Advertisement

ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ޓީސީ ތިން ވަނަ އަށް

1 ޖުލައި 2022 - 18:09 0

ީޓީސީގެ ހަމްދޫން (ވ) ކައިރިން ބޯޅަ ހޯދަން ޔުނައިޓެޑް ވިކްޓަރީގެ އަރީން މަސައްކަތް ކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ


ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ޓީސީ ތިން ވަނަ އަށް

1 ޖުލައި 2022 - 18:09 0

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުރުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން 3-0 އިން ކުރިހޯދައި ޓީސީ ސްޕޯޓްސް ކްލަބް ތިން ވަަނަ އަށް ޖެހިލައިފި އެވެ.

މި މެޗަށް ނުކުތްއިރު، ތިން ވަނައިގައި އޮތީ ޔުނައިޓެޑް ވިކްޓަރީ އެވެ. ކްލަބް ވެލެންސިއާ ހަތަރެއްގައި އޮތްއިރު، ޓީސީ އޮތީ ފަސް ވަނައިގަ އެވެ. އެކަމަކު، މިއަދު ހަވީރުގެ ނަތީޖާއާ އެކު ޓީސީ ތިން ވަނަ އަށް ޖެހިލީ ހަތަރަކަށް ވެއްޓުނު ޔުނައިޓެޑް ވިކްޓަރީއާ އެއްވަރަށް 15 މެޗުން 20 ޕޮއިންޓް ލިބުނު ނަމަވެސް ލަނޑުގެ ތަފާތުން ކުރި ލިބޭތީ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ފުރަތަމަ މިނިޓްގައި ޓީސީ އޭރިއާބޭރުން ލިބުނު ހިލޭ ޖެހުމަކުން ޔުނައިޓެޑް ވިކްޓަރީގެ ކެޕްޓަން، އަލީ ހަމްދާން (އައްޔަ) ޖެހި ބޯޅަ ވަނީ ބްލޮކްވެފަ އެވެ. ދެ ވަނަ ފަހަރަށް ޖަހަން ލިބުނު ފުރުސަތުގައި ވެސް އައްޔަ ފޮނުވާލި ރީބައުންސް ބޯޅަ ވެސް ވަނީ ޓީސީގެ ދިފާއީ ފާރުގައި ޖެހި ބްލޮކްވެފަ އެވެ.

ޓީސީން ލީޑުނެގީ މެޗުގެ 18 ވަަނަ މިނިޓްގައި ޒަޔާން ނަސީރު (ޒައްޔު) ޖެހި ގޯލުންނެވެ. ޓީސީގެ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ހުސްކޮށްލާފައި ދިން ބޯޅަ، ޒައްޔު ވަނީ ކޮންޓްރޯލް ކޮށްލުމަށް ފަހު ގޯލުގެ ކައިރީ ކަނަށް ފޮނުވާލައިފަ އެވެ. ނަތީޖާ ހަމަހަމަ ކުރަން ޔުނައިޓެޑް ވިކްޓަރީން ކުރި މަސައްކަތުގައި ޓީސީގެ ޑިފެންޑަރު، މުހައްމަދު އަޖުފާން ބޮލުގައި ޖެހިފައި ބައިކޮޅަށް ވަންނަން ދިޔަ ބޯޅަ ޓީސީގެ ކީޕަރު، ލަންކާ ގައުމީ ޓީމުގެ ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ.

ގޯލު ޖެހުމަށް ފަހު ޓީސީ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ދެ ވަނަ ގޯލެއް ޖަހަން ޓީސީން ކުރި މަސައްކަތް ފުރަތަމަ ހާފު ނިމުމުގެ ކުރިން ކާމިޔާބުކުރި އެވެ. މި ގޯލު ޖެހީ މެޗުގެ 43 ވަނަ މިނިޓްގައި ހައިޝަމް ރަޝީދު އެވެ. އޭރިއާތެރެއިން ހައިޝަމް އަށް ލިބުނު ބޯޅަ ފުރަތަމަ ޖައްސާލުމުން ޔުނައިޓެޑް ވިކްޓަރީގެ ގޯލްކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) ބޯމަތިން ދިއުމުން، ހައިޝަމް ވަނީ ހަަމަޖެހިލާފައި ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

ޔުނައިޓެޑް ވިކްޓަރީގެ ބެލަރޫސް ފޯވާޑް، އިވާން ވެރާސް ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ނެގި ހުރަހެއް ކުޅުމުގެ ތެރެއަށް އެނބުރި އައީ ހުރަސްދަނޑީގައި ޖެހިފަ އެވެ. ޔުނައިޓެޑް ވިކްޓްރީގެ ވިންގް، އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އަށް ފުރަތަމަ ހާފުގައި އެޓޭކްކުރަން ލިބުނު ބޯޅަތަކުގެ ބޭނުމެއް ނުހިފުނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ ޔުނައިޓެޑް ވިކްޓަރީން ވަނީ ގޯލު ޖަހާނެ ރަނގަޅު ތިން ފުރުސަތެއް ހޯދައިފަ އެވެ. އެ ގޮތުން އަރީން އަބްދުﷲ ޖެހި ބޯޅައިގެ އިތުރުން އިވާން ޖެހި ދެ ޝޮޓް ވެސް ޓީސީގެ ކީޕަރު ސުޖަން ވަނީ މަތަކޮށްފަ އެވެ.

ޓީސީން ތިން ވަނަ ގޯލު ޖެހީ މެޗުގެ 60 ވަނަ މިނިޓްގަ އެވެ. މިއީ އަރިމަތިން ބޯޅަ ހިފައިގެން އަރައި، ނިޝާމް ނަގައިދިން ހުރަހަކުން އޭރިއާތެރެއިން ހުސްކޮށް އެރި، ހައިޝަމް ޖެހި ގޯލެކެވެ. ހައިޝަމް ތިރިތިރިން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ތޮލާލް ފައިކައިރިންނެވެ.

މިއީ މި ސީޒަނުގައި ޔުނައިޓެޑް ވިކްޓަރީ އަތުން ޓީސީ މޮޅުވި ފުރަތަމަ މެޗެވެ. ޕްރެޒިޑެންޓްސް ކަޕްގައި 4-1 އިން ޔުނައިޓެޑް ވިކްޓަރީން ޓީސީ ބަލިކުރިއިރު، ލީގުގެ ފުރަތަމަ ބުރުގައި ދެ ޓީމުގެ މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. ލީގުގެ ދެ ވަނަ ބުރުގައި ޔުނައިޓެޑް ވިކްޓަރީން ވަނީ 3-2 އިން ޓީސީ ބަލިކޮށްފަ އެވެ. އެކަމަކު، ޓީސީން މިއަދު ވަނީ ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް ކާމިޔާބު ހޯދައިފަ އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ކްލަބް އީގަލްސް ކުޅޭނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މެޗު ފަށާނީ 21:00 ގަ އެވެ.