Advertisement

އާރަށް މައްސަލަ: އެމްއެމްޕީއާރުސީން ރަށްތައް ދިން ގޮތް ސާބިތުކޮށްދޭން ހެކިބަހެއް ނަގައިފި

30 ޖޫން 2022 - 11:56 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ވ. އާރަށު މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ނަގަނީ


އާރަށް މައްސަލަ: އެމްއެމްޕީއާރުސީން ރަށްތައް ދިން ގޮތް ސާބިތުކޮށްދޭން ހެކިބަހެއް ނަގައިފި

30 ޖޫން 2022 - 11:56 0

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ގުޅިގެން ހިންގި ކަމަށް ބުނާ ވ. އާރަށް ވިއްކުމުގައި ހިންގި ހިޔާނާތުގެ މައްސަލާގައި, އެމްއެމްޕީއާރުސީން އޭރު ރަށްތައް ދޫކުރަމުން ދިޔަ ގޮތް ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެެއްކެއްގެ ހެކިބަސް މިއަދު ނަގައިފި އެވެ.

ޖެހިޖެހިގެން ދެ ދުވަހު އަޑުއެހުންތައް ކެންސަލްވުމަށް ފަހު މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ނަގާފައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ ލީގަލް ސެކްޝަންގައި އޭރު މަސައްކަތް ކުރި މީހެއްގެ އެވެ. ދެހާސްސާދަ ވަނަ އަހަރު އަދި 2015 ވަނަ އަހަރު އެ މިނިސްޓްރީން ރަށްތައް ދޫކުރި އިރު އޭނާ މަސައްކަތް ކުރި އެވެ.

ހެކިބަސް ދެމުން އޭނާ ކިޔައިދިނީ އާންމުކޮށް ޓޫރިޒަމްގެ ބޭނުމަށް ރަށްތައް ދޫކުރާ އުސޫލެވެ. މިގޮތުން ފިޝަރީޒް މިނިސްޓްރީގެ ދަފްތަރުގައި ރަށްތައް އޮންނައިރު، ޓޫރިޒަމްގެ ބޭނުމަށް ރަށެއް ކަނޑައެޅުމަށް ފަހު، ރައީސް އޮފީހުން އެ ރަށެއް ޓޫރިޒަމް މިނިސްޓްރީގެ ދަފްތަރަށް ބަދަލުކުރަނީ އެވެ.

އެ ފަހުން އެމްއެމްޕީއާރުސީއާއެކު މިނިސްޓްރީން އެކުލަވާލާ ލީޒް އެގްރިމެންޓެއްގެ ދަށުން އެ ރަށެއް އެމްއެމްޕީއާރުސީއަށް ދޫކުރެ އެވެ. ދެން އެމްއެމްޕީއާރުސީން އެ ރަށެއް ކުއްޔަށް ދޫކުރާނެ ކުންފުންޏެއް ކަނޑައެޅުމަށް ފަހު، އެ ކުންފުންޏަކާ އެކު އެކުލަވާލާ އެގްރިމެންޓެއްގެ ދަށުން ރަށް ދޫކުރަނީ އެވެ.

އެހެންވިޔަސް ބައެއް ރަށްރަށް ރައީސް އޮފީހުން އެ ގޮތަށް ކަނޑަނާޅަނީސް ވެސް ދޫކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ. މި ގޮތަށް ބައެއް ރަށްރަށް ކަނޑައެޅުމުގެ ކުރިން އެ ރަށެއް ދޭނެ ބަޔަކު ވެސް ކަނޑައަޅާފައި އޮންނަ ކަމަށް އޭނާ ހެކިބަސް ދިނެވެ.

ވ. އާރަށުގެ މުއާމަލާތް ހިނގި ގޮތާ ގުޅޭ ގޮތުން ސުވާލު ކުރުމުން ހެކިވެރިޔާ ބުނެފައިވަނީ އެ ރަށް ކުއްޔަށް ދޫކުރިއިރު އޭނާ ހުރީ ޗުއްޓީއަށް ގޮސް ކަމަށެވެ. އެ ގޮތުން އޭނާ އޭރު ހުރީ ވެސް ރާއްޖޭން ބޭރުގަ އެވެ. އެހެންވެ އެ ރަށުގެ މުއާމަލާތްތައް ހިނގި ގޮތް އޭނާއަށް ނޭނގޭ ކަމަށް ބުންޏެވެ.

މި މައްސަލާގައި މިހާތަނަށް ހެކިބަސް ނަގާފައިވަނީ ތިން ހެކިވެރިއެއްގެ ހެކިބަހެވެ. މިއަދު ހެކިބަސް ނެގި މީހާގެ އިތުރަށް ދެން ހެކިބަސް ނެގީ ތަހުގީގުގައި ބައިވެރިވި ދެ އޮފިސަރެއްގެ ހެކިބަހެވެ. އެއީ ހަތަރު އައިފޯނަކާއި ޕެންޑްރައިވްތަކެއް ތަހުލީލުކޮށް މޯބައިލް ފޮރެންސިކް ރިޕޯޓެއް ތައްޔާރުކުރި އޮފިސަރަކާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލު ކުރި އޮފިސަރެވެ.