Advertisement

ނޫސްވެރިންގެ މަސްދަރު ހާމަކުރަން އެންގުން ވީހާވެސް ބޮޑަށް ހަނިކުރަން ހުށަހަޅައިފި

29 ޖޫން 2022 - 13:30 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މަސްދަރު ހާމަކުރުމުގެ މާއްދާއާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އެމްއެމްސީ އަދި އެމްޖޭއޭއިން ބޭއްވި ބައްދަލުވުމުގެ ތެރެއިން --


ނޫސްވެރިންގެ މަސްދަރު ހާމަކުރަން އެންގުން ވީހާވެސް ބޮޑަށް ހަނިކުރަން ހުށަހަޅައިފި

29 ޖޫން 2022 - 13:30 0

ނޫސްވެރިކަމުގެ މަސައްކަތުގައި ބޭނުންކުރާ މަސްދަރުތައް ހިމާޔަތްކުރުމަށް ގާނޫނު އަސާސީން ލިއްބައިދޭ ހައްގު ހަނިކުރަން ގާނޫނުގައި ހިމަނަން މަސައްކަތް ކުރަމުންދާތީ, މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ރައްޔިތުންގެ މަޖިލީހަށް ހިޔާލު ކަރުދާހެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކުރަމުންދާއިރު, އެ ބިލުގައި ގާނޫނުއަސާސީން ނޫސްވެރިންނަށް ދީފައިވާ މަސްދަރު ރައްކާތެރިކުރުމުގެ ހައްގު ހަނިކުރަން ވަނީ ހިމަނާފަ އެވެ. އެގޮތުން, ބައެއް ހާލަތްތަކުގައި ޝަރުއީ ކޯޓަކަށް ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު އެ ބިލުން ވަނީ ލިބިދީފަ އެވެ.

މީގެކުރިން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ވަނީ އެ މާއްދާ އެއްކޮށް އުނިކޮށް ދިނުމަށް ޖުޑިޝަރީ ކޮމިޓީގައި އެދިފަ އެވެ. ނަމަވެސް, ކޮމިޓީން އެ ހުށަހެޅުން ބަލައިނުގަނެ, މަސްދަރު ހާމަކުރުމުގެ މާއްދާ އިސްލާހުކޮށް އެއަށް ކޮމެންޓް ކުރުމަށް އެމްޖޭއޭ އަދި އެމްއެމްސީއަށް ފޮނުވާފައިވެ އެވެ.

މަސްދަރު ހާމަކުރުމުގެ މާއްދާ ކޮމިޓީން މިހާރު ޑްރާފްޓް ކޮށްފައި އޮތް ގޮތް ވެސް ބަދަލުކޮށް, މަސްދަރު ހާމަކުރުން އެންގުމަކީ ވަރަށް ނާދިރު ހާލަތެއްގައި ނޫނީ ނުކުރެވޭނެ ކަމެއްކަން ޔަގީންކުރުމަށް އެމްޖޭއޭއިން މިއަދު ވަނީ މަޖިލީހަށް ކަރުދާހެއް ހުށަހަޅާފަ އެވެ. މިފަދަ ކަރުދާހެއް އެމްއެމްސީން ވެސް މަޖިލީހަށް ހުށަހަޅަން ވަނީ ތައްޔާރުވެފަ އެވެ.

އެގޮތުން, ޓެރަރިޒަމްގެ ވަކި ހާއްސަ ކުށްތަކަކާ ގުޅޭ މަސްދަރެއް ނޫނީ ހާމަކުރަން ނޭންގޭނެ ގޮތަށް އިސްލާހު ކުރުމާއި އެ ހާލަތުގައި ވެސް ގިނަ ކަންތައްތަކެއް ސާބިތު ކުރެވިގެން މެނުވީ ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން ކޯޓަކަށް އެންގިގެން ނުވާނެކަމުގެ ޔަގީންކަން ބިލުގައި ހިމެނުމަށް އެމްޖޭއޭގެ ހިޔާލު ކަރުދާހުގައި ހިމަނާފައިވެ އެވެ.

އެމްޖޭއޭއިން ހުށަހެޅި ކަރުދާސް ބިނާކޮށްފައިވަނީ, ބްރިޓިޝް ހައި ކޮމިޝަންގެ އެހީގެ ދަށުން އެލިނިއާ އިންޓަނޭޝަނަލް އިން ރާއްޖޭގައި ހިންގަމުން އަންނަ ކޮމިއުނިކޭޝަންސް ގަވަނަންސް ޕްރޮޖެކްޓްގެ ކޮންސަލްޓަންޓް، ޑރ. ޖޮއޭން ބަރާތާގެ މަޝްވަރާގެ މަތިންނެވެ.

ޑރ. ބަރާތާ އަކީ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ އިތުރުން ނޫސްވެރިންގެ ރައްކާތެރިކަމާ ބެހޭ މައްސަލަތަކުގައި ކައުންސިލް އޮފް ޔޫރަޕް, ޔުނެސްކޯ، އޯގަނައިޒޭޝަން އޮފް އެމެރިކަން ސްޓޭޓްސް އަދި އޯގަނައިޒޭޝަން ފޯ ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އިން ޔޫރަޕް (އޯއެސްސީއީ) ފަދަ ބައިނަލްއަގުވާމީ މުއައްސަސާތަކަށް ލަފާދޭ ތަޖުރިބާކާރެކެވެ.

މަސްދަރު ހާމަކުރުމުގެ މާއްދާ މިހާރު ބަދަލުކުރެވިފައިވާ ގޮތާ މެދު އެމްޖޭއޭގެ ހިޔާލުތައް:

-- 136 (ހ): "ނޫސްވެރިޔާ" މާނަކުރުމުގައި ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބަޔާންކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގަކީ "ކޮންމެ މީހަކަށްމެ ލިބިގެންވާ" ހައްގެއް ކަމަށް ބަޔާންކޮށްފައިވާ އޮތް އޮތުމަށް ރިއާޔަތްކޮށް، ނޫސްވެރިޔާ ނުވަތަ ނޫސްވެރިއެއްގެ ހައިސިއްޔަތުން މަސައްކަތްކުރާ މީހާ މާނަކުރުމުގައި ވީހާވެސް ފުޅާކޮށް މާނަކުރެވޭނެ ބަސްމަގު ބޭނުންކުރުމަކީ ނުހަނު މުހިންމު ކަމެކެވެ. މިސާލަކަށް ނޫސްވެރިޔާގެ ބަދަލުގައި "މީޑިއާގެ މަސައްކަތްކުރާ ފަރާތްތައް" ފަދަ ލަފްޒެއް ބޭނުންކުރުމުން، ނޫސްވެރިންގެ އިތުރުން ވީޑިއޯ ނަގާ މީހުން، ފޮޓޯ ނަގާ މީހުން އަދި އެނޫންވެސް މީޑިއާތަކުގެ އެކިއެކި ޕްރޮފެޝަނަލް ގިންތިތަކުގައި މަސައްކަތްކުރާ މީހުންނަށް ވެސް މަސްދަރު ހިމާޔަތްކުރުމުގެ ހައްގުގެ ތެރެއިން މިމާއްދާގައި ބަޔާންކުރާ ހައްގުތަކުގެ ރައްކާތެރިކަން ފުރިހަމައަށް ލިބޭނެ ކަން ކަށަވަރުކުރެވޭނެ އެވެ.

• ހުށަހެޅުން: "މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ނޫސްވެރިއެއްގެ ހައިސިއްޔަތުން" ލިބޭ މައުލޫމާތު؛ މިގޮތަށް އިބާރާތް ބަދަލުކުރުން.

-- 136 (ހ): ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ މަސްދަރު ހިމާޔަތްކުރުމުގެ ހައްގަކީ ހަމައެކަނި މައުލޫމާތު ދިން މީހާއަކީ ކާކުކަން "ހާމަކޮށްދޭ ނުވަތަ ހާމަވުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް" ހިމަނާފައި އޮތުން ރަނގަޅެވެ. މަސްދަރުގެ މާނަ ވީހާވެސް ފުޅާކޮށް މާނަކުރުމަކީ މުހިންމު ކަމެއް ކަމަށް ފެނެ އެވެ. މިގޮތުން، މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް ގެންގުޅޭ، ލިޔެކިޔުމާއި، ނޯޓުތަކާއި، ފޯން ކޯލާއި، ޓެކްސްޓް މެސެޖާއި، އެ ނޫންވެސް މުއާމަލާތްތަކާއި، އަރުޝީފް އަދި މިނޫނަސް، އެއެއްޗެއް ބޭނުންކޮށްގެން މަސްދަރެއްގެ ހަގީގަތް ހޯދޭނެ ހުރިހާ އެއްޗެއް ހިމެނޭ ގޮތަށް މާއްދާ ތަފްސީލްކުރުމުން މިމާއްދާ ފުރިހަމަވެގެންދާނެ އެވެ. އަދި މިމާއްދާގެ ތެރެއިން މީޑިއާއަށް ލިބޭ ރައްކާތެރިކަން އިތުރުވެ، ފުޅާވެގެންދާނެ އެވެ.

• ހުށަހެޅުން: މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް ގެންގުޅޭ، ލިޔެކިޔުމާއި، ނޯޓުތަކާއި، ފޯން ކޯލާއި، ޓެކްސްޓް މެސެޖާއި، އެ ނޫންވެސް މުއާމަލާތްތަކާއި، އަރުޝީފް އަދި މިނޫނަސް، އެއެއްޗެއް ބޭނުންކޮށްގެން މަސްދަރެއްގެ ހަގީގަތް ހޯދޭނެ ހުރިހާ އެއްޗެއް ހިމެނޭ ގޮތަށް މާއްދާ ތަފްސީލްކުރުން.

-- 136 (ށ): "ޓެރަރިޒަމްގެ ކުށްތައް" އަދި "ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލަތައް" އެއީ އިސްތިސްނާއީ ހާލަތެއްގެ ގޮތުގައި ބަޔާންކުރުމަކީ ކަންބޮޑުވާ ކަމެކެވެ. ސަބަބަކީ، ޓެރަރިޒަމް އަދި ގައުމީ ސަލާމަތަކީ ވެސް ވަރަށް ފުޅާ ދާއިރާއެއްގެ ތެރެއިން މާނަކުރެވޭ އެއްޗަކަށް ވުމުގެ ސަބަބުން، މިހާލަތު ބޭނުންކޮށްގެން، މިމާއްދާއިން ހާސިލްކުރަން ބޭނުންވާ ނަތީޖާގެ ބޭރުން މާއްދާއިން ލިބިދޭ ބާރު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ފުޅާވެގެންދާތީ އެވެ. އަދި މިއާއެކު މިވަގުތު "ޓެރަރިޒަމް" މާނަކުރުމުގައި ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެވޭނެ މިންގަނޑެއް ނެތް ކަން ވެސް ފާހަގަކުރަމެވެ. މިހެން ކަމުން، "ޓެރަރިޒަމްގެ ކުށްތައް" އަދި "ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލަތައް" މި އިބާރާތުގެ ބަދަލުގައި، އިސްތިސާނާއީ ހާލަތް ބޭނުންކުރެވޭ ސީރިއަސް ކުށްތަކަކީ ކޮބާކަން ސާފުކޮށް ބަޔާންކުރުމަކީ މުހިންމު ކަމެކެވެ.

• ހުށަހެޅުން: މިގޮތަށް ފުޅާ ދާއިރާއެއް ބޭނުންކޮށް، ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރެވިދާނެ އިބާރާތްތަކުގެ ބަދަލުގައި ކުށްތައް ސާފުކޮށް ބަޔާންކުރުން. މިގޮތުން، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 7 ވަނަ މާއްދާ އަދި 12 ވަނަ މާއްދާގައި ބުނާ ކުށްތައް ހިމެނޭނެ ގޮތަށް މިމާއްދާގެ އިބާރާތް ބަދަލުކުރުން އަދި "ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލަތައް" މިބައި އުނިކުރުން.

-- 136 (ށ) އަދި 136 (ނ) (3): އިންސާނީ ހައްގުތައް ހަނިކުރެވޭނެ ހާލަތްތަކުގައި ގޮތް ނިންމުމަށް މަދަނީ މިންގަނޑު ބޭނުންކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ސަބަބަކީ މަދަނީ މިންގަނޑު ނުވަތަ "ބެލެންސް އޮފް ޕްރޮބެބިލިޓީޒް" ގައި ކަމަކާ މެދު ގޮތް ނިންމާ މިންގަނޑަކީ އިންސާނީ ހައްގެއް ހިފެހެއްޓުމަށް ނުވަތަ ހަނިކުރުމަށް އެކަށީގެންވާ މިންގަނޑެއް ނޫނެވެ. މީގެ އިތުރުން، 136 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަމްބަރުގައިވާ ފަދައިން "އާންމު މަސްލަތު މާ ބޮޑު" ހާލަތެއްތޯ ބެލުން ފަދަ އިބާރާތްތައް ބޭނުންކުރުމުގެ ބަދަލުގައި "ނެސެސިޓީ" އަދި "ޕްރޮޕޯޝަނަލިޓީ" ގެ އުސޫލުތައް ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމެއް ކަމަށް ފެނެ އެވެ.

މިގޮތުން، ޕްރޮޕޯޝަނަލިޓީ އަދި ނެސެސިޓީގެ އުސޫލުތަކުގެ ދަށުން، ކޯޓުތަކުން މިފަދަ މައްސަލަތަކުގައި ނިންމާ ނިންމުމަކީ "ސައްހަ މަގުސަދެއް" ހާސިލްކުރުމުގެ ގޮތުން، "ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅެއް" ކަން ޔަގީންކުރުމާއެކު، އެ ފިޔަވަޅުގެ ސަބަބުން ގެއްލިގެންދާ ހައްގަށް ވުރެ އާންމު މަސްލަހަތުގެ މުހިންމުކަން ބޮޑުކަން ޔަގީންކުރުމަކީ މިމާއްދާގެ ބޭނުމަށް ގެންގުޅެން ޖެހޭނެ މިންގަނޑަށް ހަދައިފިނަމަ، މިމާއްދާތަކުން ލިބިދޭ ބާރުގެ ނަހަމަ ބޭނުންކޮށްގެން ހައްގެއް ހަނިކޮށް ނުވަތަ ހިފަހެއްޓުން މަނާކުރެވޭނެ އެވެ.

• ހުށަހެޅުން: މިހާލަތަކީ ހައްގެއް ހަނިކުރެވިގެންދާ ހާލަތެއް ކަމުން، މަދަނީ މިންގަނޑުން ސާބިތުކުރަން ލާޒިމްކުރުމުގެ ބަދަލުގައި "ނެސެސިޓީ" އަދި "ޕްރޮޕޯޝަނަލިޓީ" ގެ އުސޫލުތަކުގެ ތެރެއިން ކަންކަން ސާބިތުކުރަން ލާޒިމްކުރުން. އަދި 136 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަމްބަރު އުވާލުން.

-- 136 (ނ) (4): "ނާއިންސާފު ހުކުމެއްކޮށް، ނުހައްގު އަދަބެއް ލިބުމުގެ ފުރުސަތު ބޮޑުކަން" މި އިބާރާތުގައިވާ ހާލަތަކީ ކޮލިޓޭޓިވް މިންގަނޑަކުން ވަޒަންކުރުމަށް ވުރެ ބޮޑަށް، ބެލެވޭ ގޮތެއްގެ މައްޗަށް ނުވަތަ ކުރެވޭ ހީއެއްގެ މައްޗަށް ގޮތް ނިންމަން ޖެހޭ ހާލަތެކެވެ.

• ހުށަހެޅުން: 136 ވަނަ މާއްދާގެ (ނ) ގެ (4) ވަނަ ނަމްބަރު އުވާލުން.

-- 136 (ނ) (6): މިމާއްދާގައި ނޫސްވެރިޔާގެ މަސްދަރު ހޯދުމަށް އެކަށީގެންވާ މަސައްކަތްކުރެވިފައިވޭތޯ ނުވަތަ ނޫންތޯ ބަލާ ގޮތަށް އޮތް އޮތުމަކީ ނުހަނު ކަންބޮޑުވާ މައްސަލައެކެވެ. ސަބަބަކީ، މިމާއްދާގައި ބަޔާންކުރާ ހާލަތްތަކުގައި ހިންގޭ ތަހުގީގެއްގެ ބޭނުމަކަށް ވާނީ ކުށްކުރި ފަރާތެއް ނުވަތަ ކުށެއްގެ ހަގީގަތް ހޯދަން ކަމަށް ވުމެވެ. ނަމަވެސް، މިމާއްދާގެ އިބާރާތް އޮތް ގޮތުން، ކުށުގެ ހަގީގަތް ހޯދުމަށް ބާރު އެޅުމުގެ ބަދަލުގައި މަސްދަރު ހޯދަން ބާރު އެޅޭ ގޮތަށް އޮތުމަކީ ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅިގެންދާ ހާލަތެއް ކަމަށް ފެނެ އެވެ.

• ހުށަހެޅުން: މިއިބާރާތުގެ ބަދަލުގައި، "ކުށެއް ކުރި ގޮތް ނުވަތަ ކުށްކުރި މީހަކު ހޯދުމަށްޓަކައި، މަސްދަރު ހާމަކުރަން މަޖުބޫރުކުރުން ފިޔަވައި، ތަހުގީގަށް މައުލޫމާތު ހޯދޭނެ ހުރިހާ ގޮތެއް ބޭނުންކޮށްގެން ވެސް ކަމުގެ ހަގީގަތަށް ވާސިލްނުވެވޭނެ ކަން ސާބިތުވުމާއެކު، ހަމައެކަނި ކުރިއަށް ދެވެން އޮތް ގޮތަކީ މަސްދަރު ހާމަކުރަން މަޖުބޫރުކުރުން ކަމަށް ވުން" މިގޮތަށް ބަދަލުކުރުން.

• އިތުރު ހުށަހެޅުން: މަސްދަރު ހާމަކުރުމާ މެދު ކޯޓުން ގޮތެއް ކަނޑައަޅާއިރު، އެކަމުގެ ބަހުސްގެ މަރުހަލާގައި މަސްދަރުގެ ހަގީގަތް އެނގޭ ނޫސްވެރިޔާ ނުވަތަ މީޑިއާގެ މަސައްކަތްކުރާ ފަރާތަށް ކޯޓުގައި ވާހަކަދައްކާ، ހެކިބަސް ދިނުމުގެ ފުރުސަތު ދިނުމުގެ އުސޫލެއް މިމާއްދާގެ ތަފްސީލުގައި ބަޔާންކޮށްފައި އޮތުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ފެނެ އެވެ.