޭނު ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި އެހެނިހެން މުދަލުގެ އަގު އިންތިހާއަށް އުފުލިފައިވާތީ ދައުލަތުގެ ހަރަދުތައް ދަނީ ކުރިން އަންދާޒާ ނުކުރެވޭ މިންވަރަށް އިތުރުވަމުން އަންނަ ކަމަށް ބުނެ، ހަރަދު ކުޑަކުރުމުގެ ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަޅައިފައިވަނިކޮށެވެ.

މިގޮތުން، ޖުމްލަ ހަތް ދާއިރާއަކުން ހަރަދުތައް ކުޑަކުރަން އަންގާފައިވާއިރު، އޭގެ ތެރޭގައި އާ މަގާމެއް ނުއުފެއްދުމާއި، މުސާރައިގެ އޮނިގަނޑަށް ބަދަލު ނުގެނައުމާއި، މިހާރު ދޭން ފަށާފައިނުވާ އާ އެލަވަންސެއް ދޭން ނުފަށަން ވަނީ އަންގައިފަ އެވެ.

އަދި މިނިސްޓްރީގެ ހުއްދަ ނުހޯދައި ޕްރޮމޯޝަން ނުދިނުމާއި، ރަސްމީ ގަޑިއަށް ފައްތައިގެން އިތުރުގަޑީގައި މަސައްކަތްތައް ކުރަންނުޖެހޭ ގޮތަށް މަސައްކަތްތައް ރޭވުމަށްވެސް އެ އިއުލާނުގައި އަންގާފައިވެ އެވެ.