Advertisement

ޔޫސުފް ނައީމްގެ ވަކީލް ބަލިވެ އުޅޭތީ އާރަށު މައްސަލައިގެ އަޑުއެހުން ކެންސަލް

26 ޖޫން 2022 - 10:32 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް އަބްދުﷲ ޔާމީން އާއި ޔޫސުފް ނައީމްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް: މިއަދުގެ އަޑުއެހުން ވަނީ ކެންސަލްވެފައި


ޔޫސުފް ނައީމްގެ ވަކީލް ބަލިވެ އުޅޭތީ އާރަށު މައްސަލައިގެ އަޑުއެހުން ކެންސަލް

26 ޖޫން 2022 - 10:32 0

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ގުޅިގެން ހިންގި ކަމަށް ބުނާ ވ. އާރަށް ވިއްކުމުގައި ހިންގި ހިޔާނާތުގެ މައްސަލާގައި, ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި މިއަދު ބާއްވަން ހަމަޖެހުނު އަޑުއެހުން ކެންސަލް ވެއްޖެ އެވެ.

ޔާމީންއާއި ޔޫސުފް ނައީމްއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގަން އަޑުއެހުމެއް ތާވަލުކޮށްފައި ވަނީ މިއަދު ހެނދުނު 9:30 ގަ އެވެ. މިއަދުގެ އަޑުއެހުން ކެންސަލް ކުރިއިރު، ޝަރީއަތުން މަސައްކަތް ކުރަމުން ދިޔައީ ޖޫން މަހުގެ ތެރޭގައި ހުރިހާ ހެކިންގެ ހެކިބަސް ނެގުމަށެވެ.

"ދައުވާ ލިބޭ ޔޫސުފް ނައީމްގެ ދިފާއީ ވަކީލް ބަލިވެ އުޅޭތީ އަޑުއެހުން ކެންސަލް ކޮށްދޭން އެދި މި ކޯޓަށް ސިޓީއެއް ފޮނުވާފަައިވޭ،" އަޑުއެހުން ކެންސަލް ކުރަން ޖެހުުނު ސާފުކޮށްދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިސަރު އަމާން ނަޖީބް މި ނޫހަށް ވިދާޅުވި އެވެ.

މި މައްސަލާގައި މިހާތަނަށް ހެކިބަސް ނަގާފައިވަނީ ދެ ހެކިވެރިއެއްގެ ހެކިބަހެވެ. އެއީ ހަތަރު އައިފޯނަކާއި ޕެންޑްރައިވްތަކެއް ތަހުލީލުކޮށް މޯބައިލް ފޮރެންސިކް ރިޕޯޓެއް ތައްޔާރުކުރި އޮފިސަރަކާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލު ކުރި އޮފިސަރުގެ ހެކިބަހެވެ.

ކްރިމިނަލް ކޯޓުން މި މައްސަލައަށް އެކުލަވާލާފައިވާ ތާވަލުގައިވާ ގޮތުން ސެޕްޓެމްބަރު މަހަށް މައްސަލައިގެ ހުކުމަށް ވާސިލްވާން ވަނީ ހަމަޖެހިފަ އެވެ. ހެކިތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަން ވަކި އަޑުއެހުމަކާއި، ހުލާސާ ބަޔާންތައް އިއްވަން ވަކި އަޑުއެހުމެއް އޮގަސްޓް މަހު ތެރޭގައި ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ.

ދައުލަތުން ކުރާ ދައުވާގައި ހިމެނޭ ކަންކަން

ދައުލަތުން ކުރާ ދައުވާގައިވާ ގޮތުން ވ. އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީ އޮގަސްޓް 9، 2015 ގަ އެވެ. ޔޫސުފް ނައީމްގެ 99 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ އޮގަސްޓް 13، 2015 ގަ އެވެ.

ސެޕްޓެމްބަރު 8، 2015 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސަންޓު ހިއްސާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް ވިއްކާލީ ކަމުގަ އެވެ.

ސެޕްޓެމްބަރު 9، 2015 ގައި އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ވ. އާރަށް ހަވާލުކުރިއިރު އެލްއޭއިން އެމްއެމްޕީއާރުސީއަށް ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓްއަށް އެއް މިލިއަން ޑޮލަރު އަދި ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ.

ސެޕްޓެމްބަރު 13، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން ސެޕްޓެމްބަރު 15، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ. އޭގެ ދެ ދުވަސް ފަހުން އެ ފައިސާ އެޗްއެސްބީސީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ވެސް މި ދައުވާތަކަށް އިންކާރު ކުރެ އެވެ. ޔާމީނާއި ޔޫސުފް ނައީމް ވެސް ބުނާ ގޮތުން އެ ދެ މީހުންގެ ދެމެދުގައި ހިނގާފައިވާ ކަމަށް ދައުލަތުން ބުނާ މުއާމަލާތަކީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެއް ކަމަށެވެ. އެ ކަން ސާބިތު ކުރަން ކަމަށް ބުނެ އެ ދެ ފަރާތުން ވެސް ހެކިތަކެއް ހުށަހަޅާފައިވެ އެވެ.