Advertisement

ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ، ދައުލަތުން ކުރާ ބޮޑު އިސްރާފެއް

11 ޖުލައި 2022 - 08:21 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އިންތިހާބަކާ ދިމާކޮށް ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީން މަގުމަތީގައި ފޮތި ދަމާފައި: މިހާތަނަށް 300 މިލިއަން ރުފިޔާ ޕާޓީތަކަށް ވަނީ ދޫކޮށްފައި -- ފޮޓޯ: އަދަދު ފައިލް


ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ، ދައުލަތުން ކުރާ ބޮޑު އިސްރާފެއް

11 ޖުލައި 2022 - 08:21 0

ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ދިންތާ 17 އަހަރު ވެއްޖެ އެވެ. އެތައް ޕާޓީތަކެއް އުވި، އާ ޕާޓީތައް ވެސް އުފެދިއްޖެ އެވެ. ޑިމޮކްރަސީ ފައްކާ ކުރަން ކުރި މި ދަތުރުގައި އަދިވެސް ބަދަލު ނުވާ އެއް ކަމެއް އެބަ އޮތެވެ. އެއީ ޕާޓީތަކަށް ދައުލަތުން ކުރާ ބޮޑު ހޭދަ އެވެ.

ސިޔާސީ ހަރަކާތް ހިންގަން ޕާޓީތަކަށް ދައުލަތުން ކޮންމެ އަހަރަކު އެތައް މިލިއަން ރުފިޔާއެއް ދޫކުރެ އެވެ. ތިން ހަތަރު ޕާޓީއަކަށް މިހާ ބޮޑު އަދަދެއް ހޭދަކުރުމަކީ އެންމެ އިންސާފުވެރި ގޮތްތޯ ސުވާލު އުފެދެ އެވެ. ފައިސާ ދޭ ބައެއް ޕާޓީތަކަކަކީ ސިޔާސީ މާ ގިނަ ހަރަކާތްތަކެއް ހިންގާ ޕާޓީތަކެއް ވެސް ނޫނެވެ. އިންތިހާބުތަކުގައި ވާދައެއް ވެސް ނުކުރެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ވެސް ނެތެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުން، ދައުލަތުގެ ކޮންމެ އަހަރެއްގެ ބަޖެޓްގެ 0.1 ޕަސެންޓް ސިޔާސީ ޕާޓީތަކަށް ދޫކުރަން ޖެހެ އެވެ. ބަޖެޓުގެ 0.1 އިންސައްތައަކީ ކުޑަ އަދަދެއް ނޫނެވެ.

މި އަހަރަށް އެކަނި ވެސް ހަތަރު ޕާޓީއަކަށް 32.85 މިލިއަން ރުފިޔާ ވަނީ ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޫކޮށްފަ އެވެ. އޭގެ ކުރީ އަހަރު ތިން ޕާޓީއަށް 34.2 މިލިއަން ރުފިޔާ އެވެ. ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ބަލިކަމުގެ ސަބަބުން ސިޔާސީ ހަރަކާތްތައް މުޅިން ހުއްޓިފައި އޮތް 2020 ވަނަ އަހަރު ވެސް ތިން ޕާޓީއަކަށް 30 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ފާއިތުވި 17 އަހަރު ތެރޭގައި 300 މިލިއަނެއްހާ ރުފިޔާ ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޫކޮށްފައިވެ އެވެ. މި ފައިސާ މަގު ހެދުމަށް ހަރަދުކުރާ ނަމަ ރާއްޖޭގެ ބިން ބޮޑު ތިން ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ހެދޭނެ އެވެ. ބަނދަރު ހެދުމުގެ މަޝްރޫއުގެ ތަކަަށް ހޭދަކުރި ނަމަ، ހައެއްކަ ރަށުގެ ބަނދަރު ހެދޭނެ އެވެ.

ފައިސާ ދެނީ އިންސާފުވެރިކޮށްތަ؟

ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާޓީތަކާ ގުޅޭ ބަހުސް ކުރެވުނު ދުވަހު ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވި ވާހަކައެކެވެ؛ ރާއްޖޭގެ ފަސް ލައްކައިގެ އާބާދީގެ ތެރެއިން ޕާޓީތަކުގައި ރަޖިސްޓްރީ ވެގެން އުޅެނީ އެންމެ ދެ ލައްކައެއްހާ މީހުންނެވެ. އެހެންނަމަވެސް މި ދެ ލައްކަ މީހުންނަށް ޓަކައި ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ހޭދަކުރާ ވާހަކަ އެވެ.

