Advertisement

ކަނޑު ގަދަވެ، ރޭ އެކަނި ވެސް ކަނޑުމަތީގެ އަށް ހާދިސާއެއް ހިނގައިފި

30 ޖޫން 2022 - 09:51 0

ނިމާ ހަސަން

ނިމާ ހަސަން

ވިއްސާރަވެ، ކަނޑުގަދަވެފައި ވަނިކޮށް ލޯންޗެއް ދަތުރުކުރާ މަންޒަރު ފެންނަ ފޮޓޯއެއް: ރޭ އެކަނިވެސް ވަނީ ކަނޑުމަތީގެ 8 ހާދިސާއެއް ހިނގާފައި


ކަނޑު ގަދަވެ، ރޭ އެކަނި ވެސް ކަނޑުމަތީގެ އަށް ހާދިސާއެއް ހިނގައިފި

30 ޖޫން 2022 - 09:51 0

ވިއްސާރަވެ، ކަނޑުގަދަވުމުގެ ސަބަބުން ރޭ ކަނޑުމަތީގެ އަށް ހާދިސާއެއް ހިނގައިފި އެވެ.

ކަނޑުމަތީގެ ހާދިސާތަކުގެ މައުލޫމާތު ހިއްސާކުރަމުން އެމްއެންޑީއެފުން ބުނީ، ފުރަތަމަ ހާދިސާގެ ރިޕޯޓު ލިބުނީ ރޭ 7:15 ހާއިރު ކަމަށެވެ. އެއީ ހއ. ހޯރަފުށީގައި ދުއްވާ ޑިންގީއެއްގައި ތިން މީހުންނާއެކު މަސްވެރިކަން ކުރަން އުޅެނިކޮށް ހާލުގައި ޖެހިގެން ރިޕޯޓުކުރި ހާދިސާއެކެވެ. އެ ހާދިސާ ރިޕޯޓުކުރީ ޑިންގީ ހއ. ދިއްގަރު ފަޅުތެރެއިން މަސްވެރިކަން ކުރަމުން ދަނިކޮށް، މޫސުން ގޯސްވެގެން، އެރަށުގެ ފަޅުތެރެއިން ނުނިކުމެވިގެންނެވެ.

ދެވަނަ ހާދިސާއަކީ "ކުރޫޒާ 3" ނަމަކަށް ކިޔާ ދޯންޏެއް ބަންޑުންޖަހާލައިގެން މީހަކު ގެއްލިގެން ރިޕޯޓުކުރި ހާދިސާއެކެވެ. ރޭ 7:59 ހާއިރު އެ ހާދިސާގެ އެ ރިޕޯޓް ލިބިގެން އެމްއެންޑީއެފްގެ ޑައިވަރުން ހަރަކާތްތެރިވަމުން ދަނިކޮށް ރޭ 8:20 ހާއިރު އޭނާ ފެނިފައިވާ ކަމަށް ދޯނިން ވަނީ ބުނެފަ އެވެ.

ރޭ 8:08 ހާއިރު، ކ.ގާފަރު ކައިރިން ދަތުރުކުރަމުންދިޔަ "ލަކީ ސްޓާރ" ނަމަކަށް ކިޔާ ލޯންޗެއް މޫސުން ގޯސްވެ، ދިޔަވާތީ އެމްއެންޑީއެފަށް ރިޕޯޓުކޮށްފައިވެ އެވެ. އެ ހާދިސާގައި އެހީތެރިވުމަށް އެމްއެންޑީއެފުން ސްޓޭންޑްބައި ކުރިފަހުން ލޯންޗުގެ ދިޔަވުން ކޮންޓްރޯލް ކުރެވި، ލޯންޗު ވަނީ ކ. ގާފަރަށް ވައްދާފަ އެވެ.

ދެން ހިނގި ހާދިސާއަކީ "ޑެންގޫ ލޯންޗް" ނަމަކަށް ކިޔާ ލޯންޗެއް ކަނޑުގަދަވެ ނުދުއްވިގެން ދިޔަވާތީ ރޭ 8:15 ހާއިރު އެމްއެންޑީއެފަށް ރިޕޯޓުކުރި ހާދިސާއެކެވެ. އެ ސަރަހައްދުގައި އެމްއެންޑީއެފުން ހަރަކާތްތެރިިވެ އެހީތެރިކަން ފޯރުކޮށްދިންފަހުން ލޯންޗުގެ ދިޔަވުން ކޮންޓްރޯލް ކުރެވި، ލޯންޗުވަނީ އެ ސަރަހައްދުގައި ހަދަމުންދާ "ލޯބިގިލި" ރިސޯޓުގެ ބަނދަރަށް ވައްދާފަ އެވެ.

ހަމައެއާއެކު، ރޭ 8:40 ހާއިރު ކ. ގިރާވަރު ކައިރިން ދަތުރުކުރަމުންދިޔަ 22 ފޫޓްގެ "ލޮނު ޓެއިލްސް" ނަމަކަށް ކިޔާ ލޯންޗެއް ބަންޑުންޖަހާލި ހާދިސާއާ ގުޅިގެން ވެސް އެމްއެންޑީއެފުން ވަނީ ހަރަކާތްތެރިވެފަ އެވެ. އެގޮތުން، އެމްއެންޑީއެފުން ވަނީ 9:26 ހާއިރު، އެ ލޯންޗުގައި ތިބި ހަތަރު މީހުން މާލެ ގެނެސްދީފަ އެވެ.

މީގެ އިތުރުން އެމްޕީއެލް ސަރަހައްދުގައި އޮތް ދެ ބާޖެއްގެ ވާ ކަނޑައިގެން ގޮސް އޮޔާދިއުމުގެ ހާދިސާއަކާއި އެމްޓީސީސީ "މަހާޖައްރާފު" ގެ ނަގިލި ކަހާލުމުގެ ހާދިސާއެއް ވެސް ރޭ ވަނީ ހިނގާފަ އެވެ. އެގޮތުން، އެމްޕީއެލް ސަރަހައްދުގައި އޮތް ދެ ބާޖެއްގެ ވާ ކަނޑައިގެން ގޮސް ފުނަދޫއާ ކައިރިވަމުން ދަނިކޮށް، އެމްޕީއެލްގެ ޓަގު ބޯޓުތައް ނެރެ، އެ ދެ ބާޖު އެމްޕީއެލް ސަރަހައްދަށް ވަނީ ވައްދައިފަ އެވެ. އަދި އެމްޓީސީސީ "މަހާޖައްރާފު" ގެ ނަގިލި ކަހާލައިގެން ފަރަކާ ކައިރިވަމުން ދިޔަ ނަމަވެސް، އެ ޑްރެޖަރު ފަރަށް އަރާފައެއް ނުވެ އެވެ.

ރޭ ހިނގި އިތުރު ހާދިސާއަކަށް ބަލާލާއިރު، ކ. ރީތި ރަށް ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗެއް ރީތި ރަށް ކައިރީގައި އޮތް ފިނޮޅަކަށް ވަނީ ބީހިފައިވެ އެވެ. އެ ލޯންޗުގައި ތިބި ފަތުރުވެރިން ވަނީ ރީތިރަށް ރިސޯޓުން ފޮނުވި އެހެން ލޯންޗެއްގައި އެ ރިސޯޓަށް ގެންގޮސްފަ އެވެ.

ރޭގެ ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގި ނަމަވެސް، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަން ފާހަގަކޮށްލެވެ އެވެ.