Advertisement

މުންކަރާތް ހުއްޓުވަން ބާރުގެ ބޭނުން ކުރުން

1 ޖުލައި 2022 - 06:28 0

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ


މުންކަރާތް ހުއްޓުވަން ބާރުގެ ބޭނުން ކުރުން

1 ޖުލައި 2022 - 06:28 0

ނަމާދުކުރުމަކީ ޢައިނިއްޔަ ފަރުޟެކެވެ. ކޮޅަށް ހުރެ ނަމާދު ނުކުރެވޭނަމަ އިށީނދެ އިނދެގެން ކުރަންޖެހެ އެވެ. އިށީނދެ އިނދެގެން ނުކުރެވޭނަމަ، އޮށޯވެ އޮވެގެން ވެސް ނަމާދުކުރަންޖެހެ އެވެ. ރޯދަ މަހުގެ ރޯދަ ވެސް އެފަދަ އެވެ. ދަތުރެއްގެ މަތީ ނުވަތަ ބައްޔެއް ވުމުގެ ސަބަބުން ރޯދަ ދޫކޮށްލުން ހުއްދަވެސް ވެ އެވެ. އެކަމަކު ފަހުން އެރޯދަ ހިފަންޖެހެ އެވެ. ރޯދަ އަލުން ހިފޭވަރު ނޫން ބަލި މީހުންނަށް މުއްދުބެހުން އޮވެ އެވެ. ކޮޅަށްހުރެގެން ނަމާދުކުރުމުން ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިދާނެ ހާލަތުގައި ހުރި މީހަކު އެގެއްލުން ވެދާނެ ގޮތަކަށް ކޮޅަށް ހުރެ ނަމާދުކުރުން ހަރާންކަމުގައި އިލްމުވެރިން ފަތުވާދެއްވަ އެވެ. ރޯދަ ހިފުމުން ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ހާލަތެއް އޮއްވައި ރޯދަހިފުން ހަރާންވެ އެވެ.

މިއީ އިސްލާމްދީނުގައި އަޅުކަންތަކާއި ވާޖިބުތަކުގައި ކަނޑައެޅި ބިންވަޅު ނެގިފައިވާ ވަރަށް އާންމު ހަމައެކެވެ. ވާޖިބުތަކާއި ފަރުޟުތައް އަދާކުރަން ޖެހެނީ، އެކަމަށް ކުޅަދާނަވީ މިންވަރެއްގެ މައްޗަށެވެ. އަދި ވާޖިބުތަކާއި އަޅުކަންތައް އަދާކުރުމުގެ ނަތީޖާއަކީ ޝަރުއުގައި މަނާވެފައިވާ ގެއްލުމަކާދިމާއަށް ދާ ހާލަތެއް އޮތް ނަތީޖާއެއްނަމަ، އެކަމެއް ކުރުމުގައި އެ ގެއްލުން ދުރުކުރެވޭނެ ގޮތަކަށް ނޫން ގޮތަކަށް އެކަން ކުރުން ހަރާންކަމެއްކަމުގައި ވެގެން ދެއެވެ.

މުންކަރާތް ނަހީކުރުމަކީ ވާޖިބެކެވެ. އަދި އިސްލާމްދީންގެ ރުކުންތަކަކީ ހައެއް ކަމުގައި ވީނަމަ ހަވަނަ ރުކުނަކީ އެއީކަމުގައި ވީސް ކަމަށް ވަރަށް ގިނަ އިލްމުވެރިން ފަތުވާދެއްވާފައި ވެއެވެ. އެކަމަކު މުންކަރާތްތައް ހުއްޓުވުމުގެ ވާޖިބަށް ވެސް މި ލިޔުމުގެ ފެށުމުގައި މިދަންނަވާލި ޝަރުއީ އާންމު ހަމަ ހިނގަ އެވެ. ކޮންމެ ހާލެއްގައިވެސް މުންކަރާތް ނަހީކުރުމަކީ ވާޖިބެކެވެ. އެކަމަކު އެކަން ވާޖިބުވެފައި އޮންނަނީ އެމީހަކަށް ކުޅަދާނަވީ މިންވަރަކަށެވެ. އަދި މުންކަރާތް ނަހީކުރުމުން އެމުންކަރާތަށްވުރެ ބޮޑު މުންކަރާތެއް ފާޅުވާނަމަ ނުވަތަ ފިތުނަވެރިކަމެއް އުފެދޭނަމަ އެކަމައިގެން އުޅުން ބައެއް ހާލަތްތަކުގައި ހަރާންވެގެން ވެއެވެ. މުންކަރާތެއް ހުއްޓުވަން އުޅުމުގެ ނަތީޖާއަކީ އެ މުންކަރާތް ހުއްޓިގެންދިއުންކަމަށް ނުވާނަމަ އެކަމެއް ހަރާންވާންވެސް ޖެހެ އެވެ.

މާތް ނަބިއްޔާ ހަދީސްކުރައްވާފައި ވެއެވެ. ތިޔަބައިމީހުންކުރެ މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ އެކަމެއް އަތުން ހުއްޓުވާށެވެ. އަތުން ހުއްޓުވުމަށް ނުކުޅެދޭނަމަ، ދުލުހުން ހުއްޓުވާށެވެ. ދުލުން ހުއްޓުވުމަށް ނުކުޅެދޭނަމަ ހިތުން އެކަމަށް ނުރުހޭށެވެ. އަދި އެއީ އީމާންކަމުގެ އެންމެ ބަލިކަށި މިންވަރެވެ.

މިހަދީސްގެ ޝަރަހައިގައި އިލްމުވެރިން ބަޔާންކުރައްވާފައިވާ ތަފުސީލު އުސޫލުތަކަށް ބަލާލުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ. އެއް ކަމަކީ އަތުން މަނާކުރުމާއި ދުލުން މަނާކުރުމާއި ހިތުން މަނާކުރުމުގެ މާނަ އެވެ. އަތުން މަނާކުރުމަކީ ބާރުގެ ބޭނުންކޮށްގެން ހުއްޓުވުމެވެ. ދުލުން މަނާކުރުމަކީ ވަކި ކަމަކީ ހަރާން ކަމެއްކަން، އެކަން ކުރާ ބަޔަކަށް އަނގަބަހުން ބަޔާންކޮށްދީ ނަސޭހަތްތެރިވުމެވެ. ހިތުން މަނާކުރުމަކީ އެކަމަށް ހަމަ ހަގީގަތުގައި ވެސް ނުހުރިގެން ހުރުމެވެ.

ދެން އޮތީ އަތުން މަނާކުރުމަށް ނުކުޅެދޭނަމައޭ އޮންނަ ބަސްފުޅުގެ މުރާދެވެ. ނުކުޅެދުމަކީ ކޮބައިތޯ ބެލުމެވެ. އޭގެ މިންގަނޑަކީ ކޮބައިތޯ އިލްމުވެރިން ދައްކަވާ ވާހަތަކެވެ. ނުކުޅެދޭކަން ކަނޑައަޅާ އެއްގޮތަކީ، މުންކަރާތެއް ހުއްޓުވާން އުޅެފިނަމަ ފިތުނަވެރިކަމެއް އުފެދިދާނެކަމަށް ބެލެވޭ ހާލަތެއް އޮތުމެވެ. ނުވަތަ މުންކަރާތެއް ހުއްޓުވާން އުޅުމުން އެޔަށްވުރެ ބޮޑު މުންކަރާތެއް އުފަންވެދާނެކަމަށް ބެލެވުމެވެ. މިފަދަ ހާލަތްތަކުގައި އެކަމާ އުޅުން އާންމު މީހަކަށް ނޫން ކަމާބެހޭ މުއައްސަސާއަކަށްވެސް ހުއްދަ ނުވާނެ އެވެ. އެހެން އިބާރާތަކުން ބުނާނަމަ، ވަކި މުންކަރާތެއް ފާޅުގައި ހިނގަނިކޮށް، އެކަން ހުއްޓުވަން ނުކުންނަ ބަޔަކު އެކަން ހުއްޓުވަން އުޅުމުން ބައިބައިވުމާއި ފިތުނަވެރިކަމަށް މަގުފަހިވެދާނެ ހާލަތެއް އޮތްނަމަ އެމުންކަރާތް ހުއްޓުވުމަށް މަސައްކަތްކުރުމުގައި ބާރުގެ ބޭނުންކުރުން ހުއްދައެއް ނުވާނެ އެވެ.

ބާރުގެ ބޭނުންކޮށްގެން މުންކަރާތް ހުއްޓުވުން މަނާވެގެން ވާ ހާލަތެއް ކުރިމަތިވުމަކީ، އެމުންކަރާތަކާމެދު އަތްއުރާލައިގެން ތިބެންޖެހޭ ސަބަބެއް ނޫންކަންވެސް ހަދާންކުރަންވާނެ އެވެ. ދެން އޮންނާނީ މުންކަރާތް ހުއްޓުވުމުގެ ވައްޓަފާޅި ބަދަލުކުރުމެވެ. ހަދީސްގައިވާ ފަދައިން އަތުން އެކަން މަނާކުރެވޭނެ ހާލަތު ނެތުމުން، އަނގަ ބަހުން ނަސޭހަތްދީގެން އެކަން ހުއްޓުވުމަށް އިސްކަންދިނުމެވެ.

ހަދީސްގެ ފަހަތު ބައިގައި، ހިތުން އެކަމަށް ނުރުހުމުގެ ދަރަޖައަކީ އީމާންކަމުގެ އެންމެ ބަލިކަށި ދަރަޖަކަމުގައި ބަޔާންވެފައި އޮތް ބަސްފުޅުގެ ނުރަނގަޅު ދޭހައެއް ބައެއް މީހުންނަށް ކުރެވިފައި އޮވެ އެވެ. އެ ދޭހައަކީ، ހިތުން ހުއްޓުވާނީ އެންމެ އީމާންކަން ބަލިކަށި މީހުންކަމަށް ހީވާ ހީވުމެވެ. އަދި އެންމެ އީމާންކަން ގަދަ މީހުންނަކީ އަބަދުވެސް ބާރުގެ ބޭނުންކޮށްގެން މުންކަރާތް ހުއްޓުވާ މީހުންކަމަށް ހީވެފައި އޮންނަ އޮތުމެވެ.

މިއީ އެ ހަދީސްފުޅުގެ ނުބައި ދޭހައެއްކަން އެނގޭ އެންމެ މުހިންމު ސަބަބަކީ، އެ ހަދީސްފުޅުގައި ނުކުޅެދުމުގެ ސަބަބުން ތަފާތު ދަރަޖަތަކަށް މުންކަރާތް ހުއްޓުވުމުގެ މަގުތައް ބަޔާންކުރައްވާފައި އޮންނަ އޮތުމެވެ. އެހެންވީމާ ހިތުން އެކަމަށް ނުރުހުން އެއީ އީމާންކަމުގެ އެންމެ ބަލިކަށި ދަރަޖަކަމަށްވީ ކޮން ސަބަބަކާ ހުރެކަން ވިސްނައި ދެނެގަތުމަކީ ކޮންމެހެން ކުރާންޖެހޭ ކަމެކެވެ.

މި ހަދީސްފުޅުގެ ޝަރަހައިގައި ވާހަކަދެއްކެވި އެންމެހައި އިލްމުވެރިންވެސް އެއްބެސްވެ ވަޑައިގަންނަވާ ކަމަކީ، އާންމު އުސޫލަކުން ބާރުގެ ބޭނުންކޮށްގެން މުންކަރާތް ހުއްޓުވުމަކީ، ދައުލަތުގެ ނުވަތަ ކަމާބެހޭ މުއައްސަސާތަކުގެ ޒިންމާއެއްކަމެވެ. އަދި އެކަން ބާރުގެ ބޭނުންކޮށްގެން ކުރުމުގެ ހައްގު އޮތީވެސް އާންމު އުސޫލުން ބަލާއިރު ވެރިންނަށެވެ. އެއްވެސް ގޮތަކަށް އެއްވެސް ހާލަތެއްގައި އާންމުންނަށް އެބާރު ނުލިބޭ ވާހަކައެއް ނޫނެވެ.

އެހެންވީމާ ހިތުން ނުރުހުމުގެ ދަރަޖައަކީ އީމާންކަމުގެ އެންމެ ބަލިކަށި ދަރަޖަކަމަށްވާ ސަބަބު ސާފެވެ. އިސްލާމްދީން ބާރުއަޅަނީ، ބާރުގެ ބޭނުންކޮށްގެން މުންކަރާތްތައް ނަހީކުރެވޭނެ ބާރުވެރި ބަޔަކަށް ދީނަށް ލޯބިކުރާ މީހުންވުމަށެވެ. ވެރިކަން ކުރެވޭނެ ގާބިލުކަމާއި ވެރިކަން ހޯދުމުގެ ގާބިލުކަމާއި މުޖުތަމައުގެ ނުފޫޒު ހޯދުމުގެ ގާބިލުކަން މުއުމިނުން ހޯދައިގަތުމެވެ. އެބާރުވެރިކަމަށް ހުރި ސަބަބުތައް ދެނެގަނެ ގެނެސްގަތުމެވެ. އިލްމީ ގޮތުންނާއި އިގްތިސާދީގޮތުން ފުދުންތެރި ބާރުހުރި ބަޔަކަށްވުމެވެ. އެކަންކަން އެހެން ނުވާހާ ހިނދަކު މުންކަރާތްތައް ނަހީކުރުމުގައި އަބަދުވެސް ތިބެންޖެހޭނީ އެންމެ ތިރީ ހަރުފަތުގަ އެވެ. އެއީ އީމާންކަމުގެ އެންމެ ބަލިކަށި މިންވަރަށްވަނީ، ބާރުގެ ބޭނުންކޮށްގެން މުންކަރާތް ހުއްޓުވަން ނޫޅޭތީއެއް ނޫނެވެ. ބާރުގެ ބޭނުންކޮށްގެން މުންކަރާތް ހުއްޓުވުމަށް ހޯދަންޖެހޭ ގާބިލުކަން ހޯދުމުގައި ފަރުވާކުޑަކޮށް ބޭއީމާންތެރިވެގެން ތިބޭތީ އެވެ.