Advertisement

ހެއްކާބެހޭ ބިލުގައި ނޫސްވެރިން ކަންބޮޑުވާން ޖެހޭ ކަމެއް ނެތް: ނަޝީދު

30 ޖޫން 2022 - 15:13 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް


ހެއްކާބެހޭ ބިލުގައި ނޫސްވެރިން ކަންބޮޑުވާން ޖެހޭ ކަމެއް ނެތް: ނަޝީދު

30 ޖޫން 2022 - 15:13 0

ހެއްކާ ބެހޭ ބިލުގައި ނޫސްވެރިން ކަންބޮޑުވާން ޖެހޭ ފަދަ ކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކުރިއިރު ގާނޫނުއަސާސީން ނޫސްވެރިންނަށް ދީފައިވާ މަސްދަރު ރައްކާތެރިކުރުމުގެ ހައްގު ހަނިކުރަން ވަނީ ހިމަނާފަ އެވެ. އެގޮތުން, ބައެއް ހާލަތްތަކުގައި ޝަރުއީ ކޯޓަކަށް ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު އެ ބިލުން ވަނީ ލިބިދީފަ އެވެ.

އެގޮތުން, މިހާރު ބިލް ފާސްކޮށްފައި އޮތް ގޮތުން ޓެރަރިޒަމް އަދި ގައުމީ ސަލާމަތާ ގުޅޭ މައްސަލަތަކުގައި މަސްދަރު ހާމަކުރުމަށް ކޯޓަށް ނޫސްވެރިޔާގެ މައްޗަށް އަމުރު ކުރެވިދާނެ އެވެ. ގައުމީ ސަލާމަތަކީ, އެއްވެސް ގާނޫނެއްގައި މާނަކޮށްފައިނުވާ ވަރަށް ފުޅާ ގޮތެއްގައި ދޫކޮށްލާފައިވާ ކަމެއްކަމުން, އެކަމުގެ ކަންބޮޑުވުން ނޫސްވެރިންގެ ވަރަށް ބޮޑަށް އެބަ އޮތެވެ.

މިކަމާ ގުޅިގެން ނޫސްވެރިން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކުރިމަތީގައި ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

ނޫސްވެރިން ބޭއްވި އިހުތިޖާޖުގެ ތެރެއިން-- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު


ރައްޔިތުންގެ މަޖިލީހަށް މި ބިލުގެ ކޮމިޓީ ރިޕޯޓު މިއަދު ހުށަހެޅުމުން، ރިޕޯޓަށް ބަހުސް ކުރައްވަމުން އިދިކޮޅު މެންބަރުން ވަނީ ބިލު މިހާރު އޮތް ގޮތުން، އިއާދަ ނުކުރެވޭނެ ފަދަ ގެއްލުމެއް ލިބިދާނެ ކަމަށެވެ.

މިކަމާ ގުޅިގެން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ ބިލުގައި އެ މާއްދާ އޮތް ގޮތް މިހާރު ވަރަށް ބޮޑަށް އޮޅިފައިވާ ކަމަށެވެ.

"ބިލުގެ 136 ވަނަ މާއްދާގައި ހަގީގަތުގައި އެ ކަންބޮޑުވުމެއް ނެތް، މަސްދަރު ހާމަކުރަން ޖެހޭ ހާލަތަކީ ދެ ފަރާތުގެ އެއްބަސްވުމުގައި، އޭގެ އިތުރުން މަސްދަރު ހާމަ ކުރަން ހަމައެކަނި ޖެހޭ ހާލަތަކީ ޝަރީއަތުގައި އެކަން ހާޒިރުވެ، ޝަރީއަތުގައި އެކަން ނިންމުން،" ނަޝީދު ވިދާޅުވި އެވެ.

"ޝަރީއަތުން އެގޮތަށް ނިންމުމުން އަބަދުވެސް މަސްދަރު ހާމަކުރަން ޖެހޭ،"

ނަޝީދު ވަނީ ބިލުގެ 136 ވަނަ މާއްދާގެ (ހ) އޮތް ގޮތް ތަކުރާރުކޮށް ވިދާޅުވެ، މަސްދަރު ހާމަކުރަން ބިލުން މަޖުބޫރު ކުރަން ނުޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ބިލުގެ 136 (ހ)ގައި މަސްދަރު ހާމަކުރަން މަޖުބޫރު ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެ މާއްދާގެ (ށ)ގައި ބުނެފައި ވަނީ ޓެރަރިޒަމާއި ގައުމީ ސަލާމަތާ ގުޅުން ހުރި ކަންކަމުގައި ޝަރީއަތުން އެ ނޫސްވެރިޔާއަށް މަސްދަރު ހާމަ ކުރަން އެންގިދާނޭ އިސްތިސްނާ ހާލަތުތަކެއް ބަޔާންކޮށްފަ އެވެ.

ނޫސްވެރިންގެ ކަންބޮޑުވުންތައް ވެސް ގުޅިފައިވަނީ މި އިސްތިސްނާއާއި ގައުމީ ސަލާމަތާ ގުޅުން ހުރި ކުށްތައް ސާފުކޮށް ބަޔާންކޮށްފައި ނުވާތީ އެވެ.