"ދެ ލައްކަ މީހުން މި ހުރިހާ ޕާޓީއެއްގައި މިއުޅެނީ، މާނައަކީ 40 ޕަސެންޓު މީހުންނޭ ޕާޓީ މެންބަރުންގެ ގޮތުގައި މިތިބީ، 60 ޕަސެންޓު މީހުންނަކީ އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ ބައެއް، އެހެން ކަމަށްވާ ނަމަ ރައްޔިތުންގެ މުޅި ބައިތުލްމާލުން ވަކި ބަޔަކަށް ފައިސާ ދޭން ޖެހެނީ ކީއްވެގެންތޯ،" ސަލީމް ސުވާލު އުފެއްދެވި އެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ހަރަދު ކުރަނީ އެންމެ އިންސާފުވެރި ގޮތަށް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވެސް ގަބޫލުކުރައްވަ އެވެ.

ފައިސާ ދޫކުރުމަށް މިހާރު އޮންނަ އުސޫލުގެ ތެރެއިން ފައިސާ ލިބެނީ ވަކި ބަޔަކަށް ކަމަށާއި "ވަކި ބަޔަކަށް ދިނުމަކީ އިންސާފުވެރި ގޮތެެއްް" ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް ފުއާދު މި ނޫހާ ވާހަކަ ދައްކަވަމުން ފުއާދް ވިދާޅުވި އެވެ.

"ގިނަ މައްސަލަތަކެއް އެބަހުރި އަޅުގަނޑުމެން ފައިސާ ދޫކުރުމުގައި މިހާރު ވެސް، މެންބަރުންގެ އަދަދަށް ބަލާފައި ފައިސާ ދޫކުރަނީ، އެކަމަކު ދަފްތަރުގައި އެބަހުރި ބޮޑެތި މައްސަލަތަކެއް، ވަގު ފޯމުތަކުގެ މައްސަލަ އެހާ ބޮޑު، ފައިސާ ދޫކުރަނީ އިންސާފުވެރިކޮށޭ ބުނުމުގެ އެއްވެސް ޖާގައެއް ނެތް،" ފުއާދު ވިދާޅުވި އެވެ.

ވަކި ޕާޓީތަކަކަށް ފައިސާ ލިބޭ ގޮތަށް އުސޫލު އޮތުމަކީ ވެސް ހަމަޖެހޭ ގޮތެއް ނޫން ކަމަށް ފުއާދު ވިދާޅުވި އެވެ.

"10 ޕާޓީ އޮތް އިރު އަނެއް ހަ ޕާޓީއަކީ އެއްވެސް ފައިސާއެއް ނުލިބި މަސައްކަތް ކުރަމުން ގެންދާ ބައެއް، އެ މީހުން ވެސް އެބަ ހަމަހަމަ މަސައްކަތްތައް ކުރޭ، އިންތިހާބުތަކުގައި ވެސް ވާދަކުރޭ، އެހެންކަމަށް ވަންޏާ ގިނަ މެންބަރުން ތިބި ޕާޓީއަކަށް ފައިސާ ދިނުމަކީ އެހާ މާނައެއް ހުރި ކަމެއް ނޫން ކަމަށް އަޅުގަނޑުމެން ދެކެނީ،" ފުއާދު ވިދާޅުވި އެވެ.

މައްސަލައަކީ ޕާޓީތަކުގެ ދަފްތަރު؟

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމުގައި އިލެކްޝަންސް ކޮމިޝަނުން ބަލަނީ އެ ކޮމިޝަނުން ބަލަހައްޓަމުން އަންނަ ޕާޓީތަކުގެ ދަފްތަރަށެވެ. އެހެންނަމަވެސް ދަފްތަރުގައި ގިނަ މައްސަލަތަކެއް ހުރިކަން ފުއާދު ވެސް އަދި މެންބަރުން ވެސް ގަބޫލުކުރައްވަ އެވެ.

ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގައި އިންސާފެއް ނެތް ކަމަށް ބުނެވެން އޮތް އެންމެ ބޮޑު ސަބަބަކީ ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ބަލައިގެން ފައިސާ ދޫކުރާއިރު، އެ ދަފްތަރުގެ ސައްހަ ކަން ކަށަވަރު ނުކުރެވުމެވެ; ވަގު ފޯމު ހުށަހަޅާ މިންވަރު އިތުރުވެ، ދަފްތަރުގެ ސައްހަކަން ކަށަވަރު ކުރެވޭނެ ގޮތެއް ވެސް ކޮމިޝަނަށް ނެތުމެވެ.

"ސިޔާސީ ޕާޓީތަކުން ވެސް އަދި އިލެކްޝަންސް ކޮމިޝަނަކުން ވެސް ގަބޫލެއް ނުކުރައްވާ މިހާރު އެ އޮތް ދަފްތަރަކީ ސައްހަ ދަފްތަރެއް ކަމަކަށް. ދަފްތަރުގައި ތިބީ ހަގީގަތުގައި ވެސް އެ ޕާޓީއަށް ނިސްބަތްވާ މީހުން ކަމެއް ޔަގީން ނުކުރެވޭ، އެކަން ކުރެވޭނެ ވަސީލަތެއް ވެސް ނެތް، ސައްހަ ނޫން އެއްޗެއްގެ މައްޗަށް ބިނާކޮށް ދައުލަތުން ފައިސާ ދިނުމަކީ އިންސާފުވެރި ގޮތެއް ނޫން،" އުޝާމް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މައްސަލަތައް ހުރި ވާހަކައަކީ އިއްޔެއަކު މިއަދަކު ދައްކާ ވާހަކައެއް ނޫނެވެ؛ އެއް ޕާޓީއެއްގެ މެންބަރެއް އެހެން ޕާޓީއެއްގެ ދަފްތަރެއްގައި އޮވެގެން ހުށަހެޅޭ ޝަކުވާތަކަކީ އަބަދުވެސް ހުށަހެޅޭ ޝަކުވާތަކެކެވެ. މިފަހުން މިފަދަ މައްސަލަތައް ވަނީ އިތުރު ވެސް ވެފަ އެވެ.

"އަޅުގަނޑުމެން އަމިއްލަ ސިޔާސީ ޕާޓީގައި އޮންނަ ދަފްތަރުގައި އެކި މީހުންގެ ނަންތައް އެބަހުރި، އަދި ޕާޓީގައި އޮންނަ ދަފުތަރަކާ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރަކާ ދިމައެއް ނުވެ،" ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވި އެވެ.

އަފީފު ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ ދަފްތަރަށް ބަލައިގެން ފައިސާ ދޫކުރާ ނަމަ، އެއީ ހަމަޖެހޭ އުސޫލެއް ކަމަށް ގަބޫލުކުރެވެން ނެތެވެ. އަދި މިކަން ބަދަލު ކުރަން ގާނޫނަށް އިސްލާހު ގެނައުން މުހިންމެވެ.

އީސީގެ ރައީސް ފުއާދު ވެސް އެކަމަށް އެއްބަސްވެލައްވަ އެވެ. އީސީގެ ވިސްނުން ހުރީ ސިޔާސީ ޕާޓީތަކުން އަމިއްލައަށް އެ ޕާޓީއެއްގެ ދަފްތަރު ބަލަހައްޓާ ގޮތަށް ބަދަލު ކުރުމަށް ކަމަށް ފުއާދު ވިދާޅުވި އެވެ.

އީސީން ބޭނުންވަނީ ފައިސާ ދިނުން ހުއްޓާލަން

ރާއްޖޭގައި އެންމެ ފަހުން އުފެދިގެން އައި ސިޔާސީ ޕާޓީ، އެމްއެންޕީން ވަނީ ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދިނުން ހުއްޓުވުމަށް ގާނޫނު ބަދަލުކުރުމަށް މަޖިލީހަށް ބިލެއް ހުށަހަޅައިފަ އެވެ.

"ވަކި އަދަދެއްގެ މެންބަރުން ހަމަވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަކީ އެންމެ އިންސާފުވެރި ކަމަކަށް ނުވުމުގެ އިތުރުން، ސިޔާސީ ޕާޓީތައް ހިންގުމަށް ޓަކައި ދައުލަތުން ހަރަދު ކުޑަ ކުރުމަކީ ގަބޫލު ކުރެވޭ ކަމަކަށް ނުވާތީ،" ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ހުށަހެޅުއްވި ބިލުގައި ބުނެފައިވެ އެވެ.

ފައިސާ ދިނުން ހުއްޓާލުމަކީ އިލެކްޝަންސް ކޮމިޝަނުން ވެސް ތާއީދު ކުރައްވާނެ ކަމެއް ކަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވަނީ ހާމަކުރައްވާފަ އެވެ.

އަޅުގަނޑުމެން ބޭނުމެއް ނޫން ދައުލަތުގެ ބަޖެޓުން ލާރި ވެސް ދޭކަށް، މަޖިލީހުން އެކަން އުވާލައިފިނަމަ އުފަލުން މަރުހަބާ ކިޔާނަން - ހަބީބް

"އަނެއް ކަމަކީ ދައުލަތުގެ ދަރަނި އެހާ ބޮޑު، ވާއިރު ޕާޓީތަކަށް މި ފައިސާ ދިނުމަކީ ބުރައެއްގެ ގޮތުގަ އަޅުގަނޑުމެންނަށް މި ފެންނަނީ؛ ޕާޓީތަކަށް އެ ފައިސާ ދިނުމުގެ ބަދަލުގައި ރަނގަޅު ގޮތުގައި އެ ފައިސާ ބޭނުން ކުރެވިދާނެ ކަމަށް،" ފުއާދު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކަށް ކޮންމެ އަހަރަކު ދައުލަތުން ދޫކުރަމުން އަންނަ ފައިސާއަކީ ކޮންމެހެން ދިނުން ފައިސާއެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް އިގްތިސޯދީ މާހިރަކު ވެސް ވިދާޅުވި އެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް އޭނާ ވިދާޅުވީ ގިނަ ސިޔާސީ ޕާޓީތައް ހިންގަމުން އަންނަނީ ބޮޑެތި ވިޔަފާރިވެރިންނާއި ނުވަތަ އެފަދަ އެ ނޫން މީހުންގެ ހިއްސާ އޮވެގެން ކަަމަށް ވާއިރު، ދައުލަތުން އިތުރަށް ފައިސާ ދިނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

"މިސާލަކަށް ބަލަމާ ޖުމްހޫރީ ޕާޓީ، ނުވަތަ ކުރިން ފައިސާ ދެމުން އައީ އެމްޑީއޭ، ހައްތަހާ ވެސް ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ ޕާޓީތައް، ޕީޕީއެމް އަދި އެމްޑީޕީއަށް ބެލިޔަސް ވެސް އެބަތިބި، ހެޔޮ އެދޭ ފަރާތްތަކުން އެހާ ފައިސާ ދޭ ކަމަށް ވެސް އެބަ ބުނޭ، ދެން އިތުރަށް ދައުލަތުން އެ ޕާޓީތަކަށް ހަރަދު ކުރަންވީ ސަބަބެއް ނުވިސްނޭ، ދުނިޔޭގެ އެއްވެސް ތަނެއްގައި ހިނގަމުން އަންނަ ގޮތެއް ނޫން މިއީކީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދުނިޔޭގެ ގިނަ ގައުމުތަކުގައި ސިޔާސީ ޕާޓީތަކުން ފައިސާ ހޯދަމުން އަންނަނީ މެންބަރުންގެ އަތުން ފީ ނަގައިގެންނާއި ސަބްސްކްރިޕްޝަން ފީތަކުންނާއި އެހެނިހެން ހެޔޮ އެދޭ ފަރާތްތަކުގެ އެހީތަކުންނެވެ. އަދި ރާއްޖޭގައި ވެސް މިކަން މިގޮތަށް ހިންގި ދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

މެމްބަޝިޕަށް ބަލައިގެން ފައިސާ ދިނުން ހުއްޓާލަންވީ؟

ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ 10،000 މެންބަރުންނަށް ވުރެ ގިނަ ޕާޓީތަކުންނެވެ. އެހެންނަމަވެސް ފައިސާ ދޫކުރުމަށް މިހާރު މިގެންގުޅޭ ފޯމިއުލާގައި ގިނަ މައްސަލަތަކެއް އެބަހުއްޓެވެ.

މެންބަރު ސަލީމް ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދިނުމަކީ ދުނިޔޭގެ ޑިމޮކްރެސީ ކުރި އަރާފައިވާ ގައުމުތަކުން ކަންކަން ކުރަމުން އަންނަ ކަމެއް ނޫނެވެ. އަދި، ކޮންމެހެން ފައިސާ ދޭންޖެހޭ ނަމަ ވެސް އެ ކަން ކުރަނީ ޕާޓީގައި މެންބަރުން ތިބި އަދަދަށް ދިނުމަކީ އެންމެ ހަމަ ޖެހޭ ގޮތެއް ނޫނެވެ. އެކަން ބަދަލު ކުރަން ޖެހޭ ކަމަށް ސަލީމް ދެކިވަޑައިގަންނަވަ އެވެ.

"ފައިސާ މި ދެނީ ޑިމޮކްރެސީ ވަރުގަދަ ކުރުމަށް، މަލްޓިޕާޓީ ނިޒާމު ދެމެހެއްޓުމަށް، އެހެންނަމަވެސް ރާއްޖޭގެ ހަތަރު ޕާޓީއަކަށް ފައިސާ ލިބެނީ، އަނެއް ހަތް ޕާޓީ ޕާޓީއަކަށް އެއްވެސް އެއްޗެއް ލިބޭނެ ގޮތެއް ނެތް، އެއީ މިހާރު އޮތް ފޯމިއުލާގެ ސަބަބުން ދިމާވާ ކަމެއް،" ސަލީމް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީގެ މެންބަރުންގެ އަދަދަށް ބަލައިގެން ފައިސާ ދޫކުރާއިރު ހިމެނޭ ބައެއް ސިޔާސީ ޕާޓީތަކަކީ މުޅި އަހަރު ތެރޭގައި ވެސް ސިޔާސީ އެއްވެސް ކަހަލަ ހަރަކާތެއް ބާއްވާ ނުވަތަ އިންތިހާބުތަކުގައި ވާދަކުރާ ޕާޓީތަކެއް ނޫން ކަން އުޝާމް ވެސް ފާހަގަކުރެއްވި އެވެ.

"ޕާޓީތަކަށް ފައިސާ މި ދޫކުރެވެނީ ސިޔާސީ ހަރަކާތް ހިންގަން، ސިޔާސީ ހަރަކާތް ހިންގަން މި އޮތް ގޮތަކީ އިންތިހާބުތަކުގައި ބައިވެރިވުން، އެކަން ނުކުރެވޭއިރު ދައުލަތުން ގިނަ އަދަދަކަށް ފައިސާ ދޫކުރާއިރު އެ ފައިސާއަކީ ކޮން ގޮތަކަށް ބޭނުން ކުރާ އެއްޗެއް ކަމެއް ވެސް ނޭނގެ،" އުޝާމް ވިދާޅުވި އެވެ.

ޕާޓީތަކުގެ މެންބަރުންގެ އަދަދަށް ބަލައިގެން ފައިސާ ދޫކުރުމަކީ އިލެކްޝަންސް ކޮމިޝަނަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ "ވަގު ފޯމު"ގެ މައްސަލައާ ގުޅިފައިވާ ކަމެއް ކަމަށް އީސީގެ ރައީސް ފުއާދު ގަބޫލުކުރައްވަ އެވެ.

"ވަރަށް ގިނަ މީހުންނަށް ނޭނގި އެ މީހުންގެ ނަމުގައި ފޯމުތައް ފުރާފައި އެކި ޕާޓީތަކުން އަޅުގަނޑުމެންނަށް ފޮނުވަމުން އެބަ ގެންދޭ، މިއީ ވަރަށް ބޮޑަށް މަސްލަހަތު ގެއްްލޭ ކަމަކަށް ވެފައި މި އޮންނަނީ، އެކަމަކު ޕާޓީތަކުން ވެސް އެ ކަމުގެ ޒިންމާއެއް ނުނަންގަވާ، އަޅުގަނޑުމެންނަށް އަބަދާ އަބަދުމެ އެބަ ޝަކުވާ ލިބޭ މިފަދަ މައްސަލަތަކުގައި،" ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވި ގޮތުގައި 10،000 މެންބަރުން ހަމަކުރުމުން މިލިއަނުން ފައިސާ ލިބޭތީ، މެންބަރުންގެ އަދަދު އިތުރު ކުރުމަށް ޕާޓީތަކުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކާމިޔާބީއަށް ފައިސާ ދޫކުރުން؛ ބަދަލެއް ފެންނާނެ؟

ސިޔާސީ ޕާޓީތަކުން އިންތިހާބުތަކުގައި ހޯދާ ކާމިޔާބީތަކަށް ބަލައިގެން ފައިސާ ދޫކުރަން މީގެ ކުރިން ވެސް އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކޮށްފައި އެބަހުއްޓެވެ. އެހެންނަމަވެސް އެ ކަމުގައި އަމަލީ ސިފައެއް ޖެހިގެން ގޮސްފައި ނުވެ އެވެ.

އަނެއްކާ ވެސް މި ބަދަލުތައް އިލެކްޝަންސް ކޮމިޝަނުން އޭޖީ އޮފީހަށް ހުށަހަޅައިގެން، ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. އީސީން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ފައިސާ ދޭ އުސޫލު ބަދަލު ކުރުމަށް ހިމަނާފައިވެ އެވެ.

އެގޮތުން، ދައުލަތުން ބަޖެޓުން ދޫކުރާ ފައިސާގެ 80 އިންސައްތަ ދޫކުރާނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ބަލައިގެން ކަމަށާއި ބާކީ 20 ޕަސެންޓު ބަހާނީ ރަޖިސްޓްރީ ކުރެވިގެން ހިންގާ ހުރިހާ ސިޔާސީ ޕާޓީއެއްގެ މެދުގައި ކަމަށް އީސީން ހުށަހެޅި ބަދަލުގައިވެ އެވެ.

ފުއާދު ވިދާޅުވި ގޮތުގައި އީސީން މި ބަދަލުތައް ގެނައުމަށް ހުށަހަޅާފައިވަނީ ހުރިހާ ސިޔާސީ ޕާޓީއަކާއެކުގައި ވެސް މަޝްވަރާ ކުރުމަށްފަހު، ޕާޓީތަކުގެ ބޭފުޅުންގެ ވިސްނުންތަކާ ވެސް އެކުގަ އެވެ.

"މިއީ ވަރަށް ގިނަ ބޭފުޅުންގެ ވިސްނުން ހުރި ގޮތަކީ، ދެން ޕާޓީތަކުން ވެސް އެދޭ މި ބަދަލަށް، އެންމެ ޕާޓީއެއް ފިޔަވައި، އެމްއެންޕީން ދެކޭ ގޮތުގައި ޕާޓީތަކަށް ފައިސާ ދޫކުރުމަކީ އެދޭ ކަމެއް ނޫން، އެހެން ހުރިހާ ޕާޓީތަކުން ވެސް ދެކެނީ ފައިސާ ބެހެން، އަދި ހުރިހާ ޕާޓީއަކަށް ވެސް ދެވޭނެ ބައެއް އޮވެފައި އަނެއް ބައި ވޯޓުގެ ނިސްބަތުން ބެހުން،" ފުއާދު ވިދާޅުވި އެވެ.

ގާނޫނަށް މި ބަދަލު ގެނެވުމާއެކު، ސިޔާސީ ޕާޓީތަކުގެ މެދުގައި އޮތް "މެންބަރުން ގިނަ ކުރުމުގެ ވާދަވެރިކަން" ނިމި، ވަގު ފޯމު ހުށަހެޅުން ފަދަ ބޮޑެތި މައްސަލަތަކެއްގެ ހައްލު ލިބިގެންދާނެ ކަމަށް ފުއާދު ގަބޫލު ކުރައްވަ އެވެ.

ސިޔާސީ ޕާޓީތަކަށް މިހާރު ފައިސާ ދޫކުރަމުން އަންނަނީ އެންމެ އެދެވޭ ގޮތެއްގައި ކަމުގައި ބުނެވޭނެ ޖާގައެއް ނެތެވެ. އެހެން ނަމަވެސް ދެން އުފެދޭ ސުވާލަކީ ކޮންމެ އުސޫލެއްގެ ދަށުން ފައިސާ ދޫކުރި ނަމަވެސް، 40 ޕަސެންޓު ރައްޔިތުންގެ ހައްގުގައި މިހާ ބޮޑު ހޭދައެއް ވަކި ބަޔަކަށް ދައުލަތުން ކުރުމަކީ އެންމެ އެދެވޭ ގޮތެއް ބާވަ އެވެ؟ ނޫނީ މިއީ ހަމަ އިސްރާފެއް ހެއްޔެވެ؟