Advertisement

ކޮވިޑް ކޭސްތައްް އިތުރުވިޔަސް ލޮކްޑައުން ކުރުމުގެ ވިސްނުމެއް ނެތް

29 ޖޫން 2022 - 10:00 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ހެލްތް މިނިސްޓަރު އަހުމަދު ނަސީމް-- ފޮޓޯ: މަޖިލިސް


ކޮވިޑް ކޭސްތައްް އިތުރުވިޔަސް ލޮކްޑައުން ކުރުމުގެ ވިސްނުމެއް ނެތް

29 ޖޫން 2022 - 10:00 0

ފާއިތުވި ހަފްތާތަކުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އައި ކަމުގައިވީ ނަމަވެސް، ލޮކްޑައުން ކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

މެބްރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު ނަސީމް ހާޒިރުކޮށްފައިވާއިރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ކޮވިޑް އިތުރުވުމާ ގުޅިގެން ލޮކްޑައުން ކުރައްވާނެތޯ ސުވާލުކުރައްވާފަ އެވެ.

"ކޮރޯނާ ވައިރަސް ކަންތަކުގައި ލޮކްޑައުން ހަދާކަށް އަޅުގަނޑުމެން ގަސްތުކޮށްފައެއް ނުވޭ އެއްގޮތަކަށް ވެސް، އެއީ އަޅުގަނޑުމެން ކުރަން ބޭނުންވާ ކަމެއް ނޫން އެއްގޮތަކަށް ވެސް،" ނަސީމް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދީ ހާލަތު އޮތް ގޮތުން ވެސް ލޮކްޑައުން ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. ބަލި ފެތުރޭ މިންވަރު އިތުރުވި ނަމަވެސް، ބައްޔާއެކީ އުޅެން މިހާރު ދަސްކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެން ކޮރޯނާ ވައިރަހާއެކީ އުޅެން ދަސްކުރަން ޖެހޭނެ، އަޅުގަނޑުމެންގެ ނަސޭހަތަކީ ހުރިހާ ބޭފުޅުންނަށް ވެސް މިހެން ބަންދުވެފައި ތިބޭ ތަންތަނުގައި ތިބޭއިރު ވިސްނާލަން ޖެހޭ،" ނަސީމް ވިދާޅުވި އެވެ.

ނަސީމް ވަނީ ބޭރު ތެރޭގައި އުޅޭއިރު އަދި މީހުން ގިނަ ތަންތަނަށް ދާއިރު މާސްކު އެޅުމަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި އެ ނަމޫނާ މަޖިލިސްގެ މެންބަރުން ވެސް ދެއްކުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖޫން 19 އިން 25 އާ ހަމައަށް މުޅި ރާއްޖޭން 1202 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އެގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 528 މީހަކާއި އަތޮޅުތެރޭގެ ރަށްތަކުން 452 މީހެއްގެ އިތުރުން ސަފާރީތަކާއި ރިސޯޓްތައް ހިމެނޭހެން އެހެނިހެން ތަންތަނުން 222 މީހެކެވެ.

ވެއެތުވެދިޔަ ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ކޮވިޑަށް ޓެސްޓުކުރި މީހުންގެ ތެރެއިން 35 ޕަސަންޓު މީހުންނެވެ. ސާމްޕަލް ޕޮޒިޓިވިޓީއަކީ އެތަނެއްގައި ބަލި ފެތުރޭ މިންވަރު ދެނެގަތުމަށް އެހީތެރިވެދޭ އެންމެ މުހިންމު އެއް ފެކްޓާ އެވެ.

އަނެއް ފެކްޓާއަކީ، ބަލި ޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކުރާ މީހުންގެ އަދަދެެވެ. މިދިޔަ ހަފްތާއަށް ބަލާލި ނަމަވެސް ޖުމްލަ 51 މީހަކު ވަނީ ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.

ހަމައެއާއެކު ވޭތުވެދިޔަ ހަފްތާތެރޭގައި ކޮވިޑް ބަލީގައި ފަސް މީހަކު މަރުވެފައިވާ ކަމަށް ވެސް އެޗްޕީއޭއިން އާންމުކުރި ތަފަސްހިސާބުތަކުން ދައްކަ އެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ޒުވާނުން ވެސް ހިމެނެ އެވެ